ލޯގަނޑަކަށް ބަލާލުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް، އެ ލޯގަނޑުން އެ ފެންނަ މީހާއާ ދިމާލަށް ތެދުވެރިކަމާއެކު ބަލާލުމަކީ ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ އެއް ކަންތަކަށް ވެދާނެއެވެ.
އަޅުގަނޑުމެންނަކީ އަބަދުވެސް އެހެން މީހުންނަށް ކުރެވޭ ކުށްތައް ދެނެގަތުމަށާއި، އެމީހުންގެ އުޅުމާމެދު ސުވާލު އުފެއްދުމަށާއި، އެމީހުންގެ އުނިސިފަތައް ފާހަގަކުރުމުގައި ވަރަށް އަވަސް ބައެކެވެ. ނަމަވެސް، ހަމަ އެ އުނިސިފަތައް އަޅުގަނޑުމެންގެ އަމިއްލަ އަމަލުތަކުން ފެންނަން ފެށުމުން، އެކަން ޤަބޫލުކުރުމަކީ ކުއްލިއަކަށް ވަރަށް އުނދަގޫ ކަމަކަށް ވެގެންދެއެވެ.
ނަފްސާނީ ގޮތުން މީހާ ހަރުދަނާވުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެހެން މީހުންގެ ކަންކަން ބަލާ ފަދައިން އަމިއްލަ ނަފްސުގެ ކަންކަންވެސް އެ ފެންވަރަށް ބަލަން ދަސްކުރުމެވެ.
ނަފްސާނީ އިލްމުވެރިން ޤަބޫލުކުރާ ގޮތުގައި އަމިއްލަ ނަފްސު ދެނެގަތުމަކީ އިންސާނާގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ. މީގެ ތެރޭގައި އަމިއްލަ އިޙުސާސްތައް ދެނެގަތުމާއި، އަމިއްލަ ބަލިފައިތައް ޤަބޫލުކުރުމާއި، އަމަލުތައް ބައްޓަންވެފައިވާ ގޮތް ދެނެގަތުމުގެ އިތުރުން، އަޅުގަނޑުމެންގެ އަމަލުތަކުގެ ސަބަބުން އެހެން މީހުންނަށް ކުރާ އަސަރު ޤަބޫލުކުރުން ހިމެނެއެވެ. މިއީ ހަމައެކަނި އަޅުގަނޑުމެންނަކީ ކޮންފަދަ މީހެއް ކަމަށް އަމިއްލައަށް ޤަބޫލުކުރާ ގޮތް އެނގުމެއް ނޫނެވެ. އެއީ އެ ޤަބޫލުކުރުމަކީ ތެދުވެރި ޤަބޫލުކުރުމެއްތޯ ސުވާލު އުފައްދަން ތައްޔާރަށް ހުރުމެވެ.
އެހެންނަމަވެސް، އިންސާނާގެ ސިކުނޑި ތަބީއީ ގޮތުން މަސައްކަތްކުރަނީ އަމިއްލަ ނަފްސުގެ އަގު ހިފެހެއްޓުމަށެވެ. މީހަކު އަޅުގަނޑުމެންގެ އުޅުމާ ބެހޭގޮތުން ސުވާލު އުފައްދައި ނުވަތަ ކުށެއް ފާހަގަކޮށްފިނަމަ، އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަދެއްކުމާއި، އެހެން މީހުންގެ ބޮލުގައި އިލްޒާމު އެޅުވުމާއި، ބަހަނާ ދެއްކުން ނުވަތަ އެކަން ކުރެވުނީ އޮޅުމަކުން ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދޭން އަޅުގަނޑުމެން މަސައްކަތް ކުރަމެވެ.
ނަފްސާނީ އިލްމުވެރިން މިކަން ސިފަކުރަނީ “ކޮގްނިޓިވް ޑިސޮނަންސް” ގެ ގޮތުގައެވެ. މިއީ މީހެއްގެ އަމަލުތަކާއި އޭނާ ޤަބޫލުކުރާ ހަމަތަކާ ފުށުއަރާ ހާލަތްތަކުގައި ސިކުނޑިއަށް ކުރިމަތިވާ ނުތަނަވަސްކަމެވެ. މިސާލަކަށް، އަމިއްލައަކީ ވަރަށް އޯގާތެރި މީހެއް ކަމަށް ޤަބޫލުކުރާ މީހަކަށް، އޭނާގެ ބަސްމަގުން ނުވަތަ އަމަލުން އެހެން މީހަކަށް ތަކުރާރުކޮށް ދެރައެއް ލިބިފައިވާކަން ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. އެ ފުށުއެރުމާ ކުރިމަތިލުމުގެ ބަދަލުގައި، އެމީހަކު މަސައްކަތްކުރާނީ އޭނާގެ އަމަލުތައް ދިފާއުކުރެވޭނެ ސަބަބުތަކެއް ހޯދުމަށެވެ.
