ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މަރުދޭށިއޭ ޖާނާ – ކުރު ވާހަކަ

އެކަނިވެރިކަމުގެ ހިޔަނި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އުސް އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގެ ބާރަވަނަ ފަންގިފިލާގައި ޒޯޔާ ހުރީ ބެލްކަނީގައި ބޭރަށް ބަލަހައްޓައިގެންނެވެ. ރޭގަނޑުގެ މެންދަމުން އަލިވެ ދެގަޑި ބައިވަނީއެވެ. ދުރުން ފެންނަން އޮތް ކަނޑުގެ ލޮނުގަނޑުގެ މަތިން ހަނދުގެ އަލި އެޅިފައިވާއިރު، އެ މަންޒަރުގައި ވަނީ ބަޔާންކުރަން ނޭނގޭ ފަދަ ހިމޭންކަމެކެވެ. ނަމަވެސް ޒޯޔާގެ ހިތުގެ ތެރޭގައި ވަނީ ގަދަފަދަ ތޫފާނެކެވެ.

“ޒޯޔާ؟ އަދިވެސް ނުނިދަނީތަ؟” ކޮޓަރީގެ ތެރެއިން އަމީންގެ ނިދިބަރު އަޑު އިވުނެވެ.

ޒޯޔާ އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާގެ ދެލޯ ހުއްޓިފައި ހުރީ ދުރުގައި ހުރި މަގުބައްތިތަކަށެވެ. އެ ބައްތިތަކުގެ އަލި، އޭނާގެ ދިރިއުޅުމުގެ އަނދިރިކަން އިތުރަށް ހާމަކޮށްދޭ ކަހަލައެވެ. މިއީ އޭނާ ހުވަފެން ދެކުނު ދިރިއުޅުމެއް ހެއްޔެވެ؟ ރީތި ކައިވެންޏެއް، ލޯބިވާ ފިރިއެއް، އަދި ހަ މަހުގެ ކުޑަކުޑަ ދަރިފުޅު އީލާކް. އެކަމަކު މި ހުރިހާ އުފަލެއްގެ ތެރޭގައި އޭނާ މިވަނީ ނޭވާ ހާސްވާ ދަރަޖައަށް ބާކީވެފައެވެ.

އަމީން ތެދުވެގެން އައިސް ޒޯޔާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ކިހިނެއްވީ؟ އަނެއްކާވެސް ބޯ އަނބުރަނީތަ؟ ނޫނީ އީލާކް ނުނިދާތީ އުނދަގޫވަނީތަ؟”

ޒޯޔާ މަޑުމަޑުން އަމީންގެ އަތް ފޮޅުވާލިއެވެ. “އަހަރެން ރަނގަޅޭ. ބޭރަށް ނުކުމެލީ.”

“ކޮންމެ ރެއަކު ތިހެން ބޭރުގައި ހުރުމަކީ ރަނގަޅު ކަމެއް ނޫން. ހިނގާ ނިދަން. މާދަމާ އަހަރެން އޮފީހަށް ދާންޖެހޭނެ، ޒޯޔާވެސް މުޅި ދުވަހު އީލާކްއާއެކު އުޅެންޖެހޭނެއެއްނު،” އަމީން ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ.

އަމީނަށް ނޭނގެނީ އެއީއެވެ. އެ “އާދައިގެ” ދިރިއުޅުމަކީ ޒޯޔާގެ ކެތްތެރިކަން ކޮޅުންލާ ކަމެއްކަމެވެ. ކޮންމެ ދުވަހަކު ހަތަރު ފާރުގެ ތެރޭގައި، ތުއްތު ކުއްޖެއްގެ ރުއިމާއި، ނެޕީ ބަދަލުކުރުމާއި، ގޭތެރޭގެ މަސައްކަތްތަކުގެ ތެރޭގައި ޒޯޔާގެ އަމިއްލަ ނަފުސު ގެއްލެމުންދާ ކަމެވެ.

ހެނދުނު އިރު އެރިއިރު، ޒޯޔާ އިނީ ސައި މޭޒުދޮށުގައެވެ. އީލާކް އޭނާގެ އުނގުގައި އޮވެގެން ބޮޑާހާކަމުން ދިޔައެވެ.

