ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މެގްނީޒިއަމް: ތިބާއަށް އެންމެ އެކަށީގެންވަނީ ކޮން ބާވަތެއް؟
މުނިއަވަސް ގްރެފިކްސް

މެގްނީޒިއަމް އަކީ މަސްތަކާއި ނާރުތަކުގެ މަސައްކަތްތަކަށާއި، ހަކަތަ އުފެއްދުމަށާއި، ކަށީގެ ދުޅަހެޔޮކަމުގެ އިތުރުން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ މުހިންމު މިނަރަލްއެކެވެ. މިއީ ބަދަން، އޮށް، ތޮޅި އަދި ފަތްޕިލާވެލީގެ ބާވަތްތަކުގައި ޤުދުރަތީ ގޮތުން ހުންނަ މާއްދާއެއް ނަމަވެސް، ބަނޑުހިކުމާއި، ނިދުމުގެ މައްސަލަތަކާއި މަސްގުޅަކެވުން ފަދަ ކަންކަމަށް ހައްލެއް ހޯދުމަށް މެގްނީޒިއަމް ސަޕްލިމެންޓްތައް ބޭނުންކުރުން މިހާރު ވަނީ އާންމުވެފައެވެ. އެހެންނަމަވެސް، މެގްނީޒިއަމްގެ އެކި ބާވަތްތައް ބޭނުންކުރެވެނީ އެކި ކަންކަމަށެވެ. އަދި އިސްތިހާރު ކުރެވޭ ހުރިހާ ފައިދާތަކަކީ ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ކަންކަމެއް ނޫނެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތް (އެން.އައި.އެޗް) އިން ހާމަކުރާ ގޮތުގައި، މެގްނީޒިއަމް ސައިޓްރޭޓް، ކްލޮރައިޑް، ލެކްޓޭޓް އަދި އެސްޕަރްޓޭޓްއަކީ މެގްނީޒިއަމް އޮކްސައިޑަށްވުރެ ފަސޭހައިން ހަށިގަނޑަށް ދަމައިގަންނަ ބާވަތްތަކެކެވެ.

މެގްނީޒިއަމްގެ ބާވަތްތަކާއި އޭގެ ބޭނުންތައް

މެގްނީޒިއަމް ގްލައިސިނޭޓް:

މިއީ ހަޖަމުކުރުމުގެ ނިޒާމަށް ލުއި ބާވަތެއް ކަމަށްވާތީ ގިނަ ބަޔަކު އިޚްތިޔާރުކުރާ ބާވަތެކެވެ. މިއީ ހާސްކަން ކުޑަކުރުމަށާއި ނިދުމަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައި މާކެޓް ކުރެވުނު ނަމަވެސް، މިކަމަށް އެކަށީގެންވާ ވަރުގަދަ ސައިންޓިފިކް ހެކިތަކެއް އަދި ނެތެވެ.

މެގްނީޒިއަމް ސައިޓްރޭޓް:

މިއީ ހަށިގަނޑަށް ފަސޭހައިން ދަމައިގަންނަ، ބަނޑު ލުއިކޮށްދޭ މާއްދާއެއް އެކުލެވޭ ބާވަތެކެވެ. އެހެންކަމުން ދޭތެރެއަކުން ދިމާވާ ބަނޑުހިކުމުގެ މައްސަލައަށް މިއީ ފަރުވާއެކެވެ. ނަމަވެސް މިއީ މާ ގިނައިން ބޭނުންކޮށްފިނަމަ ބަނޑުގައި ރިއްސުމާއި ބޮޑުކަމުދާ އެއްޗެހި ދިޔާވުން ފަދަ ކަންކަން މެދުވެރިވެދާނެ ބާވަތެކެވެ.

މެގްނީޒިއަމް ޓައުރޭޓް: 

މިއީ ހިތުގެ ދުޅަހެޔޮކަމަށާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ބާވަތެކެވެ. އެހެންނަމަވެސް، ހިތުގެ ބަލިތަކަށް މީގެން ލިބޭ ޚާއްސަ ފައިދާތައް އަދި އިލްމީ ގޮތުން ކަށަވަރެއް ނުވެއެވެ.

