ދުނިޔޭގެ މަޝްހޫރު ފެޝަން އަދި ލައިފްސްޓައިލް މަޖައްލާ “ވޯގް” ގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، އުމުރުން ދުވަސްވުމުން ހަށިގަނޑަށާއި ހަމަށް އަންނަ ބަދަލުތައް ލަސްކޮށްދީ (އެންޓި-އޭޖިންގ)، ސިއްޙަތު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށްޓަކައި ކެއުމުގައި ފަތްޕިލާވެލީގެ ބާވަތްތައް ހިމެނުމަކީ ނުހަނު މުހިންމު ކަމެކެވެ.
ސިއްޙީ މާހިރުންނާއި ކާނާއާ ބެހޭ ޚާއްސަ ޑޮކްޓަރުންގެ ދިރާސާތަކަށް ބިނާކޮށް މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ފައިދާހުރި 7 ބާވަތަކީ:
ކޭލް:
ވިޓަމިން އޭ، ސީ، އަދި ކޭ އިން މުއްސަނދިވެފައިވާ ކޭލްއަކީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް އެކުލެވޭ ފަތެކެވެ. މިއީ ހަމުގެ ވާންކަން ދަމަހައްޓައިދީ، ޒުވާންކަންމަތީ ހުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ސްޕިނަޗް / ޕާލަކް:
ވިޓަމިން، މިނަރަލްސް އަދި އަޔަން ގިނަ އަދަދަކަށް އެކުލެވޭ ސްޕިނަޗްއަކީ ހަމުގެ ތެތްކަން ހިފަހައްޓައިދީ، އިރުގެ ގެއްލުންދެނިވި ދޯދިތަކުން ހަންގަނޑު ސަލާމަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ފަތެކެވެ.
ވޯޓަރކްރެސް:
މިއީ ކެލްސިއަމް، ޕޮޓޭސިއަމް އަދި ފޮސްފަރަސް ގިނަ، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ ފަތެކެވެ. މީގެ އިތުރުން ލޭ ދައުރުވުން ރަނގަޅުކޮށްދީ، ހަންގަނޑަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމަށް އެހީވެއެވެ.
ސްވިސް ޗާޑް:
ހަށިގަނޑުގައި ދައުރުވާ ވިހަ މާއްދާތަކާ ދެކޮޅަށް މަސައްކަތްކުރާ މި ފަތަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު ހަމަހަމަކޮށްދީ، ސެލްތައް އަވަހަށް މުސްކުޅިވުމުން ރައްކާތެރިކޮށްދޭ ބާވަތެކެވެ.
އަރުގުލާ / ރޮކެޓް ފަތް:
ހަށިގަނޑުގައި އުފެދޭ ދުޅަތައް (އިންފްލެމޭޝަން) ކުޑަކޮށްދިނުމަށް އެހީތެރިވެދޭ މި ފަތަކީ ކަށިތައް ވަރުގަދަކޮށްދީ، ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދޭ ފަތެކެވެ.
ކޮލާޑް ގްރީންސް:
މިއީ ފައިބަރު ގިނަ، ހަޖަމުގެ ނިޒާމަށް ނުހަނު ފައިދާހުރި ފަތެކެވެ. މި ފަތުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ހަށިގަނޑު ޑިޓޮކްސްކޮށްދީ، ހަމުގެ އުޖާލާކަން އިތުރުކޮށްދެއެވެ.
ރޮމެއިން ލެޓިއުސް:
ފެނުގެ މިންވަރު ގިނަ މި ފަތަކީ ހަށިގަނޑު ހައިޑްރޭޓްކޮށް (ތެތްކަންމަތީ) ބެހެއްޓުމަށް އެހީތެރިވެދޭ ފަތެކެވެ. މީގައި ހިމެނޭ ވިޓަމިން ސީ އާއި ކޭ ގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން ރަނގަޅުވެ، ހަންގަނޑު ރޫޖެހުމުން ރައްކާތެރިކޮށްދެއެވެ.
ސިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ދުޅަހެޔޮ ދިގު ޢުމުރެއް ހޭދަކުރުމަށާއި، ބަލިތަކުން ރައްކާތެރިވެ، ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ، ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް މިފަދަ ފެހިކަންގަދަ ފަތްޕިލާވެލީގެ ބާވަތްތައް ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިއީ އަގުބޮޑު ކޮސްމެޓިކްސް ބޭނުންކުރުމުގެ ބަދަލުގައި، ޤުދުރަތީ ގޮތުން ހަށިގަނޑަށް ޒުވާންކަން ގެނެސްދިނުމަށް އެޅިދާނެ އެންމެ ރަނގަޅު ފިޔަވަޅެވެ.
