އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތުގައި ޗެރިޓީ އަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ފުޓްބޯޅަ ކުލަބަކީ ޗެލްސީ އެވެ.
އިނގެރޭސި ވިލާތުގެ ޗެރިޓީ ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި “ޗެލްސީ ފުޓްބޯލް ކުލަބް ފައުންޑޭޝަން” އިން ވަނީ 7.5 މިލިއަން ޕައުންޑު ޗެރިޓީ އަށް ހޭދަކޮށްފައެވެ. މިއީ އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ލީގުތަކުގެ އެހެން ކުލަބުތަކުން ހޭދަކޮށްފައިވާ އަދަދަށްވުރެ މަތީ އަދަދެކެވެ.

ފޮޓޯ: ފޫޓީ.ކޮމް
އިނގެރޭސި ޕްރިމިއަރ ލީގުގައި ދުނިޔޭގެ ނިސްބަތުން ވެސް މުއްސަނދި އެތައް ކުލަބެއް ކުޅެމުންދާއިރު، ހައިރާން ކުރުވަނިވި ގޮތަކަށް ޗެރިޓީ ލިސްޓުގެ ދެވަނައިގައި އޮތީ އިނގެރޭސި ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ޗާލްޓަން އެވެ. އިނގެރޭސި ޕްރިމިއަރ ލީގުގެ ބޮޑެތި 6 ކުލަބަށް ބަލާލާއިރު، މެންޗެސްޓަރ ޔުނައިޓެޑް އޮތީ މި ލިސްޓުގެ 4 ވަނައިގައެވެ. ޓޮޓެންހަމް ހޮޓްސްޕަރ 7 ވަނައިގައި އޮތްއިރު، މެންޗެސްޓަރ ސިޓީ އޮތީ 10 ވަނައިގައެވެ. އަދި، ލިވަޕޫލް 14 ވަނައިގައި އޮތްއިރު، އާސެނަލް މި ލިސްޓުގެ ގަދަ 20 ގައި ވެސް ލައްވާނުލައެވެ.

ފޮޓޯ: ފޫޓީ.ކޮމް
“ޗެލްސީ ފުޓްބޯލް ކުލަބް ފައުންޑޭޝަން” އުފައްދާފައި ވަނީ 2010 ވަނަ އަހަރުގައެވެ. ޗެލްސީ ގެ ވެބްސައިޓުގައި ބުނެފައިވާގޮތުގައި ފައުންޑޭޝަން އުފެއްދުމުގެ މައިގަނޑު މަގްޞަދަކީ ފުޓްބޯޅަ އާއި، ތަޢުލީމުގެ ފުރުޞަތުތައް މުޖްތަމަޢު އަށް ހޯދައިނުމާއި، މި ނޫނަސް މުޖުތަމަޢުގެ އެހެން ކަންކަމުގައި އެއްވެސް ތަފާތުކުރުމެއްނެތި އެހީތެރިވެދިނުމެވެ.
