އިންޑިއާގެ ޑައިރެކްޓަރު ބާރްގަވް ސައިކިއާގެ އަލަށް އުފެއްދި ބިރުވެރި ފިލްމު “ބޮކްޝީ” އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ތައްޔާރުވެއްޖެއެވެ.
މި ފިލްމަކީ މިހާރުވެސް ބައިނަލްއަޤުވާމީ ބޮޑެތި ފެސްޓިވަލްތަކެއް ކަމަށްވާ “އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް ރޮޓެރްޑަމް 2025” އަދި “ސިޓްޖަސް” ފަދަ ހަރަކާތްތަކުގައި ދައްކައި، ބޮޑު ތަރުހީބެއް ހޯދާފައިވާ ފިލްމެކެވެ. ޑައިރެކްޓަރު ސައިކިއާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަޤުވާމީ ކާމިޔާބީއަށްފަހު އަމިއްލަ ޤައުމުގެ ބެލުންތެރިންނަށް މި ފިލްމު ދައްކާލުމަށް ކެތްމަދުވެފައިވާ ކަމަށެވެ.
“ބޮކްޝީ” އަކީ ޚާއްސަކޮށް ޒުވާން ބެލުންތެރިންނަށް އަމާޒުކޮށްގެން، ބޮޑު ސްކްރީނުން ބަލާލުމަށް ފަރުމާކޮށްފައިވާ ފިލްމެއް ކަމަށް ސައިކިއާ ފާހަގަކުރިއެވެ. “ލޯރިއަން މޯޝަން ޕިކްޗަރސް” އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ޕްރަސަންނާ ބިޝްޓް އެވެ. އޭނާ ހޮވާފައިވަނީ ވަރަށް ގިނަ އޮޑިޝަންތަކަކަށް ފަހުގައެވެ. ޕްރަސަންނާގެ އިތުރުން މާންސީ މުލްތާނީ އާއި ސިދާތު ޝޯ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
މި ފިލްމުގެ އެންމެ ޚާއްސަ އެއް ކަމަކީ މީގައި ބޭނުންކޮށްފައިވާ ބަސްތަކެވެ. ހިންދީ، އިނގިރޭސި އަދި ނޭޕާލީ ބަހުގެ އިތުރުން، މި ފިލްމަށްޓަކައި ޚާއްސަކޮށް އުފައްދާފައިވާ “ބޮކްސިރިޓް” ކިޔާ ބަހަކުންވެސް ފިލްމުގެ ބައެއް ކެރެކްޓަރުން ވާހަކަދައްކާނެއެވެ.
ފިލްމުގެ ލިޔުންތެރިޔާ އަދި އެގްޒެކެޓިވް ޕްރޮޑިއުސަރު ހާރްޝް ވައިބަވް ބުނި ގޮތުގައި، މިއީ ބާރާއި، އިތުބާރާއި، އިންސާނުންގެ ވިސްނުން ބައްޓަންކުރާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވަރުގަދަ ވާހަކައެކެވެ. މި ފިލްމުގެ އާ ޕްރޮމޯއެއް މިއަދު ވަނީ އާންމުކޮށްފައެވެ.
