ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
117 އަހަރަށް ދިރިހުރި އަންހެނެއް: ދިގު އުމުރުގެ އާދަޔާ ޚިލާފު ސައިންސް
މުނިއަވަސް ގްރެފިކްސް

އިންސާނާގެ އުމުރު ދިގުވުމުގެ ސިއްރަކީ ހަމައެކަނި ރަނގަޅު ޖީންސްތަކެއް ލިބިފައިވުން ނޫންނަމަ، މުސްކުޅިވުމުގެ އަސަރުތަކުން ހަށިގަނޑު ދިފާއުވާ މިންވަރުކަމަށް ވެދާނެ ހެއްޔެވެ؟

އުމުރުން 117 އަހަރުގައި ނިޔާވި ސްޕެއިން-އެމެރިކާގެ މާރިއާ ބްރަންޔަސް މޮރޭރާގެ އާދަޔާ ޚިލާފު ދިރިއުޅުމަކީ، ސައިންސްވެރިން މި ސުވާލުގެ ޖަވާބު ހޯދުމަށް ބޭނުންކުރާ މުހިންމު ނަމޫނާއެކެވެ.

4 މާރިޗު 1907 ގައި ކެލިފޯނިއާގެ ސެން ފްރަންސިސްކޯއަށް އުފަންވި މާރިއާ، އޭނާގެ އާއިލާއާއެކު ސްޕެއިންގެ ކަޓަލޯނިއާއަށް ބަދަލުވީ 1915 ގައެވެ. އޭނާގެ ހަޔާތުގައި ދުނިޔޭގެ ދެ ބޮޑު ހަނގުރާމައާއި، ސްޕެއިންގެ ދާޚިލީ ހަނގުރާމައާއި، 1918 ގެ އިންފްލުއެންޒާ ރޯގާއާއި، ކޮވިޑް-19 ގެ ބަލިމަޑުކަން ތަހައްމަލުކުރިއެވެ. 1931 ގައި ކައިވެނިކޮށް، ތިން ދަރިން ބޮޑުކުރި މާރިއާއަކީ ގަރުނަކަށްވުރެ ގިނަ ދުވަހު ދުނިޔެއަށް އައި ބޮޑެތި ބަދަލުތަކުގެ ހެކިވެރިއެކެވެ.

އުމުރުން 113 އަހަރުގައި، ވެކްސިން އުފެއްދުމުގެ ކުރިން އޭޕްރީލް 2020 ގައި އޭނާއަށް ކޮވިޑް-19 ޖެހުނު ނަމަވެސް، އެ ބަލިން ފުރިހަމައަށް ފަސޭހަވިއެވެ. ޖެނުއަރީ 2023 ގައި ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާގެ ޝަރަފު ލިބުނު މާރިއާ، 19 އޮގަސްޓު 2024 ގައި ނިޔާވީ އުމުރުން 117 އަހަރާއި 168 ދުވަހުގައެވެ.

އޭނާގެ މި އާދަޔާ ޚިލާފު ދިގު އުމުރު ސައިންސްވެރިންގެ ސަމާލުކަމަށް އައެވެ. 21 އޮކްޓޫބަރު 2025 ގައި “ސެލް ރިޕޯޓްސް މެޑިސިން” މަޖައްލާގައި ޝާއިޢުކުރި ދިރާސާއެއްގައި، އޭނާގެ ހަށިގަނޑު އެހާ ގިނަ ދުވަހު ދުޅަހެޔޮކަންމަތީ ދެމިހުރި ގޮތް ދެނެގަތުމަށް ބަޔޮލޮޖިކަލް ޕްރޮފައިލް ތަހުލީލުކުރެވުނެވެ.

މިވެސް ކިޔާލަން:  ދިގު އުމުރަކަށް އެންމެ މުހިންމީ ޖީންސްތޯ ނުވަތަ ދިރިއުޅުމުގެ އާދަތަކާތޯ؟

ބާސެލޯނާގެ ޖޯސެޕް ކަރޭރަސް ލޫކީމިއާ ރިސާޗް އިންސްޓިޓިއުޓްގެ ޑރ. މަނެލް އެސްޓެލާ އިސްވެ ހުންނަވައި، މާރިއާގެ އުމުރުން 116 އަހަރުގައި ނެގުނު ސާމްޕަލްތައް ބޭނުންކޮށްގެން އޭނާގެ ޖީންސް، ސެލްތައް، ޕްރޮޓީން، މެޓަބޮލިޒަމް، ދިފާއީ ނިޒާމް އަދި ގޮހޮރުގެ މައިކްރޯބަޔޯމް ދިރާސާކުރިއެވެ.