“މިއަދު މަންމަ އަންނާނަމޭ ބުނި ޒޯޔާއަށް އެހީވާން،” އަމީން އޮފީހަށް ދާން ތައްޔާރުވަމުން ބުންޏެވެ.

“ބޭނުމެއް ނޫން،” ޒޯޔާ ކުރުކޮށް ބުންޏެވެ.

“ކީއްވެ؟ މަންމަ އައީމަ ޒޯޔާއަށް ކުޑަކޮށް އަރާމުކޮށްލެވޭނެއެއްނު؟”

“އަމީންގެ މަންމަ އަންނަނީ އަހަރެން ‘އަރާމުކޮށްލާކަށް’ ފުރުސަތުދޭކަށް ނޫން. އަހަރެން ކަންތައް ކުރާގޮތް ނުބައިވެގެން އެކަން އިސްލާހުކުރަން. އީލާކްއަށް ކާންދޭންވީ ގޮތާ، ނިންދަންވީ ގޮތް ކިޔައިދޭން،” ޒޯޔާގެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ.

އަމީން ފުން ނޭވާއެއްލިއެވެ. “ޒޯޔާ، ތިހާ ނެގެޓިވްކޮށް ނުވިސްނަ ބަލަ! ތިއީ މާ ބޮޑަށް ނެގެޓިވްކޮށް ވިސްނާތީ ވާގޮތް. މަންމަ އެ އުޅެނީ ހެޔޮއެދޭތީ.”

އަމީން ގެއިން ނުކުމެގެން ދިޔުމުން، މުޅި ގޭތެރެއަށް ވެރިވީ ފޫހިކަމެވެ. ޒޯޔާ އީލާކްއަށް ބަލާލިއެވެ. އެ މައުސޫމް މޫނަށް ބަލާއިރު، އޭނާގެ ހިތުގައި ލޯތްބާއެކު އާދަޔާ ހިލާފު ބިރުވެރިކަމެއް އުފެދެއެވެ. ބައެއް ފަހަރު އޭނާއަށް ހީވަނީ މި ކުއްޖާގެ ސަބަބުން އޭނާގެ މިނިވަންކަން ދީލާލަން ޖެހުނީހެންނެވެ. އޭނާގެ ކުރީގެ ދިރިއުޅުން، އޭނާގެ ރަހުމަތްތެރިން، އޭނާގެ ވަޒީފާ – މި ހުރިހާ ކަމެއް މިހާރު ވަނީ ހަމައެކަނި ހަނދާނަކަށް ވެފައެވެ.

މެންދުރުވީއިރު އަމީންގެ މަންމަ، ނަސީމާ އަތުވެއްޖެއެވެ. އޭނާ ވަދެގެން އައީ ‘ފާޑުކިޔުމުގެ ކޮތަޅެއް’ ހިފައިގެންނެވެ.

“މި ގޭތެރެ ކިހިނެއްތަ މި އޮތީ؟ ޒޯޔާ، ކުއްޖަކު ލިބުނީމަ ގޭތެރެ ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. އަދި ބަލާބަލަ އީލާކްގެ ލޯ ކައިރި، މިއޮތީ ހަމަ ނިދި މި ކުއްޖާފުޅަށް ނުލިބޭކަން އެނގެން. ކިހިނެއްތަ މި ކުއްޖާފުޅު ތި ބަލަނީ؟” ނަސީމާގެ ވާހަކަތައް ޒޯޔާގެ ކަންފަތަށް އިވެމުންދިޔައީ ހޫނު ތީރުތަކެއް ފަދައިންނެވެ.

ޒޯޔާ އެއްވެސް ޖަވާބެއް ނުދީ ބަދިގެއަށް ވަނެވެ. އޭނާގެ އަތުގައި އޮތް ވަޅިއަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. އޭނާގެ ހިތަށް އެރިއެވެ. މި ހުރިހާ ކަމެއް ނިމުމަކަށް ގެނެވޭނީ ކިހިނެއް ހެއްޔެވެ؟ މި ލޯތްބާއި، މި މަޖުބޫރުކަމާއި، މި އެކަނިވެރިކަމުން ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟

މިވެސް ކިޔާލަން:  ނުރައްކާ ރަހުމަތްތެރިކަން - ކުރު ވާހަކަ

ނަފްސާނީ ހަނގުރާމަ

ދުވަސްތައް ފާއިތުވަމުން ދިޔައީ އެއްވެސް އުސޫލެއް ނެތް ގޮތަކަށެވެ. ޒޯޔާގެ ސިކުނޑީގައި އެކި ކަހަލަ ވަސްވާސްތައް އެނބުރެން ފެށިއެވެ. އޭނާ ބައެއް ފަހަރު ގަސްތުގައި އަމީނުއާ ޒުވާބު ކުރެއެވެ. އަނެއްބައި ފަހަރު އެއްވެސް އެއްޗެއް ނުބުނެ ދުވަސްތައް ހޭދަކުރެއެވެ.

އެއްދުވަހަކު ހަވީރު، އީލާކް ގޮވައިގެން ޒޯޔާ ހުޅުމާލޭގެ ބީޗަށް ދިޔައެވެ. މީހުން ގިނަ އެ މާހައުލުގައިވެސް އޭނާއަށް އިހުސާސް ކުރެވެނީ އޭނާ އަކީ އެކަނިވެރިއެއް ކަމަށެވެ. ކައިރީގައި ތިބި އާއިލާތަކުގެ އުފާވެރިކަން ފެނުމުން އޭނާގެ ހިތުގައި ހަސަދަވެރިކަން އުފެދެއެވެ.

“ޒޯޔާ؟” ފަހަތުން މީހަކު ގޮވާލި އަޑަށް ޒޯޔާ ސިހުނެވެ. އެއީ އޭނާގެ ކުރީގެ އުފާވެރި ދިރިއުޅުމުގެ ރަހުމަތްތެރިޔާ ޝަރަފްއެވެ.

“ޝަރަފް؟” ޒޯޔާގެ މޫނުމައްޗަށް ކުޑަ އުޖާލާކަމެއް އައެވެ.

“ވަރަށް ދުވަސްވެއްޖެ ދިމާނުވާތާ. ކިހިނެއްތަ؟ މިއީތަ ޒޯޔާގެ ދަރިފުޅަކީ؟” ޝަރަފް ހިނިތުންވުމަކާއެކު އަހާލިއެވެ.

ޝަރަފްއާ ވާހަކަދައްކަމުން ދިޔައިރު، ޒޯޔާއަށް އޭނާގެ ކުރީގެ މިނިވަން ދިރިއުޅުން ހަނދާންވިއެވެ. އޭރު އޭނާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅުނު، މުޖުތަމައުގައި އަގުހުރި މަސައްކަތްތަކެއް ކުރި ކާމިޔާބު އަންހެނެކެވެ. ނަމަވެސް މިހާރު އޭނާގެ މުޅި ދުނިޔެއަކީ ކުޑަކުޑަ އެޕާޓްމަންޓަކާއި، ތުއްތު ކުއްޖެއްގެ ބޭނުންތަކެވެ.

“ޒޯޔާ، ތި ހުރީ ކުރިއަށްވުރެ މާ ބޮޑަށް ހިކިފައި. ހުރިހާ ކަމެއް އޯކޭތަ؟” ޝަރަފް ކަންބޮޑުވުމާއެކު އަހާލިއެވެ.

ޒޯޔާ ގަދަކަމުން ހިނިތުންވެލިއެވެ. “އާނ، ހަމަ އާދައިގެ ގޮތަކަށް ހުރިހާ ކަމެއްވެސް ދަނީ. ބޭބީއެއް ލިބުނީމަ ދެން ކުޑަކޮށް ބުރަވާނެއެއްނު.”

ޝަރަފްއާ ވަކިވެގެން ގެއަށް ދިޔަ މަގުމަތީގައި ޒޯޔާގެ ހިތުގައި އުފެދުނީ އާދަޔާ ހިލާފު ރުޅިވެރިކަމެކެވެ. އޭނާ ދެކޭގޮތުގައި އޭނާގެ މި ހާލަތުގެ ޒިންމާ ނަގަންޖެހޭނީ އަމީނެވެ. އަމީން އޭނާ މި ގޭތެރޭގައި ހައްޔަރުކުރީއެވެ.

އެރޭ އަމީން ގެއަށް އައިއިރު، ޒޯޔާ ހުރީ ކާން ނުހަދައެވެ. ގޭތެރެ އޮތީ ބޮޑު ހައިޖާނެއްގެ ތެރޭގައެވެ.

