މީގެ ޖަވާބު ބިނާވެފައިވަނީ ސައި ތަށްޓަށް ނުވަތަ އޯޓްސް ތަށްޓަށް މާމުއި އަޅާއިރު ތިޔަބޭފުޅުން އާންމުކޮށް ސަމާލުކަން ނުދޭ މިންގަނޑެއްގެ މައްޗަށެވެ.
މާމުއި ފުޅިއަކަށް ބަލާލުމަށްފަހު، މިއީ ހަކުރަށްވުރެ ހަގީގަތުގައިވެސް ރަނގަޅު އެއްޗެއްތޯ ހިތަށްއެރުމަކީ އެކަށީގެންވާ ކަމެކެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުން ގަބޫލުކުރަނީ ހަކުރުގެ ކޮންމެ ބާވަތަކީވެސް އެއްގޮތް އެއްޗެއް ކަމަށެވެ. ނަމަވެސް، ދާދިފަހުން ކުރެވުނު ދިރާސާތަކުން މިކަމާ މެދު އޮތް ތަަަަަަސައްވަރު ބަދަލުވެގެންދެއެވެ.
“ނޭޗަރ” މަޖައްލާގެ “ނިއުޓްރިޝަން އެންޑް ޑައިބެޓިސް” ގައި 2025 ވަނަ އަހަރު ޝާއިޢުކުރި ދިރާސާއެއްގައި، 3,544 މީހުން ބައިވެރިވި 69 ތަހުލީލެއްގެ ނަތީޖާ އެއްކޮށްލައިގެން ބަލާފައިވެއެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، ދުވާލަކު 10 ގްރާމް (ގާތްގަނޑަކަށް ބައި ސަމުސާ) މާމުއި ބޭނުންކުރުމަކީ، ލޭގެ ހަކުރު ހުންނަ މިންވަރު ދިގުމުއްދަތަކަށް ދައްކުވައިދޭ އެޗްބީއޭ1ސީ “HbA1c” މިންގަނޑު ކުޑަކޮށް ދަށްކޮށްދޭ ކަމެކެވެ.
ނަމަވެސް، މާމުއި ބޭނުންކުރާ މިންވަރު އިތުރުކުރުމުން މި ފައިދާ ގެއްލިގެންދެއެވެ. ދުވާލަކު މާމުއި ބޭނުންކުރާ މިންވަރު މިއަށްވުރެ އިތުރުވުމުން، “HbA1c” ދަށްވުމުގެ ބަދަލުގައި މަތިވާކަން ދިރާސާވެރިންނަށް ފާހަގަކުރެވުނެވެ.
މިންވަރު މުހިންމުވާ ސަބަބު
“HbA1c” އަކީ ފާއިތުވި ދެ މަސް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ލޭގައި ހަކުރު ހުރި އެވްރެޖް މިންވަރު އަންގައިދޭ މިންގަނޑެކެވެ. މިއީ ބައްޔަކަށް އޮތް ފަރުވާއެއް ނޫން ނަމަވެސް، ފޮނި އެއްޗަކުން މި މިންގަނޑު ތިރިވުމަކީ އާދަޔާ ހިލާފު ކަމެކެވެ.
މި ދިރާސާއިން ދައްކާގޮތުގައި މާމުއިގެ ފައިދާ ފެންނަނީ ވަކި ހަނި މިންގަނޑެއްގެ ތެރޭގައެވެ. ދުވާލަކު ގާތްގަނޑަކަށް ބައި ސަމުސާ މާމުއި ބޭނުންކުރުމުން ހަށިގަނޑަށް އެހީތެރިވެދޭއިރު، އެ މިންވަރު އިތުރުވުމުން އާދައިގެ ހަކުރެކޭ އެއްފަދައިން ހަށިގަނޑަށް ނޭދެވޭ އަސަރުކުރެއެވެ. މާމުއި ގިނައިން ބޭނުންކުރުމަކީ ރަނގަޅު ކަމެއްކަމަށް މި ދިރާސާގައި ބުނެފައެއް ނުވެއެވެ.
