ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ސިއްރުސިއްރުން – ކުރު ވާހަކަ
ފޮޓޯ: މުނިއަވަސް ގްރެފިކްސް

މެންދަމުން އަލިވެ އެކެއް ޖަހާކަން ހާއިރެވެ. މަސައްކަތްތައް ނިންމާލުމަށްފަހު ރައްޓެހިންނާއިއެކު ގޮސް ކޮފީއެއް ބޮއިގެން ސާމިސްއަށް ގެއަށް އާދެވުނީ މިހާރުއެވެ. ކިތަންމެ ލަހުން ނިދިނަމަވެސް ހެނދުނު ހޭލަން ޖެހެއެވެ. ގަޑިއަށް އޮފީހަށް ދާން ޖެހޭނެއެވެ. ގަޑި ޖެހިގެން އޮފީހަށް ދިއުމަކީ ދުވަހަކު ވެސް ސާމިސް ކުރި ކަމެއް ނޫނެވެ. ކުރަން ބޭނުންވާ ކަމެއް ވެސް ނޫނެވެ.

ނިދިނިދި އޮތް ސާމިސް ސިއްސައިގެން ދިޔައީ ފޯނު ރިންގް ވާން ފެށި އަޑަށެވެ. އަވަސްއަވަހަށް ފޯނު ނަގަމުން ބަލާލިއިރު ގުޅަނީ އޭނާ މަސައްކަތްކުރާ ނޫހުގެ އެޑިޓަރެވެ. މިހާ ލަސް ގަޑިއެއްގައި ވަރަށް މުހިންމު ކަމެއް ދިމާވެގެން ނޫނީ އެޑިޓަރު ނުގުޅާނެކަން ޔަގީނެވެ. ޖަވާބު ދިނުމަށް ސާމިސް އަވަސްވެގަތީ އެހެންވެއެވެ.

“ބެރިކުވާލީ ގެސްޓްހައުސް ކައިރީ އެބައުޅޭ ބަޔަކު ހައްޔަރުކޮށްގެން. ހީވާގޮތުން ހަށިވިއްކުމުގެ ވިޔަފާރިއެއް. ވަރަށް އަވަހަށް އެތަނަށް ގޮސްލަންވީނު.” އެޑިޓަރު ދައްކަމުންދިޔަ ވާހަކަތައް ނުނިމެނީސް ފުންމައިގެން ކަހަލަ ގޮތަކަށް ސާމިސް ތެދުވިއެވެ. އެކަހަލަ މުހިންމު ޚަބަރުތައް ވަގުތުން ގެނެސްދިނުމަކީ ސާމިސް އަބަދު ވެސް އެންމެ ކުރާހިތްވާ ކަންތަކެވެ.

“މިހާރު މި ނައްޓާލަނީ.” ސާމިސް ދިނީ އެޑިޓަރު އުންމީދުކުރި އަދި ބޭނުންވި ޖަވާބެވެ.

ސާމިސްއަށް އެހިސާބަށް ދެވުނުއިރު ޕޮލިހުންގެ އިތުރުން އާންމުންގެ ދެތިން މީހަކު ތިއްބެވެ. ޕޮލިހުން ހަރަކާތްތެރިވަމުން ދިޔައީ ގެސްޓްހައުސްއާއި އިންވެގެން އޮތް ކުޑަވަރެއްގެ ގޯޅިގަނޑެއްގައެވެ. ހީވާގޮތުން އެތަނުގައި ހުރީ ގޯއްޗެއް ބަހައިގެން ހަދާފައިވާ ކުދިކުދި ތަންތަންކޮޅެވެ. ގިނަ ތަންތައް ހުރީ ވީރާނާވެފައެވެ. މާދަމާ ވެސް ބޮލަށް ވެއްޓިދާނެހެން ހީވާޒާތުގެ ތަނެއް ވެސް ހުއްޓެވެ. ހިނގިކަމެއް ހިނގައިގެން އުޅެނީ އެތަނުން ކޮންބައެއްގައި ކަމެއް ސާފުވާވަރެއް ނުވިއެވެ. އެހާ އެތެރެއަށް ވަންނާކަށް ޕޮލިހުން ފުރުސަތެއް ނުދިނެވެ. އެއްވެސް ނޫހެއްގެ މީހެއް ފެންނާކަށް ނެތެވެ. ވަގުތާއި ހާލަތުގެ ގޮތުން މީހުނަށް ނޭނގެނީ ކަމަށް ވެސް ވެދާނެއެވެ.

