އިމްތިޙާނުގެ ފަހު ހަފުތާއާއި، އިމްތިޙާނުގެ ކުރީ ރެއާއި، އިމްތިޙާނު އޮންނަ ދުވަހުގެ އިތުރުން ކޮންމެ ކަރުދާހަކަށްފަހު އަމަލުކުރަންވީ ގޮތުގެ އިރުޝާދު
އިމްތިޙާނަކީ އެންމެ ފަހު ވަގުތު ހުރިހާ އެއްޗެއް ދަސްކޮށްގެން ކާމިޔާބު ކުރެވޭނެ އެއްޗެއް ނޫނެވެ. އިމްތިޙާނުން ކާމިޔާބު ހޯދޭނީ ފުރިހަމައަށް ތައްޔާރުވެ، ކަންކަމުގައި ދެމިހުރެ، އަހުލާގީ މިންގަނޑުތައް ހިފަހައްޓައި، އަމިއްލަ ނަފްސަށް އިތުބާރުކޮށް، އަދި އެންމެ މުހިންމު ވަގުތުތަކުގައި ހަމަޖެހިގެން ހުރުމުގެ ގާބިލުކަން ހުރެގެންނެވެ.
އިމްތިޙާނު ގާތްވަމުން އަންނައިރު، ކޮންމެ ދުވަހަކީވެސް ތިމާއަށް ކުރިން އެނގިފައިވާ މައުލޫމާތުތައް ހަރުދަނާކޮށް، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ، ކުރިމަތިލާންޖެހޭ ގޮންޖެހުންތަކަށް ނަފްސާނީގޮތުން ތައްޔާރުވުމަށް ލިބޭ ފުރުސަތެކެވެ.
1- އިމްތިޙާނުގެ އެއް ހަފުތާ ކުރިން: އަމާޒެއް އޮވެގެން ތައްޔާރުވުން
ފަހު ހަފުތާއަކީ ހާސްވެ، ކަންބޮޑުވާންވީ ވަގުތެއް ނޫނެވެ. އަދި މުޅި ސިލަބަސް އަލުން ކިޔަވަން ފަށަންވީ ވަގުތެއްވެސް ނޫނެވެ. މިއީ ރޭވުންތެރިކަމާއެކު ފިލާވަޅުތައް މުރާޖައާކޮށް، އަމަލީގޮތުން ފަރިތަކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރަންވީ ވަގުތެވެ.
📖 މުރާޖައާ ކުރާނެ ޕްލޭނެއް އެކުލަވާލުން: ކޮންމެ މައުޟޫއަކަށް ވަގުތު ކަނޑައަޅައި، އުނދަގޫ ކަމަށް ފާހަގަކުރެވޭ ބައިތަކަށް އިސްކަންދޭށެވެ.
📖 އަމަލީގޮތުން މުރާޖައާކުރުން: ފޮތްތައް ލައްޕާލުމަށްފަހު މާނަތަކާއި، ފޯމިއުލާތަކާއި، މުހިންމު ނުކުތާތައް ހަނދާނުން އިޔާދަކުރަން މަސައްކަތްކުރާށެވެ.
📖 ކުރީގެ އިމްތިޙާނު ކަރުދާސްތަކަށް ފަރިތަކުރުން: ސުވާލުތައް ހުންނަ ގޮތާއި، ބޭނުންކުރާ ބަސްމަގާއި، މާކްސް ދޭ ގޮތުގެ އިތުރުން ވަގުތު މެނޭޖްކުރަން ދަސްކުރާށެވެ.
📖 ހެދޭ ގޯސްތައް މުރާޖައާކުރުން: މާކްސް އުނިވީ ކީއްވެގެންކަން ދެނެގަނެ، އެފަދަ ގޯސްތައް ތަކުރާރުވިޔަނުދޭނެ ގޮތްތައް ހޯދާށެވެ.
📖 ބަލިކަށި ދާއިރާތަކަށް ސަމާލުކަން ދިނުން: ހަމައެކަނި ތިމާއަށް ރަނގަޅަށް އެނގޭ މައުޟޫއުތައް މުރާޖައާކުރުމުގައި ހުރިހާ ވަގުތެއް ހޭދަނުކުރާށެވެ.
