ސަލާމަތް ބުއްދި ޤަބޫލުނުކުރާނެ ފުލޯކު ވާހަކަތައް ދިވެހިންގެ ތެރޭގައި ވެސް ކިޔައިއުޅެ އެވެ. އެއިން ބައެއް ވާހަކަތައް ކިޔައިއުޅެނީ، މާތްވެގެންވާ އިސްލާމްދީނާ ވެސް ގުޅުވާލައިގެންނެވެ. އެފަދަ ވާހަކަތަކާ ދެކޮޅަށް އެއްޗެއް ބުނުމަކީ، ދާދި ފަހަކާ ޖެހެންދެން ވެސް ފާޑަކަށް މަނާކުރެވިފައި އޮންނަ ކަމެކެވެ. އެހެނަސް މިހާރު މިވަނީ، އެދުވަސް ފާއިތުވެފަ އެވެ. ދިވެހިންގެ ހޭލުންތެރިކަމާއި ތަޢުލީމުޔާފުތާކަން ވެސް އިތުރުވެގެން ދިއުމާއެކުގަ އެވެ. މި މަޒުމޫނުގައި އަލިއަޅުވައިލާނީ، މިދެންނެވި ފަދަ ވާހަކަތަކުގެ ތެރެއިން ތިން ވާހަކައެއްގެ މައްޗަށެވެ. އެއީ، ރަންނަމާރި ވާހަކަ އާއި، ސަންތި މަރިޔަނބު ވާހަކަ އާއި، ސަފަރު ކަތްދަ ވާހަކަ އެވެ.
 

1. ރަންނަމާރި ވާހަކަ

ރަންނަމާރި ވާހަކަ ކިޔައިއުޅެނީ، ރާއްޖެ އިސްލާމްވި ހާދިސާއާ ގުޅުވައިގެންނެވެ. އެ ވާހަކަ ބުނާ ގޮތުގައި، ރާއްޖެ އިސްލާމްވުމަށް މެދުވެރިވި ސަބަބަކީ، މަޣުރިބު ކަރައިގެ ވަލީވެރިއަކު، އެ ރަންނަމާރީގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްކޮށްދެއްވުމެވެ. އެ ވަލީވެރިޔާ، އެ ރަންނަމާރި އަރާ ރޭ، އެއަށް ދޭން ޖެހޭ ބިކުރުވެރި އަންހެން ކުއްޖާގެ ބަދަލުގައި ބުދު ފައްޅިއެއްގައި އިން ކަމަށް އެ ވާހަކައިގައި ވެ އެވެ. އެ ވާހަކައިގެ މައްޗަށް ނަޒަރު ހިންގައިލާއިރު، އަދި އެ ޒަމާނުގައި ކަންތައްތައް އޮތްގޮތް ދިރާސާކޮށްލާއިރު، ވަރަށް ސާފުކޮށް އެ ވާހަކައިގެ ޙަޤީޤަތް އޮޅުންފިލަ އެވެ.

 

އާދޭހެވެ. އަންހެން ކުއްޖާއާ ޒިނޭކޮށް، އޭނާގެ ބިކުރު ކަނޑައި، އޭނާ މަރައިލާ ރަންނަމާރި އަކީ، އޭރު އުޅުނު ނުފޫޒު ގަދަ ދީނީ މީހުން ފިޔަވައި އެހެން އެއްވެސް ބަޔެއް ނޫނެވެ. ރަންނަމާރި ވާހަކަ ދިރާސާކުރާއިރު، އޭރު ވެސް މިރާއްޖޭގައި އުޅުނު ދީނީ މީހުން ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަން އެނގެ އެވެ. އޭރު ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމަށް ބެލެވެނީ ވެސް ދީނީ މީހުންގެ އެ އަނިޔާވެރިކަމުން، ރައްޔިތުން ސަލާމަތްކުރުމަށް ވެރިކަމުގެ ފަރާތުން ބޭނުންވެފައިވުމެވެ.

 

ޚުލާޞާކޮށް ބުނާނަމަ، ރަންނަމާރި އަކީ، އޭރު މާލޭގައި އުޅުނު ދީނީ މީހުންގެ ޒަޢީމެވެ. ނުވަތަ، ބުދު ފައްޅީގައި އިންނަ އަންހެން ކުއްޖާއާ ޒިނޭކުރުމަށްފަހު، އަންހެން ކުއްޖާ މަރާލުމަށްޓަކައި، ދީނީ މީހުންގެ ޒަޢީމުގެ ފޮނުވާ ދީނީ މީހެކެވެ.

