ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ޖިންނި ޖުލާ އަފްރީން – ނަހާސްކީރާއްޖެ

އަޅުގަނޑަކީ އެއާޓްރެފިކް ކޮންޓްރޯލް އޮފިސަރެއްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށް އުއްމީދުކުރަމެވެ. އަޅުގަނޑު އެއް ފަހަރަކު ޑިއުޓީ ޓާމަކަށް ދިޔަ އެއާޕޯޓެއް ހިމެނޭ އަތޮޅެއްގެ ރަށެއްގައި ވަޑާމުގެ މަސައްކަތްކުރާ ޒީޝާން ކިޔާ ކުއްޖަކު އުޅެއެވެ. މިއީ ޒީޝާންގެ ރަށުގައި ވަރަށް މަޝްހޫރުވެފައިވާ ވާހަކައެކެވެ. ޒީޝާނަކީ ރާއްޖޭގެ ދެކުނަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ދިރިއުޅޭ ރަށުގައި ހިނގި މި ހާދިސާ އޭނާ އަޅުގަނޑަށް ކިޔައިދިނުމުން، އެވަގުތުވެސް އަޅުގަނޑު ހިތަށްއެރިއެވެ، މި ވާހަކަ ތިޔަބޭފުޅުންނަށް ކިޔައިދޭން ޖެހެއެވެ. އެހެންކަމުން އެކުވެރިންނޭވެ، މިއީ ނުރައްކާތެރި ވާހަކައެކެވެ. ތިޔަބޭފުޅުން މި ވާހަކަ އެއްކޮށްށް ކިޔާނެ ކަމަށް އުންމީދު ކުރަމެވެ. އެހެންވީމާ ވާހަކަ ފަށަމާ ހިނގާށެވެ.

އެކުވެރިންނޭވެ! މިއީ މި ބުނާ ރަށުގައި ހިނގި ހާދިސާއެކެވެ. އެ ރަށަކީ އެ އަތޮޅުގެ ވަރަށް މަޝްހޫރު ރަށެކެވެ. މި ވާހަކަ ފެށެނީ ލޯބިލޯބި ކުޑަ އާއިލާއެއް، އެރަށުގެ އަލަށް އާބާދުވާ ސަރަހައްދެއްގައި ހުރި ބާ ގެއަކަށް ބަދަލުވާ ހިސާބުންނެވެ. އެ ގެއަށް ބަދަލުވި ހިސާބުން އެމީހުންނަށް ނުރައްކާތެރި ބިރުވެރި ކަންތައްތަކާ ކުރިމަތިލާން ޖެހުނެވެ. އެއީ ކާސިންފުޅުގެ އާއިލާއެވެ. ފުރަތަމަ އެ އާއިލާއާ ބެހޭގޮތުން ކުޑަ ތައާރަފެއް ދީފާނަމެވެ.

ކާސިންފުޅުގެ އާއިލާގައި ތިބީ ފަސް މީހުންނެވެ. އެއީ ބައްޕައާއި، މަންމައާއި، މާމައާއި، އަދި ދެ ކުޑަކުދިންނެވެ. ބައްޕަ ސަމީރު ގާސިމަކީ 38 އަހަރުގެ މީހެކެވެ. އޭނާއަކީ ވަރަށް ތެދުވެރި، ސީދާ، އަދި މަސައްކަތަށް ފަރުވާތެރި މީހެކެވެ. އޭނާ ވަޒީފާ އަދާކުރަނީ ބޭންކެއްގެ އެސިސްޓަންޓް މެނޭޖަރެއްގެ މަގާމުގައެވެ. އޭނާއަށް މަހަކު އެއްލައްކައަށްވުރެ ގިނަ ރުފިޔާ ލިބެއެވެ. އޭނާއަކީ ދުނިޔެވީ ކަންކަމުގައި ވަރަށް ބުއްދިވެރިކަމާއެކު ވިސްނާ، ސައިންސާއި ފިޒިކްސްއަށް ބުރަވާ މީހެކެވެ. ނަމަވެސް، އޭނާއަކީ އަޅުކަންކުރުމާއި، ޖިންސި ޝައިޠާނުންނާއި، މިފަދަ ރޫހާނީ ކަންތައްތަކަށް އެހާ ބޮޑަށް ގަބޫލުކުރާ މީހެއް ނޫނެވެ.

ދެން ހުރީ އޭނާގެ އަންހެނުން ޝަބާނާއެވެ. ޝަބާނާ އަކީ 34 އަހަރުގެ އަންހެނެކެވެ. އޭނާގެ މިޒާޖު ފިރިމީހާއާ މުޅިން ތަފާތެވެ. ޝަބާނާއަކީ ގެދޮރު ބަލަހައްޓާ، ދަރިންނަށް ލޯބިދޭ، ފުރިހަމަ ގޭތެރޭގެ ޒިންމާ އުފުލާ މީހެކެވެ. އޭނާއަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ، ނަމާދު ވަގުތަށް އަދާކުރާ، އިސްލާމީ އުސޫލުތަކަށް އިހުތިރާމްކުރާ މީހެކެވެ. ދެން ތިބީ އެމީހުންގެ ދެ ފިރިހެން ކުދިންނެވެ. އަޔާން އަދި ރަޔާންއެވެ. އަޔާނަކީ 15 އަހަރުގެ، މަޑުމައިތިރި، އެކަނިވެރިކަމަށް ލޯބިކުރާ، އުފެއްދުންތެރި ކުއްޖެކެވެ. އޭނާ ކުރަހާ ހިތްވެއެވެ. އައު ގެއަށް ބަދަލުވުމުން އެންމެ އުފާވީ އަޔާންއެވެ. ސަބަބަކީ، ފުރަތަމަ ފަހަރަށް އޭނާއަށް އަމިއްލަ ކޮޓަރިއެއް ލިބޭތީއެވެ. އޭނާގެ ކޮއްކޮ ރަޔާންއަކީ 14 އަހަރުގެ، ވަރަށް ސިޔާސަ އަދި ޚިޔާލީ ކަންކަމަށް ޝައުގުވެރިވާ ކުއްޖެކެވެ. އެންމެ ފަހުން ހުރީ އެކުދިންގެ މާމަ ހަސްރަތު އެވެ. އޭނާގެ އުމުރަކީ ގާތްގަނޑަކަށް 65 އަހަރެވެ. ހަސްރަތަކީ ވަރަށް ދީނީ މީހެކެވެ. އޭނާގެ ސިއްހަތު ދެރަވުމުން، ގިނަ ވަގުތު ހޭދަކުރަނީ އޭނާގެ ކޮޓަރީގައި އަޅުކަމުގައެވެ.