ގުދުރަތީ ސާފު މާމުއިގެ ތަފާތު
2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު “ނިއުޓްރިޝަން ރިވިއުސް” ގައި ޝާއިޢުކުރި އެހެން ދިރާސާއެއްގައި، 1,105 މީހުން ބައިވެރިވި 18 ތަހުލީލެއްގެ ނަތީޖާ ބަލާފައިވެއެވެ. އޭގައި ބައިވެރިން ބޭނުންކުރީ ދުވާލަކު އެވްރެޖްކޮށް 40 ގްރާމް (ގާތްގަނޑަކަށް ދެ ސަމުސާ) މާމުއި އެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި މާމުއި ބޭނުންކުރުމުން ހުސްބަނޑާ ހުންނައިރު ލޭގައި ހުންނަ ހަކުރުގެ މިންވަރާއި، ނުރައްކާތެރި ކޮލެސްޓްރޯލް (އެލްޑީއެލް) އަދި ޓްރައިގްލިސަރައިޑްސް ކުޑަކޮށް ދަށްވެ، ފައިދާހުރި ކޮލެސްޓްރޯލް (އެޗްޑީއެލް) ކުޑަކޮށް މަތިވެއެވެ. މި ނަތީޖާ އެންމެ ބޮޑަށް ފެނުނީ ހޫނުކޮށްގެން ސާފުކޮށްފައި ނުވާ “ރޯ” މާމުއި އަދި ވަކި ހާއްސަ މަލަކުން އުފައްދާފައިވާ މާމުއި ބޭނުންކުރުމުންނެވެ.
ޕާސްޗަރައިޒް ކުރުމަށްޓަކައި ހޫނުކޮށްފައިވާ މާމުއިން މިފަދަ ފައިދާތަކެއް ނުފެނެއެވެ. ދިރާސާވެރިން ބުނާގޮތުގައި، ރޯ މާމުއިގައި ހިމެނޭ ތަފާތު ހަކުރުގެ ބާވަތްތަކާއި، ގަސްގަހާގެހީގެ މާއްދާތަކާއި އެންޒައިމްތަކުގެ ސަބަބުން މި ތަފާތު އަންނަނީ ކަމަށް ލަފާކުރެވެއެވެ.
ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގެ އިސް ދިރާސާވެރިޔާ ތައުސީފް ޚާން ވިދާޅުވި ގޮތުގައި، މާމުއީގެ 80 އިންސައްތައަކީ ހަކުރު ކަމަށްވާއިރު، މި ނަތީޖާއަކީ ހީނުކުރާފަދަ ހައިރާންކުރުވަނިވި ނަތީޖާއެކެވެ.
މި ދިރާސާގައި ބާރުއަޅާފައިވަނީ މާމުއި ބޭނުންކުރަންވާނީ ކެއުމުގެ ތެރެއަށް އިތުރުކުރާ އެއްޗެއްގެ ގޮތުގައި ނޫން ކަމަށާއި، އާދައިގެ ހަކުރުގެ ބަދަލުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ކަމަށެވެ.
ދިރާސާއިން ނުބުނާ ވާހަކަތައް
މިއީ ހަކުރުބަލީގެ ފަރުވާއެއް ނޫނެވެ. މާމުއީގައި އަދިވެސް ގިނަ އަދަދަކަށް ހަކުރު ހިމެނޭއިރު، އޭގެ ފައިދާއަކީ ނިސްބަތުން ކުޑަ މިންވަރެކެވެ. ލޭގެ ހަކުރު ނުވަތަ ކޮލެސްޓްރޯލަށް ބޭސް ބޭނުންކުރާ ފަރާތްތަކުން، ޑޮކްޓަރެއްގެ ލަފާނެތި ކެއުމަށް ބަދަލު ގެނެސްގެން ނުވާނެއެވެ.
މި ދިރާސާއިން ލިބޭ އަމަލީ ފައިދާއަކީ، ކޮންމެ ދުވަހަކު ސައިތަށްޓަށް ނުވަތަ ކެއުމަށް އަޅާ ސަމުސާ ހަކުރުގެ ބަދަލުގައި އެ މިންވަރުގެ ސާފު “ރޯ” މާމުއި ބޭނުންކުރުމުން ސިއްހީ ގޮތުން ކުޑަ ފައިދާއެއް ލިބިދާނެ ކަމެވެ. ނަމަވެސް، އެ މިންވަރު އިތުރުވެއްޖެނަމަ އެ ލިބޭ ފައިދާ ގެއްލިގެންދާނެއެވެ.
