އަހަރެން ބޭނުންވަނީ ކްރީމް ކުލައާއި ނޫކުލައާ ގުޅުވޭނެ އެހެން ކުލައެއް. އެއީ ކޮން ކުލައެއް؟” އަހަރެން އުނދަގޫވެފައި އިނދެ ބުނީމެވެ.
“ރަންކުލަ އިވްރިޝާ. އެ ކުލައިން އިވްރިޝާގެ މުށިކުލައިގެ ދެލޯ އެ ރޭ މާ ބޮޑަށް ވިދާލާނެ،” ޚަލީލަށްވުރެ ބާރު، އެކަމަކު ހިމޭން އަޑަކުން މީހަކު ބުންޏެވެ.
އަހަރެމެން އެންމެން އެ ދިމާއަށް ބަލާލީމެވެ. ދޮރުމަތީގައި ވަރަށް އިތުބާރާއެކު ހުރީ ކަޅު ޖީންސަކާއި ހުދު ގަމީހެއް ލައިގެން ހުރި މިސްޓަރ އަލް ރަބާޙް އެވެ.
އަދުނާން އެވެ.
އަހަންނާއެކު ޚަލީލު ވެސް ތެދުވިއެވެ. އަދުނާން ފެންނަލެއް އާދަޔާޚިލާފަށް ފުރިހަމައެވެ. އޭނާގެ ހަންގަނޑުން އުޖާލާކަމެއް ފާޅުވާން ހުއްޓެވެ.
އަހަންނަށް ހުރެވުނީ ބަސްހުއްޓިފައެވެ. އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނުތާ، އޭނާގެ މޫނުން ނަޒަރު ވަކިކޮށްލަން ވެސް ނޭނގުނެވެ. އޭނާ ކޮޓަރިއަށް ވަދެގެން އައީ ސީދާ އަހަރެންގެ ލޮލަށް ބަލަހައްޓައިގެން ހުރެ، ވަރަށް އިތުބާރާއެކު ހިނގާލާފައެވެ.
އެ މަންޒަރު ހީވަނީ ދެމީހަކު ކުޅޭ ކުޅިވަރެއް ހެންނެވެ. އޭނާ އެސްފިޔަ ޖަހައިނުލައި ބަލަހައްޓައިގެން ހުރިއިރު، އަހަރެންވެސް ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.
“ކީއްކުރަން މިތަނަށް ތިއައީ؟” އަހަރެންގެ ކައިރީގައި ހުރި ޚަލީލު ސުވާލުކުރި އަޑު އިވުނެވެ. އެއަޑާއެކު އަހަރެންގެ ޚިޔާލީ ދުނިޔެއިން ބޭރުވެ، އަދުނާނުގެ މޫނުން ނަޒަރު ވަކިކޮށްލާފައި ޚަލީލަށް ބަލައިލީމެވެ.
ޚަލީލުގެ މޫނުމަތިން ފެންނަނީ ހަރުކަށިކަމެވެ. އޭނާ ހުރީ ތުންފަތް ބާރުކޮށްލައިގެންނެވެ.
އަދުނާން ކުޑަކޮށް ހީލުމަށްފަހު އަހަރެމެންގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އޭނާ ހުރީ ސީދާ އަހަރެންގެ ކުރިމަތީގައެވެ. އޭނާ ޖަހާފައި ހުރި މީރުވަސްދުވާ ސެންޓުގެ ވަހުން އަހަރެންގެ ހިއްސުތައް މަސްތުކުރުވަމުން ދިޔައެވެ.
“އަހަރެން މިތަނަށް އައުމަކީ ކަލެއާ ބެހޭ ކަމެއް ނޫން. އެކަމަކުވެސް ޖަވާބު ދޭނަން. އަހަރެން މިއައީ މަންމައާ ބައްދަލުކޮށްލަން،” އަދުނާން ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ. އޭނާގެ އެ ބަރު އަޑުގައި ވަނީ އާދަޔާޚިލާފު އޮމާންކަމެކެވެ.