މި ދިރާސާއިން ފާހަގަވި އެންމެ މުހިންމު ދެ ކަންތައް

ފުރަތަމަ ކަމަކީ، ޑީ.އެން.އޭއަށް އަންނަ ކެމިކަލް ބަދަލުތަކުން ސެލްތަކުގެ އުމުރު ބަލާ “އެޕިޖެނެޓިކް ކްލޮކް” ތަކުން ދެއްކި ގޮތުގައި، މާރިއާގެ ހަށިގަނޑުގެ އުމުރު އޭނާގެ ހަޤީޤީ އުމުރަށްވުރެ 23 އަހަރު ހަގެވެ. މީގެ އިތުރުން، އުމުރު ދިގުވުމަށާއި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވާ ޖެނެޓިކް ބަދަލުތަކަކާއި، ހަށިގަނޑުގައި އިންފްލެމޭޝަން މަދުވުމާއި، ކޮލެސްޓްރޯލްގެ މިންވަރު އެދެވޭ މިންވަރެއްގައި ހުރިކަން ފާހަގަވިއެވެ.

އަޖައިބުވާންޖެހޭ ކަމަކީ، އޭނާގެ ކްރޯމޯސޯމްތަކުގެ ކޮޅުގައި ހުންނަ “ޓެލޯމިއާ” ތައް ނުހަނު ކުރުކޮށް ހުރުމެވެ. މިއީ އާންމުކޮށް ސެލްތައް މުސްކުޅިވެފައިވާކަން އަންގައިދޭ ނިޝާނެކެވެ. މީގެއިން ދޭހަވަނީ މުސްކުޅިވުމަކީ ހަމައެކަނި ބަޔޮލޮޖިކަލް އެއް މިންގަނޑަކުން މިންކުރެވޭނެ ކަމެއް ނޫން ކަމެވެ.

ދެވަނަ ހޯދުމަކީ އޭނާގެ ގޮހޮރުގެ މައިކްރޯބަޔޯމްއާ ގުޅޭ ހޯދުމެވެ. އޭނާގެ ގޮހޮރުގައި “ބިފިޑޯބެކްޓީރިއަމް” ގުރޫޕްގެ ފައިދާހުރި ބެކްޓީރިއާ އާދަޔާ ޚިލާފަށް ގިނަކަން ފާހަގަވިއެވެ. މިއީ ގޮހޮރުގެ ދުޅަހެޔޮކަމަށާއި އިންފްލެމޭޝަން ކޮންޓްރޯލްކުރުމަށް އެހީތެރިވާ “އެސިޓޭޓް” ފަދަ މާއްދާތައް އުފައްދައިދޭ ބެކްޓީރިއާއެކެވެ. މިފަދަ ބެކްޓީރިއާތައް އާދަޔާ ޚިލާފަށް އުމުރު ދިގު އެހެން މީހުންގެ ކިބައިންވެސް ފެނިފައިވެއެވެ.

އެހެންނަމަވެސް، ސައިންސްވެރިން ބަޔާންކުރާ ގޮތުގައި މިއީ ހަމައެކަނި ގުޅުމެކެވެ. އޭނާގެ އުމުރު ދިގުވީ ސީދާ މި ބެކްޓީރިއާތަކުގެ ސަބަބުން ކަމެއް ކަށަވަރުކޮށް ބުނާކަށް ނޭނގެއެވެ.

މިވެސް ކިޔާލަން:  ދިގު އުމުރަކަށް އެންމެ މުހިންމީ ޖީންސްތޯ ނުވަތަ ދިރިއުޅުމުގެ އާދަތަކާތޯ؟

