ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އުމުރުން 77 އަހަރުގައިވެސް ރާކޭޝް ރޯޝަންގެ ދުޅަހެޔޮކަމުގެ ސިއްރުތައް އޭނާގެ ކޯޗު ހާމަކޮށްފި
ގޫގުލް

އުމުރުން 77 އަހަރުގެ މަޝްހޫރު ކުރީގެ އެކްޓަރު އަދި ފިލްމު އުފެއްދުންތެރިޔާ ރާކޭޝް ރޯޝަން އަކީ އޭނާގެ ކޯޗަށްވެސް ނަމޫނާއެކެވެ. ކޮންމެ ހަފުތާއަކު ފަސް ދުވަހު ކަސްރަތުކުރުމާއި، ކޮންމެ ދުވަހަކު ހިނގުމުގެ އިތުރުން، ސިޑިން އެރުމާއި ގޭގައި ތައްޔާރުކުރާ ސާދާ ކާނާ ބޭނުންކުރުމަކީ އޭނާގެ އާދައެވެ. ނަމަވެސް، އޭނާގެ ޓްރެއިނަރު ސާޖިދު ޚާން ބުނާ ގޮތުގައި ރާކޭޝްގެ އެންމެ ޚާއްސަ ސިފައަކީ އޭނާގެ ދިރިއުޅުމުގެ އަޚްލާޤާއި ކަންކަމަށް ދޭ ސަމާލުކަމެވެ.

“މިހާ އަޚްލާޤު ރަނގަޅު، މަސައްކަތަށް ފަރުވާތެރި މީހަކާ އަދި ދިމައެއް ނުވޭ. އޭނާ ހޭލާ ވަގުތާއި، ކަސްރަތު ކުރާ ގަޑިތަކަކީ ވަރަށް ސީދާކޮށް ކަނޑައެޅިފައިވާ ވަގުތުތަކެއް. ކޮންމެ ކަމެއްވެސް ކުރަނީ ތާވަލަކަށް ފެތޭ ގޮތަށް.” ސާޖިދު ބުންޏެވެ.

ދާދި ފަހުން ރާކޭޝް ވަނީ އޭނާގެ ދުޅަހެޔޮކަމުގެ ދަތުރުގައި ކޯޗު ކޮށްދޭ އެހީތެރިކަމަށް ތަޢުރީފުކޮށް، އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި ވީޑިއޯއަށް އޭނާގެ ދަރިފުޅު އަދި މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންވެސް ވަނީ ތަޢުރީފުކޮށްފައެވެ.

2021 ވަނަ އަހަރުން ފެށިގެން ރާކޭޝްއަށް ތަމްރީނު ދެމުން އަންނަ ސާޖިދު ބުނި ގޮތުގައި، އެމީހުންގެ ކަސްރަތު ސެޝަންތައް ފަށަނީ ހެނދުނު 9 ޖަހާއިރުއެވެ. މީގެ ތެރެއިން ތިން ދުވަހު ބަރުދަން އުފުލުމުގެ ކަސްރަތުތައް ކުރާއިރު، ބާކީ ދެ ދުވަހު ހަށިގަނޑުގެ ފްލެކްސިބިލިޓީއަށާއި ކާޑިއޯ ކަސްރަތުތަކަށް އިސްކަންދެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ހިނގުމަކީވެސް އޭނާ ކުރާ ކަމެކެވެ.

ސާޖިދު ބުނި ގޮތުގައި، ރާކޭޝްގެ ކަސްރަތުތަކަށް ކޮންމެ ދެ މަހަކުން އެއްފަހަރު ބަދަލު ގެނެއެވެ. “ބައެއް ފަހަރު ބަރުދަން އުފުލުމަށް އިސްކަންދެނީ، އަނެއްބައި ފަހަރު ހަށިގަނޑު ދެމުމުގެ ކަސްރަތުތަކަށް. އެންމެ މުހިންމީ ހަށިގަނޑުގެ ޙާލަތަށް ބަލައިގެން ކަންކަން ރޭވުން.” އޭނާ ކިޔައިދިނެވެ.

މިވެސް ކިޔާލަން:  މިއަދު ސިއްޙަތަށް ސަމާލުކަން ނުދީފިނަމަ މާދަމާ ހިތާމަކުރަން ޖެހިދާނެ

އެންމެ ހައިރާންކުރުވަނިވި ކަމަކީ، ފާއިތުވި ހަތަރު މަސް ދުވަހު އުނަގަނޑުގެ މަސްގަނޑަކަށް ލިބިފައިވާ އަނިޔާއަކާއެކުވެސް ރާކޭޝް ކަސްރަތު މެދުކަނޑާނުލާކަމެވެ. އޭނާ ބޭނުންވީ އަނިޔާވެފައިވާ ބަޔަށް ބުރަ ނުވާނެހެން ހަށިގަނޑުގެ މަތީ ބަޔަށް ތަމްރީނުތައް ކުރިއަށް ގެންދިއުމަށެވެ. މިހާރު އޭނާ ވަނީ ގާތްގަނޑަކަށް 80 އިންސައްތަ ރަނގަޅުވެފައެވެ.

ކެއުމުގެ ކަންކަމުގައިވެސް ރާކޭޝް ގެންގުޅެނީ ވަރަށް އާދައިގެ އުސޫލެކެވެ. އޭނާ ބޭނުންކުރަނީ ގޭގައި ތައްޔާރުކުރާ ސާދާ ކާތަކެއްޗެވެ. ހެނދުނުގެ ނާސްތާއަށް ބިސް ބޭނުންކުރާއިރު، މެންދުރު އަދި ރޭގަނޑުގެ ކެއުމުގައި ތަރުކާރީއާއި، މަދު މިންވަރެއްގެ ބަތާއި، ގްރިލް ކުރި ކުކުޅު އަދި ސަލަޑް ހިމެނެއެވެ. ބޭރުގެ ކާތަކެއްޗާއި، ތެލުލި އެއްޗިއްސާއި އޭނާ މުޅިން ދުރުހެލިވެއެވެ.

ސާޖިދު ފާހަގަކުރި ގޮތުގައި ރާކޭޝްގެ ހިތްވަރު ފެންނަނީ ހަމައެކަނި ޖިމަކުން ނޫނެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދި ދުވަސްވަރު، ކީމޯތެރަޕީ ސެޝަންތަކަށްފަހުވެސް އޭނާ އާދައިގެ މަތިން މަސައްކަތަށް ނުކުމެ އުޅުނެވެ. ކަސްރަތު ކުރުމުގައި އެންމެ މުހިންމީ ސާބިތުކަން ހިފެހެއްޓުން ކަމަށް ސާޖިދު ޤަބޫލުކުރެއެވެ. “ދުވާލަކު 20 މިނެޓު ނަމަވެސް، ޤަވާއިދުން ކަސްރަތު ކުރުމަކީ ދުޅަހެޔޮކަމުގެ އަސްލު.”

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top