ޑީ.ޖޭ.އައި އޮސްމޯ ޕޮކެޓް 4ޕީ ކެމެރާ ކަޅު އަދި ހުދު ކުލައިގައި ލިބެން ހުންނާނެއެވެ. މީގެ ތެރެއިން ހުދު ކުލައިގެ މޮޑެލް ވަރަށް އަވަހަށް ބާޒާރަށް އަންނާނެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ޑީ.ޖޭ.އައިގެ މި އައު ކެމެރާ މިހާރު މުޅި ދުނިޔެއަށް އާންމުކޮށްފައިވާއިރު، މީގެ އަގު އިންސްޓާ360 ލޫނާ އަލްޓްރާ އަށްވުރެ ބޮޑުތަނުން ހެޔޮކަން ފާހަގަކުރެވެއެވެ. ނަމަވެސް އެމެރިކާގެ ބާޒާރަށް އަދި މި ކެމެރާ ނެރެފައެއް ނުވެއެވެ.
ގިނަ ދުވަސްތަކެއްގެ އިޝްތިހާރުތަކަށްފަހު، ޑީ.ޖޭ.އައި އިން ވަނީ ދެ ލެންސް ހިމެނޭ އެކުންފުނީގެ ފުރަތަމަ ޕޮކެޓް ގިމްބަލް ކެމެރާ ރަސްމީކޮށް ދައްކާލާފައެވެ. މެއި މަހު ކޭންސްގައި ބޭއްވި ހަފްލާގައާއި ޖޫން މަހު ޗައިނާގައި ކުރިއަށްދިޔަ ޕްރީ-އޯޑަރުގެ ތެރެއިން މި ކެމެރާގެ ގިނަ ފީޗާތަކެއް ވަނީ މީގެ ކުރިންވެސް ހާމަވެފައެވެ.
މި ކެމެރާގެ ވައިޑް-އޭންގަލް ލެންސްގައި ހިމެނެނީ 1 އިންޗީގެ ސީ.އެމް.އޯ.އެސް ސެންސަރެކެވެ. މީގައި ހިމެނޭ ‘ލޯފިކް’ (LOFIC) ޓެކްނޮލޮޖީގެ އެހީގައި 17 ސްޓޮޕްގެ ޑައިނަމިކް ރޭންޖް ލިބޭއިރު، 4ކޭ240 ކޮލިޓީގައި ވީޑިއޯ ރެކޯޑް ކުރެވެއެވެ. ދެވަނަ ލެންސަކީ 60 މިލިމީޓަރުގެ މީޑިއަމް-ޓެލެފޮޓޯ ލެންސެކެވެ. މީގެ އެހީގައި 3 ގުނަ އޮޕްޓިކަލް ޒޫމް އަދި 12 ގުނައާ ހަމައަށް ޑިޖިޓަލް ޒޫމް ކުރެވޭނެއެވެ. އަދި ދެ ލެންސްގައިވެސް ބިލިއަނަކަށްވުރެ ގިނަ ކުލަ ހިމެނޭ 10-ބިޓްގެ ‘ޑީ-ލޮގް ކަލަރ ޕްރޮފައިލް ބޭނުންކުރެވޭނެއެވެ.
އައު މަޢުލޫމާތު

