މިހާރު ކުރިޔަށްދާ “އެފްއޭއެމް ވިމެންސް ލީގު 2026” ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅުނު ތިންވަނަ މެޗުން ވެސް މޮޅުވެ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ދެ ބުރު ކުޅެ ލީގު ޗެމްޕިއަންކަން ކަނޑައަޅާ މި މުބާރާތުގެ ފަސްވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އެވެ.
މިއީ މުބާރާތުގައި މި ދެ ޓީމު ވެސް ކުޅޭ ތިންވަނަ މެޗެވެ. ކުޅުނު ދެ މެޗުން މޮޅެވެ ހަ ޕޮއިންޓްގައި ދެ ޓީމު ވެސް އޮތްއިރު ނިއުރޭޑިއަންޓް ލީގުގެ އެއްވަނައިގައި އޮތީ ފައިދާ ލަނޑުގެ ތަފާތުން ނެވެ. މި މެޗުން މޮޅުވާ ޓީމަކަށް ލީގުގެ އެއްވަނައިގައި ހަމަޖެހިލުމުގެ ފުރުސަތު އޮތުމުން، މެޗު ކާމިޔާބު ކުރުމަށްޓަކައި ދެ ޓީމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
މެޗު ފެށުމާއިއެކު ލީޑު ނެގުމަށް ދެ ޓީމުން މަސައްކަތްކުރިއިރު ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން ފުރަތަމަ ކުރީ ނިއުރޭޑިއަންޓުން ނެވެ. މެޗުގެ ފުރަތަމަ ލަނޑު ނިއުރޭޑިއަންޓުން ޖެހީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ސަބީނާ ކާތުން އެވެ. ސަބީނާ މި ލަނޑު ޖަހާފައިވަނީ މާޒިޔާގެ އޭރިޔާ ބޭރުން ލިބުނު ފްރީކިކް މާޒިޔާގެ ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ.
ދެވަނަ ހާފަށް ނުކުމެ ނިއުރޭޑިއަންޓުން ވަނީ ފުރަތަމަ ހާފަށްވުރެ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފުގެ ކުރީކޮޅު ނިއުރޭޑިއަންޓުން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. 57 ވަނަ މިނިޓްގައި ނިއުރޭޑިއަންޓަށް މި ލަނޑު ކާމިޔާބުކޮށްދިނީ ސުމައްޔާ މަޓުސުޝިމާ އެވެ. ލަނޑެއް ޖެހޭތޯ މާޒިޔާއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުރުމުގެ ކުރިން މަރިޔަމް ނޫރާ ވަނީ ނިއުރޭޑިއަންޓްގެ ތިންވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.
65 ވަނަ މިނިޓްގައި ސަބީނާ ކާތުން ކާމިޔާބުކުރި ދެވަނަ ލަނޑާއިއެކު ނިއުރޭޑިއަންޓުން ހަތަރު ލަނޑުގެ ލީޑެއް ނެގި އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި މަރިޔަމް ނޫރާ ކާމިޔާބުކުރި އޭނާގެ ދެވަނަ ލަނޑާއިއެކު މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްލި އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނިއުރޭޑިއަންޓުން 9 ޕޮއިންޓް ހަމަކޮށް ލީގުގެ އެއްވަނައިގައި ހަމަޖެހިލިއިރު، ނިއުރޭޑިއަންޓާއި އެންމެ ކައިރިން ވާދަކުރާ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އަދި މޯލްޑިވްސް ސޮކަރމޭޓްސް އާއި ދަ ގްރާންޑޭއަށް ޕޮއިންޓެއް ނުލިބެ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ މަސުރާ ޕަރުވިން އެވެ.
މި މުބާރާތުގެ މިރޭ ކުޅުނު މެޗުގައި ބައްދަލުކުރީ މޯލްޑިވްސް ސޮކަރމޭޓްސް އާއި ދަ ގްރާންޑޭ އެވެ.
