މިއީ ގޯތިތެރެއިން, ބަދިގެތެރެއިން ނުވަތަ ރަށު ތެރެއިން ފަސޭހައިން ލިބެން ހުންނަ ބައެއް ތަކެތި ބޭނުންކޮށްގެން ގޭގައި ދެވިދާނެ ބައެއް ގެވެށިފަރުވާ ތަކަށް އަލިއަޅުވާލާ ލިޔެފައިވާ ލިޔުމެކެވެ.
މުހިންމު ނުކުތާތައް:
🫚 ރީނދޫ، އިނގުރު، މިރުސް، ކާފޫރުތެޔޮ (ޔޫކަލިޕްޓަސް އޮއިލް)، ލެވެންޑާ އަދި ފޮނިތޮށި ކަހަލަ ތަކެއްޗަކީ ތަދު ކެނޑުމަށާއި، ދުޅަ ތިރިކުރުމަށާއި، މޭނުބައިކުރުމާއި ހަޖަމުކުރުމުގެ މައްސަލަތަކަށް އެހީތެރިވެދޭ ތަކެތިކަން ދިރާސާތަކުން ދައްކައެވެ.
🫚 އޯބަތަކީ މައިމީހާގެ ގާތުންދޭ ކިރު އިތުރުކޮށްދިނުމަށާއި ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން ޝިޓާކޭ މަޝްރޫމް އާއި މެގްނީޒިއަމް ގިނަ ކާނާ ބޭނުންކުރުމުން ދިފާއީ ނިޒާމު ވަރުގަދަވެ، ދުޅަހެޔޮކަން އިތުރުވެއެވެ.
🫚 މި ފަރުވާތަކަކީ ސައިންޓިފިކް ދިރާސާތަކުން އޭގެ ފައިދާ ފެނިފައިވާ ކަންކަމަށް ވީނަމަވެސް، މިއީ ހުރިހާ އެންމެންނަށް އެއްގޮތަކަށް މަސައްކަތްކޮށްފާނެ ކަންކަމެއް ނޫނެވެ. އެހެންކަމުން، ގަވާއިދުން މިފަދަ ފަރުވާތައް ބޭނުންކުރުމުގެ ކުރިން، ހާއްސަކޮށް ބައްޔަކަށް ބޭސްކުރާ ފަރާތެއް ނަމަ، ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ކޮންމެވެސް ދުވަހަކު މިފަދަ ގެވެށިފަރުވާއެއް ބޭނުންކޮށްފައިވާނެއެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހުމުން ބޭނުންކުރާ ހާބަލް ސައި ނުވަތަ ބޮލުގައި ރިއްސާތީ ބޭނުންކުރާ ތެޔޮ ފާހަގަކޮށްލެވެއެވެ. މި ފަރުވާތަކުން ހަށިގަނޑަށް ފައިދާވަނީ ސީދާ އޭގައި ހިމެނޭ މާއްދާތަކުންތޯ ނުވަތަ އެއީ ނަފްސާނީ ގޮތުން އިހުސާސްވާ ކަމެއްތޯ ބެލުމަށް ސައިންސްވެރިން ވަނީ ގިނަ ދިރާސާތަކެއް ކޮށްފައެވެ. މި ދިރާސާތަކުން އެނގުނު ގޮތުގައި، މިއީ ހަމައެކަނި ކުރީގެ މީހުން ދައްކާފައި ހުރި ވާހަކަތަކެއް ނޫނެވެ.
ސައިންސްގެ އަލީގައި ސާބިތުވެފައިވާ ބައެއް ފަރުވާތަކަކީ:
1- ތަދު ކެނޑުމަށާއި ދުޅަ ތިރިކުރުމަށް ރީނދޫ
ރީނދުލަކީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ބޭސްވެރިކަމަށް 4،000 އެއްހާ އަހަރު ވަންދެން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ރީނދޫގައި ހިމެނޭ ‘ކާކިއުމިން’ ނަމަކަށް ކިޔާ މާއްދާއަކީ ދުޅަވުމުގެ ސަބަބުން އުފެދޭ ތަދުތަކަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ހުޅުހުޅުގައި ރިއްސާ ބަލި (އާތުރައިޓިސް) ހުންނަ މީހުންނަށް އާދައިގެ ބޭސްބޭހަށްވުރެ ރީނދޫގެ މި މާއްދާއިން ލިބޭ ލުއި ބޮޑެވެ. މި ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި، ރީނދޫ ބޭނުންކުރާއިރު އަސޭމިރުސް ކޮޅެއް އެއްކޮށްލުމަކީ ހަށިގަނޑަށް އެ މާއްދާ ދަމައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ދުވާލަކު ތަށްޓެއް ބޯށެވެ.
