ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ފިލްމު “މާމުއި” ގެ އޮފިޝަލް ޓްރެއިލާ ރިލީޒްކޮށްފައިވަނީ އޭޕްރީލް އެއްވަނަ ދުވަހު އެވެ. އޮފިޝަލް ޓްރެއިލަރ ނެރެދެއްވީ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތަޢުފީޤް އެވެ.
އޮލިމްޕަަހުގައި ބޭއްވި ހަފްލާގައި ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގާ) ބުނީ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އުފައްދާ އެންމެ އަގު ބޮޑު ފިލްމަށް ވެފައި ބޮޑު ކާސްޓަކާއެކު ގެނެސްދޭ މި ފިލްމަށް ކުރެވޭ އުއްމީދު ވެސް ވަރަށް ބޮޑު ކަމަށެވެ.
ޓްރެއިލާ ނެރެދެއްވަމުން ފުއާދު ތަޢުފީޤް ވިދާޅުވީ މޮގާ ފަދަ ކިޔަވައިގެން ތިއްބެވި ބޭފުޅުން ފިލްމީ ދާއިރާގައި މަސައްކަތްކުރައްވަން ފެއްޓެވުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށެވެ. ކޮންމެ ފިލްމެއް އުފެއްދުމުގެ މަސައްކަތަކީ ބޮޑު ކޯހެއް ފުރިހަމަ ކުރުން ފަދަ ކަމެއް ކަމަށް ވިދާޅުވެ ބައެއް މިސާލުތައްވެސް ފުއާދު ތަޢުފީޤް ދެއްކެވިއެވެ.
މިއީ މޮގާ އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދޫ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމު ޑައިރެކްޓު ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ލިޔުނީ އައިޝަތު އާއި އަހްމަދު ތޮލާލެވެ. ސިނެމަޓޯގްރާފީގެ މަސައްކަތް ކުރަނީ ޗިއްޕެ އާއެކު އަހްމަދު ޝިނާނެވެ.