 

މި ޙަޤީޤަތުގެ އަލީގައި ދަންނަވަން ޖެހެނީ، ރަންނަމާރި ވާހަކައަކީ، މި ރާއްޖެ އިސްލާމްވި ގޮތް ބުނެދިނުމަށްޓަކައި ކިޔައިއުޅެން ޖެހޭ ވަރަށްވުރެ މާ ދަށުދަރައިގެ ވާހަކައެއް ކަމަށެވެ. އަދި މި ރާއްޖެ އިސްލާމްވި ގޮތް ބުނެދިނުމަށްޓަކައި ރަންނަމާރި ވާހަކަ ކިޔައިއުޅުމަކީ، މާތްވެގެންވާ އިސްލާމްދީނަށް ކުރެވޭ ވަރަށް ބޮޑު ފުރައްސާރައެއް ކަމަށެވެ. އެހެންވީމާ، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރެވޭ މިފަދަ ވާހަކަތައް ކިޔައިއުޅުން ހުއްޓާލުމެވެ.

 

2. ސަންތި މަރިޔަނބު ވާހަކަ

މި ވާހަކައިގައި ކިޔައިއުޅެނީ، ސަންތި މަރިޔަނބަކީ، ބިރުވެރި ހަންޑިއެއް ކަމަށެވެ. ދިވެހި ބަހުގެ ރަދީފުގައި ވެސް ވަނީ، ސަންތި މަރިޔަނބަކީ، ކުޑަކުދިންނަށް ކިޔައިދޭ ވާހަކައެއްގައި އުޅޭ ހަންޑިއެއް ކަމަށެވެ. އަދި އެއީ ޚިޔާލީ އެއްޗެއް ކަމަށެވެ. ސަންތި މަރިޔަނބުގެ ވާހަކަ ކިޔައިދޭ ނާނަނާއެއްގައި ވެ އެވެ.

 
ސަންތި މަރިޔަނބު މީ އަރާރޭ، ގަންނަ ބިރުވޭ ހާދަހާއޭ،
ދަންވަރޭމީ އަނގަ ލަފާނދޭ، ދައްތަ ކޮއެފުޅު ނާނަނާނާ.
 

ސަންތި މަރިޔަނބު ވާހަކައިގެ ޙަޤީޤަތަށް ބަލާއިރު، އެއީ ސަލާމްލެއްވި ޢީސާގެފާނުގެ މަންމާފުޅު، ސަލާމްލެއްވި މަރްޔަމުގެފާނަށް ފުރައްސާރަކުރުމުގެ ގޮތުން ކިޔައިއުޅޭ ވާހަކައެއްކަން އެނގެ އެވެ. “ސަންތި” ގެ އަޞްލަކީ ސަލާމްލެއްވި މަރްޔަމުގެފާނުގެ ޠާހިރުކަމާއި، ޢިއްފަތްތެރިކަން ބަޔާންކޮށްދޭ ލަޤަބުފުޅެއް ކަމުގައިވާ “ސެއިންޓް” އެވެ. އެކަމަނާގެ ޢަރަބި ނަންފުޅު ކަމުގައިވާ “މަރްޔަމް” އެވަނީ، މަރިޔަނބަށް ބަދަލުވެފަ އެވެ. އެކަމަނާ ހަންޑިއަކަށް ހެދުމާ ގުޅިފައިވާ ޙަޤީޤަތެއް ވެސް ވެ އެވެ. އާދޭހެވެ. ޢީސާއީ ދީނުގައި، ސަލާމްލެއްވި މަރްޔަމުގެފާނަކީ، އެކިއެކި މުނާސަބަތުތަކުގައި ނޫރާނީ ރޫޙެއްގެ ސިފައިގައި ފާޅުވެވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަށް ފުރައްސާރަކުރުމުގެ ގޮތުން އެކަމަނާ އަކީ ހަންޑިއެއް ކަމަށް ވާހަކައިގައި ކިޔަނީ އެވެ. އަދި އެކަމަނާ އަށް ބޭ އިޙުތިރާމުކުރުމުގެ ގޮތުން، އެކަމަނާ އަކީ ރޭގަނޑު ދަންވަރު އައިސްއުޅޭ ބިރުވެރި ޖިންނިއެއް ކަމަށް ވެސް ވާހަކައިގައި ކިޔަނީ އެވެ.

