🥔 ޕެނިންގްޓަން ބަޔޯމެޑިކަލްގެ ސައިންސްވެރިއަކު އަލުވިގެ ފައިދާތަކާ ގުޅޭގޮތުން ހައިރާންކުރުވަނިި މަޢުލޫމާތުތަކެއް ހިއްސާކުރައްވައިފި
އާންމުގޮތެއްގައި އަލުއްވަކީ ސިއްހަތަށް ނުރަނގަޅު އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، އާ ދިރާސާތަކުން ދައްކާގޮތުގައި އަލުއްވަކީ ބަރުދަން ލުއިކުރުމަށާއި އިންސުލިން ރެސިސްޓަންސް ރަނގަޅުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިއީ ހާއްސަކޮށް ހަކުރު ބަލީގެ ނުރައްކާ އޮތް މީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ޕެނިންގްޓަން ބަޔޯމެޑިކަލް ރިސާޗް ސެންޓަރުގެ އެސިސްޓަންޓް ޕްރޮފެސަރ އަދި ނިއުޓްރިޝަން އެންޑް ކްރޮނިކް ޑިޒީޒް ޕްރޮގްރާމްގެ ޑިރެކްޓަރ ކެންޑިޑާ ޖޭ. ރެބެލޯ އާއެކު ކުރެވުނު މި ސުވާލާއި ޖަވާބުގައި، ކެއުމަށް ގެންނަ ކުދިކުދި ބަދަލުތަކުން، ހާއްސަކޮށް ރަނގަޅު ގޮތުގައި އަލުވި ބޭނުންކޮށްގެން، ބަނޑުހައިކަން ފިލުވައިދޭ މީރު ކެއުންތަކާއެކު ސިއްހަތު ސަލާމަތްކުރެވޭނެ ގޮތްތަކަށް ބަލާލާނަމެވެ.
މީގެ އިތުރުން އަލުވިއާ މެދު މީހުންގެ މެދުގައި އޮންނަ ނުބައި ވިސްނުންތަކާއި، އޭގެން ލިބޭ ފައިދާތައް އޮޅުންފިލުވައިދޭނަމެވެ. ސިއްހަތަށް ފައިދާހުރި ކެއުމެއްގައި އަލުވި ހިމެނިދާނެ ކަމާމެދު ޝައްކުކުރާނަމަ، މި ދިރާސާއިން ތިޔަބޭފުޅުންގެ ވިސްނުން ބަދަލުކޮށްލާނެއެވެ.

ޕެނިންގްޓަން ބަޔޯމެޑިކަލް ރިސާޗް ސެންޓަރުގެ އެސިސްޓަންޓް ޕްރޮފެސަރ އަދި ނިއުޓްރިޝަން އެންޑް ކްރޮނިކް ޑިޒީޒް ޕްރޮގްރާމްގެ ޑިރެކްޓަރ ކެންޑިޑާ ޖޭ. ރެބެލޯ
މި ދިރާސާއިން ހައްލުކޮށްދޭން އުޅެނީ ކޮން މައްސަލައެއް؟
މާބޮޑަށް ފަލަވުމާ (އޮބޭސިޓީ) އާ ގުޅިފައިވާ އާންމު ބައްޔަކީ ޓައިޕް 2 ޑައިބެޓީސް ނުވަތަ ހަކުރު ބައްޔެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ނުކުރެވުމުގެ ފެށުމަކީ އިންސުލިން ރެސިސްޓަންސްއެވެ. އެހެންކަމުން، އަޅުގަނޑުގެ ދިރާސާގެ އަމާޒަކީ މާބޮޑަށް ފަލަ މީހުންނާއި އިންސުލިން ރެސިސްޓަންސް ހުންނަ މީހުންގެ ބަރުދަން ލުއިކޮށް، ލޭގެ ހަކުރު ކޮންޓްރޯލްކުރުމަށް އެހީތެރިވުމެވެ.
އަލުވިއާ ގުޅޭގޮތުން ކުރި ދިރާސާގެ ހުލާސާއެއް ދެއްވިދާނެތޯ؟
އަލުއްވަކީ “އެނަޖީ ޑެންސިޓީ” ނުވަތަ ކެލޮރީ މަދު އެއްޗެކެވެ. ތިިރީގައިވާ ތާވަލުން ފެންނަނީ ކައްކާފައި ހުންނަ އެހެނިހެން ކާބޯހައިޑްރޭޓްސް ގިނަ ކާތަކެއްޗާ އަލުވި އަޅާކިޔާފައިވާ ގޮތެވެ.
