ވާރޭ ހުއްޓިފައި ވީނަމަވެސް، މާލޭގެ މަގުތައް އަދިވެސް އޮތީ ތެމިފައެވެ. މަގުމަތީގެ ހޮޅިބުރިތަކުގެ ދަށުގައި ފެންގަނޑުތައް ވިދަމުން ދިޔައިރު، ދުއްވާފައިދާ ސައިކަލުތަކުގެ އަލި އިމާރާތްތަކުގެ ފާރުތަކަށް އެޅެމުން ދިޔައެވެ.
އަނާޔާ އިނީ ކުޑަދޮރު ކައިރީގައި އިށީނދެ، ރޭގަނޑުގެ ހަމަހިމޭންކަމަށް ބަލަހައްޓައިގެންނެވެ. ޝާހިދުގެ މަރަށްފަހު، ބަހެއް ނުބުނެ ހުންނަ ހިމޭންކަމަކީ ތުހުމަތެއްގެ އަޑަށްވުރެވެސް ބިރުވެރި އެއްޗެއްކަން އޭނާއަށް ވަނީ ދަސްވެފައެވެ. އެއްއިރެއްގައި އޭނާއަށް ހިނިތުންވުމާއެކު މަރުޙަބާ ކީ މީހުން، މިހާރު އޭނާ ފެނުމުން ވާހަކަދައްކާ އަޑު މަޑުކޮށްލައެވެ. ބައެއް މީހުން އޭނާއާ ދިމާއަށް ބަލައިވެސް ނުލައެވެ. އަނެއްބަޔަކު ބަލަނީ ޤާތިލެއްގެ މޫނު ވަކިކުރަން އުޅޭ ފަދަ ނަޒަރަކުންނެވެ.
ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލެވިފައި ވީނަމަވެސް، މިނިވަންކަމަކީ މިނިވަންކަމެއް ކަމަކަށް އޭނާއަކަށް އިޙުސާސެއް ނުވެއެވެ. ލޯގަނޑުގައި ލެއިން ލިޔެފައިވާ އެ ބަސްތައް އަދިވެސް އޭނާގެ ހިތުގައި ހަރުލާފައި ހުއްޓެވެ.
“ތިއީ ޤާތިލެއް.” އެ ލިޔުން ފެނުމުން ބަދުރުގެ މޫނުމަތިން ފެނުނު ސިހުން އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. އޭނާގެ އަތުގައި ބިޑިއަޅުވައި ބަންދުކުރި ވަގުތު އޭނާ ހަނދާން އެބަހުއްޓެވެ. އެންމެ ބޮޑަށް ހަނދާންވަނީ، ޝާހިދު މަރާނުލާކަން އަމިއްލަ ނަފްސަށް އެނގިހުރެމެ، މި ތަހުޤީޤުގެ މެދުތެރެއަށް އޭނާ ވެއްޓެން މެދުވެރިވި ސަބަބު ބަޔާންކޮށްދޭނެ ގޮތެއް ނެތި އަމިއްލަ ނަފްސު ނިކަމެތިވި ވަގުތެވެ.
އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ބަދުރެވެ.
“ހޭލާތަ؟”
“އާނ.”
“މާދަމާ ބައްދަލުކޮށްލެވިދާނެތަ؟”
“އެއްވެސް އެއްޗެއް ފެނުނީތަ؟”
“އަހަރެންގެ ބައެއް ސުވާލުތައް އެބަހުރި. އަދި އަހަންނަށް ހީވަނީ އޭގެ ބައެއް ޖަވާބު އަނާޔާގެ އަތުގައި ހުރެދާނެހެން.”
އަނާޔާ އަނދިރި ކުޑަދޮރާ ދިމާއަށް ބަލައިލިއެވެ. “އެހެންވިއްޔާ، އަހަރެމެން ބައްދަލުކުރަންވާނެ.”
ޖެހިގެން އައި ދުވަހުގެ މެންދުރުފަހު، ބަދުރު ދިޔައީ ކާރޫބާރޫ މަދު، ހަމަހިމޭން ކެފޭއަކަށެވެ. އޭނާ އެތަން ޚިޔާރުކުރީ އަނާޔާގެ ވަށައިގެން މީހުން އެއްވާން ބޭނުން ނުވާތީއެވެ.
ބަދުރު ވަންއިރު އަނާޔާ އިނީ އިންތިޒާރުގައެވެ.