ރީނދޫ ބޭނުންކޮށްގެން އެދެވޭ ނަތީޖާއެއް ފެންނާނީ ގަވާއިދުން ގިނަ ދުވަހު ބޭނުން ކުރުމުންނެވެ. ކޮންމެ ދުވަހަކު 1/2 ސައިސަމުސާ ނުވަތަ 1 1/2 ސައިސަމުސާ ރީނދޫ ބޭނުންކުރާނަމަ، ހަތަރު ހަފުތާއާއި އަށް ހަފުތާއާ ދެމެދުގެ މުއްދަތެއްގައި އޭގެ ފައިދާ ފާހަގަވާން ފަށާނެއެވެ.
2– ތަދު ކެނޑުވުމަށް މިރުސް
މިރުހުގައި ހިމެނޭ ‘ކެޕްސައިސިން’ އަކީ ތަދު ކެނޑުވުމަށް ބޭނުންކުރާ ވަރަށް މަގުބޫލު މާއްދާއެކެވެ. މިއީ ހަންގަނޑުގައި އުނގުޅުމުން އެ ތަނެއް ހޫނުވެ، އައްސިކޮށްލުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. މަސްގަނޑުގައި ރިއްސާނަމަ، ކާށި ތެލާއިލް ތެޅި މިރުސް އެއްކޮށްގެން ކްރީމެއް ތައްޔާރުކޮށްލެވިދާނެއެވެ. ނަމަވެސް، މޫނާއި ލޮލުގައި މި އުނގުޅުމުން ދުރުހެލިވާންވާނެއެވެ.
ކެޕްސައިސިން ހިމެނޭ ކާށިތެޔޮ ކްރީމް އަމިއްލައަށް ތައްޔާރުކުރާނެ ގޮތް:
🌶️ 1 ތަށި ކާށިތެލުގެ ތެރެއަށް 3 ސައިސަމުސާ ކެޔޭން ޕައުޑަރ (ތެޅި މިރުހުގެ ކުޅިމަޑު ވައްތަރެއް) އެއްކުރާށެވެ.
🌶️ މަޑުގިނީގައި ތެޔޮފޮދު ހިނދެންދެން ހޫނުކުރާށެވެ.
🌶️ 5 މިނެޓު ވަންދެން ރަނގަޅަށް އެއްކުރަމުން ކައްކާށެވެ.
🌶️ އުނދުންމަތިން ބޭލުމަށްފަހު، ތަށްޓަކަށް އަޅައި ގަނޑުވަންދެން ބަހައްޓާށެވެ.
🌶️ ފިނިވުމުން ހަންގަނޑުގައި މަސާޖުކުރުމަށް ބޭނުންކުރާށެވެ.
3- މޭނުބައިކުރުމާއި ތަދުތަކަށް އިނގުރު
އަރިދަފުސް ރޯގާ ޖެހުމުން ނުވަތަ މޭނުބައިކުރާނަމަ އިނގުރު ބޭނުންކުރުމަކީ ވަރަށް އާންމު ކަމެކެވެ. އިނގުރަކީ ދުޅަ ތިރިކުރުމުގެ ބާރުގަދަ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ބޮލުގައި ރިއްސާނަމަ ނުވަތަ މޭނުބައިކުރާނަމަ އިނގުރު ސައި ބޮއެލުމަކީ ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެކެވެ.
އިނގުރު ސައި ތައްޔާރުކުރާނެ ގޮތް:
🫚 ބައި އިންޗީގެ ރޯ އިނގުރުކޮޅެއް ގާނާލާށެވެ.
🫚 2 ތަށި ފެން ކެއްކި ފެނުގެ ތެރެއަށް ގާނާފައި ހުރި އިނގުކޮޅު އަޅާލާށެވެ.
🫚 5 މިނެޓާއި 10 މިނެޓާ ދެމެދުގެ ވަގުތަކަށް ބަހައްޓާށެވެ.
🫚 އެއަށްފަހު ލުނބޯ ހުތާއި، ރަހަ ހެޔޮވަރުކުރުމަށް މާމުއި ނުވަތަ އެގާވޭ ނެކްޓާ އަޅާށެވެ.
4- ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ޝިޓާކޭ މަޝްރޫމް
ޝިޓާކޭ މަޝްރޫމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރުވެސް ހުންނަ އެއްޗެކެވެ. ދުވާލަކު 5 އާއި 10 ގްރާމާ ދެމެދުގެ މިންވަރަކަށް މި ބޭނުންކުރުމުން އޭގެ ފައިދާ ފެންނަން ފަށާނެއެވެ.
5- ތަދު ކެނޑުމަށް ކާފޫރުތެޔޮ (ޔޫކަލިޕްޓަސް އޮއިލް)
މި ތެލުގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ހަށިގަނޑުގެ ތަދުތަކަށް ލުއި ލިބެއެވެ. ނޭފަތް ބެދުމުން މި ތެލުގެ ވަސް ބެލުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ކުޑަކުދިންނަށް މި ބޭނުންކުރުމުގައި ސަމާލުވާންޖެހެއެވެ.