މި އާއިލާ އެރަށުގެ ބާ ގެއަށް ބަދަލުވުމުން ވާހަކަ ފެށެއެވެ. ފުރަތަމަ އެ ގެއާ ބެހޭގޮތުން ކިޔައިދޭނަމެވެ. އެއީ ވަރަށް ބޮޑު ގެއެކެވެ. މަތީގައި ހާމަ ފުރާޅެއް އޮވެއެވެ. ތިރީގައި ތިން ކޮޓަރިއާއި، ދިގު ކޮރިޑޯއަކާއި، ފަހަތުގައި ކުޑަ ސްޓޯރު ރޫމެއް ހުރެއެވެ. އެގޭގެ އެންމެ އާދަޔާޚިލާފު ކަމަކީ، ބޭރުގައި ކިތަންމެ ހޫނުގަދަ ނަމަވެސް، އެންމެ ފަހު ކޮޓަރި އަބަދުވެސް ވަރަށް ފިނިކޮށް ހުރުމެވެ. އެ ސަރަހައްދުގެ މީހުން ބުނާ ގޮތުގައި، އެ ގޭގައި ކުރިން އުޅުއްވީ ރޫހާނީ އިލްމު ދެނެވަޑައިގަންނަވާ ޝެއިޚެކެވެ. އޭނާ ނިޔާވި ފަހުން އެ ގެ ހުރީ ހުސްކޮށެވެ. އެ ގެއަށް ދެން ވަނީ ކާސިންފުޅުގެ އާއިލާއެވެ. އެގޭގައި ނުބައި ބާރެއް އުޅޭ ކަމަށާއި، އަޑުތައް އިވޭ ކަމަށްވެސް ބައެއް މީހުން ކިޔައި އުޅެއެވެ. ނަމަވެސް ސަމީރު އެފަދަ ވާހަކަތަކަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ ބެލީ ގޭގެ ބޮޑުމިނަށާއި، ދަރިން ކުޅެ އުޅެން އޮތް ޖާގައަށެވެ. އެހެންކަމުން އެއްވެސް ޖެހިލުމެއް ނެތި އޭނާ އެ ގެއަށް ބަދަލުވިއެވެ.

އައު ގެއަށް ބަދަލުވުމަކީ ސަމީރަށް އުފާވެރި ކަމަކަށް ވިޔަސް، އޭނާގެ އަންހެނުންނަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އިންސާނުންގެ ގެދޮރުގައި ހުންނަ ފަދަ އާރޯކަމެއް ނުވަތަ އަސަރެއް ގެދޮރުގައިވެސް ނެތެވެ. ޝަބާނާއަށް އެ ގެއަށް ވަނުމާއެކު ނުބައި އަސަރެއް ކުރަން ފެށިއެވެ. ކޮރިޑޯގެ ކޮޅުން މީހަކު ހިނގާލާފައި ދިޔަހެން އޭނާއަށް ހީވިއެވެ. ނަމަވެސް ބެލިއިރު އެކަކުވެސް ނެތެވެ.

މި އާއިލާ އެގޭގައި ހޭދަކުރި ފުރަތަމަ ރޭ ހުރިހާ ކަމެއްވެސް ދިޔައީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ފަތިސްވުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ރަޔާންގެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވުނު އަޑު އިވުނެވެ. ބޭރުން މީހަކު ގޮވާލި އަޑު އިވުނެވެ،

“ރަޔާން، ތެދުވޭ! މިއީ ނަމާދު ވަގުތޭ.”

ރަޔާން ކޮޓަރިން ނުކުމެގެން ގޮސް މަންމަ ގާތު ބުންޏެވެ،

“މަންމާ، މިއަދު މާ ފަތިހާ ނަމާދަށް ގޮވީ ކީއްވެގެންތަ؟”

މިވާހަކަ އަޑުއަހާފައި ޝަބާނާ ހައިރާންވިއެވެ. ނަމަވެސް އެއީ ރަޔާންއަށް ފެނުނު ހުވަފެނެއް ކަމަށް ނިންމާފައި އެކަން ހަނދާން ނައްތާލިއެވެ. ނަމަވެސް އެގޭގައި ދިރިއުޅޭތާ އެންމެ ދެ ދުވަސްވީއިރުވެސް، ޝަބާނާއަށް އެގެއިން ވަރަށް ނުބައި އިހުސާސްތަކެއް ކުރެވެމުންދިޔައެވެ. ދުވާލު ވަގުތު ހުރިހާ ކަމެއް އާދައިގެ ގޮތަކަށް ފެނުނަސް، ރޭގަނޑުވުމާއެކު ގޭގެ މުޅި މާހައުލު ބަދަލުވެއެވެ. އެންމެންގެ މިޒާޖު ގޯސްވެ، އާދަޔާޚިލާފު އަޑުތައް އިވެން ފެށިއެވެ. ސަމީރު ގާތު މިވާހަކަތައް ބުނުމުން، އޭނާ ބުނަނީ އެއީ ބާ އިމާރާތެއް ކަމުން ލަކުޑިތައް ފީވެގެން އިވޭ އަޑުތަކެއް ކަމަށެވެ.

ނަމަވެސް ހަތްވަނަ ދުވަހު ހިނގި ހާދިސާއިން ޝަބާނާ މުޅިން ބިރުގަތެވެ. ހެނދުނު ސައި ތައްޔާރުކުރަން ހުއްޓާ ރަޔާން އައިސް ބުންޏެވެ،

“މަންމާ، އެ ހުދުކުލައިގެ ބޭބެ ވަރަށް ރަނގު. އޭނާ އަހަންނަށް ދުޢާއެއްވެސް ދަސްކޮށްދީފި.”

ޝަބާނާ ހައިރާންވެފައި ކޮން ބޭބެއެއްތޯ އެހުމުން، ރަޔާން އިނގިލި ދިއްކުރީ ކޮރިޑޯއާ ދިމާއަށެވެ. އޭނާ ބުންޏެވެ،

“އެއީ ރޭގަނޑު އައި މީހާ. އޭނާ ހުރީ ހުދު ހެދުން ލައިގެން. އޭނާ ބުނީ އަޅުކަންތައްތަކަށް ފަރުވާކުޑަ ނުކުރުމަށް.”

