ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ނިދުމުގެ ކުރިން ކެއުން: މީގެ ސަބަބުން ނިދި ޚަރާބުވެދާނެ 
މުނިއަވަސް ގްރެފިކްސް

ނިދަން އޮށޯތުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ވަރުގަދަކޮށް ކެއުމަކީ މޭ އެންދުމާއި، އެސިޑް ރިފްލަކްސް ނުވަތަ ކާ އެއްޗެހި މައްޗަށް އެރުމާއި، ހަޖަމުކުރުމުގެ ނިޒާމަށް އުނދަގޫތަކެއް ކުރިމަތިވެ، އަވަހަށް ނިދުމަށް ނުވަތަ އަރާމު ނިންޖެއް ހޯދުމަށް ހުރަސްއެޅޭ ކަމެކެވެ.

ކެއުމަށްފަހު، ބަނޑުގައި ހުންނަ ތަކެތި ހަޖަމުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދެއެވެ. ކެއި ގޮތަށް އޮށޯތުމަކީ ބަނޑުގައި ހުންނަ ތަކެތި ފަސޭހަކަމާއެކު ކާނާ ހޮޅިއަށް ފަހަތަށް ދަތުރުކުރުމަށް މަގުފަހިވާ ކަމެކެވެ. މީގެ ސަބަބުން މޭގައި ދިލަ ތަދެއް އުފެދުމާއި، އަނގަޔަށް ހިތި ނުވަތަ ހުތް ރަހައެއް އައުމާއި، ނިދީގައި އުނދަގޫތަކެއް އިޙުސާސްކުރަން ޖެހެއެވެ. ޚާއްސަކޮށް “ގޭސްޓްރޯއީސޮފޭޖިއަލް ރިފްލަކްސް ޑިޒީޒް” ހުންނަ މީހުންނަށް މި އުނދަގޫތައް މާ ބޮޑަށް ފާހަގަވެއެވެ.

އެމެރިކަން ކޮލެޖް އޮފް ގޭސްޓްރޯއެންޓްރޮލޮޖީން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝާއިޢުކުރި ކްލިނިކަލް ގައިޑްލައިންގައި ލަފާދީފައިވަނީ، އެސިޑް މައްޗަށް އެރުމުގެ މައްސަލަ ހުންނަ މީހުން ނިދުމުގެ ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ކުރިން ކެއުން ހުއްޓާލުމަށެވެ. ހަމައެއާއެކު، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑައިބެޓީސް އެންޑް ޑައިޖެސްޓިވް އެންޑް ކިޑްނީ ޑިޒީޒަސް އިންވެސް އިރުޝާދު ދެނީ، ރޭގަނޑު މިފަދަ އުނދަގޫތައް ކުރިމަތިވާ މީހުން ކެއުމަށްފަހު އޮށޯތުމުގެ ކުރިން މަދުވެގެން ތިން ގަޑިއިރުގެ ވަގުތެއް ދިނުމަށެވެ.

އެހެންނަމަވެސް، މަދުން ނަމަވެސް ރޭގަނޑު ބޯލާ ކުޑަ ސައިފޮދެއްގެ ސަބަބުން ކޮންމެހެން ނިދި ހަރާބުވެ ނުވަތަ ހަޖަމުކުރުމުގެ މައްސަލަތައް ކުރިމަތިވާން ނުޖެހެއެވެ. މީގައި ބޮޑު ދައުރެއް އަދާކުރަނީ ކާ އެއްޗެހީގެ މިންވަރާއި، ކާނާގެ ބާވަތާއި، އަދި އެމީހެއްގެ ހަށިގަނޑަށް އެކަމުން އަސަރުކުރާ މިންވަރެވެ. ތެޔޮ ގިނަ ކާނާއާއި، ކާނާގެ ތެރޭގައި ހިމެނޭ މިރުހާއި ހަވާދުގެ ބާވަތްތަކާއި، ހުތް ތަކެއްޗާއި، ޗޮކްލެޓް އަދި ކޮފީ ފަދަ ތަކެއްޗަކީ ބައެއް މީހުންނަށް މި އުނދަގޫތައް މެދުވެރިކުރުވާ ބާވަތްތަކެވެ.

މިވެސް ކިޔާލަން:  ލިނެން ބެޑްޝީޓުން ނިދީގެ ފެންވަރު ރަނގަޅުކޮށްދޭ

ސިއްޙީ މާހިރުން ލަފާދެއްވަނީ ރޭގަނޑުގެ ކެއުން ލުއިކޮށް ބެހެއްޓުމަށާއި، އޮށޯތުމުގެ ކުރިން ކާނާ ހަޖަމުވުމަށް ވަގުތު ދިނުމަށާއި، އަދި އުނދަގޫ އިތުރުކުރުވާ ކާނާގެ ބާވަތްތައް ދެނެގަތުމަށެވެ. މޭ އެންދުމުގެ މައްސަލަ ދާއިމީގޮތެއްގައި ކުރިމަތިވުން ނުވަތަ ކާ އެއްޗެހި ދިރުވަން އުނދަގޫވާނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންޖެހެއެވެ.

ނިދަން އޮށޯންނަ އިރުވެސް ހަށިގަނޑުން ދަނީ ކާނާ ހަޖަމުކުރުމުގެ މަސައްކަތްކުރަމުންނެވެ. ވަރުގަދައަށް ކެއުމަށްފަހު ނިދުމާ ދެމެދު މަދު ގަޑިއިރުތަކެއްގެ ހުސްވަގުތު ދިނުމަކީ ރޭގަނޑު އެސިޑް މައްޗަށް އެރުން ކުޑަކޮށްދީ، އަރާމު ނިދުމަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top