“ޒޯޔާ، މިއަދު ކީއްވެ ކާން ނުހަދާ މިހުރީ؟ އަހަރެން ވަރަށް ބަނޑުހައިވެއްޖެ،” އަމީން ވަރުބަލިވެފައި ހުރެ ބުންޏެވެ.

ޒޯޔާ މަޑުމަޑުން ތެދުވެގެން އައިސް އަމީންގެ ކުރިމަތީގައި ހުއްޓުނެވެ. “ކާން ބޭނުމިއްޔާ އަމިއްލައަށް ކާން ހަދައިގެން ކާންވީނު؟ އަހަރެން މިއީ ކަލޭގެ ނޯކަރެއް ނޫން.”

އަމީން ބިރުގަތެވެ. ޒޯޔާގެ ދެލޮލުން ފެންނަން ހުރީ އޭނާ ދުވަހަކުވެސް ނުދެކޭ ފަދަ ނުރައްކާތެރި ކުލަވަަރެކެވެ. “ޒޯޔާ، ކިހިނެއްވީ؟އަހަރެން އެހާ ކުޑަކުޑަ ކަމަކު ބުނީމަ ތިހާ ރުޅި އަންނަންވީ ކީއްވެ؟”

“ރުޅި؟ އަދި ކަލެއަށް އަހަރެންގެ ރުޅިއެއް ނުފެނޭ،” ޒޯޔާ ހަޅޭއްލަވައިގަތެވެ. “ކަލޭ ހީކުރަނީ އަހަރެން މިތާ ބަންދުކޮށްގެން ގެންގުޅެވޭނެ ކަމަށްތަ؟ އަހަރެން ބޭނުމީ މިތަނުން ދާން. އަހަރެން ބޭނުމީ މި ހުރިހާ ކަމެއް ނިމުމަކަށް ގެންނަން!”

އީލާކް ހޭލައިގެން ރޯން ފެށިއެވެ. ޒޯޔާ ދަރިފުޅާ ދިމާލަށް ބަލާލީ ފަކުރުން ފުރިގެންވާ ގޮތަކަށެވެ. “ބަލާބަލަ، އަނެއްކާވެސް އެ ކުއްޖާގަނޑު ރޯން އެ ފެށީ. މުޅި ދުވަހު އޭނާގެ ކަމަކީ ރުއިން. އަހަރެންގެ ސިކުނޑި ގޮވަނީ!”

އަމީން އަވަސްއަވަހަށް ގޮސް އީލާކް ނެގިއެވެ. “ޒޯޔާ، ޒޯޔާ ބަލިވެގެންނޭ ތި އުޅެނީ. މާދަމާ އަހަރެމެން ޑޮކްޓަރަށް ދާންވާނެ.”

“އަހަރެން ބައްޔެއް ނޫން! ބަލީ ކަލޭމެން. ކަލޭމެން އެންމެން އަހަރެން މަރާލަން ތި އުޅެނީ،” ޒޯޔާ ގިސްލާފައި ރޯން ފެށިއެވެ.

އަނދިރި ހިޔާލުތައް

ޖެހިގެން އައި ދުވަސްތަކުގައި ޒޯޔާގެ ހާލަތު އިތުރަށް ގޯސްވަމުން ދިޔައެވެ. އޭނާ ސިއްރުސިއްރުން ތަންތަނަށް ކަރުދާސް ކޮޅުތައް އުކާ، އަމިއްލަ ނަފުސާ ވާހަކަދައްކަން ފެށިއެވެ. އަމީން އޭނާ ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށް ދެއްކިއެވެ. ޑޮކްޓަރު ބުނީ އެއީ “ޕޯސްޓްޕާޓަމް ޑިޕްރެޝަން” ނުވަތަ ވިހެއުމަށްފަހު ދިމާވާ ނަފްސާނީ ބަލިމަޑުކަން ކަމަށެވެ.

ނަމަވެސް ޒޯޔާ ބޭސްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ވިސްނުން ކޮންޓްރޯލް ކުރަން އަމީން ކުރާ ކަމެކެވެ.

