މިއަދަކީ ދިވެހިރާއްޖޭގެ 30 ވަނަ ޅެންވެރީންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ”ޅެންވެރީންގެ ބަހާރެއް “ ބޭއްވުމަށް ދުވެހިބަހުގެ އެކެޑަމީން ވަނީ ތައްޔާރުވެފައެވެ. ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 15 ގައި ފާހަގަކުރާ ޤައުމީ ޅެންވެރީންގެ ދުވަސް މިއަހަރު ޚާއްސަ ކޮށްފައިވަނީ ޅެންވެރިޔާ ޔޫސުފް މުހައްމަދުފުޅަށެވެ.
އިއްޔެ ދިވެހި ބަހުގެ އެކެޑަމީގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެ އެކެޑަމީން ވިދާޅުވީ މިރޭ 08:25 ގައި ސަލްޓަންޕާކުގެ އިސްޓޭޖް ސަރަހައްދުގައި ބާއްވާ ޅެންވެރީންގެ ބަހާރުގައި ގިނަޢަދަދެއްގެ ޅެންވެރީން ބައިވެރިވާނެ ކަމަށާއި މީގެ އިތުރުން މާލޭގެ މަދަރުސާތަކުގެ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި މުދައްރިސުން ވެސް ބައިވެރިވާނެ ކަމަށެވެ.
ޅެންވެރީންގެ ދުވަސް ނިސްބަތްވަނީ ރާއްޖޭގެ މަޝްހޫރު ޅެންވެރިއެއް ކަމަށްވާ އަލްއުސްތާޛް އިބްރާހިމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ދުވަހަށެވެ. އިބްރާހިމް ޝިހާބު ޅެންވެރިކަމުގައި ފާހަގަކޮށްލެވެނީ ޝާއިރުއް ޝަބާބްގެ ނަމުންނެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަސް ޚާއްޞަ ކޮށްފައިވާ ކުޅަދާނަ ޅެންވެރިޔާ އަލްމަރްޙޫމް ޔޫސުފް މުޙައްމަދު ފުޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 12 ޖޫން 1932 ގައި ރ. އިގުރައިދޫގަ އެވެ. ބައްޕަ އަކީ ރ.އިގުރައިދޫ މުޙައްމަދު ޙަސަންފުޅެވެ. މަންމަ އަކީ ހަމަ އެރަށު ފާތިމާމަނިކެ އެވެ. ޅެން ހެއްދެވުމުގެ މަސައްކަތް ފައްޓަވާފައި ވަނީ މަޖީދިއްޔާ ސުކޫލްގެ ފަސްވަނަ ކިލާހުގައި އުޅުއްވި ދުވަސްވަރު އެވެ.
ރާއްޖޭގައި ޅެންވެރީންގެ ދުވަހެއް ފާހަގަކުރަނީ ދިވެހި އަދަބީ ފަންނުތަކުގެ ތެރެއިން އެންމެ ރީތި އެއް ފަންނު ކަމުގައިވާ ޅެންވެރިކަން ތަރައްގީ ކުރުމަށް ހިތްވަރުދީ، ޅެންވެރީންގެ އަދަބީ ޚިދުމަތްތައް ފާހަގަ ކޮށް، ޅެން ހަދާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.
ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ ޅެންވެރީންގެ ބަހާރުގައި ރާއްޖޭގެ ފުންނާބު އުސް ޝާއިރުންގެ ބައެއް ޅެންތައް މިޔުޒިކާއެކު ހުށަހަޅައި ދޭއިރު، ޅެންވެރިން ޅެމުން އުފާކޮށްލާ، ކުރީގެ ޅެންތައް ހުށައަޅައިދެއެވެ. އޭގެތެރޭގައި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިިގެން ތިއްބެވި ބައެއްބޭފުޅުންނާއި ޅެންވެރިކަމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން ވެސް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