މި ތާވަލުން ދައްކައިދެނީ އަލުވިއާއި އެހެނިހެން ކާބޯތަކެތީގެ އަޅާކިޔުމެވެ.

މި ތާވަލުން ދައްކައިދެނީ އަލުވިއާއި އެހެނިހެން ކާބޯތަކެތީގެ އަޅާކިޔުމެއް / ފޮޓޯ: މުނިއަވަސް
އަޅުގަނޑުމެންގެ ދިރާސާގައި، މައިގަނޑު ކެއުމުގެ ރެސިޕީތަކުގައި ހިމެނޭ މަސް ނުވަތަ ކަނޑުމަހުގެ %40 ގެ ބަދަލުގައި އަލުވި ބޭނުންކުރީމެވެ. މީގެ ބޭނުމަކީ ކެއުމުގެ މިންވަރު ނުވަތަ ޕޯޝަން ސައިޒް މަދުނުކޮށް، ހަށިގަނޑަށް އެތެރެވާ ކެލޮރީގެ މިންވަރު މަދުކުރުމެވެ. އަލުވި ތައްޔާރުކުރީ އޭގައި ފައިބަރ ގިނަކުރެވޭނެ ގޮތަށެވެ، (މިސާލަކަށް ތޮށިގަނޑާއެކު ކައްކައި، ބޭނުންކުރުމުގެ 24 ގަޑިއިރު ކުރިން ކައްކާފައި ފިނިކުރުން). ދުވަހުގެ ކެއުމުގައި މޭވާއާއި، ތަރުކާރީއާއި، ގްރެއިންސް އަދި ބައެއް ފަހަރު ފޮނިކާތަކެތިވެސް ހިމެނުނެވެ. އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި އަށް ހަފުތާގެ ތެރޭގައި އެވްރެޖްކޮށް ހަށިގަނޑުގެ ބަރުދަނުން %5.6 ނުވަތަ 5.8 ކިލޯ ލުއިވިއެވެ. އަދި އެމީހުންގެ އިންސުލިން ރެސިސްޓަންސްވެސް ރަނގަޅުވިއެވެ. މީގެ އިތުރުން، ކެލޮރީ މަދުކުރި ނަމަވެސް ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ބައިވެރިން ބުންޏެވެ.
މި ދިރާސާގެ މުހިންމުކަމަކީ ކޮބައިތޯ؟
އާންމުކޮށް މީހުންނަށް އާދަކާދަ ބަދަލުކުރުމަކީ އުނދަގޫ ކަމެކެވެ. އެންމެ ކާމިޔާބު ގޮތަކީ ކެއުމުގެ ވައްޓަފާޅި އެއްކޮށް ބަދަލުކޮށްލުމުގެ ބަދަލުގައި، ރޭވުންތެރިކަމާއެކު ކުދިކުދި ބަދަލުތައް ގެނައުމެވެ.
އެނަޖީ ޑެންސިޓީއަކީ ކާތަކެތީގެ ވަކި ބަރުދަނެއްގައި ހުންނަ ކެލޮރީގެ މިންވަރެވެ. ފެނާއި ފައިބަރަކީ ކެލޮރީ އިތުރުނުކޮށް ކެއުމުގެ މިންވަރު އިތުރުކޮށްދޭ ބައިތަކެކެވެ. (ނަމަވެސް ހަމައެކަނި ފެން ބުއިމަކުން މި ނަތީޖާއެއް ނުލިބޭނެއެވެ، އެއީ ކެއުމުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ވާންޖެހެއެވެ). އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި މީހުން އާންމުކޮށް ކަނީ ވަކި ބަރުދަނެއްގެ ކާތަކެތި ކަމަށްވާތީ، ކެއުމުގެ މިންވަރު މަދުނުކޮށް ކެލޮރީ މަދުކުރުމަކީ ވަރަށް ކާމިޔާބު އުކުޅެކެވެ. މަދުން ކެއުމަށް ދޭ ނަސޭހަތްތަކަށްވުރެ، ބަނޑުފުރޭ ވަރަށް ކެއުމުގެ ފުރުސަތު އޮވެފައި ކެލޮރީ މަދުވުމުން ބަރުދަން ލުއިކުރުމުގައި ދެމެހެއްޓެނިވި ނަތީޖާއެއް ފެނެއެވެ.