މިވެސް ކިޔާލަން:  ކަމަކާ ނުލާ ހާސްވަނީތަ؟ މެގްނީޒިއަމް މަދުވުމުގެ އަލާމާތަކަށް ވެދާނެ

މެގްނީޒިއަމް މެލޭޓް: 

ހަކަތަ އިތުރުކުރުމަށާއި، ވަރުބަލިކަން ކުޑަކުރުމަށާއި މަސްތަކުގެ އުނދަގޫތަކަށް މިއީ ރަނގަޅު އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިކަންކަމަށް މި ބާވަތުން ލިބޭ ސީދާ ފައިދާތަކެއް ދިރާސާތަކުން އަދި ސާބިތެއް ނުވެއެވެ.

މެގްނީޒިއަމް އޮކްސައިޑް:

މިއީ އަގުހެޔޮ، މެގްނީޒިއަމްގެ މިންވަރު މަތި ބާވަތެކެވެ. މިއީ ބަނޑުގެ އެސިޑް ކުޑަކުރުމަށާއި ބަނޑު ލުއިކުރުމަށް ބޭނުންކުރާ ބައެއް ބޭސްތަކުގައި ހިމެނޭ ބާވަތެކެވެ. ނަމަވެސް ސައިޓްރޭޓްއާ އަޅާބަލާއިރު މިއީ ހަށިގަނޑަށް ދަމައިގަންނަ މިންވަރު މަދު ބާވަތެކެވެ.

މެގްނީޒިއަމް ކްލޮރައިޑް:

މިއީ ހަށިގަނޑަށް ފަސޭހައިން ދަމައިގަންނަ، ހަށިގަނޑުގައި މެގްނީޒިއަމް މަދުވާ ހާލަތްތަކުގައި އެ މިންވަރު އިތުރުކުރުމަށް ބޭނުންކުރެވޭ ބާވަތެކެވެ.

މެގްނީޒިއަމް އެލް-ތްރިއޮނޭޓް:

ހަނދާން ގަދަކުރުމަށާއި، ސިކުނޑީގެ ދުޅަހެޔޮކަމަށް މިއީ ފައިދާހުރި އެއްޗެއްގެ ގޮތުގައި އިސްތިހާރު ކުރެއެވެ. ނަމަވެސް އިންސާނާގެ ވިސްނުމުގެ ބާރު މީގެ ސަބަބުން އިތުރުވާކަމުގެ ހެކިތަކެއް އަދި މަދެވެ.

މެގްނީޒިއަމް ލެކްޓޭޓް އަދި އެސްޕަރްޓޭޓް:

މިއީ ހަށިގަނޑަށް ފަސޭހައިން ދަމައިގަންނަ، ކާނާގެ ތެރެއިން ލިބޭ މެގްނީޒިއަމްގެ މިންވަރު ފުރިހަމަކުރުމަށް ބޭނުންކުރެވިދާނެ ދެ ބާވަތެވެ.

މެގްނީޒިއަމް ސަލްފޭޓް:

މިއީ އާންމުކޮށް “އެޕްސަމް ސޯލްޓް” ގެ ގޮތުގައި މަޝްހޫރުވެފައިވާ ބާވަތެވެ. މިއީ ބަނޑުލުއިކުރާ ބޭސްތައް ތައްޔާރުކުރުން ފަދަ ޚާއްސަ ސިއްޙީ ބޭނުންތަކަށް ބޭނުންކުރާ އެއްޗެކެވެ. ފެންވަރާ ގަޑީގައި ހަންގަނޑު މެދުވެރިކޮށް މިއީ ހަށިގަނޑަށް ދަމައިގަންނަ އެއްޗެއްކަމުގެ އެކަށީގެންވާ ހެކިތަކެއް ނެތެވެ.