“ވަރުބަލިވެފައި ހުރިހެން ހީވޭ.” ބަދުރު ބުންޏެވެ.
“ބަދުރުވެސް ތިހުރީ ހަމަ އެހެން.”
ބަދުރު އޭނާގެ ކުރިމަތީގައި އިށީނެވެ. “އެއްވެސް ކަމެއް ހަނދާންވާން ފަށައިފިތަ؟”
“ކުދިކުދި މަންޒަރުތައް.”
“ޝާހިދު މަރުވި ރެއާ ބެހޭގޮތުން؟”
“ހުރިހާ ކަމަކާ ބެހޭގޮތުން. އެ ގަސްގަނޑު، ފާމްހައުސް، އެ ލޯގަނޑު.. އަދި އެ ލޯތައް.”
ބަދުރު ކުރިއަށް ޖެހިލިއެވެ. “އަނެއްކާވެސް އެ ލޮލާ ބެހޭގޮތުން ކިޔައިދީބަލަ.”
އަނާޔާ އިރުކޮޅަކު މަޑުކޮށްލިއެވެ. “އެއީ ދުވަހަކުވެސް އަހަރެން ދުށް ފަދަ އެއްޗެއް ނޫން. އެ ލޯ ވިދަމުން ދިޔައީ ކްރިސްޓަލްތަކެއް ފަދައިން. އަހަރެން ނުރައްކަލުގެ ތެރޭގައި ވަނިކޮށް އެ މަޚްލޫޤު ފާޅުވި. އަދި އަހަރެން ވެއްޓެން ދަނިކޮށް ސަލާމަތްކުރި.”
“އެ އެތި ދުވަހަކުވެސް ބިރުދެއްކިތަ؟”
“ނޫން.”
“އެއްވެސް ކަމެއް ކުރަން އެދުނުތަ؟”
އަނާޔާ ފަސްޖެހުނެވެ. “އެއީ.. އަހަރެންގެ ހަނދާނަށް ކޮންމެވެސް އެއްޗެއް ގެންނަން ބޭނުންވާ ކަހަލަ ގޮތެއް ހުރި.”
ބަދުރު ފުންކޮށް ބަލަހައްޓައިގެން އިނދެ އެހިއެވެ. “ކޮން އެއްޗެއް ހަނދާންކުރަން؟”
“އަހަންނަކަށް ނޭނގެ. އަހަރެން ބިރުގަންނަނީވެސް އެހެންވެ. އަހަރެންގެ ހަނދާނުގެ އަޑީގައި މުހިންމު ކަމެއް ފޮރުވިފައިވާހެން ހީވޭ. އެކަމަކު އަހަންނަކަށް އެއާ ހަމައަކަށް ނުދެވޭ.”
ބަދުރު އޭނާގެ ކުރިމަތީގައި ހުރި ލިޔުންތަކަށް ބަލައިލިއެވެ. “އަހަރެން މިދަނީ ފާމްހައުސްއިން ލިބުނު ބަޔާންތައް ދިރާސާކުރަމުން. ޒިމާން، ޝާރިޤް އަދި ލީޒާ، މި އެންމެންވެސް އެ ރޭގެ ވާހަކަ ކިޔައިދިން. ޝާހިދުގެ ހަށިގަނޑު ފެނުމުގެ ކުރިން އެމީހުން ކުރި ކަންކަން އެ ބަޔާންތަކުން އެނގޭ. އެކަމަކު އެންމެން ނިދި ފަހުން ވީ ކީއްކަމެއް އެޔަކުން ސާފެއް ނުވޭ.”
“އެއީ އެމީހުންނަށް އެއްވެސް އެއްޗެއް ނުފެންނާތީ.”
“އެމީހުން ބުނަނީ އެހެން.”
އަނާޔާ އޭނާއަށް ބަލައިލިއެވެ. “އެމީހުންގެ ތެރެއިން މީހަކަށް ތުހުމަތު ކުރަންތަ؟”
“އަހަރެން ޝައްކުކުރަނީ، އެމީހުން ބުނި ވަރަށްވުރެ އިތުރަށް އެނގޭ މީހަކު އެބަހުރި ކަމަށް. އޭގެ މާނައަކީ އެމީހަކީ ޤާތިލޭ ބުނުމެއް ނޫން.”