📖 އެހެން މީހަކަށް ކިޔައިދިނުން: ރައްޓެހި ކުއްޖަކަށް ފިލާވަޅެއް ނުވަތަ މައުޟޫއެއް ކިޔައިދިނުމަކީ ތިމާއަށް އެ ކަމެއް ފަހުމްވީ މިންވަރު ދެނެގަތުމަށް އޮތް އެންމެ ރަނގަޅު އެއް މަގެވެ.
އަމިއްލަ ނަފްސަށް ސަމާލުކަން ދޭށެވެ. ރަނގަޅަށް ކައިބޮއެ، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެންބޮއެ، ހަމަ ނިދި ހޯދުމުގެ އިތުރުން ފިލާވަޅުތައް މުތާލިއާކުރުމުގެ މެދުތެރެއިން ކުޑަ ވަގުތުކޮޅަކަށް އަރާމުކޮށްލާށެވެ.
ހަނދާން ބަހައްޓަންވީ ކަމަކީ، ފިލާވަޅު މުތާލިއާކުރުމަކީ ހަމައެކަނި ފޮތްތަކާއެކު ގިނަ ވަގުތު ހޭދަކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ވަގުތުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފުމެވެ.
2- އިމްތިޙާނުގެ ކުރީ ދުވަސް: ލުއިކޮށް އަދި އަމާޒެއްގައި ހިފެހެއްޓުން
އިމްތިޙާނުގެ ކުރީ ދުވަހަކީ އަމިއްލަ ނަފްސު ވަރުބަލިކޮށްލުމުގެ ބަދަލުގައި، ދަސްކޮށްފައިވާ މައުލޫމާތުތައް އައުކޮށްލުމަށް ހާއްސަކުރަންޖެހޭ ދުވަހެކެވެ.
ކުރަންވީ ކަންތައްތައް:
✅ ތައްޔާރުކޮށްފައިވާ ކުރު ލިޔުންތަކާއި، ފޯމިއުލާ ޝީޓްތަކާއި، މުހިންމު މާނަތައް މުރާޖައާކުރުން.
✅ ކުރިން ނުބައިވެފައިވާ ސުވާލުތައް ބަލައިލުން.
✅ ސިކުނޑި ހަރަކާތްތެރިކޮށް ބެހެއްޓުމަށްޓަކައި ބައެއް ސުވާލުތައް ފަރިތަކުރުން.
✅ އިމްތިޙާނު އޮންނަ ގަޑި، ތަން އަދި ހާޒިރުވާންޖެހޭ ގަޑި ޗެކްކުރުން.
✅ ގަލަން، ފަންސޫރު، ކަލްކިއުލޭޓަރުު އަދި ހުއްދަކުރެވިފައިވާ އެހެނިހެން ތަކެތި ތައްޔާރުކުރުން.
✅ ޖެހިގެން އަންނަ ދުވަހު ބޭނުންވާނެ ހެދުމާއި އެހެނިހެން ތަކެތި ތަރުތީބުކުރުން.
✅ ރަނގަޅަށް ކައިބޮއެ ހަށިގަނޑު ތާޒާކޮށް ބެހެއްޓުން.
ނުކުރަންވީ ކަންތައްތައް
❌ ވަރަށް މުހިންމު ހާލަތެއްގައި މެނުވީ މުޅިން އައު ފިލާވަޅެއް ކިޔަވަން ފެށުން.
❌ މުޅި ސިލަބަސް ނިންމުމަށްޓަކައި ދަންވަރު ވަންދެން ހޭލާ ހުރުން.
❌ ތިމާގެ ތައްޔާރީތައް އެހެން ކުދިންގެ ތައްޔާރީތަކާ އަޅާ ކިޔުން.
❌ އެހެން މީހުންގެ ހާސްކަމުގެ ތެރެއަށް ވަނުން.
❌ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ގިނަ ވަގުތު ހޭދަ ކުރުން.
