ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑްރާމާ ސީރީޒް “ހުވާ”ގެ އިންތިޒާރަށް ނިމުމެއް އަންނަން އުޅޭކަން ބައިސްކޯފުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ބައިސްކޯފުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައިވާ ގޮތުން، “ހުވާ” ސީޒަން 3 ގެ ދަތުރު ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް ފޯރާނެއެވެ. “ހުވާ ސީޒަން 3 – ދަ ޖާނީ ކޮންޓިނިއުސް ސޫން” މި އިބާރާތާއެކު އާންމުކުރި މި ޚަބަރާއެކު، އެ ސީރީޒްގެ ފޭނުންގެ މެދުގައި ވަނީ ބޮޑު ފޯރިއެއް އުފެދިފައެވެ.
“ހުވާ” އަކީ އާއިލީ އަދި އިޖުތިމާއީ ގިނަ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ، ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތް ސީރީޒެކެވެ. މީގެ ކުރިން ގެނެސްދިން ދެ ސީޒަނަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ތިންވަނަ ސީޒަން ފެށޭނެ ވަކި ތާރީޚެއް ބައިސްކޯފުން އަދި ހާމައެއް ނުކުރެއެވެ.
ނަމަވެސް، މި ސީޒަނަކީ ކުރީގެ ސީޒަންތަކަށްވުރެ ފޯރިގަދަ އަދި ޝައުގުވެރި ލޯބީގެ ހާދިސާތަކެއް ފެނިގެންދާނެ ސީޒަނެއް ކަމަށް ބެލެވެއެވެ. “ހުވާ” ގެ މި އާ ދަތުރު ފެށުމަށްޓަކައި ބައިސްކޯފުން މިހާރު އަންނަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
“ހުވާ” އަކީ ބައިސްކޯފުން އެންމެ ފުރަތަމަ ގެނެސްދިން އޮރިޖިނަލް ސީރީޒެވެ.