 
މި ޙަޤީޤަތުގެ އަލީގައި ދަންނަވަން ޖެހެނީ، ސަންތި މަރިޔަނބު ވާހަކައަކީ، އަޅުގަނޑުމެންގެ ޅަދަރީންނަށް ކިޔައިދޭން ޖެހޭ ވަރަށްވުރެ މާ ދަށުދަރައިގެ ވާހަކައެއް ކަމަށެވެ. އަދި އެއީ، ސަލާމްލެއްވި ޢީސާގެފާނުގެ މަންމާފުޅު، ސަލާމްލެއްވި މަރްޔަމުގެފާނަށް ފުރައްސާރަކުރެވޭ ވާހަކައެއް ކަމަށެވެ. އެކަމަނާ އަކީ، ކީރިތި ޤުރުއާނުގައި ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާ މާތް ބޭކަނބަލެކެވެ. ސުވަރުގޭގެ އެންމެ މަތިވެރި އަންހެން ކަނބަލުން ބަޔާންކޮށްދެއްވަމުން ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކުރެއްސެވި ހަތަރު އަންހެން ބޭކަނބަލުންގެ ތެރެއިން އެއް ބޭކަނބަލަކީ، އެކަމަނާ އެވެ. އެހެންވީމާ، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، އެކަމަނާ އަށް ފުރައްސާރަކުރެވޭ ވާހަކަތައް ކިޔައިއުޅުން ހުއްޓާލުމެވެ.
 

3. ސަފަރު ކަތްދަ ވާހަކަ

މި ވާހަކައިގައި ކިޔައިއުޅެނީ، ސަފަރު ކަތްދަ އަކީ، ޞަފަރު މަހު ދިހަވަނަރޭ އަރާ މުޑުދާރު ޖިންނިއެއް ކަމަށެވެ. އެ ޖިންނި އައިސް ގޯތިގެދޮރު ހަޑިކުރާ ކަމަށެވެ. ގިފިލި ވަޅުން ފެންވަރައި، މުޅި ގިފިލި އެކީ ހަޑިކޮށް ޗަކަކުރާ ކަމަށެވެ. އަދި ކެއިންބުއިމާ ގުޅޭ ކަންކަމުގައި ބޭނުންކުރާ އެއްޗެހި ވެސް ހަޑިކުރާ ކަމަށެވެ.

 

ސަފަރު ކަތްދަ ވާހަކައިގެ މައްޗަށް ނަޒަރު ހިންގައި، އެ ވާހަކަ ދިރާސާކުރާއިރު މޭރުންވާ ޙަޤީޤަތަކީ، އެ ވާހަކައަކީ، ސަންތި މަރިޔަނބު ވާހަކައަށް ބަދަލުހިފުމުގެ ގޮތުން ހަދާފައިވާ ވާހަކައެއް ކަމެވެ. އާދޭހެވެ. ސަންތި މަރިޔަނބު ވާހަކަ ހަދާފައިވަނީ، ޢީސާއީ ދީނުގެ މާތް ޝަޚުޞިއްޔަތެއް ކަމަށްވާ ސަލާމްލެއްވި މަރްޔަމުގެފާނަށް ފުރައްސާރަކުރުމަށްޓަކަ އެވެ. އެ ވާހަކައަށް ބަދަލުހިފުމުގެ ގޮތުން، ސަފަރު ކަތްދަ ވާހަކަ ހަދާފައިވަނީ، އިސްލާމްދީނުގެ މާތް ޝަޚުޞިއްޔަތެއް ކަމަށްވާ އުއްމުލްމުއުމިނީން ޚަދީޖަތުގެފާނަށް ފުރައްސާރަކުރުމަށްޓަކަ އެވެ.