އަނާޔާ މަޑުމަޑުން ބޯޖަހައިލިއެވެ.
“ބަދުރު، އަހަރެން ބޭނުން ކަމެއް ސާފުކޮށްދޭން. އަހަރެން ބިރުގެންފާނެ. އެކަމަކު ހަޤީޤަތް ހޯދުން އަހަރެން ހުއްޓައެއް ނުލާނަން.”
“އަހަންނަށް އެނގޭ.”
“އަދި އަހަރެން ޝާހިދެއް ނުމަރަން.”
“އެކަންވެސް އަހަންނަށް އެނގޭ.”
އެ ވަގުތުކޮޅު، ކެފޭގެ ތެރޭގައި ހުރި އަޑުގަދަކަން އެ ދެމީހުންގެ ވަށައިގެން ފަނޑުވެގެން ދިޔަ ކަހަލައެވެ. ބަދުރުގެ އިތުބާރު އަނާޔާއަށް ގެނެސްދިނީ އޭނާ ހާމަކުރަން ބޭނުންވި ވަރަށްވުރެވެސް ބޮޑު ހިތްހަމަޖެހުމެކެވެ.
*****
އެރޭ، ލީޒާ އިނީ އޭނާގެ ކޮޓަރީގައި އެކަންޏެވެ. އޭނާގެ ފޯނު އޮތީ އެނދުމަތީގައެވެ. އޭނާއަށް ވަރަށް ގިނަ މެސެޖުތައް އައިސްފައި ހުއްޓެވެ. ނަމަވެސް އެއިން އެއްވެސް މެސެޖަކަށް އޭނާ ޖަވާބެއް ނުދެއެވެ.
އަހަރުތަކެއް ވަންދެން އޭނާ އައީ އޭނާގެ ބިރުވެރިކަން ކެރޭކަމުގެ ފަރުދާއެއްގެ ފަހަތުގައި ފޮރުވަން ދަސްކުރަމުންނެވެ. އޭނާއަށް މީހުންގެ ކުރިމަތީގައި ހީނލެވިދާނެއެވެ. ފަސްޖެހުމެއް ނެތި ވާހަކަ ދެއްކިދާނެއެވެ. އަދި އެއްވެސް ކަމަކުން އޭނާއަށް އަސަރެއް ނުކުރާނެ ކަމަށް އެހެން މީހުންނަށް ދެއްކިދާނެއެވެ. އެކަމަކު އެންމެ ނަމަކުންވެސް އޭނާގެ ހަމަޖެހުން ނަގާލެވިދާނެއެވެ. އެއީ ތާނިޔާއެވެ.
ލީޒާ އޭނާގެ ފޯނުން ވަރަށް ކުރީގެ މެސެޖުތަކެއް ހުޅުވައިލިއެވެ. އޭގައި ފޮޓޯތަކާއި، މެސެޖުތަކާއި، އޭނާ އެތައް އަހަރެއް ވަންދެން ފޮރުވާފައިވާ މަޢުލޫމާތުތައް ހުއްޓެވެ. އެއީ ތާނިޔާ އޭނާގެ މުށުތެރޭގައި ބޭއްވުމަށް ބޭނުންކުރި ހަތިޔާރެވެ.
ދިހަ އަހަރު ވަންދެން ތާނިޔާ ދިރިއުޅުނީ އެ ސިއްރު ފަޅާއަރައިފާނެކަމުގެ ބިރުވެރިކަމުގައެވެ. މެސެޖުތައް ބަލަމުން ދިޔަ ވަރަކަށް ލީޒާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ތާނިޔާއެވެ.
“ކޮންކަމެއް ބޭނުންވަނީ؟” ލީޒާ ހަރުކަށިކަމާއެކު އެހިއެވެ.
“އަހަރެމެންނަށް ވާހަކަދެއްކިދާނެތަ؟”
“ކޮން ކަމަކާ؟”
“ހުރިހާ ކަމަކާ ބެހޭގޮތުން.”
ލީޒާގެ މޫނު ބަނަވިއެވެ. “ދައްކާނެ އެއްވެސް ވާހަކައެއް ނެތް.”
“ޕްލީޒް، ލީޒާ. އަހަންނަކަށް ދެން މިހެންނެއް ނޫޅެވޭނެ.”
“އެހެންވިއްޔާ ކަލޭ އެކަމާ މާ ކުރިން ވިސްނަންވާނެ.”
ތާނިޔާގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ. “އަހަންނަށް ކުށެއް ކުރެވުނު. އަހަންނަށް އެނގޭ އެކަން. އެކަމަކު ކަލޭ ތި އަދަބު ދިނީ ދިހަ އަހަރު ވަންދެން.”
ލީޒާ ތެދުވެ އިށީނެވެ. “ބަލައިގެން ވާހަކަދައްކާ.”
“އަހަރެން އިންޒާރެއް ނުދެން. އަހަރެން މި އެދެނީ ތިކަން ހުއްޓާލަން.”
“ހުއްޓާލާށޭ!؟” ލީޒާ ފިނި ހިނިގަނޑެއް ޖަހައިލިއެވެ.
“ކަލެއަށް ހީވަނީ ހަމައެކަނި އެދިލުމަކުން އަހަރެން ހުރިހާ ކަމެއް ހަނދާން ނައްތާލާނެ ކަމަށްތަ؟”
“ނޫން. އެކަމަކު އަހަރެން މި އެދެނީ އަހަންނަށް ދިރިއުޅެން ފުރުސަތު ދިނުމަށް.”
ލީޒާ ފޯނު ކަނޑައިލިއެވެ. އޭނާ އެނދުމަތީގައި ފޯނު ބާއްވައި، ފާރާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ކޮޓަރީގެ ދޮރުމަތިން ފެނުނު ކުޑަ ހަރަކާތަކަށް އޭނާގެ ސަމާލުކަމެއް ނުދިޔައެވެ.
*****
ޖެހިގެން އައި ދުވަހު އަނާޔާއަށް ތާނިޔާގެ މެސެޖެއް ލިބުނެވެ. އެއީ ކުރު މެސެޖެކެވެ. “ބައްދަލުކޮށްލެވިދާނެތަ؟ އަހަރެން ބޭނުން ވާހަކައެއް ދައްކަން.”
އަނާޔާ ދެފަހަރަކު އެ މެސެޖު ކިޔައިލިއެވެ. ތާނިޔާ ކަންބޮޑުވެފައި ހުރިކަން އޭނާއަށް އެނގުނު ނަމަވެސް، މައްސަލައިގެ ފުންމިން ކުރިން އޭނާއަކަށް ނުވިސްނެއެވެ. މެސެޖުގައިވާ ކޮންމެވެސް ކަމަކުން ދޭހަވަނީ މިއީ ވަރަށް ސީރިއަސް ކަމެއް ކަމެވެ.
އެ ދުވަހުގެ ހަވީރު އެމީހުން ބައްދަލުކުރީ ހުޅުމާލޭގެ ކުޑަ ޕާކެއްގައެވެ. ތާނިޔާ އައީ އިސްދަށަށް ޖަހައިގެންނެވެ. އޭނާގެ ދެއަތް ބާރަށް ޖޯޑުކޮށްލައިގެން ހުރިއިރު، އިށީންނާނެ ތަނެއް ނިންމަން ނޭނގިފައި ހުރި ކަހަލައެވެ.
އަނާޔާ މަޑުމައިތިރިކަމާއެކު އޭނާގެ ކައިރިއަށް ދިޔައެވެ. “ތާނިޔާ؟”
ތާނިޔާ އިސްއުފުލައި ބަލައިލިއެވެ. “އައީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.”
“އަންނާނެއެއްނު. ކީއްވެގެން މިއުޅެނީ؟”
ތާނިޔާ ޖަވާބު ދިނުމުގެ ކުރިން ވަށައިގެން ހޯދައިލިއެވެ. “މިއީ ލީޒާގެ ކަމެއް.”
އަނާޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “އޭނާ ކީއްކުރީ؟”
“އޭނާ އަހަރެން ދުލެއް ނުކުރި.” ތާނިޔާގެ އަޑު ކުރެހިގެން ދިޔައެވެ.
“އޭނާ އަހަންނަށް ބިރުދައްކާތާ ދިހަ އަހަރު ވެއްޖެ. އަހަރެންގެ މާޒީގެ ސިއްރެއް އޭނާއަށް އެނގޭ. އަދި އެކަން ބޭނުންކޮށްގެން އޭނާ އަހަރެން ކޮންޓްރޯލް ކުރަނީ. އަހަރެން ކުރިއަށް ފިޔަވަޅެއް އަޅަން އުޅޭ ކޮންމެ ފަހަރަކު، އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލެވިދާނެކަމަށް ބުނެ އޭނާ ހަނދާންކޮށްދޭ.”
