ރިސޯޓް ސުޕަރ ލީގު 2026 ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުން އޮޅުވެލި ރިސޯޓް މޮޅުވެއްޖެ އެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްދާ މި މުބާރާތުގެ ކުޅުން އިއްޔެ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސައުތު މާލޭ ޒޯންގެ ޗެމްޕިއަން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި ނޯތު މާލެ ޒޯންގެ ޗެމްޕިއަން ބަރޮސް މޯލްޑިވްސް އެވެ.
ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގައި ކުޅުނު މި މެޗު ފަށައިގެން މާގިނައިރެއް ނުވެ އޮޅިވެލިން ވަނީ ލީޑު ނަގާފަ އެވެ. އޮޅުވެލި ކުޅުންތެރިއަކު އެ ޓީމުގެ އޭރިޔާ ކައިރިން ހޯދައި މެދުރޮނގު ހުރަސްކޮށް ބަރޮސް ހާފުގެތެރެއަށް ފޮނުވާލި ބޯޅަ، އެ ޓީމުގެ ހާފުގެ މެދަކާއި ހިސާބުން ހޯދައި އޭރިޔާ ބޭރުން ކީޕަރު ކައިރިން ގޯލްގެ ތެރެއަށް ފޮނުވާލައި މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ސިއާއު އެވެ. އަލީ ސިއާއުއަކީ ރިސޯޓް ލީގު ސައުތު މާލޭ ޒޯން މުބާރާތުގައި ވެސް އޮޅުވެލި ޓީމަށް މުހިންމު ލަނޑުތަކެއް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ބަރޮސްއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު މި މެޗުގައި ދެން ވެސް ފެނުނީ އޮޅުވެލީގެ ލަނޑެކެވެ. ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ޑިފެންސަށް އިސްކަން ދީގެން ކުޅުނު އޮޅުވެލިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ހަވަނަ މިނިޓްގަ އެވެ. ފުރަތަމަ ލަނޑު ޖަހައިދިން އަލީ ސިއާއުގެ ފަހިކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ލިގާމް އެވެ. ލިގާމް މި ލަނޑު ޖަހާފައި ވަނީ ބަރޮސްގެ ހާފުގެ ތެރެއިން މެދުރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ހުސްކޮށް އަރައި އޭރިޔާގެ އަރިމަތިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ރިސޯޓް ލީގުގައި ވެސް އޮޅުވެލި ޓީމުގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު ލިގާމް އަކީ ސައުތު މާލޭ ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ދެ ޓީމަށް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ހާފުގައި ބަރޮސްއިން ދެއްކިއިރު، މި ހާފުގައި އޮޅުވެލިން ބޮޑު އިސްކަމެއް ދިނީ ލިބިފައިވާ ލީޑު ދަމަހައްޓާށެވެ. އަދި ކައުންޓާރ އެޓޭކްގައި ލަނޑު ޖަހާށެވެ.
މި މެޗުގައި ބަރޮސްއިން ޖެހި ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައި މުޙައްމަދު ސަހާއު އަލީ އެވެ. ސަހާއު މި ލަނޑު ޖަހާފައިވަނީ އޮޅުވެލީގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހި ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ރޮނގު ކައިރިން ގޯލްގެތެރެއަށް ފޮނުވާލައިގެން ނެވެ.
2-1 އިން އޮޅުވެލި މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޅުވެލި ޓީމުގެ މުޙައްމަދު ލިގާމް އެވެ.
މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ ހަވީރު އެވެ. ނިވާ ކުރުނބާ މޯލްޑިވްސްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލު ކުރާނީ ބަރޮސް އާއި އޮޅުވެލި އެވެ.