މިވެސް ކިޔާލަން:  ވީއެމް 101 : އިމަޖެންސީ ޑިކްލަރޭޝަން

އެއްދުވަހަކު، އަމީން އޮފީހަށް ދިޔަ ވަގުތު، ޒޯޔާ ބަދިގެއަށް ވަދެ ގޭސް އުނދުން ދޫކޮށްލިއެވެ. އޭނާ ބޭނުންވީ މުޅި އެޕާޓްމަންޓް ގޮއްވާލާށެވެ. ނަމަވެސް އެވަގުތު އީލާކް ހޭލައިގެން ހީލި އަޑަށް އޭނާގެ އަތް ތުރުތުރުލާން ފެށިއެވެ.

“ކީއްވެ؟ ކީއްވެ މަށަށް މިހެން މިވަނީ؟” ޒޯޔާ ބިންމަތީގައި އިށީނދެ ރޯން ފެށިއެވެ. އޭނާގެ ލޯބިވާ ދަރިފުޅު މަރާލަން އޭނާގެ ހިތަށް އެރީ ކިހިނެއް ހެއްޔެވެ؟ އެކަމަކު ހަމަ އެވަގުތު، އެހެން ހިޔާލެއް އޭނާގެ ސިކުނޑިއަށް ވަނެވެ. “މަރުވުމަކީ ހަމައެކަނި ހައްލެވެ. އަހަރެން މަރުވެއްޖެނަމަ، އަމީނަށް އޭނާ ބޭނުންވާ ފަދަ ‘ފުރިހަމަ’ އަނތްބަކު ހޯދޭނެއެވެ. އަދި އީލާކަށް މާ ރަނގަޅު މަންމައެއް ލިބޭނެއެވެ.”

މި ހިޔާލު އޭނާގެ ސިކުނޑީގައި ވަރުގަދަވަމުން ދިޔައެވެ. އޭނާ ނިންމީ އަމީނަށް “ފިލާވަޅެއް” ދޭށެވެ. އޭނާގެ ލޯބީގެ ހަގީގީ އަގަކީ މަރުކަން ދައްކައިދޭށެވެ.

ޒޯޔާ ފޯނު ނަގައި ޝަރަފްއަށް މެސެޖެއް ކުރިއެވެ. “ޝަރަފް، އަހަރެންނަށް އެހީވެދީ. އަހަރެން މިތަނުން ސަލާމަތްކޮށްދީ.”

ޝަރަފް ވަގުތުން ޖަވާބު ދިނެވެ. “ކިހިނެއްވީ ޒޯޔާ؟ އަހަރެން ހަމަ މިހާރު މިދަނީ.”

ޝަރަފް އައިސް ޒޯޔާގެ ގޭގެ ދޮރުގައި ޓަކި ޖެހިއެވެ. ޒޯޔާ ދޮރު ހުޅުވާލިއިރު އޭނާ ހުރީ ތައްޔާރުވެގެންނެވެ.

“ހިނގާ ދާން،” ޒޯޔާ ބުންޏެވެ.

“ދަރިފުޅު ކޮބާ؟” ޝަރަފް އަހާލިއެވެ.

“އޭނާ އޮތީ ނިދާފަ. އަމީން މިހާރު އަންނާނެ. އަހަރެން ބޭނުމީ ހަމައެކަނި ކުޑަ ވަގުތުކޮޅަކަށް މިތަނުން ދުރަށް ދާން،” ޒޯޔާ ދޮގު ހެދިއެވެ.

ޝަރަފްއާއެކު ޒޯޔާ ސައިކަލުގައި ދިޔައީ ހުޅުމާލޭގެ އެންމެ އެކަހެރި ސަރަހައްދަށެވެ. އެތަނަށް ގޮސް އޭނާ ޝަރަފްއާ ވަރަށް ގާތްކޮށް ވާހަކަދައްކަން ފެށިއެވެ. އޭނާ ބޭނުންވީ އަމީނަށް މި މަންޒަރު ފެންނާށެވެ. އޭނާ ކުރިންވެސް އޮތީ އަމީނަށް އޭނާގެ ލޮކޭޝަން ފޮނުވާފައެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އަމީންގެ ކާރު އެތަނަށް އައިސް މަޑުކޮށްލިއެވެ. އަމީން ކާރުން ފޭބިއިރު އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ދެރަވުމެވެ.

