– ބައިސްކޯފުން ސްޓްރީމްކުރަން ފަށަނީ ސެޕްޓެންބަރުގައި
ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވެބް ސީރީޒް “ހުވާ” ގެ ތިންވަނަ ސީޒަންގެ ރަސްމީ ޓްރެއިލަރ އާންމުކޮށް، މި ސީޒަން ދިވެހި އޮރިޖިނަލް ކޮންޓެންޓް ސްޓްރީމްކުރާ އެޕް “ބައިސްކޯފު” މެދުވެރިކޮށް ދައްކަން ފަށާނެ ތާރީޚު އިޢުލާނުކޮށްފިއެވެ.
މީސްމީޑިއާގައި މިހާރު އާންމުކޮށްފައިވާ މި ޓްރެއިލަރއިން ފެންނަ ގޮތުގައި، މި ސީޒަންވެސް ވެގެންދާނީ ފުރަތަމަ ދެ ސީޒަނެކޭ އެއްފަދައިން ވަރުގަދަ އަސަރުގަދަ ހާދިސާތަކަކާއި ކުއްލި ސިހުންތަކެއް ގެނެސްދޭނެ ފޯރިގަދަ ސީޒަނަކަށެވެ. އަދި އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި މި ސީރީޒް ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ބައިސްކޯފުން ގެނެސްދޭ “ހުވާ” ސީރީޒްގެ ކުރީގެ ސީޒަންތަކަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ތިންވަނަ ސީޒަނަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ސީޒަނެކެވެ. މި ސީޒަނުގައިވެސް ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު އަދި ހުނަރުވެރި ގިނަ ތަރިންތަކެއް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
ކުރީގެ ސީޒަން ނިމުނު ހިސާބުން އުފެދުނު ސުވާލުތަކުގެ ޖަވާބު މި ސީޒަނުން ލިބިގެންދާނެ ކަމަށް ބެލެވޭއިރު، ޓްރެއިލަރ އާންމުވުމާއެކު ގިނަ ބެލުންތެރިން އަންނަނީ ސީރީޒް ފެށޭނެ ދުވަހަކަށް ކެތްމަދުވެފައިވާ ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ.
View this post on Instagram
