ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފެލިދޫ އާއި ފޮނަދޫ އަދި ގޮއިދޫ ފެށީ މޮޅަކުން
ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްބީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިސްއިން އިންތިޒާމްކޮށްގެން ބާއްވާ ރާއްޖެ ސުޕަރ ލީގު 2026 ވޮލީބޯޅަ މުބާރާތުގެ، ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުން ފެލިދޫ އަދި ދެވަނަ މެޗުން ފޮނަދޫ މޮޅުވެއްޖެ އެވެ. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި ކުރިޔަށްދާ މި މުބާރާތް ފަށާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ.

މި އަހަރުގެ މުބާރާތުގައި ހަތް ރަށަކުން ވަނީ ޓީމުތައް ބައިވެރިކޮށްފަ އެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ، ހދ. ހަނިމާދޫ އާއި ވ. ފެލިދޫ އަދި ލ. ފޮނަދޫ އާއި ކ. މާފުށްޓެވެ. ގުރޫޕް ބީގައި ހިމެނެނީ ބ. ގޮއިދޫ އާއި ތ. ހިރިލަންދޫ އަދި ކ. ތުލުސްދޫ އެވެ.

މެޗު 1

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ހދ. ހަނިމާދޫ އާއި ވ. ފެލިދޫ އެވެ. ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ފެލިދޫ އެވެ.

ފުރަތަމަ ސެޓް ފަށައިގެން ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، މި ސެޓްގެ ކުރީކޮޅު ލީޑުގައި އޮވެ ކުޅެމުންދިޔައީ ހަނިމާދޫ އެވެ. ފެލިދޫން ކުޅުން ރަނގަޅުކޮށް، ނަތީޖާ ހަމަހަމަކޮށް ކުރިޔަށް ޖެހިލި ފަހުން ހަނިމާދޫން ވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. ދެވަނަ ފަހަރަށް ލީޑު ހޯދި ފެލިދޫން މި ސެޓް ކާމިޔާބުކުރީ 25-21 އިންނެވެ.

ދެވަނަ ސެޓް ވެގެން ދިޔައީ މުޅި މެޗުގައި ވެސް ފެނުނު އެންމެ ވާދަވެރި ސެޓަށެވެ. މި ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ފުރަތަމަ ސެޓް ކާމިޔާބުކުރި ފެލިދޫ އެވެ. މެޗުން މޮޅުވުމަށްޓަކައި ހޯދަން މުހިންމުވި މި ސެޓްގެ ފަހުކޮޅު، ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ހަނިމާދޫން 24-24 އިން ޕޮއިންޓް ހަމަހަމަ ކުރިއެވެ. ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި ސެޓް ހަނިމާދޫ ކާމިޔާބު ކުރީ 27-25 އިންނެވެ.

މިވެސް ކިޔާލަން:  ކާލާމަންނަ އާއި ސްޕައިކާރސް ދެވަނަ މޮޅު ހޯދުމާއިއެކު އެއްވަނައިގެ ފޯރި ގަދަވެއްޖެ

ދެ ސެޓް ދެ ޓީމަށް ލިބުމާއިއެކު މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ. މެޗުން މޮޅުވުމަށްޓަކައި ތިންވަނަ ސެޓް ކާމިޔާބު ކުރުން ދެ ޓީމަށް ވެސް މުހިންމުވިއެވެ. ސެޓްގެ ކުރީކޮޅު ހަނިމާދޫން ނެގި ލީޑުގެ މައްޗަށް ގަދަވެގަތް ގޮތަށް ލީޑުގައި އޮވެ ފެލިދޫން މި ސެޓް ކާމިޔާބުރީ 25-22 އިންނެވެ.