ޕޮލިހުންގެ ދެ ބޭކަލުންގެ ފަހަތުން ކަހަލަ ގޮތަކަށް ނުކުތް ޒުވާންފުރައިގެ އަންހެންކުއްޖާ ފެނިފައި ސާމިސް ދިޔައީ ސިއްސައިގެންނެވެ. ހިއްސުތައް ހުއްޓުނު ކަހަލައެވެ. ކަޅިޖަހާލަން ވެސް ހަނދާންނެތިފައި ކަހަލަ ގޮތަކަށް އިރުކޮޅަކު ހުރެވުނެވެ. އަތުގައި އޮތް ސްކާފެއް ކަހަލަ އެއްޗަކުން މޫނު ނިވާކުރަން އަންހެންކުއްޖާ މަސައްކަތް ކުރަމުން ދިޔައިރު ފޮޓޯއެއް ނުވަތަ ވީޑިއޯކޮޅެއް ނަމަވެސް ނެގޭތޯ ބައެއް މީހުން މަސައްކަތް ކުރިއެވެ. އަންހެންކުއްޖާގެ އިތުރުން ދެ ފިރިހެނަކާއި ދަބަސްތަކެއް ވެސް ނެރުނެވެ.

މިއަދު މިވަނީ ދުނިޔެ ބަދަލުވެފައެވެ. ޒަމާނީ ވަސީލަތްތަކަށް ލޯ ހުޅުވި އެކަމުގެ އެންމެ ފުނަށް ދިވެހިން ފީނައިގަތްތާ އެތައް ދުވަހެއް ވެއްޖެއެވެ. ފޯނު ނަގައި އަތަށް ހެޔޮވަރުކޮށްލުމާއިއެކު އިނގިލިތަކުގެ ހަރަކާތް އަވަސްވިއެވެ. މިހާރުން މިހާރަށް ބޭނުންވާނެ މުހިންމު މަޢުލޫމާތުތަކާއިއެކު ބައެއް ފޮޓޯ ވެސް ޕަބްލިޝް ކޮށްލިއެވެ.

މި ދަންވަރު ވެސް ޚަބަރެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބި ކަހަލައެވެ. ހީކުރި ވަރަށްވުރެ އަވަހަށް އެތައް ބަޔަކު އެ ޚަބަރު ކިޔުން ވެގެން ދިޔައީ ސާމިސަށް ލިބުނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށެވެ. އެމީހުން ގޮވައިގެން ޕޮލިހުން ދިއުމާއިއެކު އާންމުންނާއި ފަހުން އައި ނޫސްވެރިންތައް ވެސް އެތަނުން ހިނގައްޖެއެވެ.

ލިބުނު ކާމިޔާބަށް ހިނިތުންވެލަމުން ގެއަށް ދާން ހިނގައިގަތް ސާމިސްގެ ފިޔަވަޅުތަކަށް ހުއްޓުން އައީ އެ ގޯޅިގަނޑު ތެރެއިން ނުކުތް މުސްކުޅި އަންހެންމީހާ ފެނިފައެވެ. ސާމިސަށް އެމީހާ ފެނުނުއިރު އެމީހާ އަތުގެ އިޝާރާތުން ސާމިސަށް ގޮވަމުން ދިޔައެވެ.

“އެގޮއްޔެ ގެންދިޔައީތަ؟ އޭރުވެސް އަހަރެންނަށް ހީވެޔޭ ދެން ވާނީ އެހެންނޭ.” ސާމިސް ގޮސް އެ މުސްކުޅިޔާ ކައިރިއަށް ހުއްޓުމާއިއެކު އަހާލިއެވެ.

އާނއެކޭ ބުނެ ބޯ ޖަހާލަމުން ހިނގައިގަތް ސާމިސްގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ކުއްލިއަކަށެވެ. އަވަސްއަވަހަށް ފަހަތަށް ޖެހިލަމުން މުސްކުޅިޔާއަށް ގޮވާލިއެވެ.

“ދައްތަ ދަންނަ ކުއްޖެއްތަ އެއީ؟” ވަށައިގެން ހޯދާލަމުން ސާމިސް ކޮށްލި ސުވާލާއިއެކު އޭނާ ވެސް ވަށައިގެން ހޯދާލިއެވެ. ދޭން އުޅޭ ޖަވާބު އެހެން މީހަކަށް އަޑުއިވިދާނެތީ ކަންބޮޑުވީ ކަމަށް ވެސް ވެދާނެއެވެ.

“އާނ.. ދައިތަ ދަންނަ ކުއްޖެއް އެއީ. ދައްކަންހުރި ވާހަކަ ވަރަށް ގިނަ. ޤަބޫލުކުރާކަށް ފަސޭހައެއް ވެސް ނުވާނެ. އެކަމަކު.. ކީއްކުރާނީ މިއޮތީ ވާ ރާއްޖެއެއް. ކަނޑުގެ ހުކުމް.. އިއްޒަތާއި ޤަދަރާ ތަނަވަސްކަން އޮވެއްޖެނަމަ އެމީހަކީ ރަސްކަލެއް. އެއިން އެއްވެސް ކަމެއް ނެތްނަމަ އަޅެއް. އެވާހަކަ އަޑުއަހަން ބޭނުމިއްޔާ އާދޭ.” އެ މުސްކުޅިޔާގެ ހަރަކާތްތަކަށް ސާމިސްގެ ސަމާލުކަން ހުއްޓުނެވެ. އެހާވަރަކުން ސިއްރުން އެވާހަކަ ދައްކަން އޭނާ ބޭނުންވުމުގައި ކޮންމެ ވެސް ބޮޑު ސިއްރެއް ވާނެކަން ޔަގީނޭ ސާމިސްގެ ހިތް ބުންޏެވެ.