މީގެ ސަބަބުން ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންނަށް ކުރާނީ ކޮން އަސަރެއް؟
މާބޮޑަށް ފަލަ މީހުންގެ ތެރެއިން ގާތްގަނޑަކަށް %80 މީހުންނަކީ ހަކުރު ބަލި ހުންނަ މީހުންނެވެ. މި ކެއުމުގެ ސަބަބުން ބަރުދަން ލުއިވެ، ލޭގެ ހަކުރު ކޮންޓްރޯލްވިއެވެ. މިއީ ހަކުރު ބަލީގެ ފަރުވާގައި އެންމެ މުހިންމު ދެ ކަންތަކެވެ.
އަލުއްވާއި މެދު އޮންނަ ކޮން ނުބައި ތަޞައްވުރެއްތޯ މި ދިރާސާއިން ދޮގުކޮށްދިނީ؟
އަލުއްވަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއް ކާނާއެވެ. އަދި އޭގައި ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް ހިމެނެއެވެ. ނަމަވެސް ބައެއް ދިރާސާތަކުން އަލުވިއަކީ ސިއްހަތަށް ނުރަނގަޅު އެއްޗެއްގެ ގޮތުގައި ބަލައި، އެއީ ބަރުދަން އިތުރުވާ އެއްޗެއް ކަމަށް ބުނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދިރާސާއިން ދެއްކީ އަލުވި ހިމެނޭ ސިއްހީ ކެއުމަކުން ބަރުދަން ލުއިވެ، ލޭގެ ހަކުރު ރަނގަޅުވާ ކަމެވެ.
ގިނަ މީހުންނަށް ހީވަނީ އަލުއްވަކީ ހަމައެކަނި ކާބްސް ކަމަށް. އޭގައި ހުންނަ މުހިންމު ނިއުޓްރިއެންޓްސް އަކީ ކޮބައިތޯ؟
އަލުވިގައި ފެޓް ހުންނަނީ ވަރަށް މަދުންނެވެ. އަދި އޭގައި ހަށިގަނޑަށް ބޭނުންތެރި ފައިބަރާއި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. އެމެރިކާގެ ޑައިޓަރީ ގައިޑްލައިންސްގައިވެސް ފާހަގަކޮށްފައިވާ ގޮތުގައި މިއީ އާންމު ސިއްހަތަށް ވަރަށް ބޭނުންތެރި މާއްދާތަކެކެވެ. މީގެ އިތުރުން، އަލުވި ކައްކާފައި ފިނިކުރުމުން އޭގައި އުފެދޭ “ރެސިސްޓަންޓް ސްޓާޗް” އަކީ ހަށިގަނޑަށް ކެލޮރީ އިތުރުނުކޮށް، ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ގިނަވަގުތު ދަމަހައްޓައިދޭ އެއްޗެކެވެ.
މި ދިރާސާގެ ސަބަބުން ދުނިޔެއަށް ލިބޭނެ ފައިދާއަކީ ކޮބައިތޯ؟
ބޮޑެތި ޕޯޝަންތަކުގައި ކެއުމާއި ކެލޮރީ ގިނަ ކާތަކެތި ކެއުމަކީ ބަރުދަން އިތުރުވާ މައިގަނޑު ސަބަބެވެ. އެނަޖީ ޑެންސިޓީ މަދު ކެއުމެއްގެ މުހިންމުކަމަކީ، އަމިއްލައަށް މަދުން ކާން މަސައްކަތް ނުކުރި ނަމަވެސް، ހަށިގަނޑަށް އެތެރެވާ ކެލޮރީ މަދުވުމެވެ. “މަދުން ކާށޭ” ބުނާ ބުނުމަށްވުރެ، މިފަދަ އުކުޅުތައް މާ ކާމިޔާބުވާނެއެވެ.
ދެން އޮތީ ކޮން ދިރާސާއެއްތޯ؟
ބަރުދަން ލުއިވާއިރު ހަށިގަނޑުގެ މަސްތައް (ލީން މާސް) ވެސް ލުއިވެގެންދެއެވެ. ނަމަވެސް މަސްތައް ވަރުގަދަކޮށް ބެހެއްޓުމަކީ އިންސުލިން ސެންސިޓިވިޓީއަށް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން، އަޅުގަނޑުމެން މިހާރު ދިރާސާކުރަމުން ދަނީ މި ކެއުމުގެ ސަބަބުން މަސްތަކުގެ ވަރުގަދަކަމަށް ކުރާ އަސަރުތަކެވެ.