❌ އެއްފަހަރާ ގިނަ މައުލޫމާތުތަކެއް ސިކުނޑިއަށް ބަރު ކުރުން.
3- އިމްތިޙާނުގެ ކުރީ ރޭ: ސިކުނޑިއަށް އަރާމުދިނުން
މައުލޫމާތުތައް ހަނދާނަށް ގެނައުމަށާއި، ސަމާލުކަން އިތުރުކުރުމަށާއި، ސާފުކޮށް ވިސްނުމަށްޓަކައި ސިކުނޑިއަށް އަރާމު ބޭނުންވެއެވެ. ނިދި ނުލިބި ހޭދަކުރާ ރެއެއްގެ ސަބަބުން، ތިބާ އެހާ ބުރަކޮށް ކުރި މަސައްކަތުގެ ފައިދާ ގެއްލިގެން ހިނގައިދާނެއެވެ
ނިދުމުގެ ކުރިން
👊 މުހިންމު ނުކުތާތައް ފަހު ފަހަރަށް ކުރުކޮށް ބަލާލުން.
👊 އިމްތިޙާނަށް ބޭނުންވާނެ ހުރިހާ އެއްޗެއް ތައްޔާރުކޮށް ހަމަކުރުން.
👊 އެލާމް ސެޓްކުރުން، އަދި ބޭނުންވެއްޖެ ނަމަ އިތުރު އެލާމެއްވެސް ބެހެއްޓުން.
👊 ރޭގަނޑު މާ ލަސްވާފަހުން ކެފެއިން ހިމެނޭ ބުއިންތަކާ ދުރުހެލިވުން.
👊 ފޯނު ދުރުގައި ބޭއްވުމާއި، ހާސްކަން އިތުރުވެދާނެ ފަދަ ބޭކާރު ވާހަކަތަކުން ދުރުހެލިވުން.
👊 ދުޢާކޮށް، ނަމާދުކޮށް، މާތްﷲ އަށް ވަކީލުކުރުން.
👊 ހަމަނިދި ލިބޭނެހާ އަވަހަށް ނިދަން އޮށޯތުން.
👊 ނުކިޔާ ހުރި ބައިތަކާ މެދު ފިކުރުކޮށް އެނދުމަތީގައި ހާސްވެފައި ނޯތުން.
👊 އަތުގައި ހުރި ވަގުތާއި ވަސީލަތްތަކުގެ ބޭނުން ހިފޭ އެންމެ ރަނގަޅަށް މަސައްކަތް ކުރެވުނުކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދިނުން.
ފަހު ވަގުތު މަޢުލޫމާތުތަކުން ސިކުނޑި ތޮއްޖައްސާލައި ވަރުބަލިކޮށްލުމަށްވުރެ، އަރާމުލިބިފައިވާ ސިކުނޑިއެއްގެ މަސައްކަތް މާ ފުރިހަމަވާނެއެވެ.
4- އިމްތިޙާނު އޮންނަ ދުވަސް: ކާމިޔާބީއަށް ތައްޔާރުވެގެން ދިއުން
އިމްތިޙާނު އޮންނަ ދުވަހަކީ ތިބާގެ ތައްޔާރީތަކުގެ ބޭނުން ހިފަންވީ ދުވަހެވެ. ބިރުގަތުމުގެ ބަދަލުގައި ފުރިހަމަ އިތުބާރާއެކު އިމްތިޙާނު ހޯލަށް ވަންނާށެވެ.
ގެއިން ނިކުތުމުގެ ކުރިން:
👊 ހާސްކަމެއް ނެތި ކަންކަން ނިންމާލުމަށްޓަކައި ހެނދުނު އަވަހަށް ހޭލުން.
👊 ރަނގަޅު ނާސްތާއެއް ކުރުން.
👊 ބޭނުންވާނެ ހުރިހާ ސްޓޭޝަނަރީއާއި ހުއްދަ ދެވިފައިވާ ސާމާނު ހަމަތޯ ޔަގީންކުރުން.
👊 ގަޑިއަށް ދެވޭނެހާ އަވަހަށް ގެއިން ނިކުތުން.