މިވެސް ކިޔާލަން:  އައިލައިނަރ - ކުރު ވާހަކަ

ސާޖިނާ ދިވެހިރާއްޖެ އައީ ހުޅުމާލޭގައި ހިންގަމުންދިޔަ މަޑި އިން ގެސްޓްހައުސްއިން ލިބުނު ރިސެޕްޝަނިސްޓެއްގެ ވަޒީފާއަށެވެ. ރަނގަޅު އާމްދަނީއެއް ލިބުމުގެ އިތުރުން ދިވެހިރާއްޖޭގެ އަމާންއޮމާންކަމާއި ހަމަހިމޭންކަމަކީ ވެސް ރާއްޖެއާމެދު އޭނާގެ ހިތުގައި ޝައުޤުވެރިކަން އިތުރުވި ކަމެކެވެ. އެކުގައި މަސައްކަތްކުރަމުންދިޔަ މުއައްޒަފުންގެ ތެރެއިން ނުވަދިހަ އިންސައްތައަކީ ދިވެހިންކަމަށްވާތީ ދިވެހިންގެ ހިތްހެޔޮކަމާއި އޯގާތެރިކަން ފެނުނެވެ. ހިތުގެ އެންމެ ފުންމިނުން ދިވެހިންނަށް ޚާއްސަ ޤަދަރެއް ދެވުނެވެ. އެތައް ފަހަރަކު ޝުކުރު އަދާކުރެވުނެވެ.

ހެދިހުރި އަންހެންވަންތަ ފުރިހަމަ ހަށިގަނޑެކެވެ. ފިރިހެނަކު އަންހެނަކަށް ހިތްކިޔާނެނަމަ ހިތްކިޔާފަދަ ބައްޓަމާއި ގުނަވަންތައް ކިތަންމެހާ ވެސް ފުރިހަމަވެފައި ޗާލެވެ. ބައްޓަމާއި އެންމެ އެކަށީގެންވާފަދަ އިސްކޮޅެކެވެ. ގައިގެ ކުލަ އަލިވެފައި މޫނުމަތި ރީއްޗެވެ. ފަންފަން ދިގު އިސްތަށިގަނޑުވަނީ ރަތްކުލައިން ޖަރީކޮށްފައެވެ. ހެދުން އެޅުމާއި މޭކަޕްކުރުން ފަދަ ކަންކަމުން ފެންނަމުން ދަނީ ޒަމާނީ ގޮތްގަނޑެވެ. އެކަމުގެ ސަބަބުން އޭނާގެ ރީތިކަމާއި ޗާލުކަން އިތުރުވެފައިވެއެވެ.

ސާޖިނާއަށް ތަޚުޝީން ފެނުނީ ވަޒީފާއަށް ނުކުންނަން ފެށިތާ ތިން ވަނައަށް ވީ ދުވަހުއެވެ. މެދުއުމުރުގެ ފިރިހެނެކެވެ. އިސްކޮޅުން މާ ދިގު ނޫނަސް ކުރުމީހެކޭ ނުބުނެވޭނެއެވެ. އަތްދިގު ގަމީހެއްލައި ބެގީކޮށް ޓައީއެއް އަޅާލައިގެން ހުރިއިރު ބަލާލާކަށް ހުތުރެއް ނޫނެވެ. އަދަބުވެރި ހިތްހެޔޮ ގޮތެއް މޫނުމަތިން ފެންނަން ހުއްޓެވެ. ތަޚުޝީނަކީ އެ ކުންފުނީގެ ވެރިޔާކަން މުއައްޒަފެއްގެ ފަރާތުން ސާޖިނާއަށް އެނގުނެވެ.

ދުވަހުގެ މެންދުރެއްކަން ހާއިރެވެ. ތަޚުޝީން ފޯނުކޮށްފައި ގެންދަން ބުނި ލިޔުން ހިފައިގެން އޭނާގެ ކެބިންއަށް ދިޔައީ ސާޖިނާއެވެ. ތަޚުޝީނު ފިޔަވައި އެހެން އެއްވެސް މީހަކު އެވަގުތު އެތަނުގައި ނެތެވެ.

ކެބިންތެރެއަށް ވަދެގެން އައި ސާޖިނާ ފެނުމާއިއެކު ތަޚުޝީނުގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. ކަޅިޖަހާލަން ވެސް ހަނދާން ނެތިފައި ކަހަލަ ގޮތަކަށް ސާޖިނާއަށް ބަލަހައްޓައިގެން އެތައް އިރަކު އިނެވެ.

