ހިތްގައިމު ލޯބީގެ ލަވަތަކެއް އަޑުއަހައިލާ، ހިތަށް ހަމަޖެހުން ގެންނަން ބޭނުން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ބަލަން ތިބޭނެ ކަމެއް ނެތެވެ. ލަވަފޮށި އެޕްލިކޭޝަނަށް ވަދެ “ބަލަބަލާ ހުއްޓައޭ”ގެ ލަވަތައް ޕްލޭކޮށްލާށެވެ.
ޢީސަ އޮންލައިން ޕޮއެޓްރީން އުފައްދާފައިވާ “ބަލަބަލާ ހުއްޓައޭ” އަކީ ތ. ހިރިލަންދޫގެ ޒުވާން ދެ ލަވަކިޔުންތެރިންގެ ހުނަރުވެރިކަމާ، މަޝްހޫރު ޅެންވެރިޔާ ޢީސާ ޝަރީފުގެ ޝާއިރީ ޗަމަނުގެ ލޯބީގެ ހިތްގައިމު ބަސްތަކުން ގަތާލެވިފައިވާ ފުރިހަމަ ޅެންވެރިކަމެއް އެކުލެވޭ ލަވަތަކެއް ހިމަނާފައިވާ އަލްބަމެކެވެ.
މީގެ އިތުރުން އިންޑިޔާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ ޒުވާން އިނގިރޭސި ޓީޗަރު ޢަބްދުލް ރައްޒާޤްގެ ހިތްގައިމު އަޑުން ކިޔާފައިވާ ‘މާޒީގެ ބިތްދޮށް’ ވެސް ހިމެނެނީ މި އަލްބަމުގައެވެ.
“ބަލަބަލާ ހުއްޓައޭ” އަލްބަަމުގައި ޖުމްލަ އަށް ލަވަ ހިމެނެއެވެ. ހުރިހައި ލަވަތަކަކީ ވެސް ލޯބީގެ ކަނޑެއްގެ ތެރެއަށް ޣަރަގުވެ އިނދެގެން އަހައިލަން ނިކަން ހިތްގައިމު ލަވަތަކެކެވެ.
މި ނިމުނު ހަފުތާއަކީ ލަވަފޮށި މެދުވެރިކޮށް ޢީސަ އޮންލައިން ޕޮއެޓްރީގެ ގިނަ އުފެއްދުންތަކެއް ރިލީޒްވެގެން ދިޔަ ހަފުތާއެކެވެ. ޢީޝަ އޮންލައިން ޕޮއެޓްރީން އަންނަ ރަމަޟާން މަހަށް ޚާއްޞަ މަދަހަ އަލްބަމެއް ނެރުމަށް ނިންމާފައިވާކަމަށްވެސް ބުނެއެވެ.
