ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދިރާސީ އަހަރު ނިމޭއިރު އިހުސާސްކުރެވޭ ފަސް ކަމެއް އަދި އެކަންކަމާ މެދު އަމަލުކުރާނެ ގޮތް!

ދިރާސީ އަހަރު ނިމުމަކަށް އަންނައިރު، ތަފާތު އެކި ކަހަލަ އުނދަގޫ އިހުސާސްތަކެއް ކުރެވިދާނެއެވެ. މިއީ ގިނަ ވަގުތާއި، ޖިސްމާނީ އަދި ނަފްސާނީ ހަކަތައާއި، އަދި އެހެން މީހުންނާއެކު ކުރެވުނު މުުއާމަލާތްތަކަށްފަހު، އެކަން ނިމުމަކަށް އައުމުން ކުރެވޭ ތަބީއީ އިހުސާސްތަކެކެވެ. މިހާރު މި ކުރެވޭ އިހުސާސްތަކަކީ ވޭތުވެދިޔަ އަހަރު ތަޖުރިބާކުރި ކަންތައްތަކާއި، ގުޅުންތަކާއި، އަދި ކުރިމަތިލާންޖެހުނު ގޮންޖެހުންތަކުގެ ނަތީޖާއެވެ.

މި އިހުސާސްތަކަކީ އެއްކަމެއް އަނެއްކަމަކާ ފުށުއަރާ ކަންތައްތަކަކަށް ވެސް ވެދާނެއެވެ. ބައެއް އިހުސާސްތަކުގެ ސަބަބުން ނަފްސަށް އުފާވެރިކަން ލިބޭއިރު، އަނެއްބައި ކަންކަމުން މާޔޫސްކަން ވެސް އިހުސާސްވެދާނެއެވެ. މިސާލަކަށް، އަހަރު ކާމިޔާބުކަމާއެކު ނިންމާލެވުމުން އުފާވާއިރު، ވޭތުވެދިޔަ މަސްތަކުގައި ދަރިވަރުންނާއެކު އޮތް ގާތް ގުޅުން ކެނޑިގެންދާތީ ހިތާމަވެސް ކުރެވިދާނެއެވެ.

ކޮންމެ އިހުސާސަކީ ވެސް މާނައެއް އެކުލެވިގެންވާ ކަމެކެވެ. މިއީ ހަމައެކަނި ހައްލުކުރަންޖެހޭ މައްސަލަތަކެއް ނޫނެވެ. އަދި މިއީ އަޅާނުލައި ދޫކޮށްލަންޖެހޭ ކަންތައްތަކެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި، މިއީ މުޅި އަހަރު ތެރޭގައި ތިޔަ ކުރެއްވި މަސައްކަތުގެ މުހިންމުކަން ހާމަކޮށްދޭ ހެކިތަކެކެވެ. މިއީ މާޒީގެ ރީތި ހަނދާންތައް އާކޮށްދޭ، އަދި ތިޔަ ކުރައްވާ މަސައްކަތަކީ ތިޔަބޭފުޅުންނަށް ކިހާ މުހިންމު މަސައްކަތެއްކަން ހަނދާންކޮށްދޭ ކަންތައްތަކެވެ. ތިރީގައި މިވަނީ އަހަރު ނިމޭއިރު މުދައްރިސުންނަށް އާންމުކޮށް ކުރެވޭ ފަސް އިހުސާސަކާއި، އޭގެ މާނައާއި، އަދި އެކަންކަމާ މެދު އަމަލުކުރެވިދާނެ ގޮތްތަކެވެ.

1- ލުއިކަން އިހުސާސްވުން

އަހަރު ނިންމާލައި ދަރިވަރުން ފޮނުވާލުމަށްފަހު އެންމެ ފުރަތަމަ ކުރެވޭ އެއް އިހުސާސަކީ ލުއިކަން އިހުސާސްވުމެވެ. މިއީ ނޭދެވޭ އިހުސާސެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ބޮޑު މަސްއޫލިއްޔަތަކުން ވީއްލުމުން ކުރެވޭ އިހުސާސެކެވެ. މިއީ ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ނަފްސާނީ އަދި ޖިސްމާނީ މަސައްކަތާއި، އުފުލި ތަކުލީފުތަކުގެ ނަތީޖާއެވެ. ކުރުކޮށް ބުނާނަމަ، މިއީ ބޮޑު ބުރައަކުން ލުއިވުމުގެ ނިޝާނެކެވެ.