ތަޚުޝީނަށް ހޭވެރިކަންވީ ސާޖިނާ އައިސް މޭޒުކައިރިއަށް ހުއްޓެމުން ގޮވާލި އަޑަށެވެ. ހިއްސުތައް ހަމައަކަށް އަޅުވާލަމުން ސާޖިނާ އާއި ދިމާއަށް ބަލާލިއެވެ. ހާލު ކިހިނެތްތޯ އަހާލަމުން ސަލާން ކޮށްލުމަށް އަތް ދިއްކޮށްލިއެވެ.

ސަލާން ކޮށްލުމަށްޓަކައި ސާޖިނާގެ އަތުގައި ތަޚުޝީން ހިފާލި ވަގުތު އަނެއްކާ ވެސް ހުއްޓުން އެރިއެވެ. ސިއްރުސިއްރުން ސާޖިނާއަށް ބަލާލަމުން މަޑުމަޑުން އަތުގައި ފިރުމާލިއެވެ. ކަންތައްވީ ތަޚުޝީން ހީކުރިގޮތަކަށް ނޫނެވެ. ތެޅިގަންނަމުން ކަހަލަ ގޮތަކަށް އަވަސްއަވަހަށް ސާޖިނާ އަތް ދަމައިގަތެވެ. ތަޚުޝީންގެ އިޝާރާތަށް ސާޖިނާގެ ސަމާލުކަން ލިބޭގޮތެއް ނުވިއެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ދިޔައިރު ތަޚުޝީންގެ ފަރާތުން ސާޖިނާއަށް ތަފާތު ކަމެއް ފާހަގަވާން ފެށިއެވެ. ތަޚުޝީންގެ ކޮޓަރިއަށް ސާޖިނާ ދާން ޖެހޭވަރު ގިނަވާން ފެށިއެވެ. މުހިންމު ކަމެއް ނެތްނަމަ ވެސް ދާންޖެހޭ ފަހަރު އަންނަން ފެށިއެވެ.

އަލަށް ހުޅުވުމަށް ތައްޔާރުވަމުންދިޔަ ރިޒޯޓެއް ބަލާލުމަށް ތަޚުޝީން ދާން ހަމަޖެއްސި ދަތުރުގައި ސާޖިނާއަށް ދާންޖެހުނީ ކުއްލިއަކަށެވެ. އެތަނުގައި ހުޅުވުމަށް ހަމަޖެހިފައިވާ ތިން ރެސްޓޯރެންޓްގެ ތެރެއިން ރެސްޓޯރެންޓެއް ހިންގުމުގެ ފުރުސަތު ތަޚުޝީނަށް ލިބުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ތަޚުޝީން ބުނިގޮތުގައި އެ ރެސްޓޯރެންޓްގައި މަސައްކަތް ކުރުމަށް އޭނާ ގެންނާނީ ތައިލެންޑް އަންހެން ކުދިންނެވެ. ސާޖިނާ ކަހަލަ ރީތި ފުރިހަމަ ޒުވާނުންނެވެ. ސާޖިނާ އެތަނަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ އެ މާހައުލަކީ ސާޖިނާމެން ކަހަލަ އަންހެންކުދިން މަސައްކަތްކުރުމަށް އެކަށީގެންވާފަދަ މާހައުލެއްތޯ ސާޖިނާއަށް އަމިއްލައަށް އިޙުސާސް ކުރުވުމެވެ. ލޮލުންދެކި އަތުން ހިފުމަށް ފުރުސަތު ދިނުމެވެ. ބޭނުންނަމަ ސާޖިނާ ބަދަލުކުރާނީ އެ ރެސްޓޯރެންޓްގެ މެނޭޖަރަކަށެވެ.

ބަލަން ބޭނުންވި ހުރިހާ ތަނެއް ބަލައި ނިމުނުއިރު އިރުއޮއްސުމާއި ގާތްވެއްޖެއެވެ. ރެސްޓޯރެންޓް ހިންގަން ރިޒޯޓުން ލިބުނު ސަރަހައްދާއިމެދު ތަޚުޝީންގެ އިތުރުން ސާޖިނާ ވެސް ވަރަށް ހިތްހަމަޖެހުނެވެ. މުޅި ރަށަށް ނަޒަރު ހިންގާލިޔަސް އެފަދަ ކަމެއް ކުރުމަށް އެއަށްވުރެ ހިތްގައިމު ސަރަހައްދެއް ނުލިބޭނެއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އެފަދަ މާހައުލަކަށް އާދެވުނު ސާޖިނާގެ ކިބައިން ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ.

ކޮފީއެއް ބޯލައިގެން ކޮޓަރިއާ ހަމައަށް އާދެވުނުއިރު އިރުއޮއްސި އަނދިރިކަން ވެރިވާން ފަށައިފިއެވެ. ދެ ކޮޓަރިއާއިއެކު ކައްކާ ކެވޭގޮތަށް ތައްޔާރުކޮށްފައިވާ އެތަނުގައި ކުޑަވަރެއްގެ ސިޓިންގްރޫމަކާއިއެކު ސްވިމިންޕޫލެއް ވެސް އޮތެވެ. ވަށައިގެން ގަސް ހައްދާފައިވާއިރު ޕޫލް ސަރަހައްދު ނުފެންނާނެހެން ފެންސްޖަހައި ބައްދާފައިވެއެވެ. ތަނުގައި ރަސްކަން ކުރަމުންދިޔައީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ.