އަހަރެން އަދުނާނަށް ބަލައިލުމަށްފަހު އަނެއްކާވެސް ޚަލީލަށް ބަލައިލީމެވެ. އެވަގުތު އަހަރެން ހުރީ އެ ދެމީހުންގެ މެދުގައި ތާށިވެފައިކަން އިހުސާސްވިއެވެ.
“މަންމަ މިވަގުތު ގޭގައެއް ނެތް،” ކަރުކެހިލަމުން އަހަރެން މަޑުމަޑުން ބުނީމެވެ.
އޭނާގެ އެ ފެހި ކުލައިގެ ދެލޮލުން އަހަންނަށް ބަލައިލުމާއެކު ނޭވާ އަވަސްވާން ފެށިއެވެ. އޭނާ ބަލަމުން ދިޔައީ އަހަރެންގެ މޫނަށެވެ. މޫނުގެ ކޮންމެ ސިފައަކަށާއި، ކޮންމެ ލަފަކަށް އޭނާ ފުންކޮށް ބަލަމުން ދިޔައެވެ.
އޭނާ ބަލާލި ގޮތުން މުޅި މީހާ ފިނިވެ، ކޯތާފަތް ރަތްވެގެން ދިޔައެވެ. އަހަރެން ހާސްވެގެން ހަރަކާތްތަކަށް ބަދަލު އަންނަން ފެށިއެވެ.
“އާނ، އަހަންނަށް ވެސް ހީވި،” މިހެން ބުނުމަށްފަހު އޭނާ އަހަންނަށް ކަޅު ކުލައިގެ ސިޓީއުރައެއް ދިއްކޮށްލިއެވެ.
“މިއީ ކޯޗެއް؟” އަހަރެން އެ ސިޓީއުރައިގައި ހިފީމެވެ. އޭނާގެ އަތުގައި އަހަރެންގެ އަތް ނުޖެހޭތޯ ވަރަށް ބޮޑަށް ސަމާލުވީމެވެ. އެއީ އޭނާގެ ހަންގަނޑުގައި ޖެހިއްޖެނަމަ އަހަރެންގެ ކަކުލުހުޅުން ވާގިދޫވެ، ބިންމައްޗަށް ވެއްޓިދާނެހެން ހީވާތީއެވެ.
“މިއީ އަހަރެންގެ އާ ހޮޓާ ‘ދަ މައިލް ހައި ހޮޓެލް’ ހުޅުވުމުގެ ދައުވަތު ކާޑެއް،” އޭނާ ޖަވާބު ދިނެވެ.
އަހަރެން ހައިރާންވެފައި ބުނީމެވެ. “ލަންކާގަ ހުންނަ ‘ދަ މައިލް ހައި’ އަކީވެސް ތިބޭފުޅާގެ ތަނެއްތޯ؟”
އެއީ ލަންކާގައި ހުރި އެންމެ ބޮޑު އަދި އެންމެ ފެންވަރު ރަނގަޅު ހޮޓަލެވެ. މަޝްހޫރު ފަންނާނުންނާއި މުއްސަނދިން ބަންދު ދުވަސްތައް ހޭދަކުރަނީ އެތަނުގައެވެ.
އަދުނާން ލަދުރަކި ހިނިތުންވުމަކާއެކު ބުންޏެވެ. “އާނ އިވްރިޝާ. ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި އަހަރެންގެ ހޮޓާ ހުންނާނެ. ލާގޯސްގައި ވެސް ހުންނާނެ. މިހާރު މި ހުޅުވަނީ މާލޭގަ.”
“ތީ ހަމަ އަސްލުވެސް ކުޅަދާނަ މީހެއް،” ހައިރާންކަމާއެކު އަހަންނަށް ބުނެވުނެވެ.
އަދުނާނަކީ މަސްވެރިކަމުގެ ބޮޑެތި ކުންފުނިތަކުގެ ވެރިއެކެވެ. އަދި އެމެރިކާގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނީގެ ބޯޑު މެންބަރެއްވެސް މެއެވެ. މި މީހާއަށް ނުކުރެވޭނެ ކަމެއް އޮންނާނެބާއޭ ހިތަށް އެރިއެވެ.