މިވެސް ކިޔާލަން:  ފޮޓޯގެ ފަހަތުގައިވާ ވާހަކަ - ހޮސްޕިޓަލެއްގައި ދެވުނު މަތިވެރި ފިލާވަޅު!

އަމަލުކުރާނެ ގޮތް:

🖍️ އެއްވެސް ކުށްވެރިކަމެއް އިހުސާސްކުރުމެއް ނެތި، އެ ލިބުނު ލުއިކަމުގެ އުފާ ލިބިގަންނާށެވެ.

🖍️ އެ ލިބުނު ހުސް ވަގުތުކޮޅު، ވަގުތުން އެހެން މަސައްކަތަކުން ފުރާލުމުގެ ބަދަލުގައި މަޑުޖެހިލާށެވެ.

🖍️ އެންމެ ބޮޑަށް ހާސްކަން ކުރިމަތިވި ކަންކަމާ މެދު ވިސްނާލައި، އަންނަ އަހަރު އެކަންކަން ލުއިކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ވިސްނާށެވެ.

🖍️ ހަނދާންކުރާށެވެ؛ ލުއިކަން އިހުސާސްވުމަކީ ތިޔަބޭފުޅާ ތިޔަ ކުރެއްވި މަސައްކަތަށް ދެއްވި އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.

2- ފަޚުރުވެރިވުން

އަހަރު ނިމޭއިރު ފަޚުރުވެރިވާންޖެހޭ އެތައް ސަބަބެއް އޮވެއެވެ. ދަރިވަރުން ތައުލީމީ ގޮތުން ކުރިއަރައިގެން ދިޔަ މަންޒަރު ތިޔަބޭފުޅުން ދެކެވަޑައިގަތީމުއެވެ. އެކުދިންގެ ހިތްވަރާއި ސާބިތުކަން ދެކިލެއްވީމުއެވެ. އަހަރު ފެށުނުއިރު ތިބި ގޮތަށްވުރެ އެކުދިން މިހާރު ވަނީ ހަރުދަނާވެފައެވެ. އާ ހުނަރުތަކެއް ދަސްކޮށް، އާ ގޮންޖެހުންތަކަށް އެކުދިން ވަނީ ތައްޔާރުވެފައެވެ. ހަމައެހެންމެ، ތިޔަބޭފުޅުން އަމިއްލައަށް ހާސިލުކުރި ކަންތައްތަކާ މެދު ވެސް ފަޚުރުވެރިވާންޖެހެއެވެ. އަހަރު ފެށުނުއިރު ކަނޑައެޅި ލަނޑުދަނޑިތައް މިއަދު މިވަނީ ކާމިޔާބީއަށް ބަދަލުވެފައެވެ. ތިޔަބޭފުޅުން ވެސް ވަނީ ސާބިތުކަމާއެކު ދެމިތިއްބަވާފައެވެ. ފަޚުރުވެރިވުމުގެ އަސްލަކީ ހުރިހާ ކަމެއް ފުރިހަމަވުމެއް ނޫނެވެ؛ އޭގެ ބަދަލުގައި، އެއީ ކޮންމެފަދަ ގޮންޖެހުމެއް ކުރިމަތިވީ ނަމަވެސް އުންމީދު ކަނޑާނުލައި ކުރިއަށް ދިއުމެވެ.

އަމަލުކުރާނެ ގޮތް:

🖍️ ހާސިލުކުރި ކާމިޔާބީތައް ހަނދާނުން ފޮހެވިގެން ދިއުމުގެ ކުރިން ނޯޓުކޮށްލާށެވެ.

🖍️ ލިބިފައިވާ ޝުކުރުގެ މެސެޖުތަކާއި، ތައުރީފުގެ ބަސްތައް އެއްކޮށްލާފައި ބަހައްޓާށެވެ. މިއީ މާޔޫސްވާ ވަގުތުތަކުގައި ހިތްވަރު ލިބިގަތުމަށް ބޭނުންކުރެވިދާނެ އެއްޗެހީގެއްގެވެ.

