ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވަރުގަދަ ވާދޫ ބަލިކޮށް ފުވައްމުލައް ޗެމްޕިއަންކަން ހޯދައިފި
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސައުތު ޒޯން 2 ގެ ޗެމްޕިއަންކަން، ވަރުގަދަ ވާދޫ ބަލިކޮށް ފުވައްމުލަށް ސިޓީ ހޯދައިފި އެވެ.

ފުވައްމުލަކުގައި ކުރިޔަށް ދިޔަ ސައުތު ޒޯން 2 ގައި ވާދަކުރީ މި ދެ ޓީމުގެ އިތުރުން ފަރެސްމާތޮޑާ އެވެ. ތިން ޓީމުގެ މެދުގައި ކުރިޔަށް ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން ނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ފުވައްމުލައް ސިޓީއިން ނެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި، ލަނޑު ޖަހަން މަސައްކަތްކުރިވަރަށް ޑިފެންސް ކުރުމަށް ވެސް ދެ ޓީމުން ވަނީ ސަމާލުކަން ދީފަ އެވެ. އަމިއްލަ ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓާއިއެކު ކުޅެމުންދިޔަ ފުވައްމުލައް ސިޓީއިން ވަނީ ހާފުގެ ފަހުކޮޅު ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. 16 ވަނަ މިނިޓްގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އަޖްމަލް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވާދޫ އޭރިޔޭގެ ބޭރުން އަރިމަތިން، އެ ޓީމުގެ ކުޅުންތެރިއަކަށް ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު އެއްފަހަރުން ގޯލުގެތެރެއަށް ފޮނުވާލައިގެން ނެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ވާދޫއަށް ލަނޑު ޖަހަން ފުރުސަތު ލިބުނު ނަމަވެސް، މި ހާފުގައި އެކަން ކާމިޔާބު ވާގޮތެއް ނުވި އެވެ.

މިވެސް ކިޔާލަން:  ބޮޑުފޮޅުދޫ އާއި ގާފަރު ފައިނަލަށް

ދެވަނަ ހާފުގައި ވާދޫއިން ކުޅުން ރަނގަޅުކުރި ނަމަވެސް، ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ. ލިބިފައިވާ ލީޑު ދެމެހެއްޓުމުގެ އިތުރުން ނަތީޖާގެ ފަރަގު ބޮޑުކުރަން މަސައްކަތްކުރި ފުވައްމުލައް ސިޓީއިން ވަނީ މި ހާފުގައި ވެސް ލަނޑެއް ޖަހައިފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އިނާން އަޙްމަދެވެ. އިނާން މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ވަރަށް ހުސްކޮށް އަރައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް، ގޯލު ކުރިމަތީ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ހާފުގައި ވެސް އިތުރަށް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ.

2-0 އިން މެޗު ކާމިޔާބުކޮށް ސައުތު ޒޯން 2 ގެ ޗެމްޕިއަންކަން ފުވައްމުލައް ސިޓީ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު ސާދު ނިޒާރެވެ.

މި މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު، މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ފަރެސްމާތޮޑާ އެވެ. މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިއަކީ ފަރެސްމާތޮޑާ ޓީމުގެ އީމަން ޢަލީ އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ވާދޫ ޓީމުގެ މުޙައްމަދު ނާއިލް، ވާދޫ ޓީމުގެ ޢަބްދުﷲ އާހިލް އަދި ފުވައްމުލައް ސިޓީގެ މުޙައްމަދު ވިސާހް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ފަރެސްމާތޮޑާ ޓީމުގެ ޢަލީ ޝަހުމް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ފުވައްމުލައް ސިޓީގެ ކޯޗު އިބްރާހިމް ރަޝީދު އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ވާދޫ ޓީމުގެ ޒައިދާން އަޙްމަދު، ވާދޫ ޓީމުގެ އިބްރާހިމް ސައުފް މުޙައްމަދު، ފުވައްމުލައް ސިޓީގެ ޢަލީ ޝަމާލް ޢަބްދުﷲ، ފުވައްމުލައް ސިޓީގެ ޢަބްދުﷲ ރަޝީދު އަދި ވާދޫ ޓީމުގެ މުޙައްމަދު އިޔާދު ޢަލީ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފުވައްމުލައް ސިޓީގެ ޢަލީ ޝަމާލް ޢަބްދުﷲ އެވެ.

މިވެސް ކިޔާލަން:  ދެއްވަދޫ އާއި ވޭމަންޑޫ ސެމީއަށް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top