ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލީގުގެ ފުރަތަމަ ހެޓްރިކާއިއެކު ނިއު ތިންވަނައަށް
ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި ފެނުނު ފުރަތަމަ ހެޓްރިކާއިއެކު ބިސްބުރުގެ މައްޗަށް ކާމިޔާބު ހޯދައި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ލީގުގެ ތިންވަނައަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި ބިސްބުރު ސްޕޯރޓްސް ކުލަބް ބައްދަލުކުރި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ނިއުރޭޑިއަންޓުން ނެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވެސް ފުރަތަމަ ތަނަވަސްކުރީ ނިއުރޭޑިއަންޓުން ނެވެ. އެޓޭކަށްވުރެ ބޮޑަށް ޑިފެންސަށް އިސްކަންދީގެން ކުޅުނު ބިސްބުރު ކޮޅަށް ނިއުރޭޑިއަންޓުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ ނުވަވަނަ މިނިޓްގައި ޔާޔާ އަބްދުލްލައި ބިލިޓީ އެވެ. އޭނާ މި ލަނޑު ޖެހީ ޑަ ސިލްވާރ ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނިއުރޭޑިއަންޓުން ނެގި ލީޑުގައި އެ ޓީމަށް އޮވެވުނީ މިނިޓެއްހާއިރު އެވެ. ބިސްބުރަށް ލިބުނު ކޯނަރުގެ ބޭނުން ހިފައިގެން އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑަކީ ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ނިއުރޭޑިއަންޓްގެ ކީޕަރު ފައިސަލްގެ އަތުގައި ޖެހިފައި ދޫވި ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބިސްބުރުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން މަޖްދާން ސާލިހް އެވެ.

ދެވަނަ ފަހަރަށް ނިއުރޭޑިއަންޓުން ލީޑު ނެގީ 19 ވަނަ މިނިޓްގައި ޑޮރިއެލްޓަން ނަޝިމެންޓޯސް ކާމިޔާބުކޮށްދިން ލަނޑުން ނެވެ. ޑޮރިއެލްޓަން ނަޝިމެންޓޯސް މި ލަނޑު ޖަހާފައިވަނީ ބިސްބުރުގެ ޑިފެންޑަރުންގެ ފަހަތަށް ޑަ ސިލްވަރ ލައިދިން ބޯޅައެއް ހޯދައި، އެ ޓީމުގެ ޑިފެންޑަރެއް ކައިރިން ނައްޓާލި ވަގުތު ބޯޅަ ދިފާއުކުރަން ނުކުތް ގޯލް ކީޕަރުގެ ބޯ މަތިން ކަހަލަ ގޮތަކަށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނެވެ. ލީޑު ނެގިތާ މާގިނައިރެއް ނުވެ ނިއުރޭޑިއަންޓުން ލީޑު ފުޅާކުރި އެވެ. 24 ވަނަ މިނިޓްގައި އީތަން އިބްރާހިމް ޒަކީ ބިސްބުރުގެ ގޯލު ކުރިމައްޗަށް މަތިމަތިން ލައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން ޑޮރިއެލްޓަން ނަޝިމެންޓޯސް އެވެ.

މިވެސް ކިޔާލަން:  ބިސްބުރު ބަލިކޮށް މާޒިޔާ ތިންވަނައަށް

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނިއުރޭޑިއަންޓްއިން ތަނަވަސްކުރި މި މެޗުގެ ފުރަތަމަ ހާފު 3-1 އިން ނިމުނު ނަމަވެސް، ނިއުރޭޑިއަންޓްއިން އުފެއްދި ގިނަ ހަމަލާތަކެއް މި ހާފުގައި ބިސްބުރުގެ ކީޕަރު ދިފާއުކޮށްފައި ވެސް ވެއެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ނިއުރޭޑިއަންޓެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މި ހާފުގައި ވެސް  ނިއުރޭޑިއަންޓުން ތަނަވަސްކުރި އެވެ. އަދި ބިސްބުރަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ. ދެ ޓީމުން ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ގިނަ ހަމަލާތަކެއް ކީޕަރުން ދިފާއު ވެސް ކުރި އެވެ.

މި ހާފުގައި ފެނުނު ހަމައެކަނި ލަނޑު ނިއުރޭޑިއަންޓުން ޖެހީ 80 ވަނަ މިނިޓްގައި ޢަލީ އަޝްފާގު (ދަގަނޑޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޮރިއެލްޓަން ނަޝިމެންޓޯސް އެވެ. ލީގުގެ ފުރަތަމަ ހެޓްރިކް ފުރިހަމަކުރި މި ލަނޑު ޑޮރިއެލްޓަން ނަޝިމެންޓޯސް ޖަހާފައިވަނީ، ބިސްބުރުގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު މުޅިން ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނިއުރޭޑިއަންޓުން ލީގުގެ ތިންވަނައަށް ޖެހިލީ 7 މެޗުން 14 ޕޮއިންޓް ހަމަކޮށްގެން ނެވެ.

4-1 އިން ނިއުރޭޑިއަންޓް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޑޮރިއެލްޓަން ނަޝިމެންޓޯސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top