މިވެސް ކިޔާލަން:  އެ ކައިވެނި (ދެވަނަ ބައި) – ނަހާސްކީރާއްޖެ

މިވާހަކަ އަޑުއަހާފައި ޝަބާނާ ވަގުތުން ސަމީރަށް ގޮވިއެވެ. ނަމަވެސް ސަމީރު އެކަމަށް މަލާމާތްކޮށް ހީލާފައި ބުނޫ އެއީ ކުއްޖަކަށް ފެނުނު ހުވަފެނެއް ކަމަށެވެ.

އެވަގުތު ކައިރީގައި ހުރި މާމަ، ހަސްރަތު، ރަޔާން ގާތު އެއީ ކޮން ދުޢާއެއްތޯ އެހުމުން ރަޔާން އެ ކިޔައިދިނީ ވަރަށް އާދަޔާޚިލާފު ދުޢާއެކެވެ. އެއީ މާމަގެ ނިޔާވެފައިވާ ފިރިމީހާ، ސަމީރު ކުޑައިރު ދަސްކޮށްދިން ވަރަށް އިހުގެ ދުޢާއެކެވެ. ރަޔާންއަށް އެ ދުޢާ އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ރަޔާން ބުނިގޮތުގައި، ރޭގަނޑު އޭނާ ނިދާފައި އޮއްވާ މީހަކު ދޮރު ހުޅުވާފައި ވަދެ، ނަމާދަށް ތެދުވުމަށް ބުންޏެވެ. އެމީހާގެ މޫނު ސާފުކޮށް ނުފެނުނަސް، އޭނާގެ އަތުގައި ތަސްބީހައެއް އޮތް ކަމަށް ރަޔާން ބުންޏެވެ. މާމަ ބިރުން ހުރެ ޝަބާނާ ގާތު ބުންޏެވެ،

“މިގޭގައި ރޫހާނީ ކަމެއް އެބައުޅޭ. އެ އެއްޗެއް އެ މަސައްކަތް ކުރަނީ މި ކުއްޖާއާ ވާހަކަދައްކާން.”

އެދުވަހުން ފެށިގެން ރަޔާން ނިންދަވަން ނިންމީ މަންމަމެންގެ ކޮޓަރީގައެވެ.

އެރޭ ރަޔާންގެ ކޮޓަރީގެ ދޮރު ލައްޕަން ދިޔަ ވަގުތު، ރަޔާންގެ އެނދު ކައިރީގައި އޮތް ބާ ތަސްބީހައެއް ޝަބާނާއަށް ފެނުނެވެ. އެއީ ރަޔާން ސިފަކުރި ފަދަ ތަސްބީހައެކެވެ. ޝަބާނާ ބިރުން ގޮސް ދޮރު ލެއްޕި ވަގުތު، ކޮރިޑޯގެ ކޮޅުގައި މީހަކު ހުރިހެން ހީވިއެވެ. އަދި ތަސްބީހަ ގުނާ ފަދަ އަޑެއް އިވުނެވެ. މިކަންކަމާ ގުޅިގެން ސަމީރުވެސް ކޮންމެވެސް ވަރަކަށް ބިރުގަންނަން ފެށިއެވެ. ޖެހިގެން އައި ދުވަހު މާމަ ރަޔާންގެ ކަރުގައި ތަވީދެއް އެޅުވިއެވެ. ނަމަވެސް އެރޭ ފަތިސްވުމުގެ ކުރިން، ޝަބާނާއަށް އެއްޗެއް އަނދާ ވަސް ދުވުމުން ހޭލެވުނެވެ. ބެލިއިރު ރަޔާންގެ ކަރުގައި އޮތް ތަވީދު އޮތީ އެތެރެއިން އަނދައިގެން ގޮސް ކަޅު ދުން އަރާފައެވެ. ރަޔާން ހޭލައިގެން ބުންޏެވެ،

“އެ ބޭބެ އަހަރެމެން ދެކެ ވަރަށް ރުޅިއައިސްފި. އޭނާ މިކަހަލަ ކަންތައްތައް ކުރާކަށް ބޭނުމެއް ނުވޭ.”

މި ހާދިސާއަށްފަހު މާމަ އެމީހުން ގޮވައިގެން ގޭގެ ފަހަތުގައި ހުރި ގުދަން ކައިރިއަށް ދިޔައެވެ. އެ ކޮޓަރިއަކީ އެގޭގެ ވެރިމީހާ ބަަންދުކޮށްފައި ބަހައްޓަން ބުނި ތަނެކެވެ. ސަމީރު ފުރަތަމަ ދެކޮޅު ހެދި ނަމަވެސް، އޭނާގެ ކުރިމަތިން މީހަކު ފިނި ވަޔަކާއެކު ދިޔަހެން ހީވުމުން ބިރުން ގޮސް އެ ކޮޓަރި ހުޅުވިއެވެ. އެތެރެއިން ދުވީ ވަރަށް ބާ ވަހެކެވެ. ފޯނުގެ އަލިން ބެލިއިރު، އެތަނުގައި އިސްލާމީ ފޮތްތަކާއި ބާ ފޮށިތަކެއް ހުއްޓެވެ. ފާރުގައި އަރަބި ބަހުން “މި ކޮޓަރި ބަންދުކޮށްފައި ބަހައްޓާށެވެ” މިހެން ލިޔެފައި ހުއްޓެވެ. ސަމީރަށް އެތަނުން ފެނުނު ބާ ފޮށީގެ ތެރެއިން ޑައިރީއެއް ފެނުނެވެ. އޭގައި ލިޔެފައިވަނީ “ޝެއިޚް ކަރީމުއްދީން”ގެ ވާހަކަތަކެވެ.

