އަފްޒާއަށް ޚިޔާލުތަކުން ނުކުމެވުނީ އަޔާން އޭނާގެ ކޮނޑުގައި ކޮއްޓާލީމައެވެ.
“ފަހަރީ. ކޮން ޚިޔާލަކަށް ގެއްލިފައި؟ އަހަރެން އެހީ އަހަންނަށް ކުރިން ގިޓާ ދިނީ ކާކުހޭ؟” އަޔާން އެހިއެވެ.
އަފްޒާ އެއްޗެކޭ ބުނުމުގެ ކުރިން ރިޔާޒަށް ބަލައިލިއެވެ. ރިޔާޒްވެސް އަފްޒާއަށް އިޝާރާތެއް ކޮށްލިއެވެ.
“އަޔާން. އެއީ.. އަޔާން އަހަރެން މިހާރު ހަނދާނެއް ނެތް. އަޔާން. މިހާރު އުފާވެއްޖެއެއްނު. މިހާރު އަޔާންގެ ގިޓާވެސް އަނބުރާ ލިބުނީ. އެހެންވީމަ އަހަންނަށް ވަޢުދެއް ވެދީ. ޕްލީޒް.” އަފްޒާ އަޔާންގެ މޫނަށް ބަލައިލަމުން ވަރަށް އުންމީދާއެކު ބުންޏެވެ.
“އާނ ބުނެބަލަ.”
އެއީ ކޮޓަރިން ނަތާޝާ ނުކުމެގެން އެތަނަށް އައި ވަގުތެވެ.
“މިއަދަށްފަހު ޒޯޔާއާ ޒުވާބު ނުކުރާނެކަމަށް ވަޢުދުވޭ.” އަފްޒާ ބުންޏެވެ.
“އާނ އަޔާން.” ރިޔާޒްވެސް އަފްޒާއާ ބައިވެރިވެލިއެވެ. ނަތާޝާވެސް އެމީހުންނާ ބައިވެރިވިއެވެ.
އަޔާން ހައިރާންވެފައި އެ ތިން މީހުންގެ މޫނަށް ބަލަން އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުއްޓެވެ.
“ތި މީހުންނަށް ކިހިނެއްތަ ވެގެން ތި އުޅެނީ؟ ނޫން، އަހަރެން ކޮންމެ ދުވަހަކުވެސް އޭނައާ ޒުވާބުކުރާނަން.” އަޔާން އެހެން ބުނެލުމުން އަފްޒާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިދިޔައެވެ.
“އަޅެ އެ ކީއްވެ؟” އަފްޒާ އެހިއެވެ.
“އެއީ އޭނައާ ޒުވާބުނުކޮށް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެއްނު. ނިންޖެއް ނާންނާނެ، ރަނގަޅަކަށް ދިރިއެއްވެސް ނޫޅެވޭނެ. އޭނައާ ޒުވާބުކުރުމަކީ އަހަރެން އުފަންވީއްސުރެ އާދަވެފައިވާ ކަމެއްނު.” އަޔާން އެހެން ބުނެލުމާއެކު އެންމެން އެކުގައި ހޭން ފެށިއެވެ.
“މީ ވަރަށް ލާނެއް ކުއްޖެއް.” އަފްޒާ އަޔާންގެ އަތުގައި އަތުގައި ޖަހާލިއެވެ.
“އޭތް އަޔާން. ދައްކަބަލަ ތި ގިޓާ ބަލާލަން.” ނަތާޝާ އެހެން ބުނުމުން އަޔާން ގިޓާ ދިއްކޮށްލިއެވެ.
އަޔާން އިތުރު އެއްޗެކޭ ނުބުނި ނަމަވެސް އޭނައަށް އުނދަގޫ އިޙުސާސެއް އެބަވެއެވެ. ޒޯޔާ ގިޓާ ދިން ވަގުތު އެ ކުރެވުނު އިޙުސާސާއި އޭނަގެ ހަނދާނަށް އަންނަން އުޅުނު ކުރީގެ ހާދިސާ އޭނާގެ ހިތް ނުތަނަވަސް ކުރުވައިފިއެވެ.
ނަތާޝާ ގިޓާގެ ބޭރުގައި އޮޅާފައިވާ ކަރުދާސްގަނޑު ނައްޓާލުމާއެކު ހައިރާންވެގެން އޭނައަށް އަޔާންއާ ދިމާއަށް ބަލައިލެވުނެވެ.