އިޚްތިޔާރު ކުރާނީ ކޮން ބާވަތެއް؟

އެންމެ އެކަށީގެންވާ ބާވަތެއް ބިނާވަނީ ތިބާގެ ބޭނުމުގެ މައްޗަށެވެ. ބަނޑުހިކުމުގެ މައްސަލައަށް ސައިޓްރޭޓް ރަނގަޅުވާއިރު، ހަޖަމުކުރުމުގެ ނިޒާމަށް ލުއި ބާވަތެއް ބޭނުންވާނަމަ ގްލައިސިނޭޓް ރަނގަޅެވެ. ހަށިގަނޑުގައި މެގްނީޒިއަމްގެ މިންވަރު އިތުރުކުރުމަށް ކްލޮރައިޑް ފަދަ ފަސޭހައިން ހަށިގަނޑަށް ދަމައިގަންނަ ބާވަތްތައް ބޭނުންކުރެވިދާނެއެވެ. ޓައުރޭޓް، މެލޭޓް އަދި އެލް-ތްރިއޮނޭޓް ފަދަ ބާވަތްތަކުން ހިތަށާއި، ހަކަތަ އިތުރުކުރުމަށް އަދި ސިކުނޑިއަށް ލިބޭ ފައިދާތައް އަދި ވަނީ ސައިންޓިފިކް ގޮތުން ކަށަވަރު ނުވެއެވެ.

މިވެސް ކިޔާލަން:  އަލްޒައިމާ ބައްޔާއި މެގްނީޒިއަމްގެ ގުޅުން

ދުުޅަހެޔޮ ގިނަ މީހުންނަށް މެގްނީޒިއަމް ހޯދުމަށް އެންމެ ރަނގަޅު ގޮތަކީ ކާނާއެވެ. ބަދަމާއި، ކަޖޫ، ތަފާތު ތޮޅިތަކާއި، މުގު، ގޮދަން އަދި ފަތްޕިލާވެއްޔަކީ މެގްނީޒިއަމް ލިބޭ މުހިންމު ބާވަތްތަކެވެ. ރާއްޖޭގައި ލިބޭ މުގާއި، ތޮޅި، ބިލެތްމަދު އަދި ކިރުގެ ބާވަތްތަކަކީ ވެސް މެގްނީޒިއަމް ހޯދުމަށް ބޭނުންކުރެވިދާނެ ތަކެއްޗެވެ.

އެން.އައި.އެޗް އިން ލަފާދޭ ގޮތުގައި، ދުވާލަކަށް ބޭނުންވާ މެގްނީޒިއަމްގެ މިންވަރަކީ ފިރިހެނުންނަށް 400-420 މިލިގްރާމް އަދި އަންހެނުންނަށް 310-320 މިލިގްރާމެވެ. މީގެ ތެރޭގައި ކާނާއާއި ސަޕްލިމެންޓްތަކުން ލިބޭ މިންވަރު ހިމެނެއެވެ.

ސަޕްލިމެންޓާއި ބޭސްތަކުން ދުވާލަކަށް ނެގޭނެ މެގްނީޒިއަމްގެ އެންމެ މަތީ މިންވަރަކީ 350 މިލިގްރާމެވެ (ކާނާގައި ހުންނަ މެގްނީޒިއަމް ނުހިމަނައި). މިއީ ހަޖަމުކުރުމުގެ ނިޒާމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ކަނޑައަޅާފައިވާ މިންވަރެކެވެ. މިއަށްވުރެ މަތީ މިންވަރެއް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުންނެވެ. ސަޕްލިމެންޓް ގަންނައިރު އޭގެ ޖުމްލަ ބަރުދަނަށް ބެލުމުގެ ބަދަލުގައި، އޭގައި ހިމެނޭ “އެލިމެންޓަލް މެގްނީޒިއަމް”ގެ މިންވަރަށް ބަލާށެވެ.

