ބަސްނާހާ ހިތް
ކިޔާރާ ބާރު ހިނގުމެއްގައި ނަރުހުން ހެދުން ބަދަލުކުރާ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ފައިލު އަތްދަށަށް ޖަހާލައިގެން ހުރިއިރު، އޭނާ އަމިއްލަ ނަފުސަށް ވިސްނައިދެމުން ދިޔައީ މިއީ ހަމައެކަނި އާދައިގެ ޑިއުޓީއެއް ކަމަށެވެ. އެއަށްވުރެ އިތުރު ކަމެއް ނޫން ކަމަށެވެ.
އޭނާ މީގެ ކުރިންވެސް އެތައް ފަހަރަކު ގޭގެއަށް ގޮސް ބަލިމީހުން ބަލާފައިވެއެވެ. އުނަގަނޑުގެ އޮޕަރޭޝަން ކޮށްގެން ފަސޭހަވަމުންދާ އުމުރުން ދުވަސްވީ މީހުން ބަލަން ގޮސްފައިވެއެވެ. ހަކުރު ބަލީގެ ސަބަބުން ފައިގައި އުފެދޭ ފާރުގަނޑުތަކުގެ ބޭސްގަނޑު ބަދަލުކޮށްދީފައިވެއެވެ. ލޭގެ ޕްރެޝަރު ބަލައި، ފަހާފައި ހުރި ރޮދިތައް ނައްޓައި، އާއިލާތަކަށް ބޭނުންވާ މަޢުލޫމާތު ދީ، ބަލިމީހުން ރަނގަޅުވަމުންދާ މިންވަރު ނޯޓުކޮށްފައިވެއެވެ.
ބަލިމީހުންނަކީ ބަލިމީހުންނެވެ. މަސައްކަތުގެ އަޚްލާޤަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް މިއަދު.. މިއަދު އޭނާގެ ހިތުގެ ތެޅުން ތަފާތުވަނީ ކީއްވެ ހެއްޔެވެ؟
ހެދުން ބަދަލުކުރާ ކޮޓަރި އޮތީ ހިމޭންކޮށެވެ. ދުވާލު ޑިއުޓީގައި އުޅުނު ގިނަ ނަރުހުން މިހާރު ތިބީ އެމީހުންގެ މަސައްކަތުގައެވެ. ކިޔާރާ ފަރުވާތެރިކަމާއެކު ފައިލު ބެންޗެއްގެ މަތީގައި ބޭއްވުމަށްފަހު، ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އޭނާ މަޑުޖެހިލިއެވެ. ވަރަށް ގިނަ ދުވަސްތަކަކަށްފަހު، އޭނާއަށް އަމިއްލަ ނަފުސަށް ފުންކޮށް ބަލާލެވުނެވެ.
އެއީ ހަމައެކަނި ޔުނީފޯމް ރަނގަޅުތޯ ބަލާލާ ބަލާލުމެއް ނޫނެވެ. ނުވަތަ އައިޑީ ކާޑު އިނީ ސީދާކޮށްތޯ ބަލާލާ ބަލާލުމެއްވެސް ނޫނެވެ. އޭނާ ހަޤީޤަތުގައިވެސް އަމިއްލަ ސޫރައަށް ބަލާލީއެވެ.
ރޭގައި ރަނގަޅަށް ނިދި ލިބުނު ކަމުގައިވިޔަސް، ލޮލުގެ ދަށުގައި އަދިވެސް ވަރުބަލިކަމުގެ ނިޝާންތައް ހުއްޓެވެ. އިރުއެރުމުގެ ކުރިން އަވަސްއަރުވާލާފައި އައްސާލި އިސްތަށިގަނޑުން ބައެއް އިސްތަށިތައް ވަނީ ނުކުމެފައެވެ. ތެތްފިނި މޫސުމުގެ ސަބަބުން އިސްތަށިގަނޑުގެ ކޮޅުތައް ހުރީ ކުރަކިވެފައެވެ.
އޭނާ މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެންގެ އިސްތަށިގަނޑު މިހާ ހަޑިވީ ކޮން އިރަކު؟”
އެއީ ބޮޑާކަމެއް ނޫނެވެ. ނުވަތަ އޭނާއަށް ހީވީ އެހެންނެވެ. އާންމުކޮށް އޭނާ އެފަދަ ކަންކަމާ އަޅައެއް ނުލައެވެ. ސާފުތާހިރުކޮށް، އަދި އަދަބުވެރިކޮށް ހުރުމުން އޭނާއަށް އަބަދުވެސް ފުދެއެވެ. ބަލިމީހުން އޭނާގެ އިސްތަށިގަނޑު ހުރި ގޮތަކަށް ނުބަލާނެއެވެ. ޑޮކްޓަރުން އޭނާގެ މޭކަޕަކަށް ފާޑެއް ނުކިޔާނެއެވެ. އެމަޖެންސީގައި އުޅޭ އެއްވެސް މީހަކަށް އެފަދަ ކަންކަމަށް ސަމާލުކަން ދޭނެ ވަގުތެއް ނޯންނާނެއެވެ.
