މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ހުޅުވާލައިފިއެވެ.
މަދަނީ ޖަމްޢިއްޔާ ތަކަށް ދޫކުރެވޭ ގްރާންޓް ޕްރޮގްރާމްގެ ދަށުން މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވައިލީ މިމަހު 13 ވަނަ ދުވަހުއެވެ.
ޔޫތު މިނިސްޓްރީން ވިދާޅުވީ އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށެވެ. މިގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު/އަތޮޅު/ސިޓީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް އެހީތެރިވެދޭ މަޝްރޫޢުތައް ހިންގުމަށެވެ.
މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ. ޖެނެރަލް ޕްރޮޖެކްޓް ގްރާންޓްގެ ދަށުން 200،000 ރުފިޔާ އާއި ހަމައަށް ފައިސާގެ އެހީ ދެވޭއިރު، ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ދަށުން 50،000 ރުފިޔާގެ ފައިސާގެެ އެހީ ދިނުމަށް ހަމަޖެހިފައި ވެއެވެ.
މި ޕްރޮގްރާާމުގައި ބައިވެރިވުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ 28 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 13:00ގެ ކުރިންނެވެ. ޕްރޮޕޯސަލް ހުށައަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
ކޮންމެ ޖަމްޢިއްޔާއަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ މި މިނިސްޓްރީން ދީފައިވާ ޓެމްޕްލޭޓާއި އެއްގޮތަށް ދިވެހި ބަހުންނެވެ.
އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ 7662474، 7556883،7905784 ނަންބަރާއެވެ.
We have launched an NGO Grant Programme aiming to provide financial assistance to NGO’s across the country to undertake different projects. Hoping to see a lot of NGO’s submitting their proposal’s before 28th February. pic.twitter.com/6DiWrkdKZO
— Ahmed Mahloof (@AhmedMahloof) January 13, 2021
އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް މި އިޢުލާނާއެކު ޝާއިޢު ކޮށްފައި ވެއެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mvގައި ވެސް ޝާއިޢުކޮށްފައި ވެއެވެ.