ސްވިމިންޕޫލާއި ދިމާއަށް ތަޚުޝީން މިސްރާބު ޖެހިއިރު ސާޖިނާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކާން ދިއުމުގެ ކުރިން ފެންވަރައިގެން ރެސްޓްކޮށްލަން އޭނާ ބޭނުންވިއެވެ. ދަތުރަށް ފުރީއްސުރެ އޮށޯވެލާނެ ވަގުތެއް އަދި ނުލިބެއެވެ.

މިވެސް ކިޔާލަން:  އެ ކައިވެނި (ދެވަނަ ބައި) – ނަހާސްކީރާއްޖެ

ރެއަކީ ހަނދުމަހެއްގެ ފަނަރަ ވިލޭރެއަށް ވާތީ ބިމުގައި ރަސްކަން ކުރަމުން ދިޔައީ ހަނދުވަރުގެ ފުރިހަމަ އަލިކަމެވެ. އާދައިގެ ވަރަކަށް ޖެހެމުންދިޔަ ވައިރޯޅިއާއި ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތަކުގެ މަޑުމަޑު އަޑުން ހިތްގައިމު މިއުޒިކެއް އުފައްދަމުންދިޔަ ކަހަލައެވެ. މާހައުލުގައި ރަސްކަން ކުރަމުންދިޔަ ޤުދުރަތުގެ ފުރިހަމަކަން ފިޔަވައި އެހެން އެއްވެސް ކަމެއް ނުވެއެވެ.

ރޭގަނޑުގެ ކެއުން ތައްޔާރުކޮށްފައިވަނީ ކޮޓަރިއާ ދިމާ ގޮނޑުދޮށުގައެވެ. ފެނުނު މަންޒަރާއިއެކު ސާޖިނާގެ ހިތް އުފަލުން ނަށައިގަތެވެ. ތަޚުޝީނަށް ހިނިތުންވެލަމުން އެތައް ފަހަރަކު ޝުކުރު އަދާކުރިއެވެ. ރޭގަނޑުގެ ކެއުމުގައި ތަޚުޝީންމެނާއިއެކު ރިޒޯޓްގެ މެނޭޖަރު ވެސް ބައިވެރިވިއެވެ.

ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ތިން މީހުންގެ މެދުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. ވާހަކަތަކުގެ މިސްރާބު ބޮޑަށް އަމާޒުވެފައި އޮތީ ފަށަން ތައްޔާރުވަމުންދިޔަ ވިޔަފާރިއާ ބެހޭގޮތުންނެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ނުހަނު ބޭނުންވެފައިހުރި ސާޖިނާގެ ވިސްނުން ހުރީ ތަޚުޝީން އެދުނު ފަދައިން ބޮޑު މުސާރައާއެކު ރިޒޯޓަށް ބަދަލުވާށެވެ. އެވާހަކަތަކުގައި އޭނާ ބައިވެރިވަމުން ދިޔައިރު ބައެއް ކަންކަން ކުރާނެގޮތާއިމެދު ސާޖިނާގެ ޚިޔާލު ތަޚުޝީން ހޯދަމުން ދިޔައެވެ.

ވާހަކައިގައި ތިބިވަރުން ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް ވެސް ނޭނގުނެވެ. އެލާމްވާން ފެށުމުން ފޯނު ނަގައި ގަޑި ބަލާލިއިރު އެގާރަ ޖަހަނީއެވެ. މި ހަފުތާއަކީ ސާޖިނާގެ ދަންވަރު ޑިއުޓީ ހަފުތާއަށް ވާތީ ފޯނުގެ އެލާމް ހުރީ އެކަމަށް ސެޓްކުރި ގޮތަށެވެ. ނިދަން ދަނީ ކަމަށް ބުނެ ތެދުވެގެން ހިނގައިގަތް ސާޖިނާ މަޑުކޮށްލީ ކޮފީއެއް ބޯލައިގެން ދާން މެނޭޖަރު އެދުމުންނެވެ.

ފޯނުކޮށްލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޮފީ ގެނައެވެ. ކޮފީ ބޮއިގެން ސާޖިނާ ކޮޓަރިއަށް ދިޔައިރު ވެސް ތަޚުޝީނާއި މެނޭޖަރު އެތަނުގައި ވާހަކަ ދައްކަން ތިއްބެވެ.

ހެދުން ބަދަލުކޮށްގެން އައިސް އެނދުގައި ޖައްސާލިތާ މާގިނައިރެއް ނުވަނީސް ސާޖިނާއަށް ނިދިއްޖެއެވެ.