މިވެސް ކިޔާލަން:  މި ކުއްޖާ އަމިއްލައަށް މަރުވީ ކީއްވެގެންކަން އެނގޭތަ؟

🖍️ ތިޔަބޭފުޅާގެ ކާމިޔާބީތައް ގާތް ރަހުމަތްތެރިންނާއި ނުވަތަ އާއިލާގެ މެންބަރުންނާ ހިއްސާކުރާށެވެ.

3- ޝުކުރުވެރިވުން

މި އިހުސާސް އެންމެ ބޮޑަށް ކުރެވޭނީ އުނދަގޫ ގޮންޖެހުންތަކަކާ ކުރިމަތިލުމަށްފަހު، އެކަންކަމުން އަރައިގަނެވުމުންނެވެ. އެހެން މީހުންގެ އެހީތެރިކަމާއި، ގުޅުމާއި، އަދި ހިތްހެޔޮކަމުގެ މުހިންމުކަން މިވަގުތު އިހުސާސްކުރެވޭނެއެވެ. ކޮންމެ އަހަރަކު ވެސް، ދިމާވާ ގޮންޖެހުންތަކާއެކުވެސް، އަހަރެމެންނަށް ކާމިޔާބު ހޯދެނީ ވަށައިގެން ތިބި މީހުންގެ އެހީތެރިކަމާ އެކުގައެވެ.

އަމަލުކުރާނެ ގޮތް:

🖍️ ޝުކުރުވެރިވާ ކަންތައްތަކުގެ ލިސްޓެއް ތައްޔާރުކޮށް، އެކަންކަމާ މެދު ވިސްނާލާށެވެ.

🖍️ ތިޔަބޭފުޅާއަށް އެހީތެރިވި ދަރިވަރުންނަށާއި، މުވައްޒަފުންނަށާއި، ބެލެނިވެރިންނަށް ސީދާކޮށް ޝުކުރު އަދާކުރާށެވެ.

🖍️ މީހުން ތިޔަބޭފުޅާއަށް ޝުކުރު އަދާކުރާއިރު، އެކަން ބަލައިގަންނާށެވެ.

4- ބައެއް އުނިވުމުގެ އިހުސާސް

އަހަރު ނިމުމުން އުފާވެރިކަން އިހުސާސްވާނެ ކަމަށް އުންމީދު ކުރި ނަމަވެސް، ބައެއް ފަހަރު ކަމެއް އުނިވި ފަދަ އިހުސާސެއް ކުރެވިދާނެއެވެ. ހިތްދަތިކަމާއި ފޫހިކަން ވެސް އިހުސާސްވެދާނެއެވެ. މިއީ ވަކި ކުލާހަކާ ނުވަތަ ދަރިވަރުންތަކަކާ ވަރަށް ގާތް ގުޅުމެއް އުފެދިފައިވާނަމަ ކުރެވިދާނެ ކަމެކެވެ. އަހަރު ނިމުމުން އެ ގުޅުންތަކަށް ނިމުން އާދެއެވެ. ދަރިވަރުން ކުރިއަށް ދަނީ ތިޔަބޭފުޅާއާ ވަކިންނެވެ. އެހެންނަމަވެސް، މިއީ ރީތި ހަނދާންތަކެއް އާކޮށްދޭ ކަމެކެވެ.

އަމަލުކުރާނެ ގޮތް:

🖍️ ދަރިވަރުންނާއެކު ހޭދަކުރި އުފާވެރި ވަގުތުތަކާ މެދު ވިސްނާލުމަށް ވަގުތު ހޯދާށެވެ.

🖍️ ހަނދާންކުރާށެވެ؛ ދަރިވަރުން ވަކިވެގެން ދިޔަ ނަމަވެސް، ތިޔަބޭފުޅާ އެކުދިންނަށް ދިން ތަރުބިއްޔަތާއި އުނގަންނައިދިން ކަންކަން އެކުދިންނާއެކު އަބަދުވެސް ވާނެއެވެ.

