ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފީފާގެ ރައީސް އިންފަންޓީނޯ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ޕްރެޝަރު އިތުރުވެއްޖެ
ފީފާގެ ރައީސް އިންފަންޓީނޯ / އޭއެފްޕީ

ވޯލްޑް ކަޕުން ލިބޭ ފައިދާގެ ހިއްސާ އަމިއްލަ ކުންފުނިތަކަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވާ ދެބަސްވުން އުފެދިފައިވާ ރޭވުމަށް އޮތް ޕްރެޝަރުތައް އިތުރުވެއްޖެއެވެ. މިގޮތުން، ވައިޓް ހައުސްގެ ޕެނަލެއްގައި ފީފާ ތަމްސީލުކުރައްވާ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު އިސްތިއުފާ ދެއްވާފައިވާއިރު، ޔޫރަޕާއި އުތުރު އެމެރިކާގެ ފަހަތުން އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން ވެސް ވަނީ މި ރޭވުމާ ދެކޮޅަށް ތެދުވެފައެވެ.

ފީފާގެ ތެރޭގައި އުފެދިފައިވާ މި ބޮޑު މައްސަލަގަނޑު އިންފަންޓީނޯގެ އެންމެ ގާތް ބޭފުޅުންނާ ހަމައަށް ފޯރާފައިވާއިރު، ޖޯޝުއާ ކުޝްނާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ 20 ބިލިއަން ޑޮލަރުގެ ކޮމާޝަލް ސަބްސިޑިއަރީ ރޭވުމަކީ “ފުޓްބޯޅައަށް އޮތް ވަރަށް ނުރައްކާތެރި އަދި ގޯސް މުއާމަލާތެއް” ކަމަށް ބުނެ، އިންފަންޓީނޯގެ މުޝީރު ކާލޯސް ކޯޑެއިރޯ ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.

ގޯލްޑްމަން ސަކްސްގެ ކުރީގެ ބޭންކަރެއް ކަމަށްވާ ކޯޑެއިރޯއަކީ ރަސްމީކޮށް އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރެވެ. ނަމަވެސް، މީޑިއާތަކުން މިދިޔަ އަންގާރަ ދުވަހު ފަޅާއަރުވާލި މި ސިއްރު އިންވެސްޓްމަންޓް ރޭވުމުގައި އޭނާ ބައިވެރިކޮށްފައި ނުވާކަން ވަނީ ހާމަވެފައެވެ.

“ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް ފީފާއިން މަސައްކަތް ކުރަމުންދާއިރު، އެކަމަށް ބަލަން ހުރުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން،” އިސްތިއުފާ ދެއްވަމުން ކޯޑެއިރޯ ވިދާޅުވިއެވެ.

މިއީ “އެއްވެސް މީހަކު ފުޓްބޯޅަ ވިއްކާލަނީއެއް ނޫން” ކަމަށް ބުނެ ފީފާއިން ބަޔާނެއް ނެރުނުތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އޭނާ ދެއްވި ރައްދެކެވެ.

ކޯޑެއިރޯގެ މި ނިންމުމާއި، ފީފާގެ އެހެން އިސްވެރިން ވެސް މިކަމާ ދެކޮޅަށް އަޑުއުފުލުމަށް އޭނާ ކުރެއްވި އިލްތިމާސްގެ ސަބަބުން އިންފަންޓީނޯއަށް ވަނީ އިތުރު ތާށިކަމެއް ކުރިމަތިވެފައެވެ. މީގެ އިތުރުން، ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއީއެފްއޭ) އިން ވަނީ މި ރޭވުން ހުއްޓާނުލައިފިނަމަ ފީފާގެ ހުރިހާ މުބާރާތްތަކާއި ހަރަކާތްތަކެއް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އުތުރު އެމެރިކާގެ ކޮންކާކަފް އިން ވެސް ވަނީ މެންބަރު ގައުމުތަކަށް 20 މިލިއަން ޑޮލަރު ދިނުމަށް އިންފަންޓީނޯ ހުށަހެޅުއްވި ހުށަހެޅުން ގަބޫލުނުކޮށް ބޭރުކޮށްލާފައެވެ.

މިވެސް ކިޔާލަން:  ފީފާއިން ފޮކްސް ނެޓްވޯކަށް އަދަބުދޭން ނިންމައިފި

އޭޝިއާގެ ތާއީދު ގެއްލުން

ފާއިތުވި 11 އަހަރު އިންފަންޓީނޯގެ އެންމެ ވަރުގަދަ ބައިވެރިޔާގެ ގޮތުގައި އޮތް އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ވެސް މިހާރު ވަނީ މި އިންވެސްޓްމަންޓް ރޭވުމާ ދެކޮޅު ހަދައި، ފީފާގެ ހިންގުމުގެ ނިޒާމު އަވަސް ފުރުސަތެއްގައި މުރާޖައާ ކުރުމަށް ގޮވާލާފައެވެ.