ހެނދުނު އަށެއް ޖަހާކަން ހާއިރެވެ. ސާޖިނާއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ފޯނު ނަގަމުން ބަލާލިއިރު ގުޅަނީ ތަޚްޝީނެވެ. ފޯނަށް ޖަވާބު ދިނުމަށް ސާޖިނާ އަވަސްވިއެވެ.

ގައިމަތިން އަޅާފައިވާ ބެޑްޝީޓް ނަގަމުން އެނދުން ފައިބަން އުޅުނު ވަގުތު ފެނުނު މަންޒަރާއިއެކު ސާޖިނާ ދިޔައީ ސިއްސައިގެންނެވެ. ޤަބޫލުކުރަން ދަތިވެގެން ކަހަލަ ގޮތަކަށް އަނެއްކާ ވެސް ބަލައިލެވުނެވެ. ހީކުރެވުނީ ރަނގަޅަށެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް އަންނައުނެއް ނެތެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭން އިޙުސާސްވީ އެނދުން ފައިބާން އުޅުނު ވަގުތުއެވެ. އޭނާއަށް ނޭނގި ނަމަވެސް ގޯހެއް ހިނގައިފިކަން ސާޖިނާއަށް ޔަގީންވިއެވެ. ވީ ދެރައާއެކު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. ވީކަމެއް ކުޑަކޮށް ނަމަވެސް ރޭކާލާތޯ ވިސްނާލަން އިރުކޮޅަކު އިނދެވުނެވެ.

ޚިޔާލީ ފުން ކަނޑެއްގެ ތެރެއަށް ފެތި ޣަރަޤުވެފައި އިން ސާޖިނާ ސިއްސައިގެން ދިޔައީ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. ހަށިގަނޑު ނިވާކުރަމުން ސާޖިނާ ގޮސް ކުޑަކުޑަކޮށް ދޮރު ހުޅުވާލަމުން ބޭރު ބަލާލިއެވެ. ދޮރު ކައިރީ ހުރީ ތަޚުޝީނެވެ. ކަމެއް ހިނގައިގެން އުޅޭކަމުގެ އެއްވެސް އަސަރެއް އޭނާގެ ކިބައަކުން ފެންނާކަށް ނެތެވެ.

ދަތުރު ނިންމާފައި މާލެ އައިއިރު ވެސް ސާޖިނާއަށް ވިސްނެމުން ދިޔައީ ރޭގެ ހާދިސާއާމެދުއެވެ. ތަޚުޝީންގެ ފަރާތުން އެއްވެސް ތަފާތެއް ފާހަގަ ނުކުރެވުނު ނަމަވެސް ސާޖިނާގެ ހިތުގައިވާ ޝައްކު ފިލައި ނުދެއެވެ. އެތަނަށް ވަދެވޭނީ ތަޚުޝީނަށް އެކަނިކަމަށް ޤަބޫލުކުރެވުނު ނަމަވެސް އެގޮތަށް ނިންމަން ފަސޭހައެއް ނުވިއެވެ.

މެންދަމުން އަލިވެ އެކެއް ޖަހާކަންހާއިރެވެ. ސާޖިނާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އަވަސްއަވަހަށް ތެދުވަމުން ފޯނު ބަލާލިއިރު ގުޅަނީ ތަޚްޝީންއެވެ. މިފަދަ ވަގުތެއްގައި ތަޚްޝީން ގުޅުމުން ލިބުނު ހައިރާންކަމާއިއެކު އެތައް ސުވާލެއް އުފެދުނެވެ. ވިސްނުމެއްގައި އިންދައި ފޯނު ކެނޑިއްޖެއެވެ. މިފަދަ ވަގުތެއްގައި ތަޚްޝީން އޭނާއަށް ގުޅަންޖެހޭ ސަބަބެއް ނޯއްނާނެކަމުގައި އޭނާގެ ހިތް ބުންޏެވެ. ދެވަނަ ފަހަރަށް ގުޅުމުން ސާޖިނާ ޖަވާބު ނުދިނީ ގަސްދުގައެވެ. ރިޒޯޓް ދަތުރުގައި ކަންތައް ދިމާވިގޮތުން އޭނާ ހުރީ ތަޚްޝީނާއިމެދު ހިތްހަމަނުޖެހިފައެވެ. އޭނާއާމެދު ހިތުގައި އުފެދެމުންދިޔަ ޝައްކަށް އަދިވެސް ބަދަލެއް ނާދެއެވެ. ދެ ފަހަރަށް ގުޅައިގެން ވެސް ޖަވާބު ނުދިނުމުން ދެން ނުގުޅާނެ ކަމަށް ހީކުރެވުނު ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ.

ކޮޓަރީގައި ހުރި ފޯނު ރިންގުވާން ފެށުމުން ސާޖިނާ ތެދުވެގެން ހިނގައިގަތެވެ. އެ ފޯނަށް ޖަވާބު ދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ވަޒީފާގެ އެއްބަސްވުމުގައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވެސް އެކަން ހިމަނާފައިވެއެވެ.