“އަޔާން. ބަލާބަލަ. މީ ހަމަ އެ ހަލާކުވި ގިޓައާ އެއްވެސް ތަފާތެއް ނެތް ގިޓައެއް. އައިމް އިމްޕްރެސްޑް. އޭނައަކީ މިހާ ހިތްހެޔޮ މީހެއްކަމެއް އަހަރެމެންނަކަށް ކުރިއަކުން ނޭނގެ.” ނަތާޝާ ވަރަށް ހެވިލާފައި ބުންޏެވެ.
އަޔާން ގިޓައަށް ބަލައިލުމަށްފަހު ފުން ވިސްނުމަކަށް ގެއްލުނެވެ. ޒޯޔާ އޭނައަށް ގިޓާ ގެނެސްދިނުމާއި ކުރިން އޭނަ ގެންގުޅުނު ގިޓައާ އެއްވެސް ތަފާތެއް ނެތުން މިއީ ހަމައެކަނި އިއްތިފާޤެއް ކަމަށް އޭނައަށް ޤަބޫލުކުރަން ދަތިވިއެވެ.
“އޭނައަކީ އަބަދުވެސް އެހާ ހިތްހެޔޮ ކުއްޖެއް.” އަފްޒާ އެހެން މީހުންނަށް ނީވޭނެހެން އަމިއްލަ ނަފްސަށް ބުނެލިއެވެ.
*****
ފައިސަލް އާއި ޒޯޔާ އަޔާންގެ ގެއިން ނުކުމެގެން ކާރާއި ދިމާއަށް ދިޔައިރު ފައިސަލްއަށް ހުރެވުނީ ފުން ވިސްނުމެއްގައެވެ. އަޔާންއާއި ޒޯޔާ ދިމާވެ އެތައް ދުވަހެއް ވީއިރު، އޭނައަށް ނޭނގުނީ ކީއްވެބާވައެވެ. ޒޯޔާ އެހާވަރަށް ރަތް ޓީޝާޓުގެ ޝަކުވާ ކުރިއިރު، އޭނައަށް ނަން އަހާނުލެވުނީބާވައެވެ.
ދެން ކުއްލިއަކަށް ފައިސަލްގެ ހަނދާނަށް އައީ އާފިޔާއެވެ. އާފިޔާއަށް އެނގޭބާވައެވެ. ދެން އޭނާގެ ހަނދާނަށް އައީ ރަތް ޓީޝާޓާއި ޒޯޔާ ދިމާވި ފަހުން އާފިޔާ ކުއްލިއަކަށް އޭނައާއި ޒޯޔާގެ ކައިވެނި ކުރުވުމުގައި އަވަސްއަރުވާލާފައި އުޅުނު ގޮތެވެ. ދެން އޭނައަށް ވިސްނުނެވެ. އާފިޔާއަށް މި ހުރިހާ ކަމެއްވެސް އެނގެއެވެ. އެނގިހުރެ މި ހުރިހާ ކަމެއް ސިއްރުކުރީ އޭނައާ ޒޯޔާގެ ކައިވެނި ކުރުވުމަށެވެ. އަދި އޭނައަށް އެ ހަޤީޤަތް އެނގިއްޖެނަމަ އޭނަ އެކަމަށް އެއްބަސް ނުވާނެކަން އާފިޔާއަށް ރަނގަޅަށް އެނގޭތީއެވެ.
ފައިސަލްގެ ހިމޭންކަން ޒޯޔާއަށް ފާހަގަކުރެވުނެވެ. އޭނާ ދެފަހަރަކު ގޮވާލިވެސްމެއެވެ. ނަމަވެސް ފައިސަލްއަށް އެ އަޑު ނީވުމުން ޒޯޔާ ފައިސަލްގެ އަތުގައި ޖަހާލިއެވެ. ފައިސަލް ސިހިފައި ބަލައިލިއެވެ.
“ކޮން ޚިޔާލަކަށް ގެއްލިފައި؟ މީ މަގުމައްޗޭ. ތިހެން ދަނިކޮށް ދެން ފެންނާނީ ދުއްވާ އެއްޗެއްގެ ދަށުވެފައި އޮއްވާ.” ޒޯޔާ ބުނެލިއެވެ.
“އެއްވެސް ކަމެއް ނުވޭ.” ފައިސަލް ބުންޏެވެ.
“ފައިސަލްއަކަށް ނޭނގެއެއްނު ދޮގު ހަދާކަށްވެސް.” ޒޯޔާ ބުނެލިއެވެ. ފައިސަލް ހިނިތުންވެލަމުން ބޯހޫރާލިއެވެ.
ކާރަށް އަރައި ދުއްވާލަމުން ފައިސަލް ޒޯޔާއަށް ބަލައިލިއެވެ.