މާރިއާގެ ދިރިއުޅުމުގެ އާދަކާދަ ވަރަށް ސާދާއެވެ. އޭނާ ކެއުމުގައި ބޭނުންކުރީ މެޑިޓެރޭނިއަން ކާނާއެވެ. މީގެ ތެރޭގައި ޔޯގަޓް، ޒައިތޫނި ތެޔޮ، މަސް، އަދި ހެނދުނު ގޮވާން ހިމަނައިގެން އަމިއްލައަށް ތައްޔާރުކުރާ ސްމޫތީ ހިމެނެއެވެ. އޭނާ ދުންފަތުގެ އިސްތިއުމާލެއް ނުކުރެއެވެ. ބަނގުރާ ބޭނުމެއް ނުކުރެއެވެ. ޤަވާއިދުން ހިނގާލަން ދެއެވެ، އަދި އާއިލާއާއި ރައްޓެހިންނާއެކު ގާތް ގުޅުމެއް ބޭއްވިއެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި ޤަވާއިދުން ޔޯގަޓް ބޭނުންކުރުމަކީ އޭނާގެ ގޮހޮރުގެ ދުޅަހެޔޮކަމަށް އެހީތެރިވި ކަމަކަށް ވެދާނެއެވެ.

މާރިއާގެ ވާހަކައިން ހާމަވަނީ ދުވަހުން ދުވަހަށް ދުޅަހެޔޮ އާދަކާދަތައް ދެމެހެއްޓުމުގެ މުހިންމުކަމެވެ. މީގެ ތެރޭގައި ފައިބަރު ގިނަ ކާނާ ކެއުމާއި، ސިއްޙަތަށް ފައިދާހުރި ފެޓްސް ބޭނުންކުރުމާއި، ފާމެންޓްކޮށްފައިވާ ކާނާ ކެއުމާއި، ހަރަކާތްތެރިވެ އުޅުން ހިމެނެއެވެ. މިއީ މުޅި ސިއްޙަތަށް ފައިދާހުރި ކަންކަމެވެ.

މާރިއާގެ ކޭސް ޝައުޤުވެރިވަނީ އޭނާގެ ހަށިގަނޑުގެ އެކި ބައިތަކުން މުސްކުޅިވުމުގެ ތަފާތު މިންގަނޑުތައް ފެންނާތީއެވެ. އޭނާގެ ޓެލޯމިއާތަކުން 117 އަހަރުގެ މުސްކުޅިކަން ފެނުނު ނަމަވެސް، އެހެން ބަޔޮލޮޖިކަލް ނިޝާންތަކުން ފެނުނީ ހަށިގަނޑުގެ އާދަޔާ ޚިލާފު ވަރުގަދަކަމެވެ.

މިއީ އެންމެ މީހެއްގެ މައްޗަށް ބިނާކޮށް ހެދި ދިރާސާއެކެވެ. ޖީންސް، މެޓަބޮލިޒަމް، ދިފާއީ ނިޒާމް އަދި ދިރިއުޅުމުގެ އާދަކާދަ އެކުވެގެން އުމުރު ދިގުވުމަށް ބާރުފޯރުވާ ގޮތް އިތުރަށް ދަސްކުރަން ޖެހެއެވެ.

މާރިއާއަށް މުސްކުޅިވުމުން ސަލާމަތެއް ނުވެވުނެވެ. ނަމަވެސް އޭނާގެ ހަޔާތުން ސާބިތުކޮށްދިނީ މުސްކުޅިވުމަކީ ކޮންމެހެން ބަލިކަށިވުން ނޫންކަމެވެ. މި ވާހަކައިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ހަމައެކަނި އުމުރު ދިގުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ވީހާވެސް ގިނަ ދުވަހު ސިއްޙަތު ސަލާމަތުން ބަހައްޓައި، އަމިއްލަ ފައިމައްޗަށް ތެދުވެ، ގާތް ގުޅުންތަކާއެކު އުޅުމުގެ މުހިންމުކަމެވެ.

މިވެސް ކިޔާލަން:  ދިގު އުމުރަކަށް އެންމެ މުހިންމީ ޖީންސްތޯ ނުވަތަ ދިރިއުޅުމުގެ އާދަތަކާތޯ؟

ތިބާއަށް 100 އަހަރާ ހަމައަށް ވާސިލުވެވޭނަމަ، އެންމެ މުހިންމުވާނީ ކޮން ކަމެއް ހެއްޔެވެ؟ ތޫނުފިލި ސިކުނޑިއެއް ހުރުން ހެއްޔެވެ؟ ހަށިގަނޑުގެ ވަރުގަދަކަން ހެއްޔެވެ؟ އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމުގެ މިނިވަންކަން ހެއްޔެވެ؟ ނުވަތަ ލޯބިވާ މީހުން ގާތުގައި ތިބުން ހެއްޔެވެ؟

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top