 

ސަފަރު ކަތްދަގެ ނަމުގައިވާ ސަފަރާ، ޞަފަރު މަހާ ގުޅުވާލާފައި ވިޔަސް، އޭގައި އެހެން ޙަޤީޤަތެއް ވެ އެވެ. އުއްމުލްމުއުމިނީން ޚަދީޖަތުގެފާނަކީ، ވިޔަފާރި ޤާފިލާތަކުގެ ދަތުރުތައް ހިންގެވި ބޭކަނބަލެކެވެ. ޢަރަބި ބަހުން ދަތުރަށް ކިޔަނީ، “ސަފަރު” އެވެ. ދިވެހި ބަހުގައި، ޚަދީޖާ ވަނީ ކަތްދަ އަށް ބަދަލުވެފަ އެވެ. ޒުލައިޚާ، ދަލޭކަ އަށް ބަދަލުވެފައިވާ ފަދައިންނެވެ. ޙަޤީޤަތާ ހަމައަށް ވާޞިލުކޮށްދޭ ޗޭނުގެ ބޮޅުތައް މި މޭރުމުން ގުޅުވައިލާއިރު، ސަފަރު ކަތްދަ އަކީ، ސަފަރު ޚަދީޖާ ކަން އެނގެ އެވެ. އަދި މިއިން މާނަކުރެވެނީ، އުއްމުލްމުއުމިނީން ޚަދީޖަތުގެފާނު ކަން ވެސް ދޭހަވެ އެވެ.

 
ތާރީޚީ ނަޒަރަކުން ބަލާއިރު، ސަންތި މަރިޔަނބު ވާހަކަ އާއި، ސަފަރު ކަތްދަ ވާހަކަ އަކީ، މި ރާއްޖޭގައި ޢީސާއީ ދީނުގެ އަހުލުވެރިންނާއި، އިސްލާމްދީނުގެ އަހުލުވެރިންގެ ދެމެދުގައި އޮތް ކޯޅުމުގެ ތެރެއިން އުފެދިފައިވާ ދެވާހަކަ ކަމަށް ބެލެވެ އެވެ. އެހެނީ، ސަންތި މަރިޔަނބު ވާހަކައިގައި ފުރައްސާރަކުރެވެނީ، ޢީސާއީ ދީނަށެވެ. ސަފަރު ކަތްދަ ވާހަކައިގައި ފުރައްސާރަކުރެވެނީ އިސްލާމްދީނަށެވެ. އެހެންވީމާ، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ، މާތްވެގެންވާ އިސްލާމްދީނަށާއި، އަދި އެހެން ދީންތަކަށް ފުރައްސާރަކުރެވޭ މިފަދަ ވާހަކަތައް ކިޔައިއުޅުން ހުއްޓާލުމެވެ. މިކަން އެނގި ތިނބެ، މިފަދަ ވާހަކަތައް ކިޔައި، ދީންތަކަށް ފުރައްސާރަކޮށް އުޅުމަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ބޮޑު ފާފައެއް ކަމުގައި ނޫނީ ނުވާނެކަން ކަށަވަރެވެ.
 
<><><><><>
 
ނަންގަނެވިދިޔަ ތިން ވާހަކައަކީ، އެއްވެސް ޙާލެއްގައި ސަލާމަތް ބުއްދި ޤަބޫލުކުރާނެ ވާހަކަތަކެއް ނޫނެވެ. މި ލިއުމުގައި ބަޔާންކުރެވުނު ނުކުތާތަކުގެ އަލީގައި، މި ވާހަކަތަކުގެ ޙަޤީޤަތް ހާމަވެގެން ހިނގައްޖެ އެވެ. މިއަދުގެ ހޭލުންތެރި ތަޢުލީމީ ޖީލުގެ ދިވެހިން، މިފަދަ ވާހަކަތައް ޤަބޫލުނުކުރާނެކަން ޔަޤީނެވެ. މި ވާހަކަތަކުގައި ވާ އޮޅުވާލުންތައް ވަރަށްވެސް ބޮޑެވެ. މި ވާހަކަތަކުގައި މާތްވެގެންވާ އިސްލާމްދީނަށާއި، ސަލާމްލެއްވި މަރްޔަމުގެފާނަށާއި، އުއްމުލްމުއުމިނީން ޚަދީޖަތުގެފާނަށް ކުރެވޭ ފުރައްސާރައާއި ބޭއިޙުތިރާމު ވަރަށްވެސް ބޮޑެވެ. ފަހެ، އަޅުގަނޑުމެން ދިވެހިން، މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭއިރު، ދީނާ ޚިލާފު، މިފަދަ ވާހަކަތައް ކިއުން ހުއްޓައިލާކަށް އަދިވެސް ނުވޭތޯ އެވެ؟
 

ލިޔުން ނެގީ: ބަޙުރު އިން

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.