މިއީ އިންސާނީ ތަބީއަތެވެ. ނަމަވެސް، އަމިއްލަ ނަފްސު ދިފާއުކުރުމަކީ އަބަދުގެ ބަހަނާއަކަށް ވެއްޖެނަމަ، އެކަމުގެ ސަބަބުން މީހާގެ ކުރިއެރުމަށް ހުރަސްއެޅެއެވެ.
ޒިންމާދާރުވުމަކީ އަބަދު އަމިއްލަ ނަފްސަށް ފާޑުކިޔުމެއް ނޫނެވެ. އަދި ހުރިހާ ކަމެއްގެ ކުށް އަމިއްލަ ބޮލުގައި އެޅުމެއްވެސް ނޫނެވެ. އޭގެ މާނައަކީ، ބޭއިންސާފުން ކުރެވޭ ފާޑުކިޔުމާއި ހަޤީޤީ އިސްލާހީ ފާޑުކިޔުމާ ދެމެދު ހުރި ތަފާތު ދެނެގަނެވޭނެ ފަދަ ހަރުދަނާކަމެއް ހުރުމެވެ.
އަދި އަމިއްލަ ޝަޚުސިއްޔަތަށް އުނިކަމެއް އަތުވެދާނެ ކަމަށް ބިރުނުގަނެ، “މިކަމުގައި އަހަންނަށް ގޯސްކޮށް ކަންތައް ކުރެވިދާނެ” ކަމަށް އެއްބަސްވުމުގެ ޤާބިލުކަން ހުރުމެވެ.
އަޅުގަނޑުމެންނަކީ ދަރިންދެކެ ލޯބިވާ މައިންބަފައިން ކަމުގައި ވިޔަސް، ދަރިން ބެލުމުގައި ގޯސްތަކެއް ހެދިދާނެއެވެ. ވަފާތެރި އެކުވެރިން ކަމުގައި ވިޔަސް، ބައެއް ފަހަރު އަނެކާގެ އިޙުސާސްތަކަށް ބެލުމެއްނެތި ކަންތައް ކުރެވިދާނެއެވެ. ނުވަތަ ރަނގަޅު ބައިވެރިން ކަމުގައި ވިޔަސް، އިސްލާހުކުރަންޖެހޭ އުޅުމެއް ހުރެދާނެއެވެ. ރަނގަޅު މީހަކަށް ވުމަކީ އެމީހެއްގެ ފަރާތުން އަނެކާއަށް ދެރައެއް ނުލިބޭނެ ކަމުގެ ޔަގީންކަމެއް ނޫނެވެ.
މާޒީގެ ތަޖުރިބާތަކާއި ލިބިފައިވާ ނަފްސާނީ ޒަޚަމްތަކަކީ އަޅުގަނޑުމެންގެ ބައެއް އަމަލުތައް ހުންނަ ގޮތް ދެނެގަތުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ނަމަވެސް، އެކަންކަމަކީ އެފަދަ އަމަލުތައް ތަކުރާރުކުރުމަށް ދެއްކޭ ބަހަނާއަކަށް ވެގެން ނުވާނެއެވެ. ހަޤީޤީ ކުރިއެރުން ފެށެނީ، ކަންކަން ދެނެގަތުމާއެކު އެކަމުގެ ޒިންމާވެސް އުފުލަން ފެށުމުންނެވެ.