ޑައިރީގައި ލިޔެފައިވާ ގޮތުން، މީގެ އަހަރުތަކެއް ކުރިން އެގޭގައި ޖިންނިއެއް ވަނީ ބަންދުކުރެވިފައެވެ. އެ ޖިންނީގެ ބޭނުމަކީ ކުޑަކުދިންނެވެ. އޭގައި ލިޔެފައިވަނީ، އެ ޖިންނި ކުޑަކުއްޖަކާ ރައްޓެހިވެއްޖެނަމަ އޭނާގެ ކަސްތޮޅު ނެތިގެންދާނެ ކަމަށެވެ. އަދި އެ ގެއިން ނުކުމެގެން ގޮސްފިނަމަ ދަރިފުޅު ގެއްލޭނެ ކަމަށްވެސް ލިޔެފައި އޮތެވެ. އެވަގުތު ރަޔާން ހުރީ ކޮޓަރީގެ އަނދިރި ކަނަކަށް ބަލައިގެން ހީލަހީލައެވެ. އޭނާ ބުންޏެވެ،

“ބޭބެ އެހެރީ ހިނިތުންވެފަ.”

ރަޔާންގެ މިޒާޖު މުޅިން ބަދަލުވެ، އޭނާ ގޭގެ އެކި ތަންތަނަށް ބަލައިގެން ވާހަކަދައްކަން ފެށިއެވެ. ޝަބާނާ ގުރުއާން ކިޔަވަން ފެށުމުން ރަޔާން ކަންފަތުގައި އަތްއަޅާ ހަޅޭއްލަވަން ފެށިއެވެ،

“އަހަރެންގެ ލޯ އަނދަނީ! ތި އަޑު އިއްވުން ހުއްޓާލާ! ބޭބެ ތި އަޑު އަހާކަށް ބޭނުމެއް ނުވޭ.”

މިކަންކަން ހައްލުކުރުމަށް އެ އަވަށުގެ މިސްކިތުގެ އިމާމް، ޝެއިޚް ރާޝިދު ގެނައެވެ. އޭނާ ގެއަށް ވަނުމާއެކު ބުންޏެވެ،

“މިއީ ހަމައެކަނި ޖިންނިއެއް ނޫން، މިއީ ވަކި ތަނަކަށް ކަސްތޮޅު އެޅިފައިވާ މުވައްކިލެއް.”

ޝެއިޚް ރާޝިދު ރަޔާންގެ ކުރިމަތީގައި އިށީނދެ ކިޔަވަން ފެށުމުން، ރަޔާންގެ ހަށިގަނޑު ހަރުވެ، އޭނާ އާދަޔާޚިލާފު ބަރު އަޑަކުން ވާހަކަދައްކަން ފެށިއެވެ،

“ޝެއިޚް، މިތަނުން ދާންއުޅޭ!”

ޝެއިޚް އެ ޖިންނިއާ މުޚާތަބުކޮށް ބުންޏެވެ،

“ކަލޭގެ ވަގުތު ހަމަވެއްޖެ.”

ނަމަވެސް ރަޔާންގެ ދުލުން އެ ޖިންނި ޖަވާބު ދިނީ، އޭނާ ކަސްތޮޅު އެޅިފައި ނުވާ ކަމަށާއި އޭނާ ހަމައެކަނި އިންތިޒާރު ކުރަނީ ކަމަށެވެ.

ޝެއިޚް ރާޝިދު ގުދަނަށް ގޮސް އެ ޑައިރީ އިތުރަށް ބެލިއިރު، އޭނާގެ މޫނު ހުދުވިއެވެ. އޭނާ ބުންޏެވެ،

“މިއީ މީހަކު ގަސްތުގައި ގެނައި އެއްޗެއް. ޝެއިޚް ކަރީމުއްދީން އަމިއްލައަށް މި އެއްޗަށް މިގެއަށް ދައުވަތު ދިނީ.”

އެރޭ އެންމެން އެއް ކޮޓަރިއެއްގައި ތިބުމަށާއި، ފަތިސްވުމުގެ ކުރިން ކޮޓަރިން ނުކުމެގެން ނުވާނެ ކަމަށް ޝެއިޚް އެންގިއެވެ. ނަމަވެސް ދެން ފެނުނީ މާ ބިރުވެރި މަންޒަރެކެވެ. ކޮޓަރީގެ ބޮކި ނިވި، މުޅިތަނަށް އަނދިރިކަން ވެރިވިއެވެ. ތަސްބީހަ ފުއްތައް ބިންމައްޗަށް ވެއްޓޭ ކަހަލަ އަޑެއް އިވުނެވެ. ނަމަވެސް ރަޔާން ސޯފާއަކު ނެތެވެ. އޭނާ ހުރީ އެ ކޮޓަރީގެ ކަނެއްގައި ފާރުގައި ލެގިލައިގެންނެވެ. ރަޔާން ހުރީ އިސްޖަހާލައިގެން މަޑުމަޑުން އެއްޗެހިތަކެއް ކިޔާށެވެ. އެމީހުން އޭނާގެ ގާތަށް ގޮސް އޭނާ ކިޔާ އެއްޗެއް އަޑުއަހަން މަސައްކަތް ކުރިއެވެ.

“މިއަދު ބޮޑުބޭބެ ދާނެ. ދެން އަހަރެމެން އެކުގައި ކުޅޭނަން. މިއަދު ޖަލު ހަލާކުވާނެ. މިއަދު ބޮޑުބޭބެ ދާނެ. މިއަދު ޖަލު ހަލާކުވާނެ.”