“އަހަންނަކަށް ނޫނޭ ބަލަންވީ. މަގަށް ބަލަންވީ.” ޒޯޔާ ފައިސަލްގެ މޫނުގައި ހިފައި ކުރިއަށް އަނބުރާލިއެވެ.
ފައިސަލް ހީނލި ނަމަވެސް އޭނާ ވަނީ ހިތްހަމަނުޖެހިފައެވެ.
“ސޯ، އެއީތަ ރަތް ޓީޝާޓަކީ؟” ފައިސަލް އެހިއެވެ.
“ހޫމް. ކިހިނެއްވީ؟”
“ކީއްވެތަ އޭނަގެ ނަމުން ނުކިޔަނީ؟” ފައިސަލް އަހާލިއެވެ.
“ފުރަތަމަ ނަން ނޭނގޭތީ. ދެން ފަހުން ނަން އެނގުނީމަވެސް އޭރު އޭނަދެކެ ވީ ފޫއްސަކުން އެ ނަން ނުކީ. ދެން އެހެންނޫނަސް މަޖަލެއްނު އެހެން ކީމަ.” ޒޯޔާ ބުންޏެވެ.
“އާނ، މަޖާ. އެކަމަކު ކީއްވެ އަހަރެން ގާތު އޭނަގެ ނަން ނުބުނީ؟ ހުރިހާ ކަމެއް ޝެއާ ކުރާއިރުވެސް.”
“ފައިސަލް ދުވަހަކުވެސް އެހިންތަ އޭނަގެ ނަން؟” ޒޯޔާ އެހިއެވެ.
“ނޭހޭ ކަންނޭނގެ ދޯ؟ އެހުނުތަ؟” ފައިސަލްއަށްވެސް ޔަގީނެއް ނޫނެވެ. އޭނާއަށް އޮޅުން އެރިއެވެ.
“އާނ، އެހިނަމަ ބުނެވިފަ އޮންނާނީ.” ޒޯޔާ ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.
އިރުކޮޅެއް ވަންދެން ދެމީހުން އެއްވެސް ވާހަކައެއް ނުދައްކާ ތިއްބެވެ. ދެން ޒޯޔާ ފައިސަލްއަށް ބަލައިލީ އޭނާގެ އެ ހިމޭންކަން ކަމުނުގޮސްގެންނެވެ.
“މިރޭ ކިހިނެއް ވެފަތަ ތި އިންނަނީ؟”
“ކަމެއް ނުވޭ.” ފައިސަލްގެ އަޑުގައި މާ ފޯރިއެއް ނެތެވެ.
“ނޫނޭ. ކޮންމެވެސް ކަމެއް ވެއްޖެ. އަހަންނާ އެކީގަ އެގެއަށް ދިޔައިރުވެސް ނުލާހިކު އަނގަ ތެޅި. އެގެއަށް ދިޔަ ހިސާބުން ނޭނގެ ވީގޮތެއް. އަނެއްކާ އެއީ ރަތް ޓީޝާޓާ ހެދިތަ؟ ނޫނީ އަހަންނަށް އޭނަގެ ނަން ނުބުނެވި އޮތީމަތަ؟” ޒޯޔާ އޭނައަށް ހީވާގޮތަށް އަހާލިއެވެ.
“ނޫން. އަސްލު ކުއްލިއަކަށް ބޮލުގަ ރިއްސަން ފެށީ. އެހެންވެ.” ފައިސަލް ބުންޏެވެ.
“އެހެންތަ؟ އެހެންވިއްޔާ އަހަރެން ގެއަށް ލާފަ އަވަހަށް ގޮސް ރެސްޓްކޮށްލާ އިނގޭ.” ޒޯޔާ ފައިސަލްގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ. ފައިސަލް ބޯ ޖަހާލިއެވެ.
*****
އާފިޔާ ކޮޓަރީގެ ސޯފާގައި ފޯނުން މީހަކާ ވާހަކަ ދައްކަން އިންދާ ނަސީރު އައިސް ވަނެވެ. ނަމަވެސް ސޯފާގައި އާފިޔާ އިން ގޮތުން ނަސީރު އައިކަމެއް އޭނައަކަށް ނޭނގެއެވެ.
“މި ވަރީގެ މައްސަލަ ނަގަން އެއްބަސްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ އާމިރު. މުޅި މި ރާއްޖޭގަވެސް ތިކަހަލަ މޮޅު ވަކީލަކު ނެތް. ބާކީ ހުރި ވާހަކަތައް ދިމާވެފަ ދައްކާނީ. އޯކޭ، ޝުކުރިއްޔާ.” އާފިޔާ ފޯނު ބޭއްވިއެވެ.