6- ބޮލުގައި ރިއްސުމާއި ހާސްކަމަށް ލެވެންޑާ
ލެވެންޑާގެ ވަސް ބެލުމަކީ ބޮލުގެ އެއްފަޅީގައި ރިއްސުން (މައިގްރޭން ތަދު) ކުޑަކޮށްދީ، ހާސްކަމާއި ނުތަނަވަސްކަން ދުރުކޮށްދޭ ކަމެކެވެ. ނިދުމުގެ މައްސަލަތަކަށްވެސް މިއީ ވަރަށް ރަނގަޅު ފަރުވާއެކެވެ.
ސަމާލުކަމަށް:
ލެވަންޑާ އަކީ ގިނަ ފައިދާތަކެއް އެކުލެވޭ ގަހަކަށް ވިޔަސް، އޭގެ ބައެއް ނޭދެވޭ އަސަރުތައް ކޮށްފާނެއެވެ. އެސެންޝަލް އޮއިލް އެހެން އެއްޗަކާ އެއްނުކޮށް ސީދާ ހަންގަނޑުގައި އުނގުޅުމަކީ ހަންގަނޑު ހަލާކުވުން ނުވަތަ ހޯރމޯންތަކަށް ބަދަލު އައުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމެކެވެ. އެހެންކަމުން ބޭނުންކުރުމުގެ ކުރިން އަބަދުވެސް އެހެން އެއްޗަކާ އެއްކޮށްގެން ނުވަތަ ވައިގެ ތެރެއަށް ފަތުރައިގެން (ޑިފިއުޒް ކޮށްގެން) ބޭނުންކުރާށެވެ.
7- ހަޖަމުކުރުމާއި މަސްގަނޑުގެ ތަދަށް ޕެޕަރމިންޓް
ޕެޕަރަމިންޓަކީ ތަދު ކެނޑުމަށާއި ބަނޑުގެ މައްސަލަތަކަށް ބޭނުންކުރާ އެއްޗެކެވެ. ހާއްސަކޮށް ބަނޑު ހަރުވުމާއި، ބަނޑުގައި ރިއްސުން ފަދަ މައްސަލަތަކަށް މިއީ ވަރަށް އަތްމަތީ ފަރުވާއެކެވެ.
8- މައިމީހާގެ ކިރު އިތުރުކުރުމަށް އޯބަތް
އޯބަތަކީ މައިމީހާގެ ކިރު އިތުރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި އޭގައި ފައިބަރު ގިނަވުމުގެ ސަބަބުން ހަކުރު ބަލި ހުންނަ މީހުންގެ ހަކުރު ކޮންޓްރޯލް ކުރުމަށްވެސް އެހީތެރިވެދެއެވެ.
ކެއްކުމުގައި އޯބަތް ބޭނުންކުރުން:
އޯބަތް (ފެނުގްރީކް) އާންމުކޮށް ބޭނުންކުރަނީ މުގުރައިގެން ރިހަ ކެއްކުމަށާއި، ލޮނުމިރުސް ތައްޔާރުކުރުމަށާއި ސައިގައެވެ. މީގެ އިތުރުން ކާނާއަށް ތަފާތު މީރު ރަހައެއް ގެނައުމަށް ޔޯގަޓަށް އެއްކޮށްގެން ނުވަތަ ސަލަޑްގެ މައްޗަށް ބުރުވައިގެންވެސް ބޭނުންކުރެވިދާނެއެވެ.
9- މެގްނީޒިއަމް ގިނަ ކާނާ
ހަށިގަނޑުން މެގްނީޒިއަމް މަދުވުމަކީ ވަރުބަލިވުމާއި، މަސްގަނޑުގައި ރިއްސުން ފަދަ ކަންކަން ދިމާވާ ކަމެކެވެ. ސްޕިނޭޗް، އާމަންޑް (މާކަނަމަދު)، އެވަކާޑޯ، އަދި ޑާކް ޗޮކްލެޓް ފަދަ ކާނާތަކަކީ މެގްނީޒިއަމް އިން މުއްސަނދި ތަކެއްޗެވެ. މީގެ ސަބަބުން ހާސްކަން ކުޑަވެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ.
މެގްނީޒިއަމް ގިނައިން އެކުލެވޭ ކާނާ:
🍌 މުގުގެ ބާވަތްތަކާއި، ތަފާތު ބީންސްތަކާއި، އޮށްތައް.
🍌 ޓޯފޫ
🍌 ގޮދަނުގެ ބާވަތްތައް (ހޯލް ގްރެއިންސް).
🍌 ތެޔޮ ގިނަ މަހުގެ ބާވަތްތައް (މިސާލަކަށް: ސަލްމަން، މެކަރަލް، އަދި ހެލިބަޓް).
🍌 ދޮންކެޔޮ.
ސަމާލުކަމަށް:
ގުދުރަތީ ފަރުވާތަކަކީ ފައިދާހުރި އެއްޗަކަށް ވިޔަސް، މާ ގިނައިން ބޭނުންކުރުމަކީ ގެއްލުންވެދާނެ ކަމެކެވެ. އެއްވެސް ބައްޔަކަށް ބޭސްކުރާ ފަރާތެއްނަމަ، މިފަދަ ތަކެތި ގަވާއިދުން ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް މުހިންމެވެ.