“އުންމީދު ކުރަން އިވްރިޝާ އަންނާނެ ކަމަށް. ޚަލީލަށް ވެސް ދައުވަތު އަރުވަން.”
އަހަރެން ކާޑަށް ބަލަން ހުރިއިރު، ފަހަތުގައި ހުރި ޚަލީލު ހިތްހަމަނުޖެހިފައި އަޑެއް ލައްވާލިއެވެ. އެ ކާޑުން ދުވަނީ އަދުނާނުގެ ގައިން ދުވާ ކަހަލަ މީރު ވަހެކެވެ.
“ކޮން ތާރީޚެއްގަ އޮތީ؟” ކާޑު ބަލާނުލާ އަހަރެން ސުވާލުކުރީމެވެ.
“ޑިސެމްބަރު މަހުގެ ދިހައެއްގަ،” އޭނާ ބުންޏެވެ.
އެއާއެކު އަހަރެންގެ މޫނުމަތިން އުފާވެރިކަން ގެއްލި، މާޔޫސްވިއެވެ. “އެއީ އަހަރެންގެ ކައިވެނި އޮތް ދުވަސް. ވަރަށް ބޮޑަށް މާފުކުރޭ، އެ ދުވަހު ނުދެވޭނެ. އެކަމަކު ފަހުން ދުވަހަކުން ތިތަނަށް ޒިޔާރަތްކޮށްލާނަން.”
އަދުނާންގެ މޫނުމަތިންވެސް މާޔޫސްކަން ފެނުނެވެ. “އެހެންތަ؟ އެހެންވިއްޔާ އަހަރެންގެ ފަރާތުން ކައިވެނީގެ ހަދިޔާއަކަށް، އަހަރެން ހިއްސާވާ ‘އެސްކްލާވާ’ ބިއުޓީ ސެލޫނުން ހިލޭ ފޭޝަލްއެއް ދޭނަން. އެތަނުގެ ނަން އަޑުއެހިން ދޯ؟”
އަހަރެން އުފަލުން ގޮސް ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. “އާނ! އެތަން ވަރަށް ރަނގަޅަށް އެނގޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!”
އެސްކްލާވާއަކީ ހަމައެކަނި މުއްސަނދިންނަށް ދެވޭ ފަދަ މަތީ ފަންތީގެ ތަނެކެވެ. ލަންކާގައިވެސް އެތަނުގެ ގޮތްޕެއް ހުރެއެވެ. މަޝްހޫރު ތަރިން އެތަނުން ޚިދުމަތް ހޯދާ ވާހަކަ އަހަރެން އޮތީ އަޑުއަހާފައެވެ.
އަހަރެންގެ ރައްޓެހި ކުދިންނާއެކު އެތަނަށް ދާން މިހާރުއްސުރެ ކެތްމަދުވެއްޖެއެވެ.
“އެއްވެސް ކަމެއް ނޫން. އަހަރެން އާޚިރާ ގާތު ބުނާނަން ކާޑެއް ދޭން. ސެކިއުރިޓީއަށް އެ ކާޑު ދެއްކުމުން އެތަނަށް ވަދެވޭނެ.”
އަހަރެން އުފަލުން ހުރެ ބޯޖަހާލީމެވެ. މިއީ މިހާތަނަށް ލިބުނު އެންމެ ރީތި ހަދިޔާއެވެ.
“އަނެއްކާވެސް ޝުކުރިއްޔާ. ކައިވެނީގެ ހަފްލާއިން ފެންނާނެ ކަމަށް އުންމީދު ކުރަން. އެހެންނު ޚަލީލު؟” އަހަރެން ޚަލީލަށް ބަލައިލީމެވެ.
ޚަލީލު ގަދަކަމުން ހިނިތުންވެލަމުން އަތް ދިއްކޮށްލިއެވެ. “އާނ، އަންނަންވާނެ.”