“ޒޯޔާ! ތިއީ ކޮން ކަމެއް؟” އަމީން ހަޅޭއްލަވައިގަތެވެ.

ޒޯޔާ ޝަރަފްގެ އަތުގައި ހިފާލިއެވެ. “މިއީ އަހަރެންގެ އުފަލަކީ. ކަލޭގެ ކައިރީގަ އަހަރެން ހުންނަނީ މަރުވާން ކައިރިވެފަ.”

ޝަރަފް ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. އޭނާއަށް މިވަނީ ކީއްކަމެއް ނޭނގެއެވެ.

“އަމީން، ޓްރައި ޓު އަންޑަސްޓޭންޑް. މިއީ މަ ހީކުރި ގޮތެއް ނޫން…”

“ކަލޭ ހަނުހުރޭ!” އަމީން ޝަރަފްއާ ދިމާލަށް ފުންމައިގަތެވެ. ދެމީހުންގެ ދެމެދުގައި ބޮޑު މާރާމާރީއެއް ހިނގަން ފެށިއެވެ.

ޒޯޔާ އެ މަންޒަރު ބަލަން ހުރީ ހިނިތުންވުމަކާއެކުއެވެ. އޭނާގެ ރޭވުން ކާމިޔާބުވަނީއެވެ. އޭނާ ބޭނުންވަނީ އަމީން އޭނާދެކެ ފޫހިވާށެވެ. އޭނާދެކެ ރުޅި އަންނާށެވެ. އޭރުން އޭނާ މަރުވުމުން އަމީނަށް މާ ބޮޑު ދެރައެއް ނުލިބޭނެއެވެ.

ނަމަވެސް ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ޝަރަފް ދޫކޮށްލާފައި އަމީން އައިސް ޒޯޔާގެ ކުރިމަތީގައި ކަކޫ ޖަހާފައި އިށީނދެ ރޯން ފެށިއެވެ.

“ޒޯޔާ… މަށަށް އެނގޭ ޒޯޔާ މި ހުރިހާ ކަމެއް ތި ކުރަނީ އަހަރެން ޒޯޔާ ދެކެ ފޫހިކުރުވަންކަން. މަށަށް އެނގޭ ޒޯޔާގެ ހިތުގަ ހިނގާ ކަންތައްތައް. އަހަރެން މިއީ ނުބައި ފިރިއެއް. މަށަށް ޒޯޔާގެ އެކަނިވެރިކަން އިހުސާސް ނުކުރެވުނީ. އެކަމަކު އާދޭސްކޮށްފަ ބުނަން، އަހަރެން ދޫކޮށްފަ ނުދޭ. ތި ބޭސްތައް ކައިގެން އަމިއްލައަށް މަރުވާން ނޫޅެބަލަ ޕްލީޒް،” ޒޯޔާގެ އަތުގައި އޮތް ގުޅަބޭސްތަކަށް އިޝާރާތްކޮށް އަމީން ގިސްލަމުން ބުންޏެވެ.

ޒޯޔާގެ ހިތް މަޑުވިއެވެ. އޭނާގެ އަތުގައި އޮތް ބޭސް ގުޅަތައް ބިންމައްޗަށް ދޫކޮށްލެވުނެވެ. އޭނާ ރޭވީ މިރޭ އެ ހުރިހާ ބޭހެއް ކައިގެން މަރުވާށެވެ.

އާ ފެށުމެއް

އެ ހާދިސާއަށްފަހު ޒޯޔާގެ ދިރިއުޅުން ބަދަލުވާން ފެށިއެވެ. އަމީން އޭނާގެ ވަޒީފާއިން ދިގު ޗުއްޓީއެއް ނެގިއެވެ. އޭނާއަށް ވިސްނުނީ އާއިލާއަކީ ހަމައެކަނި ފައިސާ ހޯދައިދިނުން ނޫންކަމާއި، އަނބިމީހާގެ ނަފްސާނީ ދުޅަހެޔޮކަމަކީ މުޅި ގޭގެ އުފާވެރިކަމާ ގުޅިފައިވާ ކަމެއް ކަމެވެ.