ނަމަވެސް މިއަދު.. އޭނާއަށް އިސްތަށިގަނޑު ރީތިކުރެވެން ފެށުނެވެ. އެކި ގޮތްގޮތަށް އިސްތަށިގަނޑު ރަނގަޅު ކުރެވެން ފެށުނެވެ. އޭނާ އަމިއްލަ ނަފުސަށް ހީނލިއެވެ. “ކިޔާރާ. ތި ކުރަނީ ކީއް؟”
އެއްވެސް ޖަވާބެއް ނުލިބުނެވެ. ލޯގަނޑުން ފެންނަން ހުރީ ނޫކުލައިގެ ޔުނީފޯމެއްގައި ހުރި، ކުޑަކޮށް މޫނު ރަތްވެފައި ހުރި އަންހެނެކެވެ. އޭނާ ފިނި ފެނުން މޫނު ދޮވެލިއެވެ. އެއާއެކު ޑިއުޓީގެ ވަރުބަލިކަން ފިލައިގެން ދިޔަ ކަހަލައެވެ.
އޭނާ އޭނާގެ ލޮކަރުން މޮއިސްޗަރައިޒާ ފުޅި ނެގިއެވެ. އެއީ އޭނާ ވަރަށް މަދުން ނޫނީ ބޭނުންކުރާ އެއްޗެއް ނޫނެވެ. ކުޑަ މިންވަރެއް ކޮލުގައާއި ނިތްކުރީގައި އުނގުޅާލިއެވެ. އަދި އޭނާގެ ދަބަހުގެ އަޑީގައި އޮތް ކުޑަ މޭކަޕް ދަބަސް ނެގިއެވެ. އެއީ އަތްނުލާތާ މަސްތަކެއް ވެފައިވާ އެއްޗެކެވެ.
ލޮލުގެ ދަށުގައި ހުރި ކަޅުކަން ފޮރުވާލުމަށް ކޮންސީލާ ކޮޅެއް ހާކާލިއެވެ. އަދި ކުޑަކޮށް ފުށް ޖަހާލިއެވެ. އެއީ މީހަކަށް ފާހަގަވާވަރުގެ ބޮޑު ބަދަލެއް ނޫނެވެ.
އޭނާ އަމިއްލަ ނަފުސަށް ބުނެލިއެވެ. “ތީ ޓްރޯމާ ނަރުހެއް. ފިލްމީ ތަރިއެއް ނޫން.”
އެހެންނަމަވެސް، އޭނާ ލިޕް ބާމް ނެގިއެވެ. އޭގެ މީރުވަހާއެކު އޭނާގެ ތުންފަތަށް ދިރުމެއް އަތުވެއްޖެއެވެ.
އޭނާ ގަޑި އެޅުމަށްފަހު، ލޮކަރުގެ ކަނެއްގައި ހުރި ސެންޓު ފުޅި ނެގިއެވެ. އާންމުކޮށް އޭނާ ވަޒީފާއަށް އަންނައިރު ސެންޓު ނުޖަހައެވެ. ނަމަވެސް މިހާރު އޭނާ މިއުޅެނީ ހޮސްޕިޓަލުގެ އެތެރޭގައެއް ނޫނެވެ. އޭނާ އަތުގެ ކުރީގަޔާއި ކަރުދޮށަށް ސެންޓު ޖަހާލިއެވެ. އޭގެ މީރުވަސް މުޅި ތަނަށް ފެތުރިގެން ދިޔައެވެ.
“ކިހިނެއްވެގެން ތިއުޅެނީ؟” އޭނާ މަޑުމަޑުން ބުނެލިއެވެ.
އެތައް އަހަރެއް ވަންދެން އޭނާ އުޅުނީ މީހުންގެ ސަމާލުކަން ނުލިބޭނެ ގޮތަށެވެ. ކުޑައިރުވެސް ކްލާހުގައި ހުރި އެންމެ އިސްކޮޅުން ދިގު ކުއްޖާއަށްވުމުން އޭނާއަށް މީހުންގެ ސަމާލުކަން ލިބެއެވެ. އަދި އެހެން ކުދިންނަށްވުރެ ހަށިގަނޑު ބޮޑުވުމުން އެކަން އިތުރަށް ގޯސްވިއެވެ.