އެ ދެމީހުން ސަލާމް ކުރިއިރު، އެކަކު އަނެކަކަށް ބަލަނީ ވަރަށް ނުރުހުމުގެ ނަޒަރަކުންނެވެ. އެމީހުންގެ މެދުގައި އޮތް ނުތަނަވަސްކަން ނޭނގޭ ކަމަށް ހަދައިގެން އަހަރެން ހުރީމެވެ. އަދުނާން އަހަންނަށް އަތުން އިޝާރާތެއް ކޮށްލުމަށްފަހު ހިނގައިގަތެވެ.
އޭނާ ދިއުމުން އަހަރެން ހަމަޖެހުމުގެ ނޭވާއެއްލާފައި، ހައިރާންވެފައި ބަލަން ހުރި އަޒީޒާއަށް ބަލައިލީމެވެ.
“އަހަރެމެން ކޮން ވާހަކައެއް ދައްކަންތަ ތިބީ؟”
*****
“އިވްރިޝާ، ފާތިމާ އާއި ތަސްނީމަށް ގޮވާބަލަ،” ކާ މޭޒު ކައިރިއަށް އައިސް ހަލީމާ ދައްތަ ބުންޏެވެ.
މިރޭ އަހަރެމެން އެންމެން ކެއުން އޮތީ ގޭގެ ފަސްފަހަތުގައި ހުރި ބޮޑު މޭޒުގައެވެ. ޖަހަމުންދިޔަ ފިނި ރޯޅިތަކާއެކު މާހައުލު ވަރަށް ހިތްގައިމެވެ. ގަސްތައް ހޫރެމުން ދިޔަ މަންޒަރު ފެންނަނީ ވަރަށް ރީތިކޮށެވެ.
ސަދީގާއި ސަބީނާ ތިބީ އެކަކު އަނެކަކާ ކުރިމަތިލައިގެން ފޯނާ ކުޅޭށެވެ. ހައިޘަމް އިނީ އަހަރެންގެ ކައިރީގައި ހަލީމާ މަންމައާ މަޑުމަޑުން ވާހަކަދައްކާށެވެ.
އޭނާގެ އަންހެން ކޮއްކޮއާ ބައްދަލުވި ވާހަކަ މަންމަ ގާތު ބުނި ކަމެއް އަހަންނަކަށް ނޭނގެއެވެ.
“އިވްރިޝާ، ކޮން އިރަކުންތަ އެމީހުންނަށް ގޮވަނީ؟ އަންނަ އަހަރު މިދުވަހުތަ؟” މާލިކް އަހަރެންގެ ޚިޔާލީ ދުނިޔެއިން ބޭރުކޮށްލީ ލޮނުމެދު އަޅައިގެން ފިހެފައިވާ ޕާން ފޮއްޗެއް އަހަންނާ ދިމާއަށް އެއްލަމުންނެވެ.
ސަދީގާއި ސަބީނާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއިރު، އަހަރެން މާލިކަށް ލޯ އަޅާލީމެވެ. “މާލިކް، ކަލޭ އަހަރެންގެ އަތްދަށުވާ ދުވަހަކުން ކުޅި ދައްކާލާނަން…” މިހެން ބުނެ އިންޒާރު ދެމުން، ގޮނޑި ފަހަތަށް ޖައްސާލާފައި ގޭގެ ފަހަތު ދޮރާ ދިމާލަށް ހިނގައިގަތީމެވެ.
*****
ގެއަށް ވަދެ ސިޑިން މައްޗަށް އެރީމެވެ. ގޭގެ އެންމެން ބޭރުގައި ތިބުމުން ގޭތެރެ އޮތީ ވަރަށް ހިމޭންކޮށެވެ.