އަނާޔާ އޭނާގެ ގާތުގައި އިށީނެވެ. “ކީއްވެ އެއްވެސް މީހަކަށް ކިޔައިނުދިނީ؟”
“ލަދުގަންނާތީ. އަދި ހަޤީޤަތް ފަޅާއަރައިފިނަމަ އެކަކުވެސް އަހަރެންގެ ކޮޅަށް ނާރާނެކަމަށް އޭނާ ބުނުމުން އަހަންނަށް އެކަން ޤަބޫލުކުރެވުނީމަ.”
“ފަހަކަށް އައިސް އޭނާ ބިރުދެއްކިތަ؟”
“ކޮންމެ ދުވަހަކުހެން.” ތާނިޔާ ލޮލުން ކަރުނަ ފޮހެލިއެވެ.
“އަހަރެން ހީކުރީ ޝާހިދުގެ މަރަށްފަހު ކަންކަން ބަދަލުވާނެ ކަމަށް. އެކަމަކު ލީޒާގެ އުޅުން ކުރިއަށްވުރެވެސް ގޯސްވެއްޖެ. އޭނާ އެ ހުންނަނީ ބިރުން ކަމެއް ނުވަތަ ރުޅިއައިސްގެން ކަމެއް އަހަންނަކަށް ނޭނގެ. ބައެއް ފަހަރު އަހަންނަށް ހީވަނީ އޭނާއަކީ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހެއްހެން.”
އަނާޔާ އެއްވެސް ހުރަހެއް އެޅުމެއް ނެތި އަޑުއަހަން އިނެވެ. ދެން މަޑުމަޑުން އެހިއެވެ. “އޭނާގެ ކިބައިން ސަލާމަތްވާން ބޭނުންތަ؟”
ތާނިޔާ އޭނާއަށް ބަލައިލިއެވެ. “ހުރިހާ ކަމަކަށްވުރެ ބޮޑަށް.”
“އެހެންވިއްޔާ، ބިރުވެރިކަމަށް ޖާގަދީގެން ގޮތް ނިންމުން ހުއްޓާލަންވީ.”
ތާނިޔާ ބޯހޫރައިލިއެވެ. “އަނާޔާއަކަށް ނުވިސްނޭނެ. އޭނާގެ އަތުގައި އަހަރެން ބަރުބާދުކޮށްލެވޭނެ އެއްޗެއް އެބައޮތް.”
“ވެދާނެ އެހެން ކަމަށް. އެކަމަކު އޭގެ މާނައަކީ އޭނާއަށް ތާނިޔާގެ މުޅި ދިރިއުޅުން ކޮންޓްރޯލްކުރުމުގެ ޙައްޤު ލިބިގެންވާ ވާހަކައެއް ނޫން.”
ފުރަތަމަ ފަހަރަށް ތާނިޔާ ސީދާ އަނާޔާގެ ލޮލަށް ބަލައިލިއެވެ. “އަހަރެން ދެން ހަދަންވީ ކިހިނެއް؟”
އަނާޔާ ވިސްނުންތެރިކަމާއެކު ބުންޏެވެ. “އަހަރެމެން ބަލަންވީ އޭނާގެ އަތުގައި އޮތީ ސީދާ ކޮން އެއްޗެއްކަމާއި، އެ އެއްޗެއް ބޭނުންކުރަނީ ކިހިނެއްކަމާއި، އަދި އޭނާ ބިރުދައްކާކަމުގެ ހެކި އެބަހުރިތޯ. އެއްވެސް އެއްޗެއް ޑިލީޓް ނުކުރާތި. އޭނާއާ އެކަނި ކުރިމަތިނުލާތި. އަދި އޭނާ ދައްކާ ބިރަށް އިތުރު ކުށެއް ނުކުރާތި.”
ތާނިޔާގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. “އަހަންނަށް އެހީވާނަންތަ؟”
އަނާޔާ އޭނާގެ އަތްމަތީގައި އަތްބާއްވައިލިއެވެ. “އާނ.”
