ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުދައްރިސަކު ޖެހި އެތިފަހަރަކާ ގުޅިގެން ޔޫ.ކޭ.ޖީ ގައި ކިޔަވަމުންދިޔަ ދަރިވަރަކު ނިޔާވެއްޖެ

އިންޑިއާގެ ވިސާކަޕަޓްނަމްގެ އަމިއްލަ ސްކޫލެއްގައި ކިޔަވަމުންދިޔަ އުމުރުން ފަސް އަހަރުގެ ކުއްޖަކު، މުދައްރިސަކު ޖެހި އެތިފަހަރަކާ ގުޅިގެން ނިޔާވެފައިވާ ކަމަށް ތުހުމަތުކުރެވޭ ހިތާމަވެރި ހާދިސާއެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހިނގާފައެވެ. ވިސާކަޕަޓްނަމްގެ ކޮތާ ރޯޑުގައި ހުންނަ މި ސްކޫލުގައި ހިނގި މި ހާދިސާއާ ގުޅިގެން، އެ ކުއްޖާގެ މައިންބަފައިންނާއި އާއިލާގެ މެންބަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އެމީހުން ތުހުމަތުކުރާ ގޮތުގައި މުދައްރިސް އެ ކުއްޖާއަށް އަނިޔާކުރީ ގޭގައި ހަދަންދިން ފިލާވަޅުތައް ފުރިހަމަ ނުކުރުމުންނެވެ.

ވަން ޓައުން ޕޮލިސް ސްޓޭޝަނުގެ އިހުތިސާސްގެ ދަށުގައިވާ މި ސްކޫލުގައި ނިޔާވެފައިވަނީ ކްރިޝްނާ ޕްރަސާދާއި ސާއީ ލަކްޝްމީގެ ދަރިފުޅު ޓީ. ޕްރަނޭ ތޭޖް އެވެ. އާއިލާއިން މައުލޫމާތު ދޭގޮތުގައި، ފިލާވަޅުތައް ނުނިމި ހުރުމުގެ ސަބަބުން ބުރާސްފަތި ދުވަހު ސްކޫލަށް ދާން ޕްރަނޭ ހުރީ ފަސްޖެހިފައެވެ. ނަމަވެސް ފަހުން އޭނާ ސްކޫލަށް ދިޔައީ ވަރަށް ބޮޑަށް މާޔޫސްވެފައި ހުރެއެވެ.

ސްކޫލުގެ ސީ.ސީ.ޓީ.ވީ ފުޓޭޖުން ފެންނަ ގޮތުގައި، މުދައްރިސް ދަރިވަރުންނަށް އެކަކު އަނެކަކަށް ގޮވައިގެން ފިލާވަޅުތައް ޗެކް ކުރަމުން ދިޔައެވެ. ޕްރަނޭ އޭނާގެ ހުސް ސްލޭޓް (ޒަމާނީ ވޮށުފިލާ) ދެއްކުމުން، މުދައްރިސް އޭނާ ގާތަށް ދަމައިގަނެ، ގަމީހުގެ ގޮށްތައް ނައްޓާލުމަށްފަހު ކްލާސްތެރޭގައި އޭނާގެ ކަންކަށިމަތީގައި ޖެހި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު އެ ކުއްޖާ ވަނީ ހޭނެތިގެން ވެއްޓިފައެވެ.

އެ ކުއްޖާ ވަގުތުން ވިސާކަޕަޓްނަމްގެ ކޭ.ޖީ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ. މި ހާދިސާ ހެނދުނު 11:00 އެހާއިރު ހިނގާފައިވީ ނަމަވެސް، ސްކޫލް މެނޭޖްމަންޓުން ކުއްޖާގެ މައިންބަފައިންނަށް މިކަން އަންގާފައިވަނީ މެންދުރުފަހު 12:50 ގައެވެ. މިކަމާ ގުޅިގެން ރުޅިގަދަވެފައިވާ މައިންބަފައިންނާއި އާއިލާގެ މެންބަރުން ވަނީ ސްކޫލް މެނޭޖްމަންޓާއި މިކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި މުޒާހަރާކޮށްފައެވެ.

މިވެސް ކިޔާލަން:  އިންޑިއާގެ އެމްޖޭ 5 ގެ ވީޑިއޯ ލަވައެއް ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށުން

ޑިސްޓްރިކްޓް އެޑިއުކޭޝަން އޮފިސަރު ޕްރޭމް ކުމާރާއި ޕޮލިސް އިންސްޕެކްޓަރު ވަރާ ޕްރަސާދު ވަނީ ސްކޫލަށް ޒިޔާރަތްކޮށް، މުވައްޒަފުންނާއި ދަރިވަރުންނާ ސުވާލުކޮށްފައެވެ. ޕްރޭމް ކުމާރު ވިދާޅުވި ގޮތުގައި މިކަމުގެ އިބްތިދާއީ ރިޕޯޓެއް ސަރުކާރަށް މިހާރު ވަނީ ހުށަހަޅާފައެވެ. ފުލުހުން ވަނީ މައިންބަފައިންގެ ޝަކުވާއާ ގުޅިގެން މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށް ތަހުގީގު ފަށާފައެވެ. ކުއްޖާ ނިޔާވި ސީދާ ސަބަބު އެނގޭނީ ޕޯސްޓްމޯޓަމް ހެދުމުން ކަމަށް ފުލުހުން ބުނެއެވެ.

އައި.ޓީ އަދި އެޑިއުކޭޝަން މިނިސްޓަރު ނާރާ ލޯކޭޝް ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ސްކޫލް މެނޭޖްމަންޓް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އަނިޔާ ލިބުނު އާއިލާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top