މިވެސް ކިޔާލަން:  އިންތިހާ - ކުރު ވާހަކަ

“ޒޯޔާ، އަހަރެމެން މިއަދު ދާނީ ހުޅުމާލޭގެ އަނެއް ފަރާތަށް ހިނގާލަން،” އަމީން ހިނިތުންވުމަކާއެކު ބުންޏެވެ. އޭނާ މިހާރު އީލާކްގެ ކަންތައްތަކުގައި ޒޯޔާއަށް އަމަލީގޮތުން އެހީތެރިވެއެވެ. ނެޕީ ބަދަލުކުރުމާއި، ކުއްޖާ ނިންދުމަކީ މިހާރު ދެމީހުން ހިއްސާވާ މަސައްކަތްތަކެވެ.

ނަމަވެސް ޒޯޔާގެ ހިތުގެ އަޑީގައި އަދިވެސް އެ އަނދިރިކަން ކޮންމެވެސް މިންވަރަކަށް ހުއްޓެވެ. ބައެއް ރޭރޭ އޭނާއަށް ހޭލެވެނީ ބިރުވެރި ހުވަފެންތަކެއް ފެނިގެންނެވެ. އޭނާއަށް ހީވަނީ އޭނާގެ ހަށިގަނޑުގެ ތެރޭގައި އެހެން މީހަކު އުޅޭހެންނެވެ. އެއީ އޭނާގެ ހުރިހާ އުފަލެއް ފޭރިގަންނަން އުޅޭ “ޝައިތާނެއް” ފަދަ އިހުސާސެކެވެ.

“ޒޯޔާ، ކިހިނެއްވީ؟” އަމީން އަހާލިއެވެ.

“މަށަށް ހީވަނީ… މަ އަދިވެސް މުޅިން ރަނގަޅެއް ނުވެޔޭ. ބައެއް ފަހަރު އަހަރެން ބޭނުންވަނީ ހަމަ މިހާރު މިތަނުން ފުންމާލަން،” ޒޯޔާ ތުރުތުރުލާ އަޑަކުން ބުންޏެވެ.

އަމީން ޒޯޔާގެ އަތުގައި ބާރަށް ހިފާލިއެވެ. “ދޫނީ…. އަހަރެން މިހުރީ ޒޯޔާއާ އެކުގައޭ. އަހަރެމެން އެކުގަ މިކަމުން ސަލާމަތްވާނަން. މާދަމާ އަހަރެމެން ތެރަޕީއަށް ދާނަން.”

ތެރަޕީ ސެޝަންތަކުގެ ތެރެއިން ޒޯޔާއަށް އޭނާގެ އިހުސާސްތައް ބޭރުކުރަން ދަސްވިއެވެ. އޭނާގެ މަންމައާއި، އަމީންގެ މަންމަގެ ފަރާތުން ލިބުނު ފިއްތުންތަކާއި، މުޖުތަމައު އަންހެނުންގެ މައްޗަށް ބާއްވާ ބޮޑެތި އުއްމީދުތަކުގެ ސަބަބުން އޭނާގެ ނަފްސު ބަލިކަށިވި ގޮތް އޭނާ ކިޔައިދިނެވެ.

“އަހަރެން ބޭނުންވީ ‘ޕާފެކްޓް’ މަންމައަކަށް ވާން. އެކަމަކު އެކަން ކުރަން އުޅުމުގެ ތެރޭގައި އަހަންނަށް ‘ޒޯޔާ’ ގެއްލުނީ،” އޭނާ ޑޮކްޓަރަށް ކިޔައިދިނެވެ.

މަސްތަކެއް ފާއިތުވެގެން ދިޔައެވެ. ޒޯޔާ މަޑުމަޑުން އޭނާގެ ކުރީގެ ރޫހަށް އެނބުރި އަންނަން ފެށިއެވެ. އޭނާ އަލުން ފޮތް ކިޔަން ފެށިއެވެ. އަދި އޮންލައިންކޮށް ކުޑަ މަސައްކަތެއް ކުރަން ފެށިއެވެ. އީލާކްގެ ހިނިތުންވުމަކީ މިހާރު އޭނާއަށް ބިރެއް ނޫނެވެ. އެއީ އޭނާގެ ދިިރިހުރުމުގެ އުންމީދެވެ.