“އާފިޔާ.” ނަސީރު ގޮވާލުމުން އާފިޔާއަށް ސިހިފައި ބަލައިލެވުނެވެ. އަދި ނަސީރު ބަލަހައްޓައިގެން ހުރި ގޮތް ފެނުމުން ނަސީރަށް އޭނަ ދެއްކި ވާހަކަތައް އިވިއްޖެކަން އޭނާއަށް އެނގުނެވެ.
“ނަސީރު، އަހަރެން އެއްވެސް ގޯސް ކަމެއް ނުކުރަން.” އާފިޔާ ދިފާއުގައި އަވަސްއަވަހަށް ބުންޏެވެ.
“ކަލޭ އަދި ގޯސް ކަމެއް ނުކުރިޔަސް، ކަލޭ ތި އުޅެނީ ގޯސް ކަމެއް ކުރަން އާފިޔާ. ކަލޭގެ ތި މިޒާޖު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. ސާފުކޮށް ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދީ.” ނަސީރުގެ އަޑު ކުޑަކޮށް ބާރުވާން އުޅުނެވެ.
“ނަސީރު، އަހަރެން ފައިސަލްގެ މާމަ ނައީމާއާ ވާހަކަދެއްކިން ޒޯޔާއާ ފައިސަލްގެ މުސްތަޤުބަލާ ބެހޭގޮތުން. އޭނަ ބުނީ ޒޯޔާއަކީ އަދިވެސް މީހެއްގެ އަނތްބެއް ކަމަށް. އަހަރެން އޭނަ ކައިރީގަ ދޮގު ހެދީ ޒޯޔާ މިހާރު ވަރިވެފައިވާކަމަށް ބުނެ.” އާފިޔާ އެވާހަކަ ބުނެލިއިރު ހީވަނީ ވަރަށް މޮޅު ކަމެއް ކުރެވިގެން އުޅޭހެންނެވެ.
“ކީކޭ؟ އާފިޔާ ކަލޭ މޮޔަވީތަ؟” ނަސީރު ފުންމައިގެން ތެދުވިއެވެ.
“ނަސީރު. އޭގަ ކޮބާ ގޯހެއް؟ ޒޯޔާ ވަރީގެ ފޯމުގައި ސޮއިކުރި. އަހަރެން އަތުގައި އަދިވެސް އެ ފޯމު އެބައޮތް. އެހެންނޫނަސް އެއްވެސް ކުރިމަގެއް ނެތް ދިރިއުޅުމެއްގައި އަހަރެންގެ ދަރިފުޅު ބަންދުވެފައި ހުންނާކަށް އަހަރެން ނޭދެން.” އާފިޔާ ބުންޏެވެ.
“އާފިޔާ ބޭނުންވިޔަސް ނުވިޔަސް، ޒޯޔާ ފޯމުގައި ސޮއި ކުރިޔަސް އަދި ނުކުރިޔަސް ވަރިއެއް ނުވާނެ. ވަރިކުރުމަކީ ފިރިމީހާއަށް ލިބިފައި އޮންނަ ބާރެކޭ. އެވަރެއް ނުވިސްނޭތަ މި ސިކުނޑިއަކަށް؟” އާފިޔާގެ ބޮލުގައި އަތް އަޅާ ކޮއްޕާލަމުން ނަސީރު ބުންޏެވެ.
“ނައީމާގެ ވާހަކަތައް އަހަރެންގެ ހިތަށް އުނދަގޫތަކެއް ކުރުވައިފި. އެހެންވެ އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މި ވަރީގެ ކަންތައް ނިންމާލަން. އެހެންވެ ވަކީލު އާމިރާ ވާހަކަދައްކައި އެޕޮއިންޓްމަންޓެއް މި ހޯދީ. އޭނަގެ އަތުގައި ކޮންމެވެސް މަގެއް އޮންނާނެ. ބަލަމާ ހިނގާ ވާގޮތެއް.” އާފިޔާއަށް އޭނާ ކުރާ ކަންތަކުގައި ހުރި ގޯސްތަކެއް އެއްވެސް ވަރަކަށް ނުފެނެއެވެ.
“އާފިޔާ. ކަލޭ ތިކަން ތިކުރީ ހަމައެކަނި ޒޯޔާއަށް ސިއްރުންނެއް ނޫން، ފައިސަލްއަށްވެސް ސިއްރުން. ކަލެއަށް އެނގޭތަ ފައިސަލްއަށް މިކަން އެނގުނީމަ ވާނެ ގޮތް؟” ނަސީރުގެ އަޑު ބާރުވިއެވެ.
