ޢިލްމީ ހިޔާ ހޯދާނަމޭ ޖާހިލުކަމުން ދުރުވާނަމޭ
އިލްހާމެކޭ ހީކޮށް މިއީ ގަދަ ޢަޒުމުގައި ކިޔަވާނަމޭ
ކިޔެވުން އެއީ ނިޔަތާ ދުލުން ޢަޒުމެއްކަމަށް މަހަދާނަމޭ
ކިޔެވުން މަތީ ޤާއިމުވުމަށް ހިތްމަތް މިތާ މަ ކުރާނަމޭ
މާޒީވެ ދިޔަ ޞަފުޙާތަކުން ޢިބުރަތް މިއަދު ހޯދާނަމޭ
މާޒީގެ ހިތިވީ ދިރިއުޅުން ދޫކޮށް އެނބުރި ކިޔަވާނަމޭ
ކިޔަވާ ފޮތާ މަ ލިޔާ ގަލަން ދޫކޮށްނުލާ ތެދުވާނަމޭ
ކިޔަވާ ރޮނގުން ރަންވަނަތަކާ ޝަރަފާ މޮޅާ ހޯދާނަމޭ
ގިނައިން ވެހޭވަގުތެއް ބަލާ ވާރޭގެ ފެން މަ ނަގާނަމޭ
ގިނަ ދަތިތަކާ ބުރަ އުފުލުމަށް ފަހުގައި އުފާ ހޯދާނަމޭ
ޤައުމުގެ ތަރައްޤީއަށް ބަލައި ދުނިޔޭގެ ކަންކޮޅުތަކު ތެރޭ
ޤައުމިއްޔަތެއް އޮތްކަން ދިވެހި ޢިލްމީ ރޮނގުން އަންގާނަމޭ
ޖިސްމާ ލެޔާ ވަންޏާއެކީ ގައިބާރު ނެތި ބަލިކަށިވިއަސް
އިސްކޮށް ނެރޭނީ ކިޔެވުމޭ ތަކުރާރުކޮށް މަ ބުނާނަމޭ
ނިންމާލަމުން ބުނަމޭ ތެދޭ އަހަރެންގެ މީ ގަދަ ޢަޒުމެކޭ
ހިންދެމި ފުކެއް މަޑުޖެހިނުލާ ފަހުނޭވަޔަށް ކިޔަވާނަމޭ