“ހިކިއްޖެއްޔާ ވަރަށް ރީތިވާނެ.”
“މޫނު ވަރަށް ރީތި، އެކަމަކު ހިކިނަމަ..”
މިފަދަ ކޮންމެ ތަޢުރީފަކާއެކު އުނިކަމެއްގެ އިޙުސާސް އޭނާއަށް ކުރެވެމުންދިޔައެވެ. އެހެންކަމުން، ލޯގަނޑުން އަމިއްލަ ސޫރަ ބެލުމުގެ ބަދަލުގައި އޭނާ އިޚްތިޔާރުކުރީ އެކަމުން ދުރުހެލިވުމަށެވެ. އަމިއްލަ ސޫރައަށްވުރެ ބޮޑަށް އޭނާ އިސްކަންދިނީ އޯގާތެރިކަމާއި، ހުނަރުވެރިކަމާއި، ހަމްދަރުދީއަށެވެ. އެއީ އޭނާގެ ބާރުގެ ދަށުގައިވާ ކަންކަމެވެ. އެހެން ހުރިހާ ކަމަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ.
އޭނާ އަނެއްކާވެސް ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ބަލާލިއެވެ. ހަމަ އެ ކޮލެވެ. ހަމަ އެ ފުޅާ ކޮނޑެވެ. އެތައް އަހަރެއް ވަންދެން އޭނާ އަމިއްލަ ހަށިގަނޑާމެދު ލަދުވެތިވީ، އޭނާ ދުނިޔޭގައި ހުރުމަށްޓަކައި މާ ބޮޑު ޖާގައެއް ބޭނުންވާކަމަށް އިޙުސާސް ކުރެވިގެންނެވެ. އޭނާގެ ހަށިގަނޑަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ނަމަވެސް.. ކޮންމެވެސް ތަފާތެއް ހުރިކަމުގެ އިޙުސާސް އޭނާއަށް ކުރެވެއެވެ.
އެއީ އޭނާގެ މޫނަށް ނުވަތަ ޔުނީފޯމަށް އައި ބަދަލެއް ނޫނެވެ. އެ ތަފާތު ހުރީ މާ ފުން ދިމާއެއްގައެވެ. ލޯގަނޑަކުން ދައްކައިދޭނެ ފަދަ ތަފާތެއް ނޫނެވެ. އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް އޭނާއަށް އަމިއްލަ ނަފުސު ފެންނަނީ މީހުން ކިޔާފައިވާ ފާޑުކިޔުންތަކުގެ ތެރެއިންނެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް ފެންނަނީ ނުރައްކާތެރި ހާލަތްތަކުގައިވެސް ފަސްޖެހުމެއްނެތް ހިތްވަރުގަދަ އަންހެނެކެވެ. ބިރުގެންފައި ތިބޭ ބީރައްޓެހިންނަށް ހިތްހަމަޖެހުން ހޯދައިދޭ، އަދި ކޮންމެ ދުވަހަކުވެސް އޯގާތެރިކަމާއެކު ޚިދުމަތަށް ނުކުންނަ އަންހެނެކެވެ.
ފަހަރުގައި ރީތިކަމަކީ ހަށިގަނޑުގެ ބައްޓަމުގައިވާ އެއްޗެއް ނޫންކަން އޭނާއަށް އިޙުސާސް ކުރެވުނީއެވެ. އެއީ އޭނާގެ ރޫޙުގައިވާ ކަމެކެވެ. އޭނާ ހިނިތުންވެލިއެވެ. އެއީ ލޯގަނޑުން ފެންނަ ސޫރަ ތަފާތުވުމުންނެއް ނޫނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް އޭނާގެ ހަޤީޤީ ސޫރަ އޭނާއަށް ފެނުމުންނެވެ. އޯގާތެރިކަމުން އުޖާލާވެފައިވާ، ހިތްވަރުން ވަރުގަދަވެފައިވާ ރޫޙެކެވެ.
ކިޔާރާ ބަލިމީހާގެ ފައިލު ނަގައި، ފުން ނޭވާއެއްލުމަށްފަހު ހެދުން ބަދަލުކުރާ ކޮޓަރިން ނުކުތެވެ. އޭނާ އެ ކޮޓަރިއަށް ވަން އިރަށްވުރެ ނުކުތްއިރު މާ ރީއްޗެވެ. އެއީ އޭނާގެ ސޫރައަށް އައި ބަދަލަކުން ނޫނެވެ. ނަމަވެސް އޭނާގެ އެތެރެހަށީގައި އުފެދުނު ބަދަލެއްގެ ސަބަބުންނެވެ.
