ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ހދ. އަތޮޅު މުބާރާތުގެ ތިންވަނަ މެޗުން ކުމުންދޫ އަދި ހަތަރުވަނަ މެޗުން ނޭކުރެންދޫ މޮޅުވެއްޖެ އެވެ. މި މުބާރާތުގެ ދެ މެޗެއް އިއްޔެ އާއި ރޭގައި ވަނީ ކުޅެފައެވެ. މި ދެ މެޗަށް ބަލާލާއިރު:
މެޗު 3
މުބާރާތުގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ނޮޅިވަރަންފަރާއި ކުމުންދޫ އެވެ. މިއީ މުބާރާތުގައި ކުމުންދޫ ކުޅޭ ފުރަތަމަ މެޗު ނަމަވެސް، ނޮޅިވަރަންފަރުގެ ދެވަނަ މެޗެވެ. އަދި ގުރޫޕް ސްޓޭޖްގައި އެ ޓީމު ކުޅޭނެ ފަހު މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ނޮޅިވަރަންފަރުން ނެވެ. އެ ޓީމުން އުފެއްދި ފުރަތަމަ ހަމަލާ ހުއްޓުވައި ކުމުންދޫން ވެސް ވަނީ ހަމަލާއެއް އުފައްދާފަ އެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް މި ހާފުގައި ނޮޅިވަރަންފަރުން އުފެއްދިއިރު، އޭގެ ތެރެއިން ގިނަ ހަމަލާތަކެއް ކުމުންދޫގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. ޑިފެންސަށް އިސްކަން ދިން ނަމަވެސް ދޭތެރެއަކުން ކުރިޔަށް ޖެހި ކުމުންދޫން ވަނީ ނޮޅިވަރަންފަރުގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ.
ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނޮޅިވަރަންފަރަށް ނުހިފި އުޅެނިކޮށް، ކުމުންދޫން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ކައުންޓަރ އެޓޭކެއްގައި ކުމުންދޫ ކުޅުންތެރިއަކު އެ ޓީމުގެ ކެޕްޓަން ޢަލީ ޙަސަންއަށް ޖައްސާލި ބޯޅަ ހިފައިގެން އޭރިޔާތެރެއަށް ވަދެ އޭނާ ފޮނުވާލުމުން ކީޕަރު ދިފާއުކުރި ނަމަވެސް، ދެވަނަ ފަހަރަށް ބޯޅަ ހޯދައި ގޯލުގެތެރެއަށް ފޮނުވާލައިގެން ނެވެ. މި ލަނޑަށް މާ ގިނައިރެއް ނުވެ ކުމުންދޫން ވަނީ ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާ ނޮޅިވަރަންފަރު ކީޕަރު ދިފާއުކޮށްފައިވާއިރު، އަނެއް ފުރުސަތު ހުއްޓުވީ ނޮޅިވަރަންފަރު ޑިފެންޑަރުން ނެވެ.
ގިނަ ވަގުތު މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ނޮޅިވަރަންފަރުން ހޯދި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެ ޓީމުން ވެސް ވަނީ ދައްކާފަ އެވެ. ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ކުމުންދޫން މަސައްކަތްކުރިއިރު، ނަތީޖާ ހަމަހަމަކުރުމަށް ނޮޅިވަރަންފަރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަތީޖާ ބަދަލުކޮށްލާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ނޮޅިވަރަންފަރަށް ލިބި އެ ފުރުސަތުތަކުގެ ބޭނުން ނުކުރެވުނު މި މެޗު ނިމުނީ 1-0 އިން ކުމުންދޫ މޮޅުވެ ގުރޫޕްގެ އެއްވަނަ ހޯދައިގެން ނެވެ. މި މެޗުން ބަލިވި ނަމަވެސް ނޮޅިވަރަންފަރަށް ސެމީ ފައިނަލްގެ ފުރުސަތު އަދި ނުގެއްލެ އެވެ.
1-0 އިން ކުމުންދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އެ ޓީމުގެ ކެޕްޓަން ޢަލީ ހަސަން އެވެ.

ނޮޅިވަރަންފަރާއި ކުމުންދޫ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ
މެޗު 4
މުބާރާތުގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ނޭކުރެންދޫ އާއި ކުރިނބީ އެވެ. މިއީ ނޭކުރެންދޫގެ ދެވަނަ މެޗު ނަމަވެސް ކުރިނބީގެ ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުން ބަލިވެފައިވާ ނޭކުރެންދޫ ގުރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗަކީ މި މެޗެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ކުރިނބީ ޓީމުން ނެވެ. ލަނޑު ޖަހަން އެ ޓީމަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި އުޅެނިކޮށް ނޭކުރެންދޫން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި ކުރިނބީގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ. ކައުންޓަރ އެޓޭކެއްގައި ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ތިންވަނަ މިނިޓްގައި ކުރިނބީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒިޔާން ޢަބްދުލްޣަނީ އެވެ.
ކުރިނބީގެ ލަނޑަށްފަހު ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ނޭކުރެންދޫން ނެވެ. ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރިއިރު، އޭގެ ތެރެއިން ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވި އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ނޭކުރެންދޫއަށް އެކަން ކާމިޔާބުވީ ނުވަވަނަ މިނިޓްގަ އެވެ. ވިލްފް ޖައްސާލި ބޯޅައެއް އޭރިޔާ ބޭރުގައި ހުރެ އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައި ނޭކުރެންދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ މުޙައްމަދު އަބާން އިބްރާހީމް އެވެ.
މި މެޗުގެ ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފަ އެވެ. ސެމީ ފައިނަލުން ޖާގައެއް ހޯދުމަށްޓަކައި މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތް ނޭކުރެންދޫން ވަނީ ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ގިނަ ފުރުސަތުތަކެއް ނޭކުރެންދޫން ހޯދި މި ހާފުގައި އެ ޓީމުން ލީޑު ނެގީ މެޗުގެ ފަހުކޮޅު އެވެ. ކުރިނބީ ހާފުގެ ތެރެއިން މެދުރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި ދެ ކުޅުންތެރިންނާއި ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ރާއިފް ފަޒީލް އެވެ.
ލީޑުގައި އޮވެ ކުޅެ ކުޅެމުންދިޔަ ނޭކުރެންދޫއަށް އޭގެ ފަހުން ވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ. އެއް ފުރުސަތެއްގައި ކީޕަރު ކައިރިން ނައްޓާލުމަށްފަހު އެ ޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް ވެސް ގޯލާއި އަމާޒުނުވެ ވެސް ގޮސްފައިވެ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނޭކުރެންދޫ ދެވަނައަށް ޖެހިލި ނަމަވެސް، މި މެޗުން ބަލިވި ކުރިނބީއަށް ސެމީ ފައިނަލްގެ ފުރުސަތު އަދި ނުގެއްލެ އެވެ.
2-1 އިން ނޭކުރެންދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ރާއިފް ފަޒީލް އެވެ.
މި އަތޮޅުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ގުރޫޕް ސްޓޭޖްގެ ފަހު ދެ މެޗު އެ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު ހަވީރު ބައްދަލުކުރާނީ ހަނިމާދޫ އާއި ކުމުންދޫ އެވެ. އަދި އެރޭ ބައްދަލުކުރާނީ ނައިވާދޫ އާއި ކުރިނބީ އެވެ.