ޕޮކެޓް 4ޕީ ގައި ހިމެނޭ އިތުރު ފީޗާތަކުގެ ތެރޭގައި 8 ގުނަ އަލްޓްރާ-އެޗްޑީ ސްލޯ މޯޝަން، ލައިޓް-ޓްރެއިލް އަދި މޯޝަން-ބްލަރ އިފެކްޓްސް ހިމެނޭ ‘ސްލޯ ޝަޓަރ ވީޑިއޯ’ ހިމެނެއެވެ. މީގެ އިތުރުން 12 ގުނަ ޒޫމްގައިވެސް އެއްޗެއް ޓްރެކްކޮށްދޭ ‘އެކްޓިވް ޓްރެކް 8.0’ ވެސް މި ކެމެރާގައި ހިމެނެއެވެ.
ކެމެރާ ބޭނުންކުރުން ފަސޭހަކުރުމަށްޓަކައި، ޓަޗްސްކްރީން އަނބުރާލުމާއެކު ރެކޯޑިންގ ފެށޭ ‘އިންސްޓަންޓް ރެކޯޑިންގ’ އާއި، އަތުގެ ހަރަކާތުން ކެމެރާ ކޮންޓްރޯލް ކުރެވޭ ‘ޖެސްޗަރ ކޮންޓްރޯލް’ ވަނީ ތައާރަފްކޮށްފައެވެ. ފޮޓޯ ނެގުމަށް 37 މެގަޕިކްސެލްގެ ހައި-ރެސް މޯޑެއް ހިމެނޭއިރު، ފޮޓޯއަކާއެކު 1.5 ސިކުންތުގެ ކުރު ވީޑިއޯއެއް ނަގައިދޭ ‘4ކޭ ލައިވް ފޮޓޯ’ މޯޑެއްވެސް ހިމެނެއެވެ.
މި ކެމެރާގެ ބަރުދަނަކީ 230 ގްރާމެވެ. 2 އިންޗީގެ ބްރައިޓް ޓަޗްސްކްރީނެއް ހިމެނޭއިރު، މީގެ ބެޓެރީ އެންމެ 18 މިނެޓުން 80 އިންސައްތައަށް ޗާޖުކޮށްލެވެއެވެ. އެއްފަހަރު ޗާޖުކޮށްލުމުން 210 މިނެޓާ ހަމައަށް ބޭނުންކުރެވޭނެއެވެ. އަދި ޔޫ.އެސް.ބީ 3.1 މެދުވެރިކޮށް ސިކުންތަކު 800 މެގަބައިޓްގެ ބާރުމިނުގައި ފައިލްތައް ފޮނުވާލެވެއެވެ.

މީގެ އިތުރުން ފިލް-ލައިޓް، އެން.ޑީ ފިލްޓަރ، ބެޓެރީ ހޭންޑްލް، އަދި މައިކްރޯފޯން ފަދަ ގިނަ އެކްސެސަރީޒްތަކެއް ވަކިން ނުވަތަ ކޮމްބޯ ޕެކޭޖުތަކުގެ ގޮތުގައި ލިބެން ހުންނާނެއެވެ.
އަގުތައް

ޗައިނާއިން ބޭރުގެ ބާޒާރުތަކުގައި މި ކެމެރާގެ އަގުތައް މިހާރު ވަނީ ކަށަވަރުވެފައެވެ. ‘ސްޓޭންޑަރޑް ކޮމްބޯ’ ގެ އަގަކީ 529 ޕައުންޑް (10,988.55ރުފިޔާ) އެވެ. އަދި ‘ވްލޮގް ކޮމްބޯ’ ލިބެން ހުންނާނީ 605 ޕައުންޑް (12,566.27ރުފިޔާ) އަށެވެ. މި އަގުތަކަކީ މީގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ އިންސްޓާ360 ލޫނާ އަލްޓްރާ އަށްވުރެ ބޮޑުތަނުން ހެޔޮ އަގުތަކެކެވެ.
ކެނެޑާގެ ވެބްސައިޓުގައިވާ ގޮތުން އެމެރިކާ ޑޮލަރުން މި ކެމެރާގެ އަގަކީ 619 ޑޮލަރާއި 699 ޑޮލަރެވެ. މިއީ ލޫނާ އަލްޓްރާގެ އަގުތަކަށްވުރެ ގާތްގަނޑަކަށް 150 އާއި 270 ޑޮލަރު ހެޔޮ އަގެކެވެ. އެމެރިކާގެ ބާޒާރަށް މި ކެމެރާ ނުނެރޭ ސަބަބާއި، މި ކެމެރާގެ ފެންވަރު އިތުރަށް ދެނެގަތުމަށް އަޅުގަނޑުމެންގެ ތަފްސީލީ ރިވިއުއަށް އިންތިޒާރުކޮށްލައްވާށެވެ.