ރަޔާން ތަކުރާރުކޮށް މިހެން ކިޔަމުން ދިޔައެވެ. ރަޔާން މިހެން ކިޔަމުން ދަނިކޮށް، ގުދަން ތެރެއިން އާދަޔާ ހިލާފު އަޑުތަކެއް އިވޭން ފެށިއެވެ. ހީވަނީ ވަރަށް ބަރު އެއްޗެއް ދަމާ އަޑު ހެންނެވެ. ޝެއިޚް ރާޝިދު ލޯ މަރާލައިގެން އިނދެފައި ކުއްލިއަކަށް ބުންޏެވެ، މި ގޭގައި ހުރީ ހަމައެކަނި ޖިންނިއެއް ނޫނެވެ، އޭގެ ވެރިޔާވެސް އެބަހުއްޓެވެ. އަދި އަހަރެމެން އޭނާއާވެސް ކުރިމަތިލާން ޖެހޭނެއެވެ. ޝެއިޚްގެ މި ވާހަކަ އިވުމުން، ރޭގަނޑުގެ ބިރުވެރިކަން އިތުރަށް އިހުސާސްވާން ފެށިއެވެ. މާމަ އާއި ޝެއިޚް ޤުރުއާން ކިޔަވަމުން ދިޔައެވެ. ގޭގެ ކޮންމެ ކަނަކުންވެސް އޭގެ އަޑު ގުގުމަމުން ދިޔައެވެ. ނަމަވެސް ނޭނގޭ ސަބަބަކާ ހުރެ ގޭގެ ތެރޭގައި ބަރުކަމެއް އިހުސާސް ކުރެވެމުން ދިޔައެވެ. ހީވަނީ ގޭގެ ތެރޭގައި ކޮންމެވެސް އެއްޗެއް މިހާރު ހޭލައިފި ހެންނެވެ. ސަމީރު ރަޔާން އަތުގައި ހިފާ ކޮޓަރީގެ މެދުގައި ބޭންދިއެވެ. ޝެއިޚް ރާޝިދު ރަޔާންގެ ވަށައިގެން ފެން ބުރުއްސާލިއެވެ. އެއީ އޭނާގެ ވަށައިގެން ރައްކާތެރިކަމުގެ އައްޑަނައެއް ހަދާލި ކަހަލައެވެ. ސަމީރު، ޝަބާނާ އަދި މާމަ ރަޔާންގެ ވަށައިގެން އިށީނދެ ޤުރުއާން ކިޔަވަން ފެށިއެވެ. އެންމެން ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ނަމަވެސް ޝެއިޚް ރާޝިދުގެ އަތުގައި އެ ޑައިރީ އޮތެވެ. އޭނާ އެ ޑައިރީގެ ކޮންމެ ސަފުހާއެއް ކިޔަމުން ދިޔައެވެ. ޝެއިޚް ވިދާޅުވީ ޝެއިޚް ކަރީމުއްދީނަކީ ހަމައެކަނި ރޫހާނީ ނުވަތަ މަޑުމައިތިރި މީހެއް ނޫން ކަމަށެވެ. އޭނާ ވަނީ ނުރައްކާތެރި އިލްމުތަކެއްގެ ތެރެއަށް ވަދެފައެވެ. ފޮރުވިފައިވާ ބާރުތަކާއި، ސިއްރު ކަންތައްތަކުގެ ތެރެއަށެވެ. މި ވާހަކަ އިވުމުން މުޅި ކޮޓަރިއަށް ހިމޭންކަން ވެރިވިއެވެ.

މިވެސް ކިޔާލަން:  މާ ގަރަހިތަ

ޝެއިޚް ޑައިރީ ކިޔަމުން ގޮސް އެމީހުންނަށް ކިޔައިދިނެވެ. އޭނާ ބުންޏެވެ، އެ ޑައިރީގައި ލިޔެފައިވާ ގޮތުން މީގެ އެތައް އަހަރެއް ކުރިން ކަރީމުއްދީންގެ ޒުވާން ފިރިހެން ދަރިއަކު ބަލިވެގެން މި ގޭގައި މަރުވިއެވެ. ދަރިފުޅުގެ މަރުގެ ހިތާމަ ކެތްނުކުރެވިގެން، ޝެއިޚް ކަރީމުއްދީން ރޫހާނީ އިލްމުގެ އެހީގައި “މުކިލް” ނަމަކަށް ކިޔާ މުސްކުޅި ޖިންނިއަކަށް ގޮވިއެވެ. އެބަހީ، ކަޅު ސިހުރުގެ ތެރެއިން އޭނާ އެ ޖިންނި މިތަނަށް ގެނައެވެ. އެ ޖިންނިއަށް ކިޔަނީ “ޖުލާ އަފްރީން” އެވެ. މިއީ ކުޑަކުދިންގެ މައުސޫމްކަން ބޭނުންކޮށްގެން އޭގެ ބާރު ގަދަކުރާ ޖިންނިއެކެވެ. ކަރީމުއްދީން އެ ޖިންނި ގެނައީ މަރުވެފައިވާ އޭނާގެ ދަރިފުޅާ ވާހަކަ ދެއްކުމަށެވެ. ނަމަވެސް ކޮންމެވެސް ހިސާބަކުން މިކަން އޭނާގެ ކޮންޓްރޯލުން ނެއްޓުނެވެ. އެ ޖިންނި އެ ކުއްޖާގެ ފުރާނަ އަތުލައި، އެއީ އޭގެ ބާރުގެ ވަސީލަތަކަށް ހެދިއެވެ. ހަމްޒާގެ ސިފަޔާއި އަޑު ބޭނުންކޮށްގެން އެ ޖިންނި ޝެއިޚަށް އޮޅުވާލިކަން އޭނާއަށް ނޭނގުނެވެ. ކަރީމުއްދީނަށް ހީވީ އެއީ އޭނާގެ ދަރިފުޅު ކަމަށެވެ. ނަމަވެސް ހަގީގަތް އެނގުނުއިރު ވަނީ މާ ލަސްވެފައެވެ. ކަރީމުއްދީނަށް އެކަން އެނގުމާއެކު އޭނާ އެ ޖިންނި ހައްޔަރުކުރިއެވެ. ނަމަވެސް އޭގެ ބާރު މުޅިން ނައްތައެއް ނުލެވުނެވެ.

ޝެއިޚް ރާޝިދު ޑައިރީ ލައްޕާލިއެވެ. އޭނާ ފުން ނޭވާއެއްލީ މުޅި ހަގީގަތް އެނގުމުންނެވެ. އޭނާ ބުންޏެވެ، މި ޖިންނި ރަޔާން ހިޔާރުކުރީ އޭނާއަކީ ޝެއިޚް ކަރީމުއްދީންގެ ދަރިފުޅު ހަމްޒާއާ އެއް އުމުރެއްގެ ކުއްޖަކަށް ވާތީއެވެ. ޝަބާނާ ރޮމުން ދިޔައެވެ. މި ވާހަކަ އިވުމުން ސަމީރުގެ ލޮލުންވެސް ކަރުނަ ފޭދުނެވެ. ސަބަބަކީ އެ ޖިންނި ރަޔާންއާ ރަހުމަތްތެރިވަނީ ނޫންކަން މިހާރު އޭނާއަށް ވިސްނުނީތީއެވެ. އެ ޖިންނި ބޭނުންވީ ހަމްޒާގެ ބަދަލުގައި ރަޔާން ބޭނުންކުރާށެވެ. ރަޔާންގެ ހަށިގަނޑަކީ އޭގެ އާ ވަސީލަތަކަށް ހަދާށެވެ. ރަޔާން މެދުވެރިކޮށް އޭގެ ދުވަސްވީ ހައްޔަރުން މިންޖުވެ، މުޅި ގޭތެރެއަށް ފާޅުވާން އެ ޖިންނި ބޭނުންވިއެވެ. މިއަށްފަހު، މަދު ވަގުތުކޮޅަކަށް ހިމޭންކަން ވެރިވިއެވެ. ރަޔާން އެ ހިމޭންކަން މުުގުރާލިއެވެ. އޭނާ ވަރަށް މައުސޫމްކަމާއެކު ބުންޏެވެ،

“ބޮޑުބޭބެ ބުނީ އޭނާގެ ދަރިފުޅު އިނީ އެކަނިވެފައޭ. އަހަރެން އޭނާއާ އެކު ކުޅޭނަން.”

