މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އާއި ކާމިޔާބު ޑައިރެކްޓަރު ޕްރިޔަދަރްޝަން ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތްކުރާ ފިލްމު “ހައިވާން” ގައި ސައިފް ފެނިގެންދާނީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހެއްގެ ރޯލުންނެވެ. މި ފިލްމުގެ ޓްރެއިލާއިން ސައިފްގެ ކެރެކްޓަރުގެ ކުޑަ މަންޒަރެއް ދައްކައިލާފައިވާއިރު، ޕްރިޔަދަރްޝަންއާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ސައިފް ވަނީ ހިއްސާކޮށްފައެވެ. ސައިފް ބުނި ގޮތުގައި އޭނާގެ ޒުވާން ދުވަސްވަރު ހީކުރެވުނީ އެ ދެމީހުންގެ މަސައްކަތުގެ މިސްރާބު ތަފާތު ކަމަށެވެ. ނަމަވެސް، މިހާރަކީ ދެމީހުން އެކުގައި މަސައްކަތް ކުރުމަށް އެންމެ އެކަށޭނަ ވަގުތު ކަމަށް އޭނާ ޤަބޫލުކުރެއެވެ.
“ޕްރިޔަދަރްޝަންއަކީ ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ، ވަރަށް ހަމަޖެހޭ މިޒާޖެއްގެ ކާމިޔާބު ޑައިރެކްޓަރެއް. އަހަރެން ޒުވާންއިރު ހީކުރެވުނީ އަހަރެމެން ދެމީހުންގެ މަސައްކަތުގެ ވައްޓަފާޅި ދިމާނުވާނެ ކަމަށް. އޭރު އަހަންނަކީ އެކްޓިންގެ މާ ބޮޑު ތަމްރީނެއް ލިބިފައި ހުރި މީހެއް ނޫން. އޭރު އަހަންނަށް ކުޅެން އެނގެނީ ހަމައެކަނި ރޮމޭންޓިކް ކޮމެޑީ ފިލްމުތައް. އެހެންކަމުން އޭނާގެ ފިލްމީ ދުނިޔެއަށް އަހަރެން ފިޓްވާނެކަމާމެދު އޭރު ޝައްކު އުފެދުނު. އެކަމަކު މިހާރަކީ ޑައިރެކްޓަރު އަހަރެންގެ ފަރާތުން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ދެނެގަނެވޭނެ ފަދަ ތަޖުރިބާ ލިބިފައިވާ ވަގުތު.” ސައިފް ކިޔައިދިނެވެ.
ޕްރިޔަދަރްޝަންއާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާއަށް އަލިއަޅުވާލަމުން ސައިފް ބުނީ، އޭނާއަކީ ވަރަށް ހަރުދަނާ އުސޫލުތަކަކާއި އަޚުލާޤީ މިންގަނޑުތަކެއް ހިފަހައްޓާ ޑައިރެކްޓަރެއް ކަމަށެވެ.
“އޭނާއާއެކު މަސައްކަތް ކުރުމަކީ ވަރަށް އުފާވެރި ތަޖުރިބާއެއް. އޭނާއަކީ ވަގުތު ބޭކާރު ނުކުރާ، ބޭނުންވާ ގޮތް ވަރަށް ސާފުކޮށް އެނގޭ މީހެއް. އެހެންކަމުން މަސައްކަތުގައި އެއްވެސް އޮޅުންބޮޅުމެއް ނޯވޭ. ހެނދުނު މަސައްކަތް ފަށައި، ގަޑިއަށް ނިންމާލުމަކީ އަހަރެން އަބަދުވެސް އެދޭ ގޮތް. އޭނާގެ މަސައްކަތުގެ ހަރުދަނާކަމާއި ފުރިހަމަކަން ބޮޑުކަމުން، އޭނާއާއެކު މަސައްކަތް ކުރުމަށްފަހު އެހެން މީހުންނާއެކު މަސައްކަތްކުރަން ވެސް އުނދަގޫވާނެ.” ސައިފް އިތުރަށް ބުންޏެވެ.
މީގެ އިތުރުން ސައިފް ވަނީ ޝޫޓިން ސެޓުގައި ހިނގި ފާހަގަކޮށްލެވޭ ހާދިސާއެއް ވެސް ހިއްސާކޮށްފައެވެ.
“އޭނާއަކީ ވަރަށް ހުނަރުވެރި ފަންނާނެއް. އެއް ދުވަހު އޭނާ ބޭނުންވި ފަދަ މިއުޒިކެއް ނުލިބުމުން، ވައިލިން ކުޅޭ ގްރޫޕު ފޮނުވާލުމަށްފަހު އެހެން ބަޔަކު ގެނެސްގެން ވެސް ޝޫޓިން ނިންމާލީ ކަނޑައެޅިފައިވާ ވަގުތަށްވުރެ ތިން ގަޑިއިރު ކުރިން. މިއީ އޭނާގެ ކުޅަދާނަކަން. އޭނާ ކޮމެޑީ މަންޒަރުތައް ޑައިރެކްޓް ކުރާ ގޮތް ފެނުމުން އޭނާއަކީ ހަމައެކަނި މޮޅު ޑައިރެކްޓަރެއް ނޫންކަމާއި، މޮޅު އެކްޓަރެއްކަން ވެސް ސާބިތުވެގެންދިޔަ.” ސައިފް ބުންޏެވެ.
ޕްރިޔަދަރްޝަންގެ މަސައްކަތްތަކުގައި ފަންނުވެރިކަމާއި ވިޔަފާރީގެ އުސޫލުތައް އެއްކޮށްލާފައިވާ ފުރިހަމަ ގޮތަށް ތަޢުރީފު ކުރަމުން ސައިފް ބުނީ، އޭނާގެ ފިލްމީ ހަޔާތުގެ މި މަރުހަލާގައި މިފަދަ ކުޅަދާނަ ޑައިރެކްޓަރަކާއެކު މަސައްކަތްކުރަން ލިބުމަކީ ބޮޑު ނަސީބެއް ކަމަށެވެ.
“ހައިވާން” ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