👊 އިމްތިޙާނުގެ ކުޑަވަގުތުކޮޅެއް ކުރިން، ހާސްވެފައި ތިބޭ ރައްޓެހިންނާއެކު އުނދަގޫ ފިލާވަޅުތަކުގެ ވާހަކަ ދެއްކުމުން ދުރުހެލިވުން.
👊 ސިކުނޑި ހަމަޖައްސާލައި، ފައްސި ވިސްނުމެއްގައި ހުރުން.
އިމްތިޙާނު ފެށުމުގެ ކުރިން:
👊 ލަސްލަހުން ފުންކޮށް ދެތިން ނޭވާލައި ހަމަޖެހިލުން.
👊 އިރުޝާދުތައް ފަރުވާތެރިކަމާއެކު ކިޔުން.
👊 އިންވިޖިލޭޓަރުގެ ވާހަކަތަކަށް ފަރުވާތެރިކަމާއެކު ސަމާލުކަން ދިނުން.
👊 ޚިޔާލުތައް ތަރުތީބުކޮށްލުން.
👊 އަމިއްލަ ނަފްސަށް ބުނެލާށެވެ: “އަހަރެން މިހުރީ ތައްޔާރަށެވެ. އަހަރެންގެ އެންމެ ފުރިހަމަ މަސައްކަތް ކުރާނަމެވެ. އަހަންނަށް މިކަން ކުރެވޭނެއެވެ.
5- އިމްތިޙާނުގެ ވަގުތުގައި: ކޮންމެ މާކްސް އަކަށްވެސް ސަމާލުކަންދީ
މާއްދާގެ މައުލޫމާތު އެނގުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދޭން އެނގުމަކީވެސް އެހާމެ މުހިންމު ކަމެކެވެ.
ސުވާލުތައް ފަރުވާތެރިކަމާއެކު ކިޔާށެވެ. ޖަވާބު ލިޔަން ފެށުމުގެ ކުރިން ސުވާލުގައި އަހާފައިވާ ކަންތައް ރަނގަޅަށް ދެނެގަންނާށެވެ.
ސުވާލުގައި ބޭނުންކޮށްފައިވާ މުހިންމު ލަފްޒުތަކަށް (ކޮމަން ވޯރޑްސް) ސަމާލުކަންދޭށެވެ. ފާހަގަކުރުން، ކިޔައިދިނުން، ހިސާބު ހެދުން، މަޝްވަރާކުރުން، ވަޒަންކުރުން އަދި ލަފާދިނުން ފަދަ ކަންކަމަށް ޖަވާބުދޭންޖެހޭނީ ތަފާތު ގޮތްތަކަށެވެ.
ވަގުތު މެނޭޖްކުރާށެވެ. ސުވާލަށް ލިބޭ މާކްސްއަށް ބަލައި ވަގުތު ބަހާލާށެވެ. އެއް ސުވާލަކަށް މާ ގިނަ ވަގުތު ހޭދަނުކުރާށެވެ.
ސުވާލުގައި އަހާފައިވާ ކަމަކަށް އެކަނި ޖަވާބުދޭށެވެ. ސުވާލާ ނުގުޅޭ ކަންތައްތައް ލިޔުމުން ދުރުހެލިވާށެވެ.
ހިސާބު ހެދުމުގައި މަސައްކަތްކުރި ގޮތް ދައްކައިދޭށެވެ. ހިސާބު ހިމެނޭ މާއްދާތަކުގައި ފޯމިއުލާ ތަކާއި، ޖަވާބަށް ވާސިލުވި ގޮތުގެ މަރުހަލާތައް ލިޔާށެވެ. އެންމެ ފަހުގެ ޖަވާބު ނުބައިވި ނަމަވެސް، ހެދި ގޮތަށް މާކްސް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ހުރިހާ ސުވާލަކަށްވެސް ޖަވާބުދޭން މަސައްކަތްކުރާށެވެ. ސުވާލާ ގުޅޭ ކަމެއް ލިޔެވެން އޮތް ނަމަ، އެއްވެސް ސުވާލެއް ހުސްކޮށް ނުބާއްވާށެވެ.
