– “މަގޭ ބިޓުގެ ވެޑިން” ރަށުގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 7971229 ނަންބަރު ފޯނަށް ގުޅައިގެން އެ އިންތިޒާމުތައް ހަމަޖެއްސޭނެ!
މި ހިނގާ މަހުގެ 2 ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިމްޕަސް ސިނަމާގައި ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ ލޯބީގެ ކޮމެޑީ ފިލްމު “މަގޭ ބިޓުގެ ވެޑިން” އަތޮޅުތެރޭގެ ރަށްރަށުގައި އެޅުވުމުގެ ފުރުސަތު، މި ފިލްމު އުފެއްދި ޑާކް ރެއިން އެންޓަޓެއިންމެންޓުން ހުޅުވާލައިފިއެވެ.
ޑާކް ރެއިން އިން ބުނި ގޮތުގައި، ރާއްޖޭގެ އެކި ރަށްރަށުގައި މި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ފަހިކޮށްދީފައެވެ. އެގޮތުން ފިލްމު ރަށުގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 7971229 ނަންބަރު ފޯނަށް ގުޅައިގެން އެ އިންތިޒާމުތައް ހަމަޖެއްސޭނެ ކަމަށް އެ ސްޓޫޑިއޯއިން މައުލޫމާތު ދެއެވެ.
ފިލްމު ބެލި ގިނަ ބެލުންތެރިންގެ ފަރާތުން އިންތިހާއަށް ރަނގަޅު ކޮމެންޓްތަކަކާއި ތައުރީފު ލިބެމުން އަންނަ މި ފިލްމަކީ، މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބަލައިލަން އެންމެ މަޖާ އަދި އެހާމެ ހިތްގައިމު އެއް ފިލްމުގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކޮށްފައިވާ “މަގޭ ބިޓުގެ ވެޑިން” އަކީ މަޖާ އަދި ޝައުގުވެރި ޑްރާމާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މި ފިލްމަކީ އާއިލާއާ އެކު ބަލައިލަން ވަރަށް ކަމުދާނެ، ހިތްހަމަޖެހުން ގެނެސްދޭނެ ފުރިހަމަ އުފެއްދުމެކެވެ.

މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ ޝަރަފް އަބްދުﷲ، އަލަށް ތައާރަފުވާ ފާތިމަތު ރާޔާ އަބްދުﷲ، ޝާފިއު އިބްރާހީމް (ފުބޫ)، ޝީލާ ނަޖީބް އަދި އަޙްމަދު ސަޢީދެވެ. މިހާތަނަށް އާންމުކޮށްފައިވާ ފިލްމުގެ ޓްރެއިލަރތަކާއި ޕޯސްޓަރުތަކުން ފެންނަ ގޮތުގައި، މި ފަންނާނުންގެ ފަރާތުން މަޖާ މަންޒަރުތަކެއް ފެނިގެންދާނެއެވެ. މީގެއިތުރުން ހާޒިފް މުހައްމަދު، އާމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝާން ވެސް މި ފިލްމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.
މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުގެ މި ޕްރޮޑަކްޝަންގައި، ޕްރޮޑިއުސަރެއްގެ ގޮތުގައި ކައިލީން މުހައްމަދު އަލީ ވެސް ވަނީ ބައިވެރިވެފައެވެ.
މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން ޓްރޮޕިކަލް ރެއިން އެންޓަރޓައިންމަންޓާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