ހަތަރުވަނަ ސެޓް ހޯދައި މެޗު ކާމިޔާބު ކުރުމަށްޓަކައި އިތުރު ހިތްވަރަކާއިއެކު ފެލިދޫން މި ސެޓާއި ކުރިމަތިލީއިރު، ދެވަނަ ސެޓް ހޯދުމަށްޓަކައި ހަނިމާދޫން ވެސް ވަނީ ހިތްވަރުކޮށްފައެވެ. މި ސެޓްގެ ކުރީކޮޅު ފެލިދޫން ނެގި ލީޑާއިއެކު މަޑުމަޑުން ލީޑު ފުޅާކޮށްލިއިރު ފެލިދޫ ހުއްޓުވުމުގައި ހަނިމާދޫއަށް ކާމިޔާބެއް ނުހޯދުނެވެ. ބޮޑު ލީޑެއްގައި އޮވެ ކުޅެމުންދިޔަ ފެލިދޫން މި ސެޓް ކާމިޔާބުކުރީ 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެލިދޫ ޓީމުގެ މުރާދް ޖީހާން އެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްބީ

މެޗު 2

މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ލ. ފޮނަދޫ އާއި ކ. މާފުށްޓެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ފޮނަދޫ އެވެ.

ފުރަތަމަ ސެޓް ފަށައިގެން ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ސެޓްގެ މެދަކާއި ހިސާބުން މާފުށިން ލީޑު ނެގިއެވެ. މާފުށިން ނެގި ލީޑަށް މާގިނައިރެއް ނުވެ ފޮނަދޫން ވަނީ ނިމުން ގެނެސް އެ ޓީމުގެ މައްޗަށް ކުރި ހޯދާފައެވެ. ދާދި ހަމަހަމަކޮށް ޕޮއިންޓް ލިބެމުންދިޔަ މި ސެޓް ފޮނަދޫން ކާމިޔާބުކުރީ 25-20 އިންނެވެ.

މިވެސް ކިޔާލަން:  ބޮއިލިންގް ހެޑް ޗެމްޕިއަންކަން ހޯދައިފި

ފުރަތަމަ ސެޓް ގެއްލުމާއިއެކު ދެވަނަ ސެޓް ހޯދުމަށްޓަކައި މާފުށިން ކުރި ހިތްވަރު އިތުރުކުރި ނަމަވެސް، ސެޓް ފެށުމާއިއެކު ލީޑު ނަގައި ފޮނަދޫން އެ ލީޑު ފުޅާކޮށްލިއެވެ. މެޗުގެ ކޮންޓްރޯލް ހޯދައި ލީޑުގައި އޮވެ ކުޅެމުންދިޔަ ފޮނަދޫން މި ސެޓް ކާމިޔާބުކުރީ 25-18 އިންނެވެ.

މެޗު ކާމިޔާބު ކުރުމަށްޓަކައި ތިންވަނަ ސެޓް ހޯދުމަށް ފޮނަދޫން ސެޓާއި ކުރިމަތިލީއިރު، މެޗު ކާމިޔާބު ކުރުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރު މި ސެޓްގައި މާފުށިން ވެސް ވަނީ ވަރަށް ހިތްވަރުކޮށްފައެވެ. ސެޓް ފަށައިގެން ރަނގަޅަށް ކުޅުނު ފޮނަދޫ އާއި މި ސެޓްގައި ވެސް މާފުށިން ޕޮއިންޓްގެ ގޮތުން ކައިރިކުރިއެވެ. ދެ ޕޮއިންޓަށް ނަތީޖާ ކައިރިކޮށްލުމާއިއެކު ލީޑު ފުޅާކޮށްލި ފޮނަދޫން ތިންވަނަ ސެޓް ހޯދީ 25-18 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޮނަދޫ ޓީމުގެ ފަހަދް ރަޒާ އެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްބީ

މެޗު 3

މުބާރާތުގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ ބ. ގޮއިދޫ އާއި ތ. ހިރިލަންދޫ އެވެ. މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި، މެޗުގެ ގޮތުގައި ފެނުނު މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ގޮއިދޫ އެވެ.

