ދިވެހި ފިލްމީ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކުން އެންމެ އިންތިޒާރުކުރަމުންދާ ފާޠިމަތު ނަހުލާގެ “ހުވާ” ގެ ސީޒަން 3 ދައްކަން ފަށާ ތާރީޚު އިޢުލާންކޮށްފިއެވެ.
2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދައްކަން ފެށި “ހުވާ” ގެ ކާމިޔާބު ދެ ސީޒަނެއް ގެނެސްދީފައިވާއިރު، ދެވަނަ ސީޒަން 20 އެޕިސޯޑާއި ހިސާބުން މެދުކަނޑާލީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޝޫޓިން ކުރިއަށް ނުގެންދެވުމާ ގުޅިގެންނެވެ. އެއަށްފަހު މިދިޔަ އަހަރު ތިންވަނަ ސީޒަންގެ ޝޫޓިން ފަށައި މިއަހަރު ވަނީ ޝޫޓިން އެއްކޮށް ނިންމާލާފައެވެ.
ރާއްޖޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ “ހުވާ” ގެ މި ސީޒަނުންވެސް ކުރީގެ ދެ ސީޒަނުން ފެނުނު މައިގަނޑު ތަރިންތައް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި މުޙައްމަދު ފައިސަލް، އާމިނަތު ރިޝްފާ، މަރިޔަމް އައްޒަ، އަޙްމަދު އީސާ (އާނަންދު)، އަޙްމަދު އަޒްމީލް (އަޒޭ)، ޝީލާ ނަޖީބް، ނާޝިދާ މުޙައްމަދު (ނާއްކޮ)، އިބްރާހީމް ޖިހާދު (ޖިމީ)، ޢަލީ އާޒިމް (ދޮން އައްޔަ)، އާރިފާ އިބްރާހީމް، ރޯނު ޙަސަންމަނިކު، މަރިޔަމް ޝަކީލާ އަދި މުޙައްމަދު ވަހީދު ފަދަ ތަޖުރިބާކާރު ގިނަ ތަރިންތަކެއް ހިމެނެއެވެ.
ފާޠިމަތު ނަހުލާގެ ވާހަކައަކަށް ޢާއިޝަތު ރިޝްމީ ޑައިރެކްޓްކުރި “ހުވާ” ގެ ތިންވަނަ ސީޒަން ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ބައިސްކޯފު މެދުވެރިކޮށެވެ. އަދި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ އާ އެޕިސޯޑެއް ދައްކާ ގޮތަށް ވަނީ ނިންމާފައެވެ.
