1970 ވަނަ އަހަރު ދީފައިވާ އިންޓަވިއުއެއްގައި ދިލީޕް ކުމާރު ހާމަކުރެއްވި ގޮތުގައި، އޭނާގެ ބައްޕައަކީ ފިލްމީ ދާއިރާއަށް ނުހަނު ދެކޮޅުވެރި ބޭފުޅެކެވެ. އޭގެ ތެރޭގައި އޭނާގެ ގާތް އެކުވެރިޔާ ޕްރިތުވީރާޖް ކަޕޫރުގެ ދަރިފުޅުގެ އެކްޓިން ކެރިއަރުވެސް ހިމެނެއެވެ.
މިއަދުވެސް މަރުހޫމް އެކްޓަރު ދިލީޕް ކުމާރުގެ އެންމެ ގާތް މީހުންނާއި، އޭނާގެ އަނބިކަނބަލުން ސާއިރާ ބާނޫ، އޭނާއަށް މުޚާތަބު ކުރަނީ އުފަން ނަން ކަމަށްވާ ޔޫސުފް ޚާންގެ ނަމުންނެވެ. އޭނާ އުފަންވީ ޔޫސުފް ޚާންގެ ނަމުގައި ކަމަށްވީ ނަމަވެސް، ފިލްމީ ދާއިރާގައި އެ ނަން ދުވަހަކުވެސް ބޭނުންކޮށްފައެއް ނުވެއެވެ. އޭނާ ފިލްމީ ދާއިރާއަށް ތަޢާރަފްވީ 1944 ވަނަ އަހަރު އަމިޔާ ޗަކްރަވަރުތީގެ “ޖްވާރް ބާޓާ” އިން ދިލީޕް ކުމާރުގެ ނަމުގައެވެ.
ދިލީޕް ކުމާރު އޭނާގެ އުފަން ނަން ބަދަލުކުރީ ކީއްވެ؟
“އަހަރެން މި ނަން (ދިލީޕް ކުމާރު) އިޚްތިޔާރު ކުރީ ތަޅައިގަނެފާނެ ކަމުގެ ބިރަށްޓަކައި.” 1970 ވަނަ އަހަރު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ދިލީޕް ކުމާރު ހާމަކުރިއެވެ. “އަހަރެންގެ މަރުހޫމް ބައްޕައަކީ ފިލްމު ކުޅުމާ ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއް. ބައްޕަގެ ގާތް އެކުވެރިއެއް ކަމަށްވާ ލާލާ ބަޝޭޝަރު ނާތުގެ ދަރިފުޅު ޕްރިތުވީރާޖް ކަޕޫރުވެސް ފިލްމު ކުޅޭތީ، ބައްޕަ އޭނާއާ ޝަކުވާ ކުރާނެ: “ތި ކުރަނީ ކީއް؟ ބަލާބަލަ ތިހިރަ ހަށިގަނޑު ވަރުގަދަ ފިރިހެން ދަރިފުޅު ކުރާ މަސައްކަތް.” އެކްޓަރު ހަނދާން އާކުރިއެވެ.
މަޝްހޫރު އެކްޓަރު ޕްރިތުވީރާޖް ކަޕޫރު ވަނީ 1960 ވަނަ އަހަރުގެ ކާމިޔާބު ފިލްމު “މުގަލޭ އާޒަމް” ގައި ދިލީޕް ކުމާރާއެކު މަސައްކަތް ކޮށްފައެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ދިލީޕް ކުމާރުގެ ކެރެކްޓަރ (ޕްރިންސް ސަލީމް) ގެ ބައްޕަ، އަކްބަރު ރަސްގެފާނުގެ ރޯލެވެ. ދިލީޕް ކުމާރާއި ޕްރިތުވީރާޖަކީ ޕާކިސްތާނުގެ ޕެޝާވަރުގެ އެއް އަވަށަކަށް ނިސްބަތްވާ ދެމީހުންނެވެ. އަދި ޕްރިތުވީރާޖްގެ ދަރިފުޅު ރާޖް ކަޕޫރަކީ ދިލީޕް ކުމާރުގެ ކުޑައިރުގެ އެކުވެރިއެކެވެ.
