ކާމިޔާބު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އައު ފިލްމު “މަޖުނޫން” ގެ މޭކިންގ (ބިހައިންޑް ދަ ސީންސް) ގެ ފުރަތަމަ އެޕިސޯޑް މިރޭ އާންމުކުރުމަށް ހަމަޖެހިއްޖެއެވެ.
ފިލްމު ރިލީޒްކުރުމުގެ ކުރިން، ނަހުލާގެ ފިލްމުތަކުގެ މޭކިންގ ވީޑިއޯތައް ބަލައިލުމަކީ އަބަދުވެސް ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރުކުރާ ކަމެކެވެ. އެންމެ ކުރީއްސުރެ ވެސް ފިލްމު އަޅުވައި ސްކްރީންތަކަށް އައުމުގެ ކުރިން އޭނާގެ ފިލްމުތަކުގެ ބިހައިންޑް ދަ ސީންސް ވީޑިއޯތައް ގެންދަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދެމުންނެވެ. އެގޮތުން އެންމެ ކުރިން މޭކިންގ ވީޑިއޯތައް ޑީވީޑީގެ ގޮތުގައި ނެރެމުން އައި ނަމަވެސް، މިހާރު މި ވީޑިއޯތައް އާންމުކުރަމުން ދަނީ ސޯޝަލް މީޑިއާގައެވެ.
މިފަހަރުގެ ފިލްމު “މަޖުނޫން”ގެ މޭކިންގ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުގެ ކުރިން، އެންމެ ފުރަތަމަ ދައްކާނީ ރާއްޖެ ޓީވީންނެވެ. ނަހުލާ ހާމަކޮށްފައިވާ ގޮތުގައި، މިރޭ 10:00 ގައި ރާއްޖެ ޓީވީން ބިހައިންޑް ދަ ސީންސްގެ ފުރަތަމަ އެޕިސޯޑް ދެއްކުމަށްފަހު، ޔޫޓިއުބާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުން ވެސް މި އެޕިސޯޑް ބަލައިލެވޭނެއެވެ.
ފިލްމު “މަޖުނޫން” ސިނަމާތަކަށް ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ފިލްމު ބޮޑު ސްކްރީނަށް އައުމަށް މިހާރު ވަނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައެވެ. މި ފިލްމު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 26 ވަނަ ދުވަހުއެވެ.
މިހާރު ފިލްމުގެ ޓިކެޓް ވިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އޮލިމްޕަހުންނާއި 7844422 ނަންބަރާ ގުޅައިގެން ޓިކެޓް ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