**********
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުން ވަންނަ ދޮރުމަތީގައި ކަޅުކުލައިގެ ކާރެއް މަޑުކޮށްލައިގެން އޮތެވެ. ޖުލައި މަހުގެ ކުއްލި ވާރޭކޮޅަކަށްފަހު، ވިލާގަނޑުގެ ތެރެއިން ފޭދިގެން އައި އިރުގެ އުޖާލާކަން އެ ކާރުގެ އޮމާން ބޭރުފުށުން ފެންނަން ހުއްޓެވެ. ކިޔާރާ އަންނަތަން ފެނުމާއެކު، ޑްރައިވަރު ކާރުން ފޭބުމަށްފަހު ވަރަށް އަދަބުވެރިކަމާއެކު ފަހަތު ސީޓުގެ ދޮރު ހުޅުވައިދީ، އިޙުތިރާމާއެކު ބޯޖަހާލިއެވެ.
“ބާއްޖަވެރި މެންދުރުފަހެއް، މިސް ކިޔާރާ.”
އަދަބުވެރިކަމާއެކު ސަލާމް ބަލައިގަތުމަށްފަހު، ކިޔާރާ ކާރަށް އަރައި އޭނާގެ އަތުގައި އޮތް ބަލިމީހާގެ ފައިލު އުނގުމަތީގައި ބާއްވާލިއެވެ. މަޑުމައިތިރި އަޑަކާއެކު ކާރުގެ ދޮރު ލެޕުނެވެ. އިސާހިތަކު، މާލޭގެ މެންދުރުފަހުގެ ބާރުބޮޑު ޓްރެފިކްގެ ތެރެއަށް ކާރު ދުއްވާލިއެވެ.
ކިޔާރާ ކާރުގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިނެވެ. އޭނާއަށް ފެންނަމުންދިޔައީ އާދައިގެ މަތިން ފެންނަ މާލޭގެ މަގުމަތީގެ މަންޒަރުތަކެވެ. ކާރުތަކުގެ ދޭތެރެއިން ސައިކަލުތައް ދުއްވަމުންދިޔައެވެ. ސްކޫލް ނިމިގެން ގެއަށްދާ ކުދިން، އެކުދިންގެ ތަރުތީބު ގެއްލިފައިވާ ޔުނިފޯމްތަކާއެކު ހިނިތުންވަމުން ފެރީ ޓާމިނަލާ ދިމާލަށް ހިނގާފައި ދެއެވެ. ފިހާރަތަކުގެ ބޭރުގައި ތިބި މީހުން ދަންނަ ކަސްޓަމަރުންނަށް ސަލާމް ކުރަމުންދިޔައިރު، ކާރު މަޑުކޮށްލާ ކޮންމެ ފަހަރަކު ކައިރީގައި ހުރި ކެފޭތަކުން ދުވާ ތާޒާ ހެދިކާގެ މީރުވަސް ޖައްވުގެ ތެރޭގައި ހިފާލާފައި ހުއްޓެވެ. ބޭރުން ފެންނަ ކޮންމެ މަންޒަރަކީވެސް ވަރަށް އާދައިގެ، އަމާން މަންޒަރެކެވެ. ނަމަވެސް، އޭނާގެ ހިތުގެ ހާލަތު އާދައިގެ ގޮތަކަށް ނެތެވެ.
ޑރ. މަހްމޫދު އޭނާގެ އަތަށް އެ ފައިލު ދިން ވަގުތުން ފެށިގެން، ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. މިހާރުވެސް އޭނާގެ ހިތް ތެޅެމުންދަނީ އޭނާއަށް ބުނެދޭން ނޭނގޭ އަދި ބޭނުންވެސް ނުވާ ކަހަލަ އަވަސްމިނެއްގައެވެ. އޭނާ ހަމަޖެހިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ކިހިނެއްވެފައި ތި އިނީ؟” އަމިއްލަ ނަފުސާ ސުވާލުކޮށްލަމުން މަޑުމަޑުން ބުނެލިއެވެ.
ޖަވާބެއް ނުލިބުނެވެ. އިވެނީ ހަމައެކަނި ހިތުގެ ތެޅުމުގެ އަޑެވެ. އޭނާގެ ޚިޔާލަށް ޒިމާންގެ ނަން އަންނަ ކޮންމެ ފަހަރަކު މިހެން ދިމާވެއެވެ. ކޮންމެ ފަހަރަކުވެސްމެއެވެ.
(ނުނިމޭ)