“އެހެންކަމުން އަހަރެން ފިލްމީ ދާއިރާއަށް ވަންއިރު، ބައްޕަގެ ފަރާތުން އަތުވެދާނެ ފާޑުކިޔުމަކަށް ބިރުގަތް. ބައްޕައަކީ ޕަޓާނަކަށް ވީތީ ވަރަށް އަވަހަށް ރުޅިއަންނަ މީހެއް. ބައްޕައަށް މިކަން އެނގިއްޖެނަމަ ވަރަށް ބޮޑަށް ކޯފާވާނެ ކަމުގެ ބިރު އޮތް. އެ ދުވަސްވަރު އަހަންނަށް ދެތިން ނަމެއް ހުށަހެޅުނު. ޔޫސުފް ޚާން، ދިލީޕް ކުމާރު ނުވަތަ ބާސުދޭވް. އަހަރެން ބުނިން ޔޫސުފް ޚާން ނޫން ކޮންމެ ނަމެއްވެސް ރަނގަޅޭ. އޭގެ ދެތިން މަސް ފަހުން އިސްތިހާރަކުން އަހަރެންގެ ނަން ފެނުނީމަ އެނގުނީ އަހަންނަށް ދިލީޕް ކުމާރުގެ ނަން ދެވިއްޖެކަން.” އޭނާ އިތުރަށް ކިޔައިދިނެވެ.
އޭނާއަށް “ދިލީޕް ކުމާރު” ގެ ނަން ދިނީ ކާކު؟
2014 ވަނަ އަހަރު ނެރުނު އޭނާގެ އަމިއްލަ ވަޔަސް، “ދަ ސަބްސްޓެންސް އެންޑް ދަ ޝެޑޯ” ގައި ހާމަކޮށްފައިވާ ގޮތުގައި، މި ނަން ހުށަހެޅީ ބޮމްބޭ ޓޯކީޒްގެ ވެރިޔާ އަދި މަޝްހޫރު ބަތަލާ ދޭވިކާ ރާނީއެވެ. ދޭވިކާ ޤަބޫލުކުރި ގޮތުގައި “ދިލީޕް ކުމާރު” މި ނަން އޭނާގެ ރޮމޭންޓިކް ތަސްވީރާ މާ ބޮޑަށް ގުޅެއެވެ.
“ދޭވިކާ ބުނި: ޔޫސުފް، އަހަރެން ވިސްނަނީ ކަލޭ އެކްޓަރެއްގެ ގޮތުގައި ތަޢާރަފްކުރާއިރު ފިލްމީ ނަމެއް ބޭނުންކުރުން ރަނގަޅުވާނެ ކަމަށް. ބެލުންތެރިންނާ ގުޅޭ، އަދި ކުރިއަށް އޮތް ތަނުގައި ކަލޭގެ ރޮމޭންޓިކް އިމޭޖާ ގުޅޭނެ ނަމެއް ބޭނުންކުރުން މުހިންމު.” ދިލީޕް ކުމާރު އޭނާގެ ފޮތުގައި ލިޔެފައިވެއެވެ.
ދޭވިކާ ރާނީ ދިލީޕް ކުމާރު ކައިރީގައި އެހިއެވެ. “އަހަންނަށް ހީވަނީ ދިލީޕް ކުމާރަކީ ވަރަށް ރީތި ނަމެއްހެން. ކަލެއަށް އެ ނަން ކިހިނެއް ހީވޭ؟”
މި ހުށަހެޅުމަކީ ތާރީޚީ ނިންމުމަކަށް ވެގެންދިޔައެވެ. ދިލީޕް ކުމާރު ވެގެންދިޔައީ އިންޑިއާގެ ސިނަމާ ދުށް އެންމެ ވަރުގަދަ އެއް ޝަޚްސިއްޔަތަށެވެ. “ޕަދްމާ ވިބޫޝަން” އެވޯޑް ހާސިލްކޮށްފައިވާ މި ލެޖެންޑަރީ އެކްޓަރު ދުނިޔެ ދޫކުރީ 2022 ވަނަ އަހަރު، އުމުރުން 98 އަހަރުގައެވެ.
