ނެށުމާއި ފިލްމުކުޅުމުގައި މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު އަދި ނެށުންތެރިޔާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ)، ފިލްމީ މަސައްކަތްތަކާާ، ނެށުމާއި ލަވަކިޔުން ﷲ އަށްޓަކައި ހުއްޓާލަން ނިންމައިފިކަމަށް އޭނާ ބުނެފިއެވެ. އައްޔަ މިހެން ބުނީ އޭނާގެ ފޭސްބްކް މެދުވެރިކޮށް ރޭ 11:10 ގައި ޖެހި ސްޓޭޓަސް މެސެޖެއް މެދުވެރިކޮށެވެ.
“ފިލްމީ މަސައްކަތްތަކާއި، ނެށުމާއި ލަވަކިޔުން، ﷲއަށްޓަކައި ހުއްޓާލަން އަޅުގަނޑު ނިންމައިފިން. މިކަމުގައި ހޭދަވި 23 އަހަރަކީ އަޅުގަނޑަށް ލިބުނު ވަރަށް ހިތްދަތި ތަޖުރިބާއެއް. މިކަމުން ލިބުނު ހަޤީޤީ އުފަލެއް ނެތް، ހަޤީޤީ ހިތްހަމަޖެހުމެއް ނެތް. އަޅުގަނޑު މިހާރު ބޭނުންވަނީ ﷲ ރުއްސަވާ އަޅެއްގެ ގޮތުގައި ހަޔާތުގެ ބާކީ ބައި ހޭދަކުރަން.” ސްޓެޕް އައްޔަގެ ސްޓޭޓަސްގައި ވެއެވެ.
“ހުރިހައި ބޭފުޅުންވެސް އަޅުގަނޑުގެ މި ޑިސިޝަން އަށް (ނިންމުމަށް) އިހްތިރާމުކުރެއްވުމަށް ވަރަށް ބޮޑަށް އެދެން.
” އައްޔަގެ ސްޓޭޓަސްގައި އިތުރަށް ވެއެވެ.
މި ސްޓޭޓަސް އަކީ އައްޔަ ޖަހާފައިވާ ސައްހަ ސްޓޭޓަސްއެއްކަން މުނިއަވަސް އަށް އައްޔަ ޔަޤީންކަން ދީފައިވެއެވެ.

2000 ވަނަ އަހަރު “ސްޓެޕް ޑާންސް ގްރޫޕް”ގެ ނަމުގައި ސްޓެޕް އައްޔަގެ އަމިއްލަ ޑާންސް ގުރޫޕެއް ހެދިއެވެ. އެގުރޫޕުގައި ހިމެނެނީ އޭރު އައްޔަ އާއެކު ނަށަން އުޅުނު ފަރާތްތައް ކަމަށްވާ މިހާރުގެވެސް ކުޅަދާނަ ނެށުންތެރިޔާ އަޒޭ އާއި ސޮބާހް، އާސިމް އަދި ޝިޔާދާމެންނެވެ.
ސްޓެޕް އައްޔައަކީ ނެށުމުގެ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އެއްފަރާތެވެ. އައްޔަ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ނެށުންތެރިންގެ ލިސްޓުގެ ކުރީ ސަފުގައި ހިމެނޭ މޮޅު ނެށުންތެރިއެކެވެ.
އައްޔަ އަކީ ނެށުމާއި ފިލްމު ކުޅުމުގެ އިތުރުން ސިޔާސީ ދާއިރާއިންވެސް ފެންނަ މޫނެކެވެ. ދޭތެރެ ދޭތެރެއިން ސިޔާސީ ފިކުރާއި ކޮޅު ބަދަލުކުރުމަކީވެސް އައްޔަގެ ސިޔާސީ ހަޔާތުން ފެންނަ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
