ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މި ދެމަފިރިން އެއްވެސް ބޭހަކާ ނުލައި 54 ކިލޯ ބަރުދަން ލުއިކުރި ގޮތް!
ޖިލް އަދި ރިޗަޑް ވެންޑްޓް

🏋️ ގިނަ ދުވަސްތަކެއް ވަންދެން ބަރުދަން އިތުރުވެ، ސިއްހީ ގޮތުން އުނދަގޫތަކެއް ތަހައްމަލު ކުރުމަށްފަހު، ރިޗަޑް އަދި ޖިލް ވެންޑްޓް ނިންމީ އެކުގައި ބަރުދަން ލުއިކުރުމުގެ ދަތުރެއް ފެށުމަށެވެ.

🏋️ “މޭޔޯ ކްލިނިކް ޑައިޓް” އަށް އަމަލުކޮށްގެން މި ދެމަފިރިން ވަނީ ޖުމްލަ 54 ކިލޯ ހަށިގަނޑުން މަދުކޮށްފައެވެ.

🏋️ މިއަދު އެ ދެމަފިރިންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެކެވެ.

2023 ވަނަ އަހަރު، ޖިލް އަދި ރިޗަޑް ވެންޑްޓް ނިންމީ އެމީހުންގެ ބަރުދަނާއި ސިއްހަތަށް އައިސްފައިވާ ބަދަލުތައް ރަނގަޅު ކުރުމަށް އަމަލީ މަސައްކަތްތަކެއް ފެށުމަށެވެ. އުމުރުން 51 އަހަރުގެ ރިޗަޑަކީ އޭނާގެ 20ގެ އަހަރުތަކުން ފެށިގެން ލޭގެ ފިއްތުން (ބްލަޑް ޕްރެޝަރު) މަތިވުމުގެ ސަބަބުން ބޭސް ބޭނުންކުރަމުން އައި މީހެކެވެ. އަދި ނިދާއިރު ނޭވާލުމަށް އުނދަގޫވާތީ (ސްލީޕް އެޕްނިއާ) ސީ-ޕެޕް މެޝިނެއްވެސް ބޭނުންކުރަން ޖެހުނެވެ. އަނެއްކޮޅުން 49 އަހަރުގެ ޖިލްގެ ބަރުދަން އިތުރުވުމުގެ ސަބަބުން، އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވެ، ނުތަނަވަސްކަން އިހުސާސް ކުރަން ޖެހުނެވެ.

“ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ބަރުދަން އިތުރުވަމުން ދިޔައީ ނޭނގި ހުއްޓާ. އަމިއްލަ ނަފްސާމެދު ދެރަވެ، މާޔޫސްވާން ފެށި. ގަޔަށް ހެޔޮވަރު ފަޓްލޫނެއް ނުލިބުމުން، އިތުރަށް މާޔޫސްވެ، ކައިގެން ހިތްހަމަޖައްސާލަން މަސައްކަތް ކުރެވެނީ. މިއީ ހުއްޓުމެއް ނެތް ބުރަކަށްވި،” ޖިލް “ހެލްތުލައިން” އަށް މައުލޫމާތު ދެމުން ބުންޏެވެ.

މަސައްކަތުގެ ބުރަކަމާއި، ކެއުމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކުރަމުންދާކަން ވިސްނުމުން، މި ދެމަފިރިން ބޭނުންވީ ބަދަލެއް ގެނައުމަށެވެ. ޖިލް ބުނި ގޮތުގައި، އެމީހުންގެ މައިންބަފައިންނާއި ކާބަފައިންނަށް ކުރިމަތިވި ސިއްހީ ގޮންޖެހުންތަކަށް ބަލައި، ދުވަސްވީ އުމުރުގައި ދުޅަހެޔޮކޮށް ތިބުމަށްޓަކައި މިހާރުން ފެށިގެން ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކުނެވެ.

މިވެސް ކިޔާލަން:  އެހެން މީހުންގެ މަސައްކަތުގެ ކްރެޑިޓް ނެގުމަކީ ސަޅިކަމެއް ނޫން

އެކި ކަހަލަ ޑައިޓް ޕްރޮގްރާމްތައް ދިރާސާ ކުރުމަށްފަހު، ޖޫން 2023 ގައި އެމީހުން އިޚްތިޔާރު ކުރީ “މޭޔޯ ކްލިނިކް ޑައިޓް” އެވެ. އޭގެ ފަހުން ޖިލްގެ ބަރުދަނުން 60 ފައުންޑް އަދި ރިޗަޑްގެ ބަރުދަނުން 58 ފައުންޑް ވަނީ ލުއިވެފައެވެ. މިހާރު ރިޗަޑް ބްލަޑް ޕްރެޝަރަށް ބޭސްކާކަށް ނުޖެހެއެވެ. އަދި ނިދާއިރު ބޭނުންކުރި މެޝިންގެ އެހީއެއްވެސް މިހާރު ބޭނުމެއް ނުވެއެވެ.