އަހަރެންގެ ކަޅު ކުލައިގެ ފައިވާނުގައި މަޑުމަޑުން ހިނގާލާފައި ގޮސް ތަސްނީމާއި ސަބީނާގެ ކޮޓަރިއާ އަރާ ހަމަވިއެވެ. ހެނދުނުން ފެށިގެން އެއްޗެއް ނުކައި ހުރުމުން ބަނޑުހައިވެގެން ބަނޑުން އަޑުގޮވަން ފަށައިފިއެވެ.
“ހޭ ތަސްނީމް، ކާން ތިރިއަށް އާދޭ،” ކޮޓަރީގެ ދޮރު ހުޅުވާލަމުން އަހަރެން ބުނީމެވެ.
ނަމަވެސް ފެނުނު މަންޒަރަކުން އަހަރެން ހުއްޓުން އެރިއެވެ. އެނދުމަތީގައި މަންމަ އާއި ތަސްނީމް ތިބީ ރޯށެވެ. އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓައިގެން ތިބިއިރު، ދެމީހުންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
އަހަރެންގެ އަޑު އިވުމުން ދެމީހުންވެސް ބަލައިލިއެވެ. ދެމީހުންގެ ލޯ ވަނީ ދުޅަވެފައެވެ. އަދި ނޭފަތް ކުރި ވަނީ ރަތްވެފައެވެ.
“ކީއްވެތަ ތި ރޮނީ؟” ދޮރު ލައްޕާލުމަށްފަހު އަހަރެން މަޑުމަޑުން އެމީހުންގެ ކައިރިއަށް ޖެހިލީމެވެ.
“ބައްޕަ މަންމައަށް އެވަރުގެ ބޮޑު ކަމެއް ކުރިއިރު، ތިޔަ އެންމެން އަހަންނަށް އެކަން ސިއްރު ކުރީތީ އަދިވެސް އަހަރެން މިހުރީ ހައިރާންވެފަ،” ތަސްނީމް ވަރަށް ދެރަވެފައި ބުންޏެވެ.
އަހަރެން ފުން ނޭވާއެއްލުމަށްފަހު އެމީހުންގެ ކައިރީގައި އިށީނީމެވެ. “މަންމަ ބޭނުންވީ ތަސްނީމް ސަލާމަތްކުރަން. ބައްޕައާ އެންމެ ގާތީ ތަސްނީމްކަން މަންމައަށް އެނގޭ،” ތަސްނީމްގެ އަތުގައި ފިރުމާލަމުން އަހަރެން ބުނީމެވެ.
މަންމަ އިނީ ޓިޝޫއަކުން މޫނު ނިވާކޮށްގެންނެވެ. އަހަރެން މަންމަގެ އަތުގައި ހިފާލީމެވެ. އަހަރުމެންގެ ބައްޕަ މުޙައްމަދު އެނބުރި އައުމުން މަންމަގެ ހިތް ކިހާވަރަކަށް ކުދިކުދިވާނެކަން އަހަންނަށް އެނގެއެވެ.
އަހަރެންގެ ސިފައަކީ ވެސް މަންމަގެ ސިފައެވެ. ލޯބިވެވިއްޖެނަމަ، އެހެން އެއްވެސް ކަމަކަށް ބެލުމެއް ނެތި ފުންކޮށް ލޯބިވެވެއެވެ. މަންމަގެ ހިތުގައި އަދިވެސް އެ ކަހަލަ މީހަކަށް ލޯބި އޮތީ ކީއްވެގެން ކަމެއް އަހަންނަކަށް ނުވިސްނެއެވެ.
“އެކަމަކުވެސް!” ތަސްނީމް ބާރަށް ބުންޏެވެ. “ތިޔަވަރުގެ ބޮޑު ކަމެއް އަހަންނަށް ސިއްރު ކޮށްގެން ނުވާނެ!”
“އެދުވަސްވަރު ތަސްނީމްގެ އުމުރަކީ ސާދަ އަހަރު!” މަންމަ ވަރަށް ހަރުކަށިކަމާއެކު ބުންޏެވެ.