ރަޔާން މި ޖުމްލަ ފުރިހަމަ ނުކުރެވެނީސް، ގޭތެރޭގައި ގިނަ ކަންތައްތަކެއް ހިނގަން ފެށިއެވެ. ގުދަނުގެ ދޮރު ބާރަށް ހުޅުވި ލެއްޕެން ފެށިއެވެ. އެންމެން ބިރުގަތެވެ. ނަމަވެސް ޝެއިޚް ރާޝިދު ހުރީ ސާބިތުކަމާއެކުގައެވެ. ޝެއިޚް ރާޝިދު އެ އަނދިރިގަނޑަށް ބަލާލާފައި ބުންޏެވެ، އަހަރެންނަށް ހީވަނީ ރަޔާންއާ ވާހަކަ ދައްކާ ޖިންނިއަކީ ހުދު ހިޔަންޏެއް ނޫން ހެންނެވެ. މިއީ ދެވަނަ ޖިންނިއެކެވެ. މިއީ ފަހަރުގައި އަހަރެމެން ބިރުގަތް “ޖުލް އަފްރީން” އެވެ. މިއީ މި ގޭގައި ހައްޔަރުކޮށްފައި ހުރި ޖިންނިއެވެ. ރަޔާންއާ ވާހަކަ ދައްކަނީ އެހެން އެއްޗެކެވެ. ސަމީރާއި ޝަބާނާއަށް ވާނުވާއެއް ނޭނގުނެވެ. ފުރަތަމަ އެމީހުން ހަނގުރާމަކުރީ އެއް ޖިންނިއަކާއެވެ. މިހާރު މިއީ އެހެން ޖިންނިއެކެވެ. ޝެއިޚާ ސުވާލުކުރާނެ ހާލަތެއްގައި އެމީހުންގެ ކިބައިގައެއް ނެތެވެ. އެމީހުން ތިބީ އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓައިގެންނެވެ. ކުޑަކުޑަ އަޔާން ހުރީ އޭނާގެ މަންމަގެ ގައިގައި ބައްދާލައިގެންނެވެ. އަދި ހަސްރަތު (މާމަ) އެއްވެސް ޖެހިލުމެއް ނެތި އާޔަތުލް ކުރުސި ކިޔަވަމުން ދިޔައެވެ. އޭނާއަށް އިތުބާރު އޮތެވެ. ﷲ އަށާއި މި ޤުރުއާނަށް އޭނާގެ އޮތް އީމާންތެރިކަމުގެ ބާރުގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް އޭނާއަށް އުނދަގޫ ނުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އޮތެވެ. އޭނާ ހުއްޓުމެއް ނެތި ކިޔަވަމުން ދިޔައެވެ. ޝެއިޚް ހުރީ ވަރަށް ވަރުގަދަ އަޒުމެއްގައެވެ. އެއީ އެ ޖިންނި ދެކެ އޭނާ ބިރުނުގަންނަކަން ދެއްކުމަށެވެ. ރަޔާންގެ މޫނުމަތި ވަނީ އާދަޔާ ހިލާފު ގޮތަކަށް ބަދަލުވެފައެވެ. މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. ހަމައެކަނި އޭނާގެ ތުންފަތް ހަރަކާތްވަނީ މަޑުމަޑުން ހިނިތުންވާ ކަހަލަ ގޮތަކަށެވެ. ޝެއިޚް ރާޝިދު ވަރަށް ގިނައިރު ހިމޭނުން ހުރުމަށްފަހު ބުންޏެވެ، މި ގޭގައި ހަމްޒާގެ ހަނދާންތަކާއި އޭނާގެ ފުރާނައާ ގުޅިފައިވާ އެއްޗެއް އެބަހުއްޓެވެ. އަހަރެމެން އެ އެއްޗެއް ހޯދަން ޖެހޭނެއެވެ. ނަމަވެސް އެމީހުން މިހާރު ހޯދާނީ ކޯއްޗެއް ހެއްޔެވެ؟ އެމީހުންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ޑައިރީގައި އެއާ ބެހޭ އެއްވެސް ވާހަކައެއް ލިޔެފައެއް ނެތެވެ. ޝެއިޚް ރާޝިދު ބުންޏެވެ، މީގެ 20 އަހަރު ކުރިން އޭނާއަށް މިފަދަ ވާހަކައެއް ފެނުނެވެ. އެއީ އޭނާ ވަރަށް ޒުވާން ދުވަސްވަރުގައެވެ. އޭރު ގޭގެ ސީދާ މެދުގައި، “މެދުގެއޭ” އޭ ކިޔާ ތަނުގައި، ކޮންމެވެސް ކަމެއް ކޮށްގެން އެ ޖިންނި ހައްޔަރުކުރިއެވެ. ޝެއިޚް ރާޝިދު ސަމީރު ގާތު ބުންޏެވެ، މި ގޭގައިވެސް އެފަދަ ތަނެއް ހުރިތޯ ބަލާށެވެ. ފަހަރުގައި އެތަނުން ކޮންމެވެސް އެއްޗެއް ފެނިދާނެއެވެ. ސަމީރު ކަކޫ މައްޗަށް ތިރިވެ، ތަޅުންގަނޑުގައި އަތުން ޖަހަމުން ދިޔައެވެ. “ޓަކް، ޓަކް” މިހެން ޖަހަމުން ގޮސް ގޭގެ ސީދާ މެދަށް ފޯރުނުތަނާ، އޭނާ ބިމުގައި ޖެހުމުން އިވުނީ ވަރަށް ހުސް އަޑެކެވެ. ހީވަނީ އެ ތަޅުމުގެ ދަށުގައި އެއްވެސް އެއްޗެއް ނެތް ހެންނެވެ. ސަމީރު އެއްވެސް ވިސްނުމެއް ނެތި ލަކުޑިބުރިއެއް ގެނެސް އޭގެއިން ތަޅުމުގައި ބާރަށް ޖެހިއެވެ. އޭނާ ޖެހިލެއް ބާރުކަމުން އެތަނަކީ އެތެރެ ހުސް ތަނެއްކަން ޔަގީންވިއެވެ. އޭނާ ތަކުރާރުކޮށް ޖަހަމުން ދަނިކޮށް އެތަނުގެ ތަޅުމުން ބައެއް ނެއްޓިއްޖެއެވެ. އެ ބައި ނެއްޓުމާއެކު، އޭގެ ދަށުގައި ގަލުން ހަދާފައިވާ ހަނި ގޮޅިއެއް ނުވަތަ ކުޑަ ބިންގަރާހެއް ފަދަ ތަނެއް ފެނުނެވެ. އެތަނަށް ފައިބަން ފެށުމުން އެމީހުން ހައިރާންވީ މިފަދަ ތަނެއް ގޭގެ ދަށުގައި ހަދާފައިވަނީ ކީއްވެގެންތޯ ހިތަށް އަރާފައެވެ. އެމީހުންނަށް އެނގުނު ގޮތުގައި ކުރިން އުޅުނު ޝެއިޚް މި ހުރިހާ ކަމެއް ކުރީ ވަރަށް ރޭވުންތެރިކަމާއެކުގައެވެ.

