ރިސޯޓް ސުޕަރ ލީގު ފުޓްސަލް މުބާރާތުގައި އަރިޒޯންގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް އާއި ދާލު ޒޯންގެ ޗެމްޕިއަން ދަ އެސްޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް ބައްދަލުކުރި ފުރަތަމަ މެޗު އެއްވަރުވެއްޖެ އެވެ.
މިއަދު ކޮންރެޑް މޯލްޑިވްސްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމުން ވެސް ފަހިކުރި މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކޮންރެޑް މޯލްޑިސް އެވެ. މެޗުގެ 12 ވަނަ މިނިޓްގައި ވޮއްމުލި އޭރިޔާގެ ބޭރުން އަރިމަތިން ކޮންރެޑަށް ލިބުނު ފުރީކިކް އެއްފަހަރުން ގޯލުގެ ތެރެއަށް ވައްދާލައި ކޮންރެޑަށް މި ލަނޑު ކާމިޔާބުކޮށްދިނީ އާޒިމް އެވެ. ކޮންރެޑްގެ ލަނޑަށް މާގިނައިރެއް ނުވެ ވޮއްމުލިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކޮންރެޑްގެ ހާފުތެރެއިން އަރިމަތިން ވޮއްމުއްޔަށް ލިބުނު ކިކް އާމިލް ފޮނުވާލުމުން ކޮންރެޑްގެ ގޯލުގެތެރެއަށް ވަނީ ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ކޮންރެޑްގެ ކީޕަރުގެ އަތުގައި ޖެހިފަ އެވެ.
ލީޑު ނެގުމަށް ދެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވޮއްމުލިން ވަނީ ލީޑު ނަގާފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ވޮއްމުއްޔަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އާމިލް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ކޮންރެޑްގެ އޭރިޔާ ކުރިމަތިން ވޮއްމުއްޔަށް ލިބުނު ފްރީކިކް އޭނާއަށް ޖައްސާލުމުން އެއްފަހަރުން ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކު އެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި ހާފުގައި ވެސް ވަނީ ދެ ޓީމަށް ލިބިފަ އެވެ. ނަތީޖާ ހަމަހަމަކުރުމަށް ކޮންރެޑްއިން ގިނަ މަސައްކަތްތަކެއް ކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމުގެ އިތުރުން ލީޑު ފުޅާކުރުމަށް ވޮއްމުލިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
މެޗުގެ 27 ވަނަ މިނިޓްގައި ކޮންރެޑުން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. ލަނޑު ޖެހުމަށްޓަކައި ވޮއްމުލި ޓީމު އެކުގައި ކުރިޔަށް ޖެހި ތިބި ވަގުތެއްގައި ކޮންރެޑްގެ ސިފާހްއަށް ލިބުނު ހިފައިގެން ކުރިޔަށް ގޮސް ކީޕަރު ކައިރިން ނައްޓާލުމަށްފަހު އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.
ދެވަނަ ފަހަރަށް ވޮއްމުލިން ލީޑު ނެގީ 33 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒަޔާން އެވެ. ޒަޔާން މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ކޮންރެޑްގެ ކީޕަރު ކައިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލު ކުރިމަތީ ހުސްކޮށް ހުރެ، ހުސްކޮށް އޮތް ގޯލެއްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ގިނަ ރީނދޫ ކާޑުތަކެއް ފެނުނު މި މެޗުގެ ފަހުކޮޅު ދެ ޓީމުގެ ދެ ކުޅުންތެރިންނަށް ރަތް ކާޑް ވެސް ދައްކާފައިވެ އެވެ. ދެވަނަ ފަހަރަށް ކޮންރެޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައި އަޒީމް ޖަހައިދިން ލަނޑުން ނެވެ.
މި ދެ ޓީމުގެ ދެވަނަ މެޗު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންސާނާ ވެލާވަރު ރިސޯޓްގަ އެވެ.