ލިޔުންތައް ތަރުތީބުކޮށް ބަހައްޓާށެވެ. ސާފުކޮށް ލިޔުމަށާއި، ހިސާބުތައް ތަރުތީބުކޮށް ބެލެހެއްޓުމަށާއި، ޖަވާބުތައް ފަސޭހައިން ދެނެގަނެވޭނެ ގޮތަކަށް ބެހެއްޓުމަށް އިސްކަންދޭށެވެ.
އުނދަގޫ ސުވާލަކާ ދިމާވި ނަމަވެސް ހާސްނުވެ ހަމަޖެހިގެން ހުންނާށެވެ. ބޭނުންނަމަ ޖެހިގެން އޮތް ސުވާލަށް ގޮސް، ފަހުން އެ ސުވާލަށް އެނބުރި އަންނާށެވެ. އެންމެ އުނދަގޫ ސުވާލަކުން މުޅި ނަތީޖާ ކަނޑައެއް ނުއަޅާނެއެވެ.
ބާކީ އޮތް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ހިސާބުތައް ޗެކްކުރުމާއި، ޖަވާބު ނުދެވި ހުރި ސުވާލުތައް ބެލުމާއި، ކުށްތައް ރަނގަޅުކުރުމަށް މަސައްކަތްކުރާށެވެ.
6- ކޮންމެ މާއްދާއެއް ނިމުމުން: އެކަމާ މެދު މާ ބޮޑަށް ނުވިސްނައި ކުރިއަށްދާށެވެ.
އިމްތިހާނެއް ނިމުމާއެކު، އެކަން އެ ނިމުނީއެވެ. އިމްތިހާނުގައި ލިޔުނު ޖަވާބުތައް ބަދަލުނުކުރެވުނު ކަމުގައި ވިޔަސް، ކުރިއަށް ހުރި އިމްތިހާނުތަކުގެ ނަތީޖާއަށް ހެޔޮ ބަދަލެއް ގެނައުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
👊 އިމްތިހާނު ހޯލުން ނުކުންނައިރު މަޑުމައިތިރިކަން އިސްކުރާށެވެ.
👊 އިމްތިހާނުގައި ލިޔުނު ޖަވާބުތަކާ ބެހޭގޮތުން ތަކުރާރުކޮށް މަޝްވަރާކޮށް، އެހެން ކުދިންގެ ޖަވާބުތަކާ އަޅާކިޔުމުން ދުރުހެލިވާށެވެ.
👊 އެއް މާއްދާއެއްގެ ޕޭޕަރު އުނދަގޫވުމުގެ ސަބަބުން، ޖެހިގެން އޮތް މާއްދާއަށް އޮތް އަމިއްލަ އިތުބާރު ގެއްލުނަނުދޭށެވެ.
👊 ކެއުމަށާއި، އަރާމުކުރުމަށާއި، ނަފްސު ތާޒާކޮށްލުމަށް ވަގުތު ހޯދާށެވެ.
👊 ދެން އޮތީ އެހެން އިމްތިހާނެއް ނަމަ، އެ މާއްދާއަކަށް މުޅި ސަމާލުކަން އަނބުރާލާށެވެ.
👊 ތާވަލާ އެއްގޮތަށް ދެން އޮތް މާއްދާގެ ފިލާވަޅުތައް މުރާޖައާކުރަން ފަށާށެވެ.
👊 އިމްތިހާނު ދިޔަ ގޮތާމެދު ކޮންމެ އިހުސާސެއް ކުރެވުނު ކަމުގައި ވިޔަސް، އިތުރު ޕޭޕަރެއް ނިންމާލެވުނުކަމުގެ އުފާ ފާޅުކުރާށެވެ.
އިއްޔެގެ އިމްތިހާނުގެ ސަބަބުން މިއަދުގެ ތައްޔާރީތަކަށް ހުރަސްއެޅުނަ ނުދޭށެވެ. ކޮންމެ މާއްދާއަކީވެސް ތިބާގެ ހުނަރާއި މައުލޫމާތު ސާބިތުކޮށްދިނުމަށް ލިބޭ އާ ފުރުސަތެކެވެ.