ރިޗަޑް ބުނި ގޮތުގައި އޭނާއަކީ ހާސްވާ ވަގުތުތަކުގައި މާ ގިނައިން ކެވޭ މީހެކެވެ. ނަމަވެސް މި ޑައިޓްގެ ސަބަބުން އެ އާދައަށް ސަމާލުކަން ދެވުނެވެ. އޮފީހުގައި އުޅޭއިރު ނުވަތަ ގޭގައި މަސައްކަތް ކުރާއިރު، ފޫހިވެގެން ނުވަތަ ހާސްވެގެން ކާލެވޭ ކާނާގެ ސަބަބުން ބަރުދަން އިތުރުވާކަން އޭނާއަށް ވިސްނުނެވެ. މޭޔޯ ކްލިނިކް ޑައިޓުން ކާނާގެ ތާވަލެއް ދިނުމުގެ އިތުރުން، ނުރަނގަޅު އާދަތައް ދެނެގަނެ، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ތަމްރީނު ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

މޭޔޯ ކްލިނިކް ޑައިޓަކީ ކޮބައި؟

މިއީ ޑިޖިޓަލްކޮށް ކުރިއަށްގެންދާ ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމެކެވެ. މީގައި ކާނާގެ އެކި ގްރޫޕްތައް ބޭނުންކޮށްގެން ދުޅަހެޔޮ ކެއުމުގެ މެނޫއެއް ތައްޔާރުކޮށްދެއެވެ. މޭޔޯ ކްލިނިކް ޑައިޓްގެ އިސް ޑައިޓީޝަން ތާރާ ޝްމިިޓް ބުނި ގޮތުގައި، މިއީ “ކާންވީ ކޮން އެއްޗެއްތޯ” އަހާ މީހުންނަށް އޮތް އެންމެ ފުރިހަމަ ހައްލެވެ.

މި ޕްރޮގްރާމްގައި ހަތް ބާވަތެއްގެ މީލް ޕްލޭން ހިމެނެއެވެ. އޭގެ ތެރޭގައި ސިމްޕަލް، ހެލްތީ ކީޓޯ، މެޑިޓަރޭނިއަން އަދި ޕްރޮޓީން ބެލެންސް ފަދަ ޕްލޭންތައް ހިމެނެއެވެ. މީގެ އިތުރުން ބަރުދަން ލުއިކުރާ ބޭސް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްލޭންތައްވެސް ހުރެއެވެ.

މިވެސް ކިޔާލަން:  އަނގައިން ނުބައިވަސް ދުވުމާއި ބަނޑުގެ މައްސަލަތަކަށް ކާފޫރުތޮޅި

ވެންޑްޓްގެ ދެމަފިރިން އިޚްތިޔާރު ކުރީ “ސިމްޕަލް” ޕްލޭނެވެ. މި ޕްލޭންގައި ހެނދުނާއި، މެންދުރާއި، ރޭގަނޑުގެ ކެއުމަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީތައް ހިމެނެއެވެ. ރިޗަޑް ބުނި ގޮތުގައި އެމީހުން ބައެއް ފަހަރު އަމިއްލައަށް ބައެއް ބަދަލުތައް ގެނައި ނަމަވެސް، އާންމުކޮށް އަމަލުކުރީ އެ ޕްލޭނަށެވެ. އަދި މިއީ ކާން ބޭނުންވާ އެއްޗެއް ނުކައި ހުންނަން ޖެހޭ ފަދަ އުނދަގޫ ޑައިޓެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

ޖިލް ބުނި ގޮތުގައި މި ޕްލޭންގެ ސަބަބުން ކެއުމުގެ އަސާސީ ރަނގަޅު އާދަތައް އަލުން ދަސްވިއެވެ. މިސާލަކަށް، ކާން ބޭނުންވާ ވަރަށްވުރެ އިތުރަށް ތަށީގައި ހުރިނަމަ އެ ހުސްކުރަން މަޖުބޫރު ނޫންކަމާއި، ރެސްޓޯރެންޓަކުން ކާއިރު ބާކީވާ ބައި ގެއަށް ގެންދިއުމަކީ މައްސަލައެއް ނޫންކަން އޭނާއަށް ވިސްނުނެވެ.

ނިއުޓްރިޝަން ކޯޗް ކްރިސްޓީނާ ބްރައުން ފާހަގަކުރި ގޮތުގައި، ބަރުދަން ލުއިކުރުމުގެ އެންމެ ބޮޑު ސިއްރަކީ ކެއުމުގެ އާދަތައް ބަދަލުކުރުމެވެ. ހަށިގަނޑުން އަންދާލާ ކެލޮރީއަށްވުރެ މަދުން ކެލޮރީ ހަށިގަނޑަށް އެތެރެކުރުމަކީ (ކެލޮރީ ޑިފިސިޓް) ބަރުދަން ލުއިކުރުމުގެ އަސާސެވެ. އޭނާ ބުނި ގޮތުގައި، ކިތަންމެ ގިނައިން ކަސްރަތު ކުރި ނަމަވެސް، ކެއުމުގެ އާދަތައް ނުރަނގަޅު ނަމަ ބަރުދަން ލުއިކުރުމަކީ ދަތި ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top