މެޗުގެ ފުރަތަމަ ސެޓް 25-22 އިން ގޮއިދޫ ކާމިޔާބުކުރިއިރު، މި ސެޓްގެ ކުރީކޮޅު ލީޑުގައި އޮވެ މޮޅަށް ކުޅުނީ ހިރިލަންދޫ އެވެ.

ފުރަތަމަ ސެޓް ގެއްލުމާއިއެކު، ދެވަނަ ސެޓް ހޯދުމަށްޓަކައި ހިރިލަންދޫން ވަނީ ކުރީ ސެޓަށްވުރެ މޮޅު ކުޅުމެއް ދައްކާފައެވެ. ސެޓް ފެށިގޮތަށް ލީޑުގައި އޮވެ ކުޅެމުންދިޔަ ހިރިލަންދޫން މި ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 25-17 އިންނެވެ.

މިވެސް ކިޔާލަން:  ސްކައިލައިން ކައިރިން ބަދަލު ހިފައި ނެޓް ނިންޖާރސްއިން ޗެމްޕިއަންކަން ހޯދައިފި

ދެ ޓީމަށް ދެ ސެޓް ދިއުމާއިއެކު ތިންވަނަ ސެޓްގެ ފޯރި ގަދަވިއެވެ. މެޗު ކާމިޔާބު ކުރުމަށްޓަކައި މި ސެޓް ހޯދުން ދެ ޓީމަށް ވެސް ވަރަށް މުހިންމުވިއެވެ. މި ސެޓް ވެސް ފަށައިގެން ރަނގަޅަށް ކުޅުނީ ހިރިލަންދޫ އެވެ. ލީޑުގައި އޮވެ ކުޅެމުންދިޔަ ހިރިލަންދޫ އާއި ގޮއިދޫން އެއްވަރުކުރީ 13-13 އިންނެވެ. ފަހަތުން އަރައި އެއްވަރުކުރިގޮތަށް ދޫދިނުމެއް ނެތި ގޮއިދޫން ލީޑު ނެގިއެވެ. އަދި އެ ލީޑު ފުޅާކޮށް 25-22 އިން ސެޓް ކާމިޔާބު ކުރިއެވެ.

ހަތަރުވަނަ ސެޓަށް ނުކުތްއިރު، މެޗު ކާމިޔާބު ކުރުމަށްޓަކައި މި ސެޓުން މޮޅުވުން ނޫން އެހެން ގޮތެއް ހިރިލަންދޫއަކަށް ނެތެވެ. މި ސެޓްގައި އެ ޓީމުން ވަނީ އަނެއްކާ ވެސް ތަފާތު ދައްކާފައެވެ. މެޗު ފެށިގޮތަށް ނެގި ލީޑުގެ ފަރަގު ބޮޑުކޮށްލި އެވެ. މި ސެޓް ކާމިޔާބު ކޮށްގެން މެޗުން މޮޅުވުމުގެ ފުރުސަތު ލިބިފައި އޮތް ގޮއިދޫއަށް މި ސެޓްގައި މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. މި ސެޓް ހިރިލަންދޫން ކާމިޔާބުކުރީ 25-14 އިންނެވެ.

މިއީ މި މުބާރާތުގެ މެޗެއްގައި ފަސް ސެޓް ކުޅެން ޖެހުނު ފުރަތަމަ މެޗެވެ. ކޮންމެ ޓީމަކުން ދެ ސެޓް ހޯދުމާއިއެކު، މެޗުން މޮޅުވުމަށްޓަކައި ދެ ޓީމަށް ވެސް މުހިންމުވި މި ސެޓްގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލީޑުގައި އޮވެ ގޮއިދޫން ކުޅެމުން ދަނިކޮށް ހިރިލަންދޫން 13-13 އިން އެއްވަރު ވެސް ކުރިއެވެ. ފަހު ވަގުތު ހޯދި ދެ ޕޮއިންޓާއިއެކު 15-13 އިން މި ސެޓް ކާމިޔާބުކުރީ ގޮއިދޫ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ޖަޔާލަތު ބަންޑާރަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top