މިވެސް ކިޔާލަން:  ޖިންނީންގެ އުނދަގުލުން ސަލާމަތް ވެވިދާނެ ގޮތްތަކެއް

ސަމީރު އެތަނަށް ފޭބިއެވެ. ޝެއިޚް ބުންޏެވެ، އަހަރެމެންނަށް ތަވީދެއް ނުވަތަ ސިހުރު ހަދާފައިވާ އެއްޗެއް ފެންނާނެއެވެ. އެއީ މި ޖިންނިއާއި މި ކުއްޖާގެ ފުރާނަ އެކުގައި ހިފަހައްޓައިދޭ އެއްޗެވެ. ސަމީރު ތިރިއަށް ދިޔައިރު އެތަނަކީ ވަރަށް އަނދިރި ތަނެކެވެ. އޭނާ އަތުގައި އޮތް ފޯނުގެ އަލީގައި އެ ތަވީދު ހޯދަން ފެށިއެވެ. ޝެއިޚް މަތީގައި ހުރެ ބުންޏެވެ، ފަތިސް ނަމާދުގެ ކުރިން އެ އެތި ހޯދައި ހަލާކުކޮށްލަން ޖެހޭނެއެވެ. މިއީ އަހަރެމެންގެ ދަރިފުޅު މި ޖިންނީގެ ކިބައިން ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތެވެ. ސަމީރު ތިރީގައި އެ އެތި ހޯދަމުން ދިޔައިރު، މަތީގައި ރަޔާން ހުރީ ހިނިތުންވެފައި ވަށައިގެން ބަލާށެވެ.

ފަތިސްވާން ކައިރިވެފައި ހުއްޓާ، ޝެއިޚް ރާޝިދުވެސް މަޑުމަޑުން ސިޑިން ތިރިއަށް ފޭބިއެވެ. މަތީގައި ޝަބާނާ ހުރީ ރަޔާންގެ ގައިގައި ވަރަށް ބާރަށް ބައްދާލައިގެންނެވެ. އޭނާގެ ހިތުގެ ތެޅުން ހުރީ ރަޔާންއަށް އިހުސާސްވާހާ ބާރަށެވެ. ތިރީގައި ހުރި އެ ކޮޓަރިއަކީ ވަށްކޮށް ހުރި ތަނެކެވެ. އޭގެ ފާރުތަކުގައި އަރަބި ބަހުން ބިރުވެރި ގޮތްގޮތަށް އެއްޗެހި ލިޔެފައި ހުއްޓެވެ. ކޮޓަރީގެ މެދުގައި ހުރި ހިރިގަލުގެ ތަޅުމެއްގެ މަތީގައި ދަގަނޑު ތަވީދެއް ބާއްވާފައި އޮތެވެ. އޭގައި ވަނީ ދަބަރު ޖަހާފައެވެ. އަދި އޭގެ ވަށައިގެން ރަތް ރޯނު އޮޅާފައި ހުއްޓެވެ.

“މިއީ ހަގީގީ ހައްޔަރަކީ.” ޝެއިޚް ބުންޏެވެ،

ސަމީރު އެތަނުގެ ވަށައިގެން ބަލާލިއިރު، އެ ހިރިގަލުގެ ތަޅުމުގެ ފަހަތުގައި ކުޑަ ކަށްވަޅެއް ހުއްޓެވެ. އޭގައި ލިޔެފައިވަނީ “ހަމްޒާ ކަރީމުއްދީން” އެވެ. މާނައަކީ ޝެއިޚް ކަރީމުއްދީން އޭނާގެ ދަރިފުޅު ވަޅުލާފައިވަނީ ގޭގެ ދަށުގައެވެ.

މިހާރު ހުރިހާ ކަމެއް ސާފުވެއްޖެއެވެ. ކަރީމުއްދީނަށް އޭނާގެ ދަރިފުޅާ ވަކިނުވެވުމުން، ގޭގެ ދަށުގައި ވަޅުލައި، ކަޅު ސިހުރު ހަދައިގެން ޖިންނިއަކަށް ގޮވީއެވެ. އެ ޖިންނި އެމީހުންނަށް އޮޅުވާލައި، އެ ކަށްވަޅަކީ އޭގެ ބާރުގެ މަރުކަޒަށް ހެދީއެވެ. ޝެއިޚް ރާޝިދު ބުންޏެވެ، އެ ޖިންނި ރަޔާން ބޭނުންވަނީ ހަމްޒާގެ ބަދަލުގައި އާ ވަސީލަތަކަށެވެ. އެވަގުތު މަތީ ފަންގިފިލާއިން ރަޔާން ބާރަށް ހޭ އަޑު އިވޭން ފެށިއެވެ. އޭނާ ހެމުން ދިޔައީ އާދަޔާ ހިލާފު ބާރުމިނެއްގައެވެ. ހީވަނީ ޖުލާ އަފްރީން މިހާރު މިނިވަންވަނީ ހެންނެވެ. އެވަގުތު ތިރީގައި ހުރި ކޮޓަރީގެ ކަނެއްގައި ކަޅު ހިޔަންޏެއް އުފެދެމުން ދިޔައެވެ. އެ ހިޔަނި އިންސާނެއްގެ ސިފައަށް ބަދަލުވަމުން ދިޔަ ވަގުތު ބިރުވެރި އަޑަކުން ބުންޏެވެ،

“ހަމްޒާއަކީ އަހަރެންގެ މީހެއް، ރަޔާންއަކީ އަހަރެންގެ މީހެއް.”