އޭއެފްސީން ބުނެފައިވަނީ އެ އިދާރާ އޮތީ ޔޫއީއެފްއޭ އާއި ކޮންކާކަފްއާ އެކުގައި ކަމަށެވެ. މި ތިން ބައްރުގެ ގައުމުތައް އެއްކޮށްލުމުން ފީފާގެ 211 މެންބަރު ގައުމުގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް ގައުމުތައް މިހާރު ވަނީ އިންފަންޓީނޯއާ ދެކޮޅުވެފައެވެ.

އިންފަންޓީނޯ ހުށަހަޅުއްވާފައިވަނީ ފީފާގެ ވިޔަފާރީގެ ކަންކަން (ވޯލްޑް ކަޕާއި ކްލަބް ވޯލްޑް ކަޕް ހިމެނޭހެން) 20 ބިލިއަން ޑޮލަރުގެ އަގުހުރި އިންވެސްޓްމެންޓް ވަކި ކުންފުންޏަކަށް ބަދަލުކޮށް، އޭގެ 20 އިންސައްތަ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށެވެ. މީގެ މައިގަނޑު އިންވެސްޓަރަކީ ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ ނިއުޔޯކްގައި ހުންނަ ކުންފުންޏެކެވެ.

އޭއެފްސީގެ ބަޔާނުގައި އިންފަންޓީނޯގެ ނަން ސީދާ ބޭނުންކޮށްފައި ނުވި ނަމަވެސް، ފީފާގެ ހިންގުމުގައި ހުރި ބޮޑެތި އުނިކަންކަމަށާއި، މިފަދަ ބޮޑު ނިންމުމެއް ނިންމުމުގައި މެންބަރުންނާ މަޝްވަރާކޮށްފައި ނުވާތީ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

“މިކަމުގެ ސަބަބުން ފީފާގެ މަޝްވަރާ ކުރުމާއި ނިންމުންތައް ނިންމުމުގެ ނިޒާމުގައި ހުރި އަސާސީ ބަލިކަށިކަން ވަނީ ހާމަވެފައި،” އޭއެފްސީގެ ބަޔާނުގައިވެއެވެ.

އިންފަންޓީނޯގެ މަގާމަށް ނުރައްކާ؟

މީގެ 11 ދުވަސް ކުރިން، ނިއު ޖާޒީގައި ބޭއްވުނު ވޯލްޑް ކަޕް ފައިނަލަށްފަހު އިންފަންޓީނޯއަށް 2031 ވަނަ އަހަރާ ހަމައަށް އޮތް ހަތަރުވަނަ ދައުރު ކާމިޔާބު ކުރުމަށް އެއްވެސް ހުރަހެއް އޮތް ކަމަކަށް ނުބެލެވެއެވެ. ފީފާއިން މީގެ ކުރިން ބުނެފައިވަނީ 200 އެއްހާ މެންބަރު ގައުމުގެ ތާއީދު ސިޓީ އިންފަންޓީނޯއަށް ލިބިފައިވާ ކަމަށެވެ.

މިވެސް ކިޔާލަން:  ފޮޓޯގެ ފަހަތުގައިވާ ވާހަކަ - މަދުން ނޫނީ ނުފެންނަ ކަޅު ފިނިފެންމާ

ނަމަވެސް، މިހާރު އުފެދިފައިވާ މައްސަލަތަކާއެކު އަންނަ މާޗް މަހު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި (ނޮވެމްބަރު 18) އަންނައިރު އޭނާއަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ފީފާއިން މީޑިއާއަށް ތުހުމަތުކުރުން

އޭއެފްސީގެ ބަޔާން ނެރުމުގެ ކުޑައިރުކޮޅެއް ކުރިން ފީފާއިން ވަނީ މި ހުރިހާ ކަމެއްގެ ޒިންމާ މީޑިއާތަކުގެ ބޮލުގައި އަޅުވާފައެވެ. ފީފާއިން ބުނީ މީޑިއާތަކުން ފެތުރި ދޮގު ޚަބަރުތަކުގެ ސަބަބުން މަޝްވަރާގެ މަރުހަލާއަށް ބުރޫ އަރާފައިވާ ކަމަށާއި، ނަމަވެސް މި ޕްރޮޖެކްޓާ މެދު ކުރިއަށްދާނެ ކަމަށެވެ.

ކުރިއަށް އޮތް ހަފުތާތަކުގައި ޕޮލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕަކީ ޔޫރަޕްގެ ގައުމުތަކުން ބޮއިކޮޓް ކޮށްފާނެ ކަމަށް ބެލެވޭ ފުރަތަމަ މުބާރާތެވެ. މީގެ އިތުރުން 2035 ވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕް ބޭއްވުމަށް ހުށަހަޅާފައިވާ ހަމައެކަނި ފަރާތަކީ އިނގިރޭސިވިލާތުގެ ހަތަރު ފެޑަރޭޝަން ކަމަށްވާއިރު، މި ހުރިހާ ކަމެއްގެ ނިންމުން އޮތީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top