7- އިމްތިހާނު ދުވަސްވަރު ވިސްނުން ބަހައްޓަންވީ ގޮތް
އިމްތިހާނު ދުވަސްވަރަކީ ހާސްކަން ބޮޑު ދުވަސްވަރަކަށް ވެދާނެއެވެ. ނަމަވެސް ހާސްވުމަކީ ތިބާ ތައްޔާރުނުވާކަމުގެ ނިޝާނެއް ނޫނެވެ. އެއީ އެކަމަށް ތިބާ ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.
👊 ތިބާ ކުރި މަސައްކަތަށް އިތުބާރުކުރާށެވެ.
👊 އަމިއްލަ ކާމިޔާބީއަކީ އެހެން މީހުންގެ ތައްޔާރީތަކާ އަޅާކިޔޭނެ އެއްޗެއް ކަމުގައި ނުދެކޭށެވެ.
👊 މަސައްކަތްކުރަން ފޫހިވާ ވަގުތުތަކުގައިވެސް އަޒުމާއެކު ސާބިތުވެ ހުންނާށެވެ.
👊 މަސައްކަތް ކުރިއަށް ގެންދިއުމާއެކު، ﷲ އަށް ދުޢާކޮށް، އެކަލާނގެއަށް ވަކީލުކުރާށެވެ.
👊 ހަނދާން ބަހައްޓަންވީ ކަމަކީ، އެންމެ އިމްތިހާނަކުން ތިބާގެ ބުއްދިވެރިކަމާއި، ކުޅެދުންތެރިކަން ނުވަތަ މުސްތަގުބަލު ކަނޑަނޭޅޭނެ ކަމެވެ.
👊 ފުރަތަމަ އިމްތިހާނުން ފެށިގެން އެންމެ ފަހު އިމްތިހާނާ ހަމައަށްވެސް، ކޮންމެ ޕޭޕަރެއްގައި އެންމެ ފުރިހަމަ މަސައްކަތް ކުރާށެވެ.
ތިބާއަކީ ހުރިހާ ގޮތަކުން ފުރިހަމަ މީހަކަށް ވާކަށް ނުޖެހެއެވެ. ބޭނުންވަނީ ތައްޔާރުވެފައި ހުރުމާއި، ސަމާލުކަން ދިނުމާއި، އެންމެ ފުރިހަމައަށް މަސައްކަތް ކުރުމުގެ ރޫހެވެ
ހުރިހާ ދަރިވަރުންނަށް ފޮނުވާ މެސެޖެއް
ފާއިތުވި މަސްތަކުގައި ތިޔަ ދަރިވަރުން ތިޔަވަނީ އުނގެނުމާއި، ފަރިތަކުރުމާއި، ކަންކަން ދަސްކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މިހާރު މިއީ ތިޔަ ކުރި ތައްޔާރީތަކަށް އިތުބާރު ކުރަންވީ ވަގުތެވެ. ކޮންމެ އިމްތިހާނަކަށްވެސް ކެރުމާއެކު ކުރިމަތިލާށެވެ. ކޮންމެ ސުވާލަކަށްވެސް އެންމެ ފުރިހަމައަށް ޖަވާބުދީ، އެންމެ ފުރިހަމަ މަސައްކަތް ކުރެވުނުކަމުގެ ހިތްހަމަޖެހުމާއެކު އިމްތިހާނު ނިންމާލާށެވެ.
ފުރިހަމައަށް ތައްޔާރުވާށެވެ. ހަމަޖެހުން އިސްކުރާށެވެ. އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރާށެވެ. އަދި މާތްﷲ އަށް ވަކީލުކުރާށެވެ.
މާތްﷲ ތިޔަ ދަރިވަރުންނަށް ފަސޭހަކަމާއި، ސިކުނޑީގެ ތާޒާކަމާއި، ފައިދާހުރި އިލްމާއި، ހުރިހާ އިމްތިހާނަކުން ފަޚުރުވެރި ކާމިޔާބީއެއް މިންވަރުކުރައްވާށިއެވެ. އާމީން. 🤍
