ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުލަބް ވެމްކޯ ހޯދައިފި އެވެ. ޤައުމީ ވޮލީ ލީގު އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުލަބް ވެމްކޯ ހޯދީ އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ނެވެ.
ފަސް ޓީމުގެ މެދުގައި ކުރިޔަށްދިޔަ މި ލީގުގެ މެޗުތައް ކުޅެފައިވަނީ މިމަހުގެ 17 އިން 27 އަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގަ އެވެ. ލީގުގައި ކުލަބް ވެމްކޯ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިޓީ ފްރެންޑްސް ކުލަބާއި އެވެ. މި މެޗު ސީދާ ތިން ސެޓުން ކުލަބް ވެމްކޯ ކާމިޔާބު ކުރިއިރު، ދެވަނަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ބައްދަލުކޮށް ކުލަބް ވެމްކޯ މޮޅުވީ ތިން ސެޓް އެއް ސެޓުން ނެވެ. ތިންވަނަ މެޗުގައި ކުލަބް އެމްޓީސީސީ އާއި ބައްދަލުކޮށް ވެސް ކުލަބް ވެމްކޯ މެޗު ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުން ނެވެ.
ލީގު ގެ ފަހު މެޗުގައި ކުލަބް ވެމްކޯ ބައްދަލުކުރީ ޕޮލިސް ކުލަބާއި އެވެ. އިއްޔެ ހަވީރު ކުޅެވުނު މި މެޗު ކުލަބް ވެމްކޯ ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުން ނެވެ. މި މެޗުގެ ސެޓްތައް ކުލަބް ވެމްކޯ ކާމިޔާބުކުރީ ޕޮލިސް ކުލަބް ފުރަތަމަ ސެޓް 22-25 އިން ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓް ހޯދައިގެން ނެވެ. މި މެޗުގެ ސެޓްތައް ކުލަބް ވެމްކޯ ކާމިޔާބުކުރީ 25-19 އާއި 25-22 އަދި 25-16 އިން ނެވެ.
ލީގުގެ މްންޕިއަންކަން ކުލަބް ވެމްކޯ ހޯދިއިރު، ލީގުގެ ދެވަނަ ހޯދީ ކުލަބް އެމްޓީސީސީ އެވެ. އަދި ތިންވަނަ ޕޮލިސް ކުލަބް ހޯދިއިރު ލީގުގެ ހަތަރުވަނަ ޓީމަކީ ހުރާ ކޮމިއުނިޓީ ކުލަބެވެ. ޤައުމީ ވޮލީބޯޅަ މުބާރާތް އަންހެން ޑިވިޝަންގައި ވާދަކުރާނީ މި ހަތަރު ޓީމެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް – އެފްބީ
މުބާރާތުގެ އެކިއެކި ވަނަތައް ހޯދި ޓީމުތަކާއި ކުޅުންތެރިންނަށް ބަލައިލާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކުލަބް ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނިފައިވަނީ ބެސްޓް އައުޓްސައިޑް އެޓޭކާރ ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާ، ބެސްޓް އައުޓްސައިޑް އެޓޭކާރ ޕޮލިސް ކުލަބްގެ އާމިނަތު ޝަހާ ޝާމިން، ބެސްޓް މިޑްލް ބްލޮކާރ ކުލަބް ވެމްކޯގެ ނަރީމާ އިދްރީސް، ބެސްޓް މިޑްލް ބްލޮކާރ ކުލަބް އެމްޓީސީސީގެ އާމިނަތު ރިޔާޝާ، ބެސްޓް ސެޓާރ ކުލަބް ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު، ބެސްޓް އޮޕޮސިޓް ޕްލޭޔާރ ކުލަބް އެމްޓީސީސީގެ މާޔާ ހުސައިން ސޮލާހް، ބެސްޓް ލިބަރޯ ކުލަބް ވެމްކޯގެ މައިހާ އަލީ، 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާ ކުލަބް އެމްޓީސީސީގެ ފާތިމަތު އަމާނީ، ބެސްޓް ފޮރިން ޕްލޭޔާރ ކުލަބް ވެމްކޯގެ ވަރަންޔާ ސްރިއަލޫންގެ، އެންމެ މޮޅު ކޯޗު ކުލަބް ވެމްކޯގެ އަޙްމަދު އަދީލް އެވެ.