އަޅުގަނޑުމެން ބައެއް ފަހަރު އަމިއްލަ ނަފްސާ އުނދަގޫ ސުވާލުތަކެއް ކޮށްލަންޖެހެއެވެ. އެނގިހުރެ ނުވަތަ ނޭނގި ނަމަވެސް، ކުށެއް ކުރެވިފައިވާކަން ޤަބޫލުނުކޮށް މީހަކަށް ދެރައެއް ދެވިފައިވޭ ހެއްޔެވެ؟ އެހެން މީހުން އަހަންނަށް މައާފުކޮށް ކަންކަން ވިސްނައިދޭން އެދޭއިރު، އަހަރެން އެހެން މީހުންނަށް އެ ފުރުސަތު ދެން ހެއްޔެވެ؟ އަހަރެން އަނެކާގެ ވާހަކަ އަޑުއަހަނީ ހަޤީޤަތުގައިވެސް ދެނެގަންނަން ހެއްޔެވެ؟ ނުވަތަ ހަމައެކަނި އަމިއްލަ ނަފްސު ދިފާއުކުރާނެ ފުރުސަތަކަށް ބަލަބަލާ ހުންނަނީ ހެއްޔެވެ؟ އަހަރެން މަސައްކަތް ކުރަނީ އިސްލާހުވާން ހެއްޔެވެ؟ ނުވަތަ ކުރެވޭ ކުށްތަކަށް ދައްކާ ބަހަނާތައް އިތުރަށް ވަރުގަދަ ކުރަން ހެއްޔެވެ؟
މި ސުވާލުތަކުގެ ބޭނުމަކީ މީހާ ކުށްވެރިކުރުމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސާމެދު ފުންކޮށް ވިސްނާލުމަށް ދެވޭ ދައުވަތެކެވެ.
އަމިއްލަ ގޮތުގައި ސާބިތުވެ ތިބޭ މީހުންނަށް އަޅުގަނޑުމެން ތައުރީފު ކުރަމެވެ. ނަމަވެސް، އަމިއްލައަށް ކުރެވޭ ކުށްތައް ޤަބޫލުކޮށް، އުނދަގޫ ހަޤީޤަތްތައް އަޑުއަހައި، އިސްލާހުވާން ތެދުވެރި މަސައްކަތެއް ކުރާ މީހުންގެ ކިބައިގައިވެސް އެފަދަ ވަރުގަދަ ހިތްވަރެއް ހުރެއެވެ.
އަމިއްލަ ނަފްސާމެދު ވިސްނާ ފިކުރުކުރުމަކީ އަމިއްލަ ނަފްސުދެކެ ރުޅިއައުމެއް ނޫނެވެ. އެއީ ކަންކަން ދަސްކުރުމަށާއި، ނުރަނގަޅު އާދަތައް ދެނެގަތުމަށާއި، ގުޅުންތައް އިސްލާހުކުރުމަށާއި، އަދި ވަށައިގެންވާ މީހުންނަށް އިޙުތިރާމްކުރާ މީހަކަށް ވުމަށް ލިބޭ ފުރުސަތެކެވެ.
އަޅުގަނޑުމެން ޤަބޫލުކުރަން އިންކާރުކުރާ ކަމެއް ބަދަލެއް ނުކުރެވޭނެއެވެ. ނެތް ކަމަށް ދައުވާކުރާ އާދަތަކެއް އިސްލާހެއް ނުކުރެވޭނެއެވެ. އަދި އަމިއްލަ ނަފްސަކީ ޒިންމާއިން ބޭރުގައިވާ މީހެއް ކަމަށް ދެކޭނަމަ، ހަރުދަނާ ގުޅުންތަކެއް ނުއުފެއްދޭނެއެވެ.
ލޯގަނޑު އަޅުގަނޑުމެންގެ ކިބައިން ފުރިހަމަކަމަކަށް ނޭދެއެވެ. އެއީ ހަމައެކަނި އަމިއްލަ ނަފްސު ތެދުވެރިކަމާއެކު ބަލާލުމަށް ދެވޭ ފުރުސަތެކެވެ.
އަމިއްލަ ނަފްސަށް ދެވޭނެ އެންމެ ބޮޑު އިޙުތިރާމަކީ އަބަދުވެސް އުޅެވުނީ ރަނގަޅަށް ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކުށް ކުރެވުނު ތަންތަން ދެނެގަނެ، އެކަންކަން ރަނގަޅުކުރުމަށް ބޭނުންވާ ހިތްވަރު ހޯދުމެވެ.
ސަބަބަކީ، ބައެއް ފަހަރު އަޅުގަނޑުމެންގެ ތެދުވެރިކަމާއި، އޯގާތެރިކަމާއި އަދި މައާފަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މީހަކީ، ކޮންމެ ދުވަހަކު ލޯގަނޑުން އެ ފެންނަ މީހާ ކަމަށްވާތީއެވެ.