“ފައިސަލްއަކަށް ނޭނގޭނެ ނަސީރޫ. އެހެންވެގެން އާމިރު މި ހަމަޖެއްސީވެސް.” އާފިޔާ ހުރީ ގޮތުގައެވެ.
“އާފިޔާ. ކަލޭ ތި ހިނގާ މަގަކީ ހަމައެކަނި ކަށްޓާ ހިލަޔާ އޮތް މަގެއް. އެއްދުވަހަކު ކަލޭ އަނގަވަތަށް ވެއްޓި ސަލާމަތް ނުވެވޭނެ. އަހަރެން މިބުނި ވާހަކަ ލިޔެ ސޮއިކޮށްފަވެސް ދީފާނަން.” ނަސީރު ބުންޏެވެ.
“ނަސީރު، އަހަރެންގެ ދަރިފުޅުގެ އުފަލަށްޓަކައި ކޮންމެ ފަދަ ކަށި މަގަކުން ހިނގަންވެސް އަހަރެން މިހިރީ ތައްޔާރަށް.”
“އާފިޔާ. ކަލޭ ތި ކުރަން އުޅެނީ ވަރަށް ބޮޑު ކުށެއް. އަނެއްކާ މިހާ ބޮޑު ކޯޓު މައްސަލައެއް ސިއްރުކުރުމަކީ ނުވާނެ ކަމެއް. އެހެންވެގެން އަހަރެން މި ބުނަނީ ޒޯޔާއަށް އޭނަގެ މާޒީގެ ހުރިހާ ވާހަކައެއް ކިޔައިދޭށޭ. އޭނަގެ ރުހުމާއެކުވެސް މިކަންކަން ކުރެވިދާނެ. ޒޯޔާ މިގޮތަށް އަނދިރީގައި ބެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫނޭ. އެއީ ވަރަށް ބޮޑު ގޯހެއް.”
“ގޯހީ ކަލޭ ކުރަން އުޅުނު ކަންތައް ނަސީރު. އަޔާންއާ ޒޯޔާގެ ވާހަކަ ފައިސަލްއަށް ކިޔައިދޭން އުޅުން. އޭގެ ނަތީޖާ އެނގޭތަ؟ ޒޯޔާއާއި ފައިސަލް ވަކިވުން. ކަލެއަށް އެނގޭތަ އަސްލު މައްސަލައަކީ ކޮބައިކަން؟ އަހަރެން މި އުޅެނީ ޒޯޔާގެ މުސްތަޤުބަލު އުޖާލާކުރަން. އެކަމަކު ކަލޭ އަދިވެސް ތި ހުންނަނީ އޭނަގެ މާޒީގައި ހިފަހައްޓައިގެން.” އާފިޔާގެ އަޑު ބާރު ނޫނަސް އޭނާ ބުނި ކޮންމެ ބަހެއްގެ ބާރު ވަރަށް ގަދައެވެ.
“ކަލޭ ބުނާ އެއްޗަކާ، އިޙުސާސްކުރާ ގޮތަކަށް އަހަރެންގެ މައްސަލައެއް ނެތް. އަހަރެންގެ މައްސަލައަކީ ކަލޭ ތި ކުރާ ކަންތައްތަކާ އެ ކަންތައްތައް ކުރާގޮތް.” ނަސީރު ބުންޏެވެ.
“ކޮންމެ ގޮތަކަށް ވިޔަސް އަހަރެން މިފަހަރު މިކަން ކުރާނަން. ޒޯޔާއާއި އަޔާންގެ ވަރީގެ ކަންތައް ކޯޓުން ނިންމާފައި ނޫނީ މިފަހަރު އަހަރެން ހުއްޓައެއް ނުލާނަން. އަދި އެކަން ކުރާނީވެސް އެއިން އެކަކަށް އެކައްޗެއްވެސް ނާންގާ.” އާފިޔާ ބުނެލިއެވެ.
“ކަލޭ ދުވަހަކުވެސް އިސްލާހެއް ނުވާނެ.” ނަސީރު ރުޅިއައިސްގެން ދާންވެގެން އެނބުރިލި ވަގުތު ދޮރުމަތީގައި ހުރި ޒޯޔާ ފެނުމާއެކު ހުއްޓުން އެރިއެވެ. ނަސީރު ހުއްޓުމާއެކު އާފިޔާވެސް ބަލައިލިއެވެ. ޒޯޔާ ފެނުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.
(ނުނިމޭ)