ޝެއިޚް އެއްވެސް ޖެހިލުމެއް ނެތި އެ ތަވީދު ނެގިއެވެ. ނަމަވެސް ނެގި ގޮތަށް ކުއްލިއަކަށް ދޫކޮށްލެވުނީ އޭގައި ހުރި ގަދަ ހޫނެއްގެ ސަބަބުން އޭނާގެ އަތް ފިހުމުންނެވެ.

“މި އަވަހަށް ހަލާކުކޮށްލާ!” އޭނާ ސަމީރު ގާތު ބުންޏެވެ،

ސަމީރު އޭނާ އަތުގައި އޮތް ލަކުޑިބުރިން އެ ތަވީދުގައި ބާރަށް ޖެހިއެވެ. އޭގައި ރެނދުލާން ފެށުމާއެކު، މަތީގައި ހޭން ހުރި ރަޔާން ކުއްލިއަކަށް ހިމޭންވިއެވެ. ސަމީރު ދެވަނަ ފަހަރަށް ޖެހިއެވެ. އެވަގުތު ޝަބާނާ މަތީގައި ހުރެ ހަޅޭއްލަވަން ފެށިއެވެ. އޭނާ ބުނަމުން ދިޔައީ ރަޔާން ލޯ މަރާލައިފި ކަމަށެވެ. ރަޔާންގެ ހަރުވެފައިވާ ހަށިގަނޑު ކުއްލިއަކަށް ދޫވެ، އޭނާގެ ހަށިގަނޑުން ފުރާނަ ދިޔައީބާވައޭ ހީވާ ފަދަ ހާލަތަކަށް ދިޔައެވެ.

އެވަގުތު ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވޭން ފެށިއެވެ.

“ބަންގީގެ އަޑު ކެނޑުމުގެ ކުރިން ތި ހަލާކުކޮށްލާ!” ޝެއިޚް ބުންޏެވެ،

ސަމީރު އޭނާގެ ގައިގައި ހުރި ހުރިހާ ބާރުލާފައި އެ ތަވީދުގައި ޖެހިއެވެ. އެވަގުތު ސަމީރުގެ ކަންފަތް ކައިރީގައި އަޑެއް އިވުނެވެ، “ތަވީދު ހަލާކުވެއްޖެނަމަ ކުއްޖާ މަރުވާނެ.”

“އެއީ އޮޅުވާލުމެއް، އަޑުނާހާ!” ޝެއިޚް ބުންޏެވެ،

ސަމީރު އޭނާގެ ދަރިފުޅުގެ ހިނިތުންވުމާއި މައުސޫމްކަން ހަނދާންކޮށް، ކަށީގެ މަދުން ހިތްވަރު ނެރެ އިތުރު ބާރާއެކު ޖަހައި އެ ތަވީދު ކުނޑިކުނޑިކޮށްލިއެވެ.

ޝަބާނާ ރަޔާންގެ ގައިގައި ބައްދާލައިގެން ރޮމުން ދަނިކޮށް، ރަޔާންގެ ނޭވާ އަނބުރާ އަންނަން ފެށިއެވެ. ސަމީރު ދުވެފައި މައްޗަށް އަރައި ރަޔާން މޭގައި ޖައްސާލިއެވެ. އެންމެންނަށް އިހުސާސްވީ ބިރުވެރި ހުވަފެނެއް ނިމުނީ ކަމަށެވެ. ރަޔާން ހޭއެރުމާއެކު ބުނި ފުރަތަމަ ބަހަކީ، “ބަދަލު ހިފުން ފުރިހަމައެއް ނުވޭ” މިހެންނެވެ. މި ބަސްތައް އިވުމުން އެމީހުން ބިރުގަތެވެ. ނަމަވެސް ޝެއިޚް ރާޝިދު މައްޗަށް އަރައި ބުންޏެވެ،

“ތިރީގައި ހުރި ހަމްޒާގެ ފުރާނަ މިހާރު ވަނީ މިނިވަންވެފަ. އަދި އެ ޖިންނި ވަނީ އޭގެ އެންމެ ފަހު ބާރުތަކާއެކު ނެތިގެން ގޮސްފަ. ރަޔާން އެ ބުނި ބަސްތަކަކީ އެ ޖިންނީގެ އެންމެ ފަހުގެ އުނދަގޫތައް”.

އިރު އެރިއިރު ހުރިހާ ކަމެއް އާދައިގެ ހާލަތަކަށް އަތުވެއްޖެއެވެ. ރަޔާންއަށް ހިނގައިދިޔަ ކަންތައްތަކެއް ހަނދާނެއް ނެތެވެ. އެމީހުން ވަގުތުން އެ ގެ ދޫކޮށް އެހެން ތަނަކަށް ބަދަލުވިއެވެ. އެރަށުގެ އެންމެ މީހުން ގިނަ ހިސާބަށް ބަދަލުވީ ރައްކާތެރިކަމަށްޓަކައެވެ. ފަހުން ސަމީރު ވަނީ ވަޒީފާ ބަދަލުކޮށް އެ ރަށް ދޫކޮށް ގޮސްފައެވެ. މިއީ ކާސިންފުޅުގެ އާއިލާއަށް ދިމާވި ވަރަށް ބިރުވެރި ހާދިސާއެކެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެކެވެ. މި ވާހަކަ އެއްކުރުމަށްޓަކައި އެތައް ދުވަހެއް ހޭދަވިއެވެ. އެ ގޭގެ ފޮޓޯތަކާއި އެޑްރެސް ލިބިފައިވީ ނަމަވެސް، ރައްކާތެރިކަމަށްޓަކައި އެ މައުލޫމާތުތައް ހިއްސާނުކުރަން ވަނީ ނިންމާފައެވެ.

ނިމުނީ

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top