ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބޭއްވި 14 އަހަރުން ދަށު ފުޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ފްރެންޑްސް ފެމެލީ ފުޓްބޯޅަ އެކަޑަމީގެ 14 އަހަރުން ދަށު ޓީމު ހޯދައިފި އެވެ.
27 އޮގަސްޓުން ފެށިގެން އިއްޔެ (31 އޮކްޓޫބަރު)ގެ ނިޔަލަށް ހެންވޭރު ދަނޑުގައި ކުރިޔަށްދިޔަ މި ލީގުގައި 10 އެކަޑަމީއަކުން ވަނީ ޓީމު ބައިވެރިކޮށްފަ އެވެ. އެ އެކަޑަމީތަކަކީ ފްރެންޑްސް ފެމެލީ ފުޓްބޯޅަ އެކަޑަމީ، އެޑްވެންޗަރ ފުޓްބޯޅަ އެކަޑަމީ، މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އެކަޑަމީ، އޮޑި ސްޕޯރޓްސް ކުލަބް އެކަޑަމީ، ވެލެންސިޔާ އެކަޑަމީ، ވިލިމާލޭ ޔުނައިޓެޑް އެކަޑަމީ، ޓީސީ ސްޕޯރޓްސް ކުލަބް އެކަޑަމީ، ހުޅުމާލޭ ޔޫތު ސްޕޯރޓްސް ކުލަބް އެކަޑަމީ، ބިސްބުރު ސްޕޯރޓްސް ކުލަބް އެކަޑަމީ އަދި ބީޖީ ސްޕޯރޓްސް ކުލަބް އެކަޑަމީ އެވެ.
10 ޓީމު ވާދަކުރި މި ލީގުގެ ޗެމްޕިއަންކަން ފްރެންޑްސް ފެމެލީ ފުޓްބޯޅަ އެކަޑަމީ ހޯދީ އެ ޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބުކޮށް އަނެއް ދެ މެޗު އެއްވަރުކޮށް 23 ޕޮއިންޓް ހޯދައިގެން ނެވެ. އެ ޓީމު ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލައިލާއިރު، ފުރަތަމަ މެޗު އެޑްވެންޗާރ އާއި ބައްދަލުކޮށް 1-0 އިން ކާމިޔާބުކުރި އެވެ. ދެވަނަ މެޗުގައި ވިލިމާލޭ އާއި ބައްދަލުކޮށް 4-0 އިން މޮޅުވިއިރު، ތިންވަނަ މެޗުގައި ވެލެންސިޔާ އާއި ބައްދަލުކޮށް 1-1 އިން ވީ އެއްވަރެވެ. ހަތަރުވަނަ މެޗުގައި ހުޅުމާލެއާއި ބައްދަލުކޮށް 2-1 އިން މޮޅުވިއިރު، ފަސްވަނަ މެޗުގައި ބިސްބުރާއި ބައްދަލުކޮށް 2-1 އިން މޮޅުވި އެވެ. ހަވަނަ މެޗު އޮޑިއާއި ބައްދަލުކޮށް 1-1 އިން އެއްވަރުވި ނަމަވެސް ހަތްވަނަ މެޗު މާޒިޔާ އާއި ބައްދަލުކޮށް 2-1 އިން މޮޅުވި އެވެ. އަށްވަނަ މެޗު ބީޖީ އާއި ބައްދަލުކޮށް 2-0 އިން ކާމިޔާބު ކުރިއިރު، ނުވަވަނަ މެޗު ޓީސީ އާއި ބައްދަލުކޮށް 5-4 އިން ކާމިޔާބުކުރި އެވެ.
ލީގުގެ ދެވަނަ ހޯދީ އެޑްވެންޗާރ ފުޓްބޯޅަ އެކަޑަމީ އެވެ. އެ ޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން 7 މެޗުން މޮޅުވިއިރު ދެ މެޗުން ބަލިވި އެވެ. އެ ޓީމަށް 21 ޕޮއިންޓް ލިބުނުއިރު ފައިދާ ލަނޑު 19 އެވެ. އެ ޓީމު ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލައިލާއިރު، ފުރަތަމަ މެޗު ފްރެންޑްސް ފެމެލީ ފުޓްބޯޅަ އެކަޑަމީ އާއި ބައްދަލުކޮށް 1-0 އިން އެޑްވެންޗާރ ވީ ބައްޔެވެ. ދެވަނަ މެޗު ޓީސީ އާއި ބައްދަލުކޮށް 3-1 އިން ކާމިޔާބު ކުރިއިރު، ތިންވަނަ މެޗު މާޒިޔާއާއި ބައްދަލުކޮށް 2-0 އިން ކާމިޔާބުކުރި އެވެ. ހަތަރުވަނަ މެޗު ބިސްބުރާއި ވާދަކޮށް 6-0 އިން ކާމިޔާބު ކުރިއިރު، ފަސްވަނަ މެޗު ބީޖީ އާއި ބައްދަލުކޮށް ކާމިޔާބުކުރީ ވެސް 6-0 އިން ނެވެ. ހަވަނަ މެޗު ވެލެންސިޔާ އާއި ބައްދަލުކޮށް 3-0 އިން މޮޅުވިއިރު، ހަތްވަނަ މެޗު ހުޅުމާލެއާއި ބައްދަލުކޮށް 5-3 އިން ވީ ބައްޔެވެ. އަށްވަނަ މެޗު ވިލިމާލެ އާއި ބައްދަލުކޮށް 2-4 އިން މޮޅުވިއިރު ފަހު މެޗުގައި އޮޑި އާއި ބައްދަލުކޮށް ކާމިޔާބުކުރީ 1-0 އިން ނެވެ.
ލީގުގެ ތިންވަނަ ހޯދީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އެކަޑަމީ އެވެ. އެ ޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު ދެ މެޗުން ބަލިވެ، އެއް މެޗު އެއްވަރުވި އެވެ. އެ ޓީމުން ވަނީ 19 ޕޮއިންޓް ހޯދައިފަ އެވެ.
