ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އިސްތަށިގަނޑުގައި ކުލަޖެއްސުމާއި ނަފުސާނީ ދުޅަހެޔޮކަމާ ގުޅުމެއް ހުރޭތަ؟
ފޮޓޯ: ހެލްތީ މައިންޑްސެޓް - އެފްބީ

ދާއިމީކޮށް އިސްތަށިގަނޑުގައި ޖައްސާ ވަކި ކަހަލަ ކުލަތަކެއް، ޚާއްޞަކޮށް ގަދަ ކުލަތައް ޤަވާއިދުން ބޭނުންކުރުމަކީ ނަފުސާނީ ބަލިމަޑުކަމެއް ކަމަށްވާ ޑިޕްރެޝަނަށް މަގުފަހިވާ ކަމެއްތޯ ބެލުމަށް ފަހަކަށް އައިސް ގިނަ ދިރާސާތަކެއް ވަނީ ކުރެވިފައެވެ. ނަމަވެސް، ކަމާބެހޭ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މިހާތަނަށް ކުރެވިފައިވާ އެއްވެސް ދިރާސާއަކުން، އިސްތަށިގަނޑުގައި ޖައްސާ ކުލައިގެ ސަބަބުން ސީދާ ޑިޕްރެޝަން މެދުވެރިވާކަން ސާބިތެއް ނުވެއެވެ.

2025 ވަނަ އަހަރު ނެދަލޭންޑްސްގެ ޔުނިވަރސިޓީ މެޑިކަލް ސެންޓަރ ގްރޮނިންގެންގެ ދިރާސާވެރިން ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި، އިސްތަށިގަނޑުގައި ޖައްސާ ކުލައިގެ ސަބަބުން ސިއްޙަތަށް ކޮށްފާނެ ދިގު މުއްދަތުގެ އަސަރުތަކާ ބެހޭގޮތުން ވަނީ ބަލާފައެވެ. ޤަވާއިދުން އަދި ގިނަ ދުވަހު ދާއިމީ ކުލަ ބޭނުންކުރުމާއި ނަފުސާނީ ބަލިތަކާ ދެމެދު ގުޅުމެއް ހުރިކަން ބައެއް ދިރާސާތަކުން ފާހަގަވި ނަމަވެސް، އެއީ އެއް ކަމެއްގެ ސަބަބުން އަނެއް ކަމެއް މެދުވެރިވާކަން އަންގައިދޭ ހެއްކެއް ނޫނެވެ.

ސައިންސްވެރިން ބަޔާންކުރާ ގޮތުގައި، ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ގިނަގުނަ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި ވިރާސީ ސިފަތައް، ހާސްކަމާއި ނުތަނަވަސްކަން، ހޯރމޯންތަކަށް އަންނަ ބަދަލުތައް، ޖިސްމާނީ ސިއްޙަތު، ނިދުމުގެ އާދަތައް އަދި ދިރިއުޅުމުގެ ވައްޓަފާޅި ހިމެނެއެވެ. އެހެންކަމުން، ހަމައެކަނި އިސްތަށިގަނޑުގައި ޖައްސާ ކުލައިގެ ސަބަބުން ޑިޕްރެޝަން ކުރިމަތިވާ ކަމަށް ނިންމޭނެ އެއްވެސް ޖާގައެއް ނެތެވެ.

މީގެ އިތުރުން މާހިރުން ފާހަގަކުރައްވާ ގޮތުގައި، ދާއިމީ ކުލަތަކުން ކުރިމަތިވާ އެންމެ އާންމު އަދި ކަށަވަރު ނުރައްކަލަކީ ހަންގަނޑަށް ދިމާވާ އެލާޖީގެ މައްސަލަތަކާއި ހަންގަނޑު ކަޅުވުން ނުވަތަ ރަތްވުން ފަދަ އުނދަގޫތަކެވެ. މިއީ ޚާއްޞަކޮށް ގަދަ ކުލަތަކުގައި ހިމެނޭ “ޕެރާ-ފީނައިލީންޑިއަމައިން” ފަދަ ކެމިކަލްތަކުގެ ސަބަބުން ދިމާވާ ކަންކަމެވެ.

މިވެސް ކިޔާލަން:  ބޮޑު މުސާރައަށްވުރެ އާއިލާ މުހިންމު: ޔަޝަސްވީ ސޯނީ

ދިރާސާވެރިން ބާރުއަޅުއްވާ ގޮތުގައި، އިސްތަށިގަނޑުގައި ޖައްސާ ކުލައިގައި ހުންނަ ކެމިކަލްތަކާއި ނަފުސާނީ ދުޅަހެޔޮކަމާ ދެމެދު އެއްވެސް ގުޅުމެއް އޮތްތޯ ޔަގީންކުރުމަށްޓަކައި، އަދިވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދާ އިތުރު ދިރާސާތައް ބޭނުންވެއެވެ. އެހެންކަމުން، މިހާތަނަށް ފެންނަން ހުރި ހޯދުންތަކަކީ ހަމައެކަނި ދިރާސާކުރެވެމުންދާ މައުޟޫއެއް ކަމުގައި ބަލަންޖެހޭނެއެވެ. މިއީ އިސްތަށިގަނޑުގައި ޖައްސާ ކުލައިގެ ސަބަބުން ޑިޕްރެޝަން ޖެހޭކަން ސާބިތުވާ ހެއްކެއް ނޫނެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top