“އެއީ އުޒުރެއް ނޫން! ބައްޕަ އަހަރެން ގާތު މަންމައާ ބެހޭގޮތުން ދޮގު ވާހަކަ ދެއްކީ. ބައްޕަ ބުނީ ދެމީހުން ވަކިވީ މަންމަގެ ސަބަބުންނޭ. މަންމަ ދޫކޮށްލާފަ ބައްޕައާއެކު ދިރިއުޅެން އަންނަން ބުނި. އަސްލު ބައްޕަ އުޅުނީ އޮޅުވާލައިގެން މަންމަގެ މުދާތައް ބައްޕަގެ ނަމަށް ބަދަލުކުރަން. އެ މުދާތައް ހުރީ އަހަރެންގެ ނަމުގަ ކަމަށްވާތީ އަހަރެންގެ ސޮއި ބޭނުންވޭ. އަހަރެން ހުރީ އެކަމާ ވިސްނަންވެސް. އެކަން ކުރެވުނުނަމަ ކިހާ ބޮޑު ލަނޑެއް ލިބުނީސް؟ ބައްޕައަކީ ބޮޑު ދޮގުވެރިއެއް. މިއަދު މި ހަގީގަތް އެނގުނުކަން ނަސީބެއް،” ތަސްނީމް ރޮމުން ދިޔައެވެ. އޭނާ އިނީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ.
“ތަސްނީމް، އަހަންނަށް އެނގޭ ތަސްނީމް ރުޅިއައިސްފަ ހުރިވަރު. އެކަން ސިއްރު ކުރެވުނީތީ އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން. އާދޭސްކޮށްފަ ބުނަން، އަހަންނަށް މާފުކުރޭ،” ތަސްނީމްގެ އަތަށް ބޮސްދެމުން މަންމަ އާދޭސްކުރިއެވެ.
ތަސްނީމް މަންމަގެ ގައިގައި ބައްދާލިއެވެ. “އަހަރެން މަންމަދެކެ ރުޅިއެއް ނާންނަން. އެކަމަކު ވަރަށް ދެރަވި. މަންމަ ތީ ވަރަށް ހިތްވަރުގަދަ އަންހެނެއް. މަންމަ ކަހަލަ މަންމައަކާ ބަފައެއް ލިބުނީތީ ޝުކުރުކުރަން.”
އަހަރެންވެސް އެމީހުންނާއެކު ބައްދާލީމެވެ. އަހަރެމެންގެ މެދުގައި އޮތް ލޯބި އިތުރުވެގެން ދިޔައެވެ. އަހަރެންގެ އާއިލާއަކީ އަހަރެންގެ ހިތްވަރެވެ. ޚާއްޞަކޮށް މަންމައެވެ. އަހަރެން މަންމަދެކެ ވަރަށް ލޯބިވެއެވެ. އަހަރެންގެ ދަރިފުޅާއި އަހަންނާ ދެމެދުގައިވެސް އޮންނާނީ މަންމަ އާއި އަހަންނާ ދެމެދު އޮތް ފަދަ ވަރުގަދަ ގުޅުމެއް ކަމަށް އުންމީދު ކުރަމެވެ.
“ހިނގާ މޫނު ދޮވެލައިގެން ކާން ދާން،” މަންމަ ބުންޏެވެ.
އަހަރެން ބޯޖަހާލުމަށްފަހު އެނދުން ތެދުވީމެވެ. “މަންމާ، ސަކީނާ ގުޅި. ކައިވެނީގެ ކާޑުތައް ތައްޔާރުވެއްޖެއޭ ބުނި. ދެން އޮތީ އެ ކާޑުތައް ގެނެސް ބެހުން.”
ތަސްނީމް ފާޚާނާއަށް ވަނުމުން މަންމަ އާއި އަހަރެން އެކަނިވިއެވެ.
“މާދަމާ ގޮސް ކާޑުތައް ގެންނާނަން. އޭރުން ބަހަން ފެށޭނެ،” ހިނިތުންވެލަމުން މަންމަ ބުންޏެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ހިނގައިގަތެވެ.
— ނުނިމޭ —