*****
އެރޭ، ބަދުރު މައްސަލައިގެ ފައިލްތައް ދިރާސާކުރަން އިންދާ ސަލީމް އޭނާގެ ކެބިންއަށް ވަނެވެ.
“ސަރ، އާ ކަމެއް ފެންމަތިވެއްޖެ.”
ބަދުރު އިސްއުފުލައި ބަލައިލިއެވެ. “ކޮން ކަމެއް؟”
“އަނާޔާގެ ހަރަކާތްތަކާ ބެހޭގޮތުން މީހަކު ސުވާލުކޮށް ހޯދަމުން އެބަދޭ.”
“ކާކު؟”
“އަޅުގަނޑުމެން މިދަނީ ބަލަމުން. އެކަމަކު އެމީހަކަށް އެނގެނީ އާންމުކޮށް ހާމަކޮށްފައި ނުވާ ސިއްރު މަޢުލޫމާތުތަކެއް.”
ބަދުރުގެ މޫނުމަތި ހަރުކަށިވިއެވެ. “ތި ބުނަނީ ތަހުޤީޤު ޓީމުގެ އެތެރެއިން މީހަކު މަޢުލޫމާތު ބޭރުކުރަނީއޭތަ؟”
“އެކަށީގެންވޭ.”
ބަދުރު ފައިލް ލައްޕައިލިއެވެ. “އެ ރެކޯޑުތައް ބެލީ ކާކުތޯ ހޯދާ. ވަރަށް ސިއްރުން.”
ސަލީމް ބޯޖަހައިލުމަށްފަހު ނުކުމެގެން ދިޔައެވެ.
ބަދުރު އެކަނި އިނދެ މައްސަލައާމެދު ފުންކޮށް ވިސްނަން ފެށިއެވެ. ޝާހިދާއި ނިހާގެ މަރު ގުޅިފައިވަނީ އަދިވެސް ހަމަޖެހޭ ޖަވާބެއް ނުލިބޭ ކަންތައްތަކަކާއެވެ. އެ އާދަޔާ ޚިލާފު ލިޔުމާއި، އަނާޔާއަށް ކުރިމަތިވި ބަޔާންކުރަން ނޭނގޭ ތަޖުރިބާތަކާއި، އަދި ފާމްހައުސް ވަށައިގެންވާ ޖަވާބު ނުލިބޭ ސުވާލުތަކުގެ ސަބަބުން މި ތަހުޤީޤު ވަނީ ހީކުރި ވަރަށްވުރެ މާބޮޑަށް އޮޅުންބޮޅުންވެފައެވެ.
ކްރިސްޓަލް ފަދަ ލޮލެއް ލިބިފައިވާ މަޚްލޫޤާ ބެހޭގޮތުން އަނާޔާ ދެއްކި ވާހަކަ އޭނާ ހަނދާންވިއެވެ. ގަސްގަނޑު ކައިރިން އަމިއްލަ ލޮލުން އެ މަންޒަރު ފެނުނު ހަނދާންވެސް ވިއެވެ. އަދި ކުޑަ ހިނދުކޮޅަކަށް ނަމަވެސް، ޤަބޫލުކުރަން ދަތި ހަޤީޤަތެއް އޭނާގެ ކުރިމަތީގައި ހުރިކަން ހަނދާނަށް އައެވެ.
އޭނާގެ ފޯނު ވައިބްރޭޓް ވިއެވެ. ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ.
“އެ އަންހެންކުއްޖާއާ ބެހޭގޮތުން ސުވާލުކުރުން ހުއްޓާލާ. ކަލެއަށް ތި ކުރިމަތިލެވެނީ ކޮންފަދަ ކަމަކާ ކަމެއް ނޭނގޭނެ.”
ބަދުރު ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. ދެވަނަ މެސެޖު އައެވެ.
“ދެން އޮތް މަރެއް ވާނީ ކަލެއާ މާ ގާތުން.”
އޭނާ ވަގުތުން ސަލީމަށް ގުޅިއެވެ. “މި ނަންބަރު ޓްރޭސްކުރޭ.”
“ސަރ؟”
“މިހާރުން މިހާރަށް!”