ސަމާލުކަން ދޭންޖެހޭ ކަންތައްތައް 

މެގްނީޒިއަމް ސަޕްލިމެންޓް ބޭނުންކުރުމުން ބަނޑުހިކުން، މޭނުބައިކުރުން އަދި ބަނޑުގައި ރިއްސުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. މާ ގިނައިން މެގްނީޒިއަމް ބޭނުންކުރުމަކީ ހަށިގަނޑުގައި މެގްނީޒިއަމްގެ މިންވަރު ނުރައްކާތެރި ދަރަޖައަކަށް މައްޗަށްދާ ކަމެކެވެ. ޚާއްސަކޮށް ކިޑްނީގެ ބަލިތައް ހުންނަ މީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.

އަދި ބައެއް އެންޓިބަޔޮޓިކްތަކާއި ކަށީގެ ބަލިތަކަށް ބޭނުންކުރާ ބޭސްތަކަށް މެގްނީޒިއަމްގެ ސަބަބުން ބަދަލު އަތުވެދާނެއެވެ. އެހެންކަމުން ޤަވާއިދުން ބޭސް ބޭނުންކުރާ މީހުން، ޚާއްސަކޮށް ކުޑަކަމުދާ އެއްޗެހި ގިނަކުރާ ބޭސް ނުވަތަ ބަނޑުގެ އެސިޑް ކުޑަކުރާ ބޭސް ބޭނުންކުރާ މީހުން، މެގްނީޒިއަމް ސަޕްލިމެންޓް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދ އާންމުކޮށް މަލްޓިވިޓަމިން ނުވަތަ އެހެނިހެން މިނަރަލް ސަޕްލިމެންޓްތައް ބޭނުންކުރާ ފަރާތްތަކުން ވެސް، ހަށިގަނޑަށް އެތެރެވާ މެގްނީޒިއަމްގެ ޖުމްލަ މިންވަރު ދެނެގަންނަންވާނެއެވެ.

މިވެސް ކިޔާލަން:  ކަނޑުގެ ފަރުވާ އާއި މެގްނީޒިއަމް

މަސްގުޅަކެވުމާއި، ވަރުބަލިކަމާއި އަދި ނިދިނައުމަކީ ހަމައެކަނި މެގްނީޒިއަމް މަދުވުމުން ދިމާވާ ކަންކަމެއް ނޫނެވެ. މި އަލާމާތްތައް އެހެން ސަބަބުތަކާ ހުރެ ވެސް ދިމާވެދާނެތީ، ޑޮކްޓަރީ ބެލުމަކާ ނުލައި ހަމައެކަނި ސަޕްލިމެންޓަށް ބަރޯސާވުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ކޮންމެ މީހަކަށް ވެސް އެންމެ ރަނގަޅީ ވަކި ބާވަތެއްގެ މެގްނީޒިއަމް ސަޕްލިމެންޓެކޭ ބުނެވޭކަށް ނެތެވެ. އަދި އަގުބޮޑު ސަޕްލިމެންޓަކީ އެންމެ ފައިދާހުރި އެއްޗަކަށް ނުވެދާނެއެވެ. މާކެޓިންގ އިސްތިހާރުތަކަށް ބެލުމުގެ ބަދަލުގައި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ބަލައިގެން، ހަމަހަމަ ކާނާއެއް ބޭނުންކުރުން މާ މުހިންމެވެ.

މެގްނީޒިއަމް ސަޕްލިމެންޓެއް ބޭނުންކުރަން ފެށުމުގެ ކުރިން ނުވަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ކުރިން، ސިއްޙީ މާހިރެއްގެ ނުވަތަ ފާމަސިސްޓެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޚާއްސަކޮށް ކިޑްނީގެ މައްސަލައެއް ހުންނަ ނަމަ ނުވަތަ ޤަވާއިދުން އެހެން ބޭސްތަކެއް ބޭނުންކުރާ ނަމަ މިކަމަށް ވަރަށް ބޮޑަށް ސަމާލުވާންވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top