ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަނޑުމަތިން މީހުން ސަލާމަތްކުރުމަށް ޗައިނާއިން “އޭއައި ލައިފްބޮއެއް” ބޭނުންކުރަން ފަށައިފި

ޗައިނާއިން އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން އުފައްދާފައިވާ އުދުހޭ “ލައިފްބޮއި” ފެންމަތީގެ ސަލާމަތީ ޚިދުމަތްތަކުގައި ބޭނުންކުރަން ފަށައިފިއެވެ.

ފެންމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި އަވަސް ފިޔަވަޅު އެޅުމަށްޓަކައި ޗައިނާގެ ހަންގްޒޫ ފުލުހުން ބޭއްވި ތަމްރީނު ޕްރޮގްރާމެއްގައި، އައު ޓެކްނޮލޮޖީގެ އެހީގައި އުދުހޭ “ލައިފްބޮއި” އެއް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ. މި އާލާތަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަނީ ތައުރީފު ކުރައްވާފައެވެ.

ހަންގްޒޫގެ ރަސްމީ ވީޗެޓް އެކައުންޓުގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި ތަމްރީނުގައި އޮރެންޖު ކުލައިގެ މިލައިފްބޮއި ވަނީ އެއްގަމުން އުދުހިފައި ގޮސް، ފެނަށް ވެއްޓިފައި އޮތް މީހެއްގެ ކައިރިއަށް ތިރިކޮށްފައެވެ. އަދި އެމީހާ އޭގެ މައްޗަށް އެރި އިރުވެސް، އެއްވެސް ގުޑުމެއް ނެތި ސަލާމަތީ ގޮތުން ރައްކާތެރިކަމާއެކު ފެންމަތީގައި އެ އާލާތް އޮތެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން، ސަލާމަތީ ޓީމުތައް އެތަނަށް ގޮސް އެމީހާ ސަލާމަތް ކުރުމުން، އެ ލައިފްބޮއި އަލުން އުދުހިފައި ގޮސް އޭގެ އަސްލު މަގާމަށް ވަނީ ރުޖޫއަވެފައެވެ.

“އޭއައި އިންޓެލިޖެންޓް ފްލައިން ރެސްކިއު ރޮބޮޓް”ގެ ނަމުން ނަންދެވިފައިވާ މި އާލާތަކީ، ސަލާމަތީ ބޯޓުފަހަރަށް ދިއުމަށް ވަގުތު ނަގާފަދަ ހުޅުވިފައިވާ ކަނޑުގެ ސަރަހައްދުތަކުގައި އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އަމިއްލައަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މި ރޮބޮޓަކީ، ނުރައްކަލެއްގައިވާ މީހާގެ ގާތަށް އުދުހިފައި ގޮސް އެހީތެރިކަން ދިނުމަށްފަހު، އަމިއްލައަށް އެނބުރި އައުމުގެ ގާބިލުކަން ލިބިފައިވާ އާލާތެކެވެ.

މި ތަމްރީނުތަކުގައި ފެންމަތީގައި ދިމާވެދާނެ ތަފާތު ހާދިސާތަކަށް އަމާޒުކޮށްގެން ޒަމާނީ އެތައް ވަސީލަތްތަކެއް ވަނީ ޓެސްޓުކޮށްފައެވެ. އެގޮތުން ޑްރޯން ބޭނުންކޮށްގެން، ފެނުގައި ހާލުގައި ޖެހިފައިވާ މީހުންގެ ގާތަށް ވަޔާއި އެކު ފުއްޕޭ ލައިފްބޮއިތައް ވައްޓާލާފައިވެއެވެ. މި ތަކެތި ފެނުގައި ޖެހުމާއެކު ވަގުތުން ފުއްޕި، މީހާ ފެންމަތީގައި ބޭއްވުމަށް އެހީތެރިވެދެއެވެ.

މީގެ އިތުރުން، ނުރައްކާތެރި ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމަށްޓަކައި އިންސާނަކާ ނުލައި ދުއްވާ ބޯޓާއި ޑްރޯން ގުޅިގެން މަސައްކަތްކުރާ ނިޒާމެއްވެސް ވަނީ ބޭނުންކޮށްފައެވެ. މި ނިޒާމުގައި ޑްރޯންގެ އެހީގައި މީހާ އޮތް ތަން ހޯދުމަށްފަހު، އަމިއްލައަށް ދަތުރުކުރާ ބޯޓު އެމީހާގެ ގާތަށް ދެއެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި މީހުން ހޯދުމަށް ޑްރޯންގެ އެހީގައި އަލިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން، އޯގަސްޓް 14 ގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި އޭއައި އާލާތަކީ “އިންސާނީ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދޭނެ މުހިންމު ޓެކްނޮލޮޖީއެއް” ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top