ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވެމްކޯ އާއި އެމްޓީސީސީ ސެމީ ފައިނަލަށް ދަތުރުކޮށްފި
ކުލަބް ވެމްކޯ ( ވީއޭއެމް އެފްބީ )

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން އަންހެން ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ ވީއޭއެމް ކަޕް 2026 އަންހެން ޑިވިޝަންގެ ސެމީ ފައިނަލަށް ގުރޫޕް ބީ އިން ކުލަބް ވެމްކޯ އާއި އެމްޓީސީސީ ދަތުރުކޮށްފި އެވެ. ގުރޫޕް ބީގައި ހިމެނެނީ ކުލަބް ވެމްކޯ އާއި އެމްޓީސީސީ އަދި ޖީޖީ ސްޕޯރޓްސް އާއި ރާއްޖެ ވޮލީ ކުލަބެވެ. ގުރޫޕް ސްޓޭޖްގެ މެޗުތައް ނިމުނުއިރު، މި ގުރޫޕްގެ އެއްވަނަ ހޯދީ ކުލަބް ވެމްކޯ އެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓް އެޓީމުން ހޯދިއިރު، އެމްޓީސީސީ ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއިއެކު މި ގުރޫޕްގެ ދެވަނަ ހޯދާފަ އެވެ.

މި ގުރޫފްގެ މެޗުތަކަށް ބަލާލާއިރު:

މި ގުރޫޕްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުލަބް ވެމްކޯ އާއި އެމްޓީސީސީ އެވެ. ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުން މި މެޗު ކާމިޔާބު ކުރީ ކުލަބް ވެމްކޯ އެވެ. މި މެޗުގެ ސެޓްތައް އެ ޓީމު ހޯދީ 25-14، 25-14 އަދި 28-26 އިން ނެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ރާއްޖެ ވޮލީ ކުލަބާއި ޖީޖީ ސްޕޯރޓްސް އެވެ. ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުން މި މެޗު ކާމިޔާބުކުރީ ޖީޖީ ސްޕޯރޓްސް އެވެ. މި މެޗުގެ ސެޓްތައް އެ ޓީމު ހޯދީ 25-14، 25-20 އަދި 25-10 އިން ނެވެ.

ތިންވަނަ މެޗުގައި ބައްދަލުކުރީ އެމްޓީސީސީ އާއި ރާއްޖެ ވޮލީ ކުލަބެވެ. ސީދާ ތިން ސެޓުން މި މެޗު ކާމިޔާބުކުރީ އެމްޓީސީސީ އެވެ. މި މެޗުގެ ސެޓްތައް އެ ޓީމު ހޯދީ 25-8، 25-6 އަދި 25-20 އިން ނެވެ.

އެމްޓީސީސީ / ފޮޓޯ: ވީއޭއެމް – އެފްބީ

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ވެމްކޯ އާއި ޖީޖީ ސްޕޯރޓްސް އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކުލަބް ވެމްކޯ އެވެ. މި މެޗުގެ ސެޓްތައް އެ ޓީމު ހޯދީ 25-12، 25-16 އަދި 25-23 އިން ނެވެ.

މިވެސް ކިޔާލަން:  މަހިބަދޫ ޒުވާނުންގެ 3 ވަނަ ވޮލީ މުބާރާތް 20 ވަނަ ދުވަހުގެ ރޭ ފަށަނީ

ފަސްވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ވެމްކޯ އާއި ރާއްޖެ ވޮލީ ކުލަބެވެ. މިއީ ދެ ޓީމު ވެސް ގުރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗެވެ. މި މެޗަށް ނުކުތްއިރު ވެސް ސެމީ ފައިނަލްގެ ޖާގައެއް ކުލަބް ވެމްކޯ ޔަގީންކޮށްފައިވާއިރު، ރާއްޖެ ވޮލީ ކުލަބް ވަނީ މުބާރާތުން ކަޓާފަ އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކުލަބް ވެމްކޯ އެވެ. މި މެޗުގެ ސެޓްތައް އެ ޓީމުން ހޯދީ 25-8، 25-20 އަދި 25-20 އިން ނެވެ.

ހަވަނަ މެޗްގައި ބައްދަލުކުރީ އެމްޓީސީސީ އާއި ޖީޖީ ސްޕޯރޓްސް އެވެ. މިއީ މި ގުރޫޕްގެ ފަހު މެޗެވެ. މި މެޗަށް ނުކުތްއިރު މި މެޗު ކާމިޔާބުކޮށް ސެމީ ފައިނަލްގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތީ ހުޅުވިފަ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު އެމްޓީސީސީ ކާމިޔާބު ކުރީ 3 ސެޓް 1 ސެޓުން ނެވެ. މި މެޗުގެ ސެޓްތައް އެމްޓީސީސީ ހޯދީ، ފުރަތަމަ ސެޓް 25-21 އިން ޖީޖީ ސްޕޯރޓްސް ހޯދާފައި ވަނިކޮށް ފަހަތުން އަރައެވެ. އެ ޓީމުން ސެޓްތައް ހޯދީ 25-23، 25-20 އަދި 28-26 އިން ނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުރިޔަށްދާ މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހު ހަވީރާއި ރޭގަނޑު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top