އެއްދުވަހަކު ހަވީރު، ޒޯޔާއާއި އަމީން އީލާކް ގޮވައިގެން ޕާކުގައި ތިއްބެވެ. ދުރުން ޝަރަފް ހިނގާލާފައި ދަނިކޮށް ފެނުނެވެ. ޝަރަފް ފެނުމުން ޒޯޔާގެ ހިތުގައި ކުރިން އުފެދުނު ކަހަލަ ނުތަނަވަސްކަމެއް ނުއުފެދުނެވެ.

“އަމީން، ބަލާބަލަ އެހެރީ ޝަރަފް،” ޒޯޔާ ބުންޏެވެ.

އަމީން އެދިމާއަށް ބަލާލާފައި ހިނިތުންވެލިއެވެ. “އާނ. އޭނާއަށްވެސް މާފުކުރަން ޖެހޭނެ. އޭނާއަކީވެސް ޒޯޔާގެ ހާލަތު އޮޅިފަ ހުރި މީހެއް.”

ޝަރަފް އެމީހުންގެ ކައިރިއަށް އައެވެ. “ޒޯޔާ، އަމީން. ދެމީހުން ފެނުމުން ވަރަށް އުފާވެއްޖެ. ޒޯޔާ މިހާރު ވަރަށް ރަނގަޅުހެން ހީވޭ.”

“ޝަރަފް، އެދުވަހު ކަންތައްވީ ގޮތުން މާފަށް އެދެން،” ޒޯޔާ އިސްދަށަށް ޖަހައިގެން ހުރެ ބުންޏެވެ. “އަހަރެން އޭރު ހުރީ ވަރަށް ބޮޑަށް ބަލިވެ.”

“އެންމެ ރަނގަޅު. މުހިންމީ މިހާރު ތި ދެމީހުން އެކުގަ އުފަލުގަ ތިބިކަން،” ޝަރަފް ބުންޏެވެ.

އެރޭ ގެއަށް އައިސް ޒޯޔާ އޭނާގެ ޑައިރީގައި ލިޔުނެވެ. “ލޯތްބަކީ ހަމައެކަނި އުފާވެރި ވަގުތުތަކެއް ނޫނެވެ. އެއީ އެކަކު އަނެކަކުގެ އަނދިރިކަމުގެ ތެރޭގައި ބައްތިއެއް ފަދައިން މަގުދައްކައިދިނުމެވެ. އަހަރެން މަރުވާން ބޭނުންވި އެ ލޯބި، މިއަދު އަހަރެން ދިރިހުންނަން ދަސްކޮށްދީފިއެވެ.”

ޒޯޔާ ކޮޓަރިއަށް ވަތްއިރު އަމީން އޮތީ އީލާކް ގޮވައިގެން ނިދާފައެވެ. އޭނާ އެ ދެމީހުންގެ މޫނަށް ބަލާލިއެވެ. އޭނާގެ ހިތުގައި މިހާރު ވަނީ އަމާންކަމެވެ. އޭނާ ބެލްކަންޏަށް ނުކުމެ، ދުރުން ފެންނަ ކަނޑުގެ ރާޅުތަކަށް ބަލާލިއެވެ. ހަނދުގެ އަލި މިހާރު އޭނާއަށް ސިފަވަނީ އުންމީދުގެ ނިޝާނެއްގެ ގޮތުގައެވެ.

” މަރުދޭށިއޭ ޖާނާ” އޭނާ މަޑުމަޑުން ބުނެލިއެވެ. އެއީ އޭނާގެ ހިތުގައި އޮތް ބިރުވެރިކަމާއި، ނަފްރަތާއި، ބަލިމަޑުކަމަށް އަމާޒުކޮށް ބުނެލި ބަހެކެވެ. އެކަންކަން މިހާރު އޭނާގެ ހިތުން މަރުވެއްޖެއެވެ. ދިރިހުރީ ހަމައެކަނި އާ، ސާފު، އަދި ވަރުގަދަ ލޯތްބެކެވެ.

މުޅި ހުޅުމާލެއަށް ހަމަހިމޭންކަން ވެރިވެފައިވާއިރު، ޒޯޔާގެ ދިރިއުޅުމުގެ އާ ބާބެއް ފެށުނީއެވެ. މިއީ ހަމައެކަނި ނިމުމެއް ނޫނެވެ. މިއީ ހަގީގީ ދިރިއުޅުމުގެ ކާމިޔާބީގެ ފެށުމެވެ.

ނިމުނީ

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top