🖍️ އަންނަ އަހަރު ވެސް އާ ދަރިވަރުންނާއެކު މިފަދަ ގުޅުންތައް އުފެއްދިދާނެކަން ހަނދާންކުރާށެވެ.

މިވެސް ކިޔާލަން:  ޢާލިމް މުޙައްމަދު: އިކޮނޮމިކްސް ކިޔަވައިދިނުމުގައި 11 އަހަރު

5- ވަރުބަލިކަން

ކޮންމެ ތައުލީމީ އަހަރެއް ނިމޭއިރު ވެސް ވަރުބަލިކަން އިހުސާސްވެއެވެ. ދަރިވަރުންގެ ކާމިޔާބީއަށްޓަކައި ތިޔަބޭފުޅުން ވަނީ ނުހަނު ބުރަ މަސައްކަތް ކުރައްވާފައެވެ. މަސައްކަތް ގިނަވެ، އަރާމުކޮށްލާނެ ވަގުތު އަހަރު ތެރޭގައި ލިބެނީ މަދު ފަހަރަކުއެވެ. މިފަދަ ވަގުތުތަކުގައި އަމިއްލަ ނަފްސަށް ސަމާލުކަންދީ، އަލުން ހަކަތަ ހޯދުމަށް ރޭވުންތައް ރާވަންޖެހެއެވެ.

އަމަލުކުރާނެ ގޮތް:

🖍️ އަރާމުކުރުމަށާއި ހަކަތަ އާކުރުމަށް އިސްކަންދޭށެވެ.

🖍️ ވަރުބަލިކަން ފިލައިގެން ދަންދެން، ބޮޑެތި ބަދަލުތައް ގެނައުމާއި މާ ބޮޑަށް ކަންކަމާ މެދު ފިކުރުކުރުން މަޑުޖައްސާލާށެވެ.

🖍️ ވަރުބަލިކަން އިހުސާސްވާ މައިގަނޑު ސަބަބުތައް ދެނެގަންނާށެވެ.

🖍️ ތިމާގެ ބާރުގެ ދަށުގައި ހުރި ކަންކަމާއި، ނުފޫޒު ފޯރުވޭނެ ކަންކަމާއި، އަދި ތިމާގެ ބާރުގެ ދަށުގައި ނެތް ކަންކަން ދެނެގަންނާށެވެ. މި ދިރާސާގެ އަލީގައި، ހަކަތަ އިސްރާފުވުން ކުޑަކުރުމަށް ރޭވުމެއް ތައްޔާރުކޮށް، ތިމާގެ ބާރުގެ ދަށުގައި ނެތް ކަންކަމާ މެދު އަމަލުކުރާނެ ގޮތްތަކެއް ހޯދާށެވެ.

🖍️ ހަކަތަ ހުސްވެފައިވާ ވަގުތެއްގައި، ދިރިއުޅުމުގެ ނުވަތަ ވަޒީފާގެ ބޮޑެތި ނިންމުންތައް ނިންމުމާ ދުރުހެލިވާށެވެ.

އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ އިހުސާސްތައް ބަލައިގަނެ، އެކަންކަމުގެ އުފާ ލިބިގަންނާށެވެ. ހަކަތަ ދަށްކޮށްލާ ނުވަތަ މާޔޫސްކުރުވާ އިހުސާސްތައް އޮއްބާލުމުގެ ބަދަލުގައި، އެކަންކަމާ މެދު ސުވާލު އުފައްދައި، އަމިއްލަ ނަފްސަށް ވަގުތުދީ، ތިމާގެ ބާރުގެ ދަށުގައިވާ ކަންކަމަށް ސަމާލުކަންދޭށެވެ.

އަހަރު ނިމޭއިރު މުދައްރިސުންނަށް ކުރެވޭނީ ހަމައެކަނި މި އިހުސާސްތަކެއް ނޫނެވެ. ތިޔަބޭފުޅުންނަށް ފާހަގަކުރެވެނީ ކޮން އިހުސާސްތަކެއް ހެއްޔެވެ؟ އަދި އެކަންކަމާ މެދު އަމަލުކުރަން ކުރަނީ ކޮންކަމެއް ހެއްޔެވެ؟

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top