މިވެސް ކިޔާލަން:  ބިރުވެރި ފިލްމު - ކުރު ވާހަކަ

ފޯނަށް ޖަވާބު ދިނުމާއިއެކު ތަޚްޝީން އެދުނީ ދޮރު ހުޅުވުމަށެވެ. ކޮންމެހެން ދައްކާލަން ޖެހޭ މުހިންމު ވާހަކަތަކެއް ހުރިކަމަށް ބުންޏެވެ. އެވާހަކަތައް ދައްކަން މިއަށްވުރެ އެކަށީގެންވާ ވަގުތެއް ނެތްކަމަށް ވެސް ބުންޏެވެ.

ހިތްހަމަނުޖެހުނު ނަމަވެސް، ވަޒީފާގެ ބޭނުމަށް ސާޖިނާ ދޮރުހުޅުވިއެވެ. ވަޒީފާ ލިބުނީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ. ވަޒީފާއަށް އާދެވުނީ ވެސް ނުހަނު ބޮޑު ޚަރަދެއް ކޮށްގެންނެވެ. ބޮލުގައި އެޅިފައިވާ ދަރަންޏާއިއެކު ޒިންމާ އެހާމެ ބޮޑެވެ.

ކޮޓަރިއަށް ވަތް ތަޚްޝީންގެ ނަޒަރު ފުރަތަމަ ވެސް އަމާޒުވީ ސާޖިނާގެ ހަށިގަނޑަށެވެ. ލައިގެން ހުރި ނިވާކަންކުޑަ ނިދާހެދުމުގެ މަތިން ސާޖިނާ ހަނދާންވީ އެހިސާބުންނެވެ. ހެދުން ބަދަލުކޮށްލައިގެން އަންނާނެކަމަށް ބުނެ ފާޚާނާއާ ދިމާއަށް ހިނގައިގަތް ސާޖިނާގެ އަތުގައި ހިފަހައްޓައި ތަޚްޝީން އޭނާ މަޑުކުރުވިއެވެ. ތިޔަ ހެދުމުގައި ސާޖިނާގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެފައިވާ ކަމަށް ބުނެ ތަޢުރީފު ކުރިއެވެ.

ސާޖިނާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ވާހަކަ ދައްކަމުންދިޔަ ތަޚްޝީން ދައްކާލި ވީޑިއޯއާއެކު ސާޖިނާ ދިޔައީ ސިއްސައިގެންނެވެ. ސުވާލެއް އުފައްދާކަށް ޖާގައެއް ނެތެވެ. އެއީ ރިޒޯޓްގައި އޭނާ ހުރި ކޮޓަރިއެވެ. އުފަން ހާލުގައި އޮތް އޭނާގެ ހަށިގަނޑުން އުފަލާއި ހިތްހަމަޖެހުން ހޯދަމުން އެދަނީ އެ ރިޒޯޓްގެ މެނޭޖަރެވެ. ދޭތެރެއަކުން ކުޑަކުޑަކޮށް ލޯ ހުޅުވާލެވުނު ނަމަވެސް ވާނުވާ އޭނާއަށް އެނގޭހެނެއް ހިޔެއް ނުވެއެވެ. ލިބިފައިވާ ފުރުސަތުގެ ބޭނުންކޮށް ކޮންމެ އުފަލަކާއި ހިތްހަމަޖެހުމެއް ސާޖިނާގެ ހަށިގަނޑުން ހޯދަމުންދިޔަ މެނޭޖަރުގެ ކިބައިން ފެންނަމުންދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ. އެފަދަ ފުރުސަތަކަށް އޭނާ ބޭނުންވެފައިވާވަރެވެ.

ތަޚްޝީންގެ އަތުން ފޯނު ޖަހައިގަންނަން ސާޖިނާ އަތް ހޫރާލުމާއިއެކު ތަޚްޝީން އޭނާ ކޮށްޕާލިއެވެ. އުޑުތިލަމަތިން ކަހަލަ ގޮތަކަށް އެނދުމައްޗަށް ވެއްޓުނު ސާޖިނާގެ ގައިމައްޗަށް ތަޚްޝީން ޖެހިގަތެވެ. އެދިއެދި ހުރި ފުރުސަތު ލިބުނީ ކަހަލައެވެ. ފަޅިސިކުންތެއް ވެސް ސާޖިނާއަށް ނުދީ އޭނާ ބޭނުންވި އުފަލާއި ހިތްހަމަޖެހުން ހޯދުމަށް އަވަސްވެގަތެވެ. އޭނާއަށް އެހެން ނުހެދުމަށާއި އޭނާގެ ހާލަތަށް ހަމްދަރުދީ ވުމަށް ސާޖިނާ ކުރަމުންދިޔަ އާދޭހަކަށް ރޮމުންދިޔަ ރުއިމަކަށް ނުބެލިއެވެ. ތަޙްޝީންގެ ކިބައިން ސަލާމަތްވުމަށް ސާޖިނާ ކުރަމުންދިޔަ މަސައްކަތަށް އެއްވެސް ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ.

ތަޚްޝީން އެތަނުން ނުކުތުމުގެ ކުރިން ސާޖިނާއަށް އިންޒާރު ދިނެވެ. އެވާހަކަތައް އެއްވެސް މީހެއް ކައިރީ ދައްކައިފިނަމަ ވީޑިއޯ ލީކުކޮށްލާނެ ކަމަށް ބުންޏެވެ. ވަޒީފާއިން ވަކިކޮށް ރާއްޖެއިން ޑީޕޯރޓްކޮށްލާނެ ކަމަށް ބުނެ ބިރު ވެސް ދެއްކިއެވެ.

ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ކުއްލިއަކަށް ބައެއް މުއައްޒަފުންގެ އެކޮމަޑޭޝަން އެހެން ތަންތަނަށް ބަދަލުކުރިއެވެ. ސާޖިނާ ބަދަލުކުރީ ވަރަށް ހާލުގައި ހުރި އާދައިގެ ކޮޓަރިއަކަށެވެ. ނިދާލާނެ އެނދަކާއި އަލަމާރިއެއްގެ އިތުރުން ކުޑަވަރެއްގެ މޭޒެއް ހުއްޓެވެ. ފާޚާނާ ކުރަން ބޭނުންވެއްޖެނަމަ ޖެހެނީ ކޮޓަރިން ނުކުންނާށެވެ. އެތަނުގައި ހުރި ދެކޮޓަރީގެ މީހުން ބޭނުންކުރުމަށް ހުރީ އެންމެ ފާޚާނާއެކެވެ. ކެއިންބުއިމުގެ ކަންތައް ހަމަޖައްސާފައިވަނީ ގެސްޓްހައުސްއިންނެވެ.

ސާޖިނާއަށް އެހެން ހެދީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ. އެތަނުގައި ހުރި އަނެއް ކޮޓަރީގައި ދިރިއުޅެމުންދިޔަ މުސްކުޅި އަންހެންމީހާ އާއި ސާޖިނާގެ މެދުގައި ފުރަތަމަ ފެނިލުމުން ވެސް ގާތް ގުޅުމެއް އުފެދުނެވެ. އައިސާމަނިކެ ދައްކާ ވާހަކަ ސާޖިނާއަށް ނޭނގުނު ނަމަވެސް އެކެއްގެ އިޙުސާސް އަނެކަކަށް ދެނެގަނެވުނެވެ. ސާޖިނާގެ ހާލާއިމެދު އައިސާމަނިކެ ހަމްދަރުދީވިއެވެ. އޭނާގެ ފެންވަރުން ސާޖިނާއަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދިނެވެ.

ވެގެން އުޅޭގޮތް އައިސާމަނިކެއަށް އެނގުނީ އޭނާގެ ދަރިފުޅުގެ ފަރާތުންނެވެ. ސާޖިނާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އިވުނު ވާހަކަތަކުގެ ސަބަބުން ވީދެރައާއެކު އައިސާމަނިކެ ރުޅި ވެސް އައެވެ. ވަގުތުން ޕޮލިހަށް ގުޅައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

މަސްލަހަތު އިތުރަށް ގޯސްވީ އެހިސާބުންނެވެ. ތަޚްޝީނާއި ހަމައަށް އެ ޚަބަރު ދާކަށް ގިނައިރެއް ނުނެގިއެވެ. ސާޖިނާއާއެކު އެ ކޮޓަރިން ނެރުނު އަނެއް ދެމީހުންނަކީ ތަޚްޝީން ފޮނުވައިގެން އައި ބައެކެވެ. މަސްތުގެ ހާލުގައި ތިބި އެ ޒުވާނުންނަށް ފައިސާ ދީގެން ތަޚްޝީން ކުރަން ބޭނުންވި ކަންތައް ކިތަންމެ ރަނގަޅަކަށް ވެސް ކުރިއެވެ. ހުރިހާ ރޭވުމެއް ބޭނުންވި ގޮތަށް ކާމިޔާބުވިއެވެ.

އާރާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން ސާޖިނާ ޑިޕޯޓްކޮށްލުމުން، ހުރިހާ ކަމެއް ސިއްރުވާނެ ކަމަށް ތަޚްޝީނަށް ހީކުރެވުނު ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ސާޖިނާ ފުރުވާލުމުގެ ކުރިން ހުރިހާ ވާހަކައެއް ވަނީ އައިސާމަނިކެގެ ދެމައިންނަށް ކިޔައިދީފައެވެ. ކިތަންމެ ސިއްރުސިއްރުން ކުރި ނަމަވެސް ތަޚްޝީން ކުރި ހުރިހާ ކަމެއް ފަޅާއެރިއެވެ.

(ނިމުނީ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top