ބަދުރު ތެދުވެ ކުޑަދޮރުން ބޭރަށް، އަނދިރިވަމުން އަންނަ ސިޓީއާ ދިމާއަށް ބަލައިލިއެވެ. ފުރަތަމަ ފަހަރަށް އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. މި ނުރައްކަލަކީ ހަމައެކަނި އަނާޔާއަށް އޮތް ކަމެއް ނޫން ބާވައެވެ؟ މި މަރުތަކުގެ ފަހަތުގައި ހުރި މީހަކު މިހާރު އޭނާއަށްވެސް ފާރަލާން ފެށީ ބާވައެވެ؟ އަދި ދެން ގެއްލިގެންދާނީ، އޭނާއަށް ގެއްލުމަކަށް ކެތްނުކުރެވޭނެ ފަދަ ލޯބިވާ މީހެއް ބާވައެވެ؟
މަގުމަތީގެ ހަލަބޮލިކަމުގެ ތެރެއަށް ބަލަހައްޓައިގެން ހުރިއިރު، ބަދުރުގެ ވިސްނުން ގޮސް ހުއްޓުނީ އަނާޔާއާ ދިމާއަށެވެ. އަނާޔާއަކީ މި ހުރިހާ ކަމެއްގެ މެދުގައި ހުރި އަމާޒުފަތްގަނޑެވެ. ޤާތިލުގެ ހަޤީޤީ މަޤުސަދަކީ ކޮބައިކަން އަދިވެސް ވަނީ ފަރުދާގެ ފުރަގަހުގައެވެ.
އެވަގުތު ކެބިންގެ ދޮރުގައި އަނެއްކާވެސް ޓަކިދިން އަޑު އިވުނެވެ. އެތެރެއަށް ވަނީ ސަލީމެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.
“ސަރ، އެ ނަންބަރު ޓްރޭސްކުރަން އުޅެގެން ލިބުނީ ހައިރާންވާ ކަހަލަ ނަތީޖާއެއް.” ސަލީމް އޭނާގެ އަތުގައި އޮތް ޓެބްލެޓަށް އިޝާރާތް ކުރަމުން ބުންޏެވެ.
“ކޮބާ މައްސަލައަކީ؟” ބަދުރު އަވަސްއަވަހަށް އެހިއެވެ.
“އެ މެސެޖު ފޮނުވާފައިވަނީ އެއްވެސް މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރަކުން ނޫން. އެއީ ވަގުތީ ގޮތުން، ބޭންކޮށްފައިވާ ސިމްކާޑެއް. އެކަމަކު އެންމެ އާދަޔާ ޚިލާފު ކަމަކީ..” ސަލީމް ހުއްޓައިލިއެވެ.
“ސަލީމް، އަވަހަށް ބުނެބަލަ!” ބަދުރުގެ ކެތްތެރިކަން ކޮޅުންލިއެވެ.
“އެ މެސެޖު ފޮނުވި ސިގްނަލް ލޮކޭޝަން ދައްކަނީ މި އިމާރާތުގެ ވަރަށް ކައިރިން. އަޅުގަނޑުމެން މިތިބި ޕޮލިސް ހެޑްކުއާޓާޒް ހިމެނޭ ސަރަހައްދުގެ ތެރެއިން!” ސަލީމްގެ އަޑުގައި ވަނީ ސިހުމެވެ.
ބަދުރުގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މާނައަކީ އިންޒާރު ދިން މީހާ ހުރީ އެމީހުންގެ ވަރަށް ގާތުގައެވެ. ފަހަރެއްގައި މި އިމާރާތުގެ ތެރޭގައިވެސް ވެދާނެއެވެ.
މުޅި މައްސަލަ އޮޅުންބޮޅުންވެ، އިތުބާރުކުރާނެ މީހަކު ނެތް ހާލަތަކަށް ކަންކަން ގޮސްފައިވާކަން ބަދުރަށް ވިސްނުނެވެ. އެހެންނަމަވެސް އެއް ކަމެއް ސާފެވެ. ދެން އަންނާނެ ހަމަލާއަކުން ރައްކާތެރިވުމަށްޓަކައި، ކްރިސްޓަލް ލޮލުގެ ފަހަތުގައިވާ ސިއްރާއި ތާނިޔާގެ މާޒީގައި ލީޒާ ހިފަހައްޓައިގެން ހުރި އެ ހަޤީޤަތެއް ވީ އެންމެ އަވަހަކަށް ހާމަކުރަން އެބަޖެހެއެވެ. ވަގުތު ދިޔައީ ކުޑަތަންވަމުންނެވެ.